ތ. ވަންދުއަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އަންނަ ދެ ޖަނަރޭޓަރު ހަލާކުވެ އެ ރަށަށް ކަރަންޓް ދިނުމަށް ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސް 'ސަން' އަށް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން އެ ރަށުން އިރު އިރު ކޮޅާ ކަރަންޓް ދަމުން އަންނަ ކަމަށާއި އެ މައްސަލަ ދިމާވީ އެ ރަށަށް ކަރަންޓް ދެމުން އަންނަ ދެ ޖަނަރޭޓަރު ވެސް ހަލާކުވުމުގެ ސަބަބުން ކަމަށެވެ.
އެ ރަށަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އައި 120 ކިލޯ ވޯޓްގެ ޖަނޭރޭޓަރު ހަލާކުވުމުގެ ސަބަބުން މިހާރު އެރަށަށް ކަރަންޓް ދެމުން އަންނަނީ 108 ކިލޯ ވޯޓްގެ ޖަނަރޭޓަރަކުން ކަމަށް ގިޔާސް ވިދާޅުވި އެވެ. ނަމަވެސް 400 އެއްހާ މީހުންގެ އާބާދީ އޮންނަ އެ ރަށަށް އެ ޖަނަރޭޓަރުން ކަރަންޓް ފޯރުކޮށް ނުދެވޭ ކަނަ ގިޔާސް ފާހަގަކުރެއްވި އެވެ.
"އެއް ޖަނަރޭޓަރުން ކަރަންޓް ދެމުން އަންނަ އިރު އެ ޖަނަރޭޓަރުގެ ފިޔުލް ޕަމްޕް ވެސް އިނީ ހަލާކުވެފައި. ބައިގަޑިން ކަހަލަ ގޮތަކަށް ކަރަންޓް ކެނޑެމުން ދަނީ،" ގިޔާސް ވިދާޅުވި އެވެ.
ޖަނަރޭޓަރުތަކަށް ދިމާވި މައްސަލަ ފެނަކަ މައި އޮފީހަށް މިހާރު ރިޕޯޓް ކޮށްފައިވާ ކަން ގިޔާސް ފާހަގަ ކުރެއްވި އެވެ. އަދި އެކަމަށް ވަރަށް އަވަހަށް ހައްލު ލިބިގެން ދާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކުން ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.