އަސާންޖްގެ މައްޗަށް ކުރި ރޭޕްގެ ތުހުމަތު އަނެއްކާވެސް ތަހުގީގު ކުރަނީ

ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް -- ފޮޓޯ: ރޮއިޓާސް

ސްޓޮކްހޯމް (މެއި 13): ވިކިލީކްސްގެ ބާނީ ޖޫލިއާން އަސާންޖްގެ މައްޗަށް ކުރި ރޭޕްގެ ތުހުމަތު އަނެއްކާވެ ތަހުގީގު ކުރަން ސްވިޑެންއިން ނިންމައިފި އެވެ.

އަސާންޖްގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރީ ސުވިޑެންގައި 2010 ވަނަ އަހަރު އޮތް ވިކިލީކްސް ކޮންފަރެންސަކަށް ފަހުގަ އެވެ. އެކޮންފަރެންސަށް ފަހު އަސާންޖް އިނގިރޭސިވިލާތުގައި ހުއްޓާ އެގައުމުން އޭނާ ހައްޔަރު ކުރި އެވެ. އަދި ކަފާލާތުގެ ދަށުން އަސާންޖް ދޫކޮށްލުމުން 2012 ވަނަ އަހަރު އޭނާ އިކުއެޑޯގެ ހިމާޔަތް ހޯދައި، ފާއިތުވި ހަތް އަހަރު ހޭދަ ކުރީ އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީގަ އެވެ.

ނަމަވެސް މިދިޔަ މަހު އިކުއެޑޯއިން ވަނީ އަސާންޖަށް ދިން ހިމާޔަތް އަނބުރާ ގެންގޮސްފަ އެވެ. އަދި އިނގިރޭސިވިލާތުން ވަނީ އޭނާ ހައްޔަރުކޮށް، ކަފާލާތުގެ ދަށުން ދޫކޮށްލި އިރު ކުރި ޝަރުތުތަކާ ހިލާފުވުމުން 50 ހަފްތާއަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

އަސާންޖްގެ މައްޗަށް ކުރި ރޭޕްގެ ތުހުމަތު ތަހުގީގު ކުރުން ހުއްޓާލަން ސުވިޑެންއިން ނިންމީ އޭނާ އެމްބަސީގައި ހުރުމުންނެވެ. ނަމަވެސް މިހާރު އަސާންޖް ހައްޔަރުކޮށްފައި ވުމުން، އޭނާގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރި މީހާގެ ވަކީލު ވަނީ އެމައްސަލަ އަލުން ބަލައިދިނުމަށް ޕްރޮސިކިއުޓަރުން ގާތުގައި އެދިފަ އެވެ.

ސުވިޑެން އިން ބުނި ގޮތުގައި އަސާންޖް ހައްޔަރު ކުރަން އެގައުމުން ބައިނަލްއަގުވާމީ އަމުރެއް ނެރޭނެ އެވެ. އަދި އޭނާ ސުވިޑެންއާ ހަވާލު ކުރުމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ އިނގިރޭސިވިލާތުންނެވެ. އެމެރިކާއިންވެސް ވަނީ އަސާންޖް އެގައުމާ ހަވާލު ކުރުމަށް އެދިފަ އެވެ. އެއީ ވިކިލީކްސްއިން އެމެރިކާގެ ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް ލީކުކޮށްލި މައްސަލައިގަ އެވެ.

comment ކޮމެންޓް