ފިނި ބުރު ޖަހަނިކޮށް އެކްސިޑެންޓްވެ ސީރިއަސް ހާލަތަކަށް

ދަރުބާރުގޭ ކައީރި ބޮޑުތަކުރުފާނު މަގުގައި މިއަދު ހިނގި އެކްސިޑެންޓް --- ސަން ފޮޓޯ: އަވްޝަން

މިއަދު ހަވީރު ބޮޑުތަކުރުފާނު މަގު ދަރުބާރުގެ ކައިރީގައި، ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

އޭނާއަށް މިހާރު އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ ރޯދަ މަހު އާންމުކޮށް މީހުން ފިނި ބުރަށް ނުކުމެ އުޅޭ ވަގުތު، މިއަދު ހަވީރު 4:31 އެހާކަން ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ އެކްސިޑެންޓް ހިނގާފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއް ދުއްވި ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.

އޭގެތެރެއިން 22 އަހަރުގެ ޒުވާނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާގެ ފަހަތުގައި އިން އަށް އަހަރުގެ ފިރިހެން ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ސައިކަލް ދުއްވަން އިން ދެ މީހުންގެ އަތުގައި ވެސް ލައިސެންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މުހައްމަދު މުފީދު 'ސަން' އަށް ވިދާޅުވީ، އެކްސިޑްންޓްގައި އަނިޔާވެގެން ގެނައި ޒުވާނާއަށް އެ ހޮސްޕިޓަލްގެ ކްރިޓިކަލް އޭރިއާގެ ރެޑް ޒޯނުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ސީޓީ ސްކޭނެއް ހެދުމަށް ތައްޔާރު ވަމުން އަންނައިރު ލިބިފައިވާ އަނިޔާގެ ތަފްސީލް އެނގޭނީ ޑޮކްޓަރުންގެ ބަހެއް ލިބުމުން ކަމަށް ވެސް މުފީދު ވިދާޅުވި އެވެ.

comment ކޮމެންޓް