އިތުރު 10 ރަށެއްގައި ޓާފް ދަނޑު އަޅަން އިއުލާންކުރަނީ

މާފަންނު ސްޓޭޑިއަމްގައި ތަރައްގީކުރި ޓާފް ދަނޑު : --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވަރަށް އަވަސް މުސްތާގުބަލެއްގައި އާ 10 ރަށެއްގައި ޓާފު ދަނޑުއަޅަން އިއުލާންކުރައްވާނެކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިތުރު 10 ރަށެއްގައި ޓާފް ދަނޑުއަޅަން ނިންމީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރުމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން ކަމަށެވެ.

ފ. ނިލަންދޫ އަދި ރ. އަލިފުށީގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ދާދި ފަހުން ވަނީ އިއުލާންވެސް ކޮށްފަ އެވެ.

އޭގެ އިތުރުން ހދ. ނޮޅިވަރަންފަރުގައިވެސް ފުޓްސަލްދަނޑަށް ބޭނުންވާ ޓާފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައިވެ އެވެ. އަދި މިއަހަރު ގދ. ތިނަދޫގައި ފުޓުބޯޅަ ކުޅޭ ބޮޑު ދަނޑެއް އަޅައިދެއްވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އިއްޔެ ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ބޮޑެތި ފުޓުބޯޅަ ދަނޑުތައް ތަރައްގީ ކުރުމަކީ. އަޅުގަނޑު، އަޅުގަނޑުމެންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގަ މިރަށުގަ (ތިނަދޫގަ) ބޮޑު ފުޓުބޯޅަ ދަނޑެއް އަޅައިދޭން. ޓާފް ދަނޑެއް އިރާދަކުރެއްވިއްޔާ އަޅައިދޭނަން،" މިނިސްޓަރ ވިދާޅުވި އެވެ.

comment ކޮމެންޓް