ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 7: ފިރްޢައުނުގެ އަނބިކަނބަލުން 2

"ކިހިނެއް އަހަރެން އަތުލާނީ. މުޅި ގައިގައި ދަގަނޑު ބަނދެގެން." ހިނިތުން ވަމުން ސަލްމާ ބުނެލިއެވެ.

"ދަގަނޑޭ؟ މިއީ ވަރަށް ނާދިރު އަދި އަގުބޮޑު ޖަވާހިރުގެ ގަހަނާ." ރަބާބު ނުރުހުމުގެ ރާގަކަށް ބުންޏެވެ.

"އެ ތަކެތީގެ ފައިދާއަކީ ކޮބާ؟" ސަލްމާ އެހިއެވެ.

"އަންހެން ކުދީން ޖެހޭނެ އެ ކުއްޖެއްގެ ފެންވަރު ހުރި ވަރަކުން ޒީނަތްތެރި ވާން. ސަލްމާ ތިބާ ހަމަ ތަރައްގީއާއި ތަހުޒީބަށް ބީރައްޓެހީ." ރަބާބު ބުންޏެވެ.

*****

"މިއަދަކީ ވަރަށް ވަރުބަލި ކުރުވި ދުވަހެއް." ސަލްމާ އޭނާގެ ބައްޕަގެ އަރިހުގައި ދެންނެވިއެވެ.

"ދަރިފުޅު ވެސް މިއަދު ބައްޕަ ފަދައިން ސަރިޔަތުގެ މައްސަލަތަކެއް ނިންމީ ތަ؟" ގާޒީ ސަމާސާ ރާގަކަށް ވިދާޅުވިއެވެ.

"އެއަށް ވުރެ ވެސް އުނދަގޫ." ސަލްމާ ބުނެލިއެވެ.

"ކިހިނެއް ވީ ދަރިފުޅާ؟" ގާޒީ އެއްސެވިއެވެ.

"އަޅުގަނޑު މިއަދު އުޅުނީ ކުޑައިރުގެ އެކުވެރިޔާ ރަބާބު މިގެއަށް ގެނެސްގެން ނޫން ތޯ؟ އޭނާގެ ޒާތްކޮޅު ބޮޑު ކަމުން ގޮސް ސިކުނޑިއަށް ބަރު ބޮޑުވެގެން މިހިރީ ވަރަށް ވަރުބަލި ވެފައި." ސަލްމާ ބުންޏެވެ.

"ދެން އެހެން ވިއްޔާ ދަރިފުޅު ނިދަންވީ ނު!" ގާޒީ ވިދާޅުވިއެވެ.

"ނިންޖެއް ނާދޭ. ނިދާ ހިތެއް ވެސް ނުވޭ. ހަމަ ބޮލަށް އުނދަގޫ ވެފައި މިހިރީ." ސަލްމާ ބުންޏެވެ.

"ރަބާބުގެ ބައްޕައަކީ މިހާރު އަސްދާނުގޮނޑިއާއި އަހާ ގުޅުން ހުރި ތަކެތީގެ ވިޔަފާރީގައި އެންމެ ކުރީގައި އުޅޭ މީހާ. ޚަލީފާގެ ގަނޑުވަރާއި ފުލުހުންނާއި ސިފައިންގެ ލަޝްކަރުތަކުގެ ވެސް އަހާ ގުޅޭ ސާމާނުގެ ފުރަވަދާ މިހާރު ބަލަހައްޓަނީ އޭނާ. އެހެންވެ ވަރަށް ތަނަވަސްކޮށް އެމީހުން މިހާރު އުޅެނީ. ރަބާބުގެ މިޒާޖަށް ބަދަލު އައީ އެހެންވެގެން ކަމަށް ވެދާނެ." ގާޒީ ވިދާޅުވިއެވެ.

"ރަނާއި ޖަވާހިރުގެ ގަހަނާއިން މުޅި މީހާ ހުންނަނީ ބަރާވެގެން." ހިތްހަމަ ނުޖެހުމުގެ ރާގެއްގައި ސަލްމާ ބުންޏެވެ.

"އޭނާ ފަދައިން ގަހަނާއިން ޒީނަތްތެރިވުމަށް ދަރިފުޅު ލޯބި ކުރަނީ ތަ؟" ގާޒީ އެއްސެވިއެވެ.

"ނޫން ބައްޕާ. މީހާގެ މާލީ މުއްސަނދިކަމުގެ ދެއްކުންތެރިކަން ހުންނަ އެ ކަހަލަ ކަންކަމަކަށް އަޅުގަނޑު ލޯތްބެއް ނުކުރަން. އޭގެ ސަބަބުން ބޮޑާކަން ހިތު ތެރެއަށް ވަދެ ހުލްގަށް ބަދަލު އަންނާނެ. އަދި އެހެން މީހުންގެ ހިތުގައި ހަސަދަވެރިކަން އުފަން ކުރުވުމުގެ ސަބަބަކަށް ވެސް ވާނެ. އަޅުގަނޑު ލޯބި ކުރަނީ ސާދާކަމަށް. މުއްސަނދިކަމަކީ މީހާގެ ހަލާކު." ސަލްމާ ބުންޏެވެ.

"ދަރިފުޅާ! މުއްސަނދިކަމަކީ މީހާގެ ހަލާކު ކަމަށް ބުނުން ރަނގަޅެއް ނޫން. ތިޔައީ ގާއިދާއެއް ނޫން. ދަރިފުޅަށް އެނގޭ ތަ؟ ފިރްޢައުނުގެ އަންހެންކަމަނާއަކީ އެ ކަމަނާގެ އިރުގައި މުޅި ދުނިޔޭގައި ވެސް އިންނެވި އެންމެ މުއްސަނދި ކަމަނާ. އަދި އެންމެ ގަދަރު މަތިވެރި އަންހެން ސާހިބާ. އެ ކަމަނާ ބޭނުންފުޅު ކޮންމެ ކަމެއް ކުރެއްވުމުގެ ބާރާއި އާރު އެކަމަނާއަށް ލިބިވަޑައިގެންފައި އޮތް. އެކަމަކު ތަޥާޟުޢުވެރިކަމާއި ރިވެތި އަހުލާގުގައި އެކަމަނާއަކީ ލާމަސީލު މިސާލެއް." ގާޒީ ވިދާޅުވިއެވެ.

"ތިޔައީ ކިހިނެއް ވާނެ ކަމެއް ތޯ؟ އަޅުގަނޑަށް ހީވެފައި އޮންނަނީ މުއްސަނދި ވެއްޖެ ނަމަ ބޮޑާވާނެ ކަމަށް އަދި ރިވެތި އަހުލާގެއް ނުހުންނާނެ ކަމަށް. ބައްޕާ! އެކަމަނާގެ ވާހަކަ އަޅުގަނޑަށް ކިޔައި ދެއްވަ ބައްލަވާ!" ފިރްޢައުނުގެ އަނބިކަނބަލުންގެ ހަޔާތުނާމާއަށް ސަލްމާ ޝައުގުވެރިވިއެވެ.

"މަލިކާ އާސިޔާ ބިންތު މުޒާޙިމްއަކީ އެކަމަނާގެ އިރުގައި މުޅި ދުނިޔޭގައި ވެސް އިންނެވި އެންމެ ވަރުގަދަ އަންހެން ޝަހުސިއްޔަތު. މީގެ ހަމައެކަނި ސަބަބަކީ އޭރުގެ އެންމެ ބާރުގަދަ ރަސްގެފާނު ފިރްޢައުނު އެކަމަނާއާ ކައިވެނި ކޮށްގެން ހުރުމެއް ނޫން. އެކަމަނާއާ ޝާހީ ޚާންދާނާ ގުޅެނީ އެކަމަނާގެ ޝާހީ ކައިވެނިފުޅުގެ ސަބަބުން އެކަންޏެއް ނޫން. އެކަމަނާގެ ކާފާފުޅުގެ ކާފާފުޅަކީ ވެސް މިސްރުގައި ރަސްކަން ކުރެއްވި ބޭފުޅެއް. ފިރްޢައުނު އެކަމަނާއާ ކައިވެނި ކުރީ ވެސް އެކަމަނާގެ އިއްޒަތާއި ގަދަރުގެ ބޭނުން ހިފައިގެން ފިރްޢައުނުގެ ވެރިކަން ވަރުގަދަ ކުރުމަށް." ގާޒީ ވިދާޅުވިއެވެ. އަދި އާސިޔަތުގެފާނުގެ ވާހަކަ ދަރިކަނބަލުން ސަލްމާއަށް ކިޔައި ދެއްވާން ފެށްޓެވިއެވެ.

*****

"ފަގީރުންނަށް ބެހުމަށް ޓަކައި ކާނާއާއި އެހެނިހެން ތަކެތި ގެނައިމުތަ؟" އާސިޔަތުގެފާނު ސުވާލު ކުރެއްވިއެވެ.

"އާދެ މަ ސާހިބާ! ހުރިހާ އެއްޗެއް ހުރީ ވިދާޅު ވި ގޮތަށް ތައްޔާރު ކޮށްފަ." ބާނދީ ޖަވާބު ދިނެވެ.

"ކަމަނާގެ އަމުރުފުޅެއްގެ އިންތިޒާރުގައި އަޅުގަނޑުމެން މި ތިބީ. ކަމަނާ ވިދާޅުވުމާ އެކު މައުކިބުގެ ދަތުރު ފެށޭނެ." ސިފައިންގެ މުގައްދިމެއް ކަމުގައި ވާ ބިތާހު ބުންޏެވެ.

"މައުކިބެއް ތައްޔާރު ކުރާކަށް އަހަރެން ނުބުނަން. އަހަރެން ބޭނުމެއް ނޫން ކަންތައް ބޮޑުކޮށްލައިގެން އުޅޭ މީހަކަށް ވާކަށް." އާސިޔަތުގެފާނު ވިދާޅުވިއެވެ.

"މަ ސާހިބާ! މިއީ ރައްކާތެރިކަމުގެ ގޮތުން އަޅުގަނޑުމެން ކުރާ ކަމެއް." މުގައްދިމު ބިތާހު ބުންޏެވެ.

"އޭގެ ބޭނުމެއް އޮތް ކަމަކަށް އަހަންނަކަށް ނުފެނޭ." އާސިޔަތުގެފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އާދޭސްކޮށްފައި ދަންނަވަން. ކަމަނާގެ ރައްކާތެރިކަމަށް ޓަކައި އަޅާން ޖެހޭ ކަމަށް ފެންނަ ފިޔަވަޅުތައް އެޅުމަކީ ފާރަވެރީންނަށް ލާޒިމު ކަމެއް." ބިތާހު ބުންޏެވެ.

"ބިތާހު! ބޮޑު ލަޝްކަރެއް ފަހަށް ޖައްސައިލުމަށް ކަލޭ އެކަނި ވެސް ފުދޭނެ. އެހެން ސިފައިން މި ވަގުތު ދިއުމަށް އަމުރު ކުރޭ." އާސިޔަތުގެފާނު ވިދާޅުވިއެވެ.

"ވިދާޅުވި ގޮތެއް. މަތިވެރިވެގެންވާ ސާހިބާ! ސިފައިންނޭ! ދިއުމުގެ ހުއްދަ ދީފިން." ބިތާހު ބުންޏެވެ.

"ތީތީ. ބާނދީންނަށް އަންގާ މި ތަނުގައި މަޑުކޮށްލައިގެން ތިބުމަށް. އަމީރާގެ އަރިހުގައި ބާނދީއެއްގެ ގޮތުގައި ދާނީ ކަލޭ އެކަނި." އާސިޔަތުގެފާނު ވިދާޅުވިއެވެ.

"ކިޔަމަންތެރިކަމާ އެކު އަޑުއަހައިފިން. މަ ސާހިބާ!" ތީތީ ބުންޏެވެ.

"މަންމާ! ފަގީރުން އުޅެނީ ކޮން ތަނެއްގައި ތޯ؟" އަމީރާ ސުވާލު ކުރެއްވިއެވެ.

"ދަރިފުޅާ! އެމީހުން މި ގަނޑުވަރުގެ އިމުގެ ތެރޭގައި ނޫން ހުރިހާ ތަނެއްގައި ވެސް އުޅޭ." އާސިޔަތުގެފާނު ވިދާޅުވިއެވެ.

"ކިހިނެއް ތޯ؟ އަޅުގަނޑު މީގެ ކުރިޔަކުން ފަގީރުންނެއް ނުދެކެން." އަމީރާ ވިދާޅުވިއެވެ.

"ފާރަވެރީންނާއި ބާނދީންނާ އެކު ތަންތަނަށް ގޮސްގެން ރައްޔިތުންގެ ހާލަތު ރަނގަޅަކަށް ނުފެންނާނެ. ހަގީގީ މަންޒަރު ފެންނާނީ މި ގޮތަށް ނުކުމެގެން." އާސިޔަތުގެފާނު ވިދާޅުވިއެވެ.

*****

- ނުނިމޭ -

comment ކޮމެންޓް