ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 6: ފިރްޢައުނުގެ އަނބިކަނބަލުން

"ބައްޕާ! ހަނދުމަފުޅު ވޭތޯ އަޅުގަނޑުގެ ކިލާސް އެކުވެރިޔާ ރަބާބު؟ އަޅުގަނޑާ އެކު އުލޫމު މާއްދާގެ ފިލާވަޅުތަކަށް ހާޒިރުވާ!" ސަލްމާ ސުވާލު ކުރިއެވެ.

"ރަބާބު! އާނ. އަސްދާނުގޮނޑި ހަދާ މީހާގެ އަންހެން ދަރިފުޅު ދޯ. ހަމަރަނގަޅަށް ވެސް ހަނދާން އެބަ ހުރި. އޭނާއަށް ކިހިނެއް ވީ؟" ގާޒީ ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އޭނާއަށް ކަމެއް ވީކީ ނޫން. އޭނާގެ ހާލު ރަނގަޅު. އޭނާ ބޭނުން ވޭ އަޅުގަނޑާ ބައްދަލުކޮށްލާން. ގެޔަށް އޭނާ ގެނަޔަސް އެންމެ ރަނގަޅު ތޯ؟" ބައްޕަގެ ހުއްދަޔަށް އެދެމުން ސަލްމާ ބުންޏެވެ.

"އެއްވެސް ޝައްކެއް ނެތް. ކުޑަ އިރުގެ ރަހުމަތްތެރީންނަށް އަބަދުވެސް ހާއްސަ މަގާމެއް އޮންނާނެ." ގާޒީ ވިދާޅުވިއެވެ.

"ޝުކުރިއްޔާ ބައްޕާ!" ސަލްމާ އޭނާގެ ބައްޕައަށް ޝުކުރު އަދާ ކުރިއެވެ.

"ވަދީދާ!" ގާޒީ ގޮވައިލެއްވިއެވެ.

"ކީކޭތޯ ސާހިބާ؟" ވަދީދާ ޖަވާބު ދިނެވެ.

"މެންދުރުގެ ކެއުން ވަރަށް ރަނގަޅަށް މިއަދު ތައްޔާރު ކުރާން ވާނެ. ސަލްމާގެ މެހުމާނާއަކު މިއަދު މި ގެއަށް އަންނާނެ." ގާޒީ ވިދާޅުވިއެވެ.

"މެހުމާނާއެއް!" ސުވާލުގެ ރާގުގައި ވަދީދާ ބުނެލިއެވެ.

"އެއީ ރަބާބު. ބާޒާރުން އޭނާޔާ ދިމާ ވީ. ބައްޕަ ވަނީ އޭނާއަށް ދައުވަތު ދީގެން ގެއަށް ގެނައުމުގެ ހުއްދަ ދެއްވާފައި." ސަލްމާ ބުންޏެވެ.

"ތިބާއަކަށް އޭނާގެ ހިތް ހެވެއް ނޫން. އަބަދުވެސް ތިބާއާ މެދު ހަސަދަވެރިވެގެން އޭނާ އުޅުނީ." ވަދީދާ ބުންޏެވެ.

"ވަދީދާ! ހެޔޮ ބަހެއް ބުނެވޭތޯ ބަލާބަލަ! އެހެންނޫނީ އަނގަ މަޑުންލައިގެން ހުރެ ބަލަ!" ގާޒީ ވިދާޅުވިއެވެ.

"އެހެންވެއްޖެއްޔާ އަޅުގަނޑު ހުންނާނީ އަނގަ މަޑުންލައިގެން." ވަދީދާ ބުންޏެވެ.

*****

"ތިއީކީ އިންސާފެއް ނޫން." މައްސަލަ ހުށަހަޅާން އައިސް ހުރި މީހާ ރުޅިވެރިކަމާ އެކު ބުންޏެވެ.

"ކީކޭ؟" ޙާޖިބު ޒަޣްލޫލު ސުވާލު ކުރިއެވެ.

"އަހަރެން މި އެދެނީ އަހަރެންގެ ހައްގު ހޯދަން." މައްސަލަ ހުށަހަޅާން އައިސް ހުރި މީހާ ބުންޏެވެ.

"އެންމެ ފުރަތަމައަށް އަޑު މަޑު ކުރޭ!" ޒަޣްލޫލު ބުންޏެވެ.

"އަޑު މަޑެއް ނުކުރާނަން." އެމީހާ ހަޅޭއް ލަވައިގަނެފައި ބުންޏެވެ.

"މިތާ މި ހިނގަނީ ކޮން ކަމެއް؟ ބޭފުޅުންނޭ މިއީ ސަރިޔަތުގެ މާލަމް. މިއީކީ ބާޒާރެއް ނޫން. އޭ ޒަޣްލޫލު! މި މީހާ މި ހަޅޭއް ލަވަނީ ކީއްވެ؟" ގާޒީ ވިދާޅުވިއެވެ.

"ފަނޑިޔާރުގެޔަށް ނިސްބަތްކޮށް އޭނާ ތުހުމަތުތަކެއް ކުރަނީ." ޒަޣްލޫލު ބުންޏެވެ.

"އަހަރެން؟ އަހަރެން ތުހުމަތެއް ނުކުރަން. ދޮގު ނަހަދާ. ޙާޖިބު." އެމީހާ ބުންޏެވެ.

"އަހަރެންނަށް ކިޔައިދީ! ކީއްވެ ތަ ގަދަކަމުން ފަނޑިޔާރުގެއަށް ވަންނާން ތި އުޅެނީ؟" ގާޒީ އެމީހާއާ ސުވާލު ކުރެއްވިއެވެ.

"ﷲ މިއަޅާ ރައްކާތެރި ކުރައްވާށި! ސާހިބާ! މައްސަލައަކަށް ވެގެން މި އުޅޭ ކަމަކީ އަޅުގަނޑު ހުށަހެޅި މައްސަލައެއް ތާވަލު ނުކުރެވި ދިގުލަމުން ދިއުން. މިހާރު އެތައް ދުވަހެއް ވެއްޖެ. އަދިވެސް އަޅުގަނޑުގެ ބުރެއް ނާދޭ." އެމީހާ ބުންޏެވެ.

"އެއީ ތެދެއް ތަ؟ ޒަޣްލޫލު!" ގާޒީ މި ފަހަރު ސުވާލު ކުރެއްވީ ޒަޣްލޫލާއެވެ.

"މަޢާފް ކުރައްވާ، ސާހިބާ! އޭނާ ހުށަހަޅާ މައްސަލައަކީ ވަރަށް އާދައިގެ މައްސަލައެއް. މިސްކިތުގެ ކުރިމަތީން ކޮންމެވެސް މީހަކު އޭނާގެ ފައިވާން ވަގަށް ނެގީ. އެއަށް ވުރެ މުހިއްމު މައްސަލަ މި ފަނޑިޔާރުގެއަށް ހުށަހެޅިފައި އެބަ ހުރި." ޒަޣްލޫލު ބުންޏެވެ.

"ކާކު ތިޔަ ހައްގު ތިބާޔަށް ދިނީ؟ އޭ ޒަޣްލޫލު! މައްސަލަތަކުގެ ތެރެއިން މުހިއްމީ ކޮން މައްސަލައެއް ކަމާއި، އިސްކަން ދޭންވީ ކޮން މައްސަލަތަކަކަށް ކަން ނިންމުމުގެ އިޚްތިޔާރު ތިބާއަށް ދިނީ ކާކު؟" ގާޒީ ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑު އުޅުނީ އަޅުގަނޑުގެ މަސައްކަތުގައި ކަންކަން ކުރާނެ ގޮތް އަމިއްލައަށް އިޖްތިހާދު ކުރެވޭތޯ." ޒަޣްލޫލު ބުންޏެވެ.

"އެހެންވީމާ އެއް ދުވަހުގެ މުސާރަ އުނި ކުރާނަން. މަސައްކަތުގެ ކަމެއްގައި ހުއްދައެއް ނެތި އިޖްތިހާދު ކުރީތީ." ސަމާސާ ރާގެއްގައި ގާޒީ ވިދާޅުވިއެވެ.

"މީގެ ފަހުން އެކަހަލަ ކަމެއް ތަކުރާރު ނުކުރާން ހަނދާން ބަހައްޓާތި!" ޒަޣްލޫލާ ދިމާއަށް ގާޒީ ވިދާޅުވިއެވެ.

"ހުށަހެޅޭ މައްސަލަތަކަށް އިސްކަން ދޭނީ ފަނޑިޔާރުގެއަށް މައްސަލަ ހުށަހަޅާ ތަރުތީބުން. އެއީ ކޮންމެ ބާވަތެއްގެ މައްސަލައަކަށް ވިޔަސް. ވިސްނިއްޖެ ތަ؟" ގާޒީ ވިދާޅުވިއެވެ.

*****

"މިއީތަ ހަމަ އެކަނި ބަގީޗާއަށް އޮތް ބިންކޮޅަކީ؟" ސަލްމާ ކުރެން ރަބާބު އެހިއެވެ.

"އާނ. ހިތްގައިމެއް ނޫން ތަ؟" ސަލްމާ އެހިއެވެ.

"އަހަންނަށް ފެންނަނީ މި ތަން ވަރަށް ކުޑަ ކަމުގައި. ޖަމާލާއި އަހުގެ ގާފިލާތައް މި ތަނަށް ވަންނާނީ ކިހިނެއް؟" ރަބާބު ބުންޏެވެ.

"ޖަމަލާއި އަހުގެ ގާފިލާތަކޭ؟ އަހަރެމެންނަށް އޭގައި އޮތް މުހުތާދަކީ ކޮބާ؟" ސަލްމާ ހައިރާންކަމާ އެކު ސުވާލު ކުރިއެވެ.

"ގާޒީ ތަންތަނަށް ވަޑައިގަންނަވާ އިރު ހަށިފާރަވެރީންގެ ގޮތުގައި އަސްވާރުން. އަދި ދަތުރުކުރެއްވުމަށް ބޭނުން ކުރައްވާ ކީމަކޮޅެއް ނުވޭތަ؟" ރަބާބު އެހިއެވެ.

"ތިޔައީ މީހުން ކިޔާ ފުލޯކު ވާހަކަތަކުގައި ތިޔަ ކަން އޮންނަ ގޮތް ކަމަށް ވެދާނެ. އަޅުގަނޑުގެ ބައްޕަގެ ކަންކަން ހުންނަނީ ތިޔަ ހީ ކުރި ގޮތަކަށް ނޫން." ސަލްމާ ބުންޏެވެ.

"ތިޔަ ބުނަނީ ގާޒީ ތަންތަނަށް ވަޑައިގަންނަވަނީ ނޯކަރުންނާއި ހަށިފާރަވެރީން ނުލައޭ ތަ؟" ރަބާބު އެހިއެވެ.

"އިންސާފުން ކަންކަން ކޮށްފައި ﷲ އަށް ބިރުވެތިވެގެން އުޅޭ މީހަކަށް ހަށިފާރަވެރީންގެ ކިބައިން ހިފާން ޖެހޭ މުހުތާދެއް ނޯންނާނެ." ސަލްމާ ބުންޏެވެ.

"ހިނގާ ޤަމަރުގެ ހުނަރުތައް ބަލައިލަން." ހިނގައިގަންނަމުން ސަލްމާ ބުންޏެވެ.

"މަޑު ކުރޭ! އަހަންނަކަށް ތިހާ ބާރަކަށް ނުހިނގޭ." ސަލްމާގެ ހިނގުން މަޑު ކޮށްލުމަށް ރަބާބު އެދުނެވެ.

"ކިހިނެއް އަހަރެން އަތުލާނީ. މުޅި ގައިގައި ދަގަނޑު ބަނދެގެން." ހިނިތުން ވަމުން ސަލްމާ ބުނެލިއެވެ.

"ދަގަނޑޭ؟ މިއީ ވަރަށް ނާދިރު އަދި އަގުބޮޑު ޖަވާހިރުގެ ގަހަނާ." ރަބާބު ނުރުހުމުގެ ރާގަކަށް ބުންޏެވެ.

"އެ ތަކެތީގެ ފައިދާއަކީ ކޮބާ؟" ސަލްމާ އެހިއެވެ.

"އަންހެން ކުދީން ޖެހޭނެ އެ ކުއްޖެއްގެ ފެންވަރު ހުރި ވަރަކުން ޒީނަތްތެރި ވާން. ސަލްމާ ތިބާ ހަމަ ތަރައްގީއާއި ތަހުޒީބަށް ބީރައްޓެހީ." ރަބާބު ބުންޏެވެ.

- ނުނިމޭ -

comment ކޮމެންޓް