މީގެ 24 އަހަރު ކުރިން މި ފަނާވަނިވި ދުނިޔެއާ އޭނާ އަލްވަދާއު ކިޔައިފަ އެވެ. ނަމަވެސް، އޭނާގެ އެ އަޑު އަދިވެސް އަހަރުމެންގެ ތެރޭ "ދިރިދިރިި" އެބަހުއްޓެވެ. އެތައް ދިވެހި ޖީލެއްގެ ހިތްތަކުގައި އެ އަޑު ވަނީ އަބަދަށްމެ ބިންވަޅު ނެގިފަ އެވެ. އަދި ދިވެހީންނާއި ރޯދަ މަހާ އެ ރަން އަޑު ވަނީ ގުޅިލާމެހިފަ އެވެ.
ފަޟީލަތުއްޝައިޚް ހުސައިން ސަލާހުއްދީން ތަރުޖަމާކުރެއްވި ކީރިތި ރަސޫލާގެ ސިޔަރަތު އަހަރުމެންނަށް އަޑުއިވެނީ މުހައްމަދު ތައުފީގު (ހާޖަރާގޭ ތައުފީގު)ގެ އަޑުފުޅުންނެވެ. އަދި އަދަށް ދާންވެސް ދިވެހީންގެ ރޯދަ މަހުގެ އަޑަކީ ތައުފީގު ކިޔުއްވާފައިވާ ކީރިތި ރަސޫލާގެ ސިޔަރަތެވެ. އެތައް ޖީލުތަކަކަށް ދެމިގެން ދިޔައިރުވެސް، ސިޔަރަތުގެ އެ އަޑަށް ފަނޑުވުމެއް ނެތެވެ.
އެތައް ފަހަރެއްގެ މަތީން،"ކީރިތި ރަސޫލާގެ ސިޔަރަތު" އެކި މީހުންގެ އަޑުން ރިކޯޑުކުރި އެވެ. ނަމަވެސް އޭރުގެ ވެރީންނަށް އެންމެ ކަމުދިޔައީ ތައުފީގުގެ އެ އާދަޔ ާހިލާފު އަޑުން ކިޔުއްވި ސިޔަރަތެވެ. އަދާހަމައަށް ވެސް ދިވެހީންނަށް ވެސް އެ އަޑު ކަމުދެ އެވެ.
ސިޔަރަތު ފުރަތަމަ ކިޔުއްވީ ލައިވްކޮށް
ތައުފީގުގެ ދަރިކަލެއް ކަމަށްވާ، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު "ސަން"އަށް ވިދާޅުވި ގޮތުގައި ބައްޕަ މުހައްމަދު ތައުފީގު އެންމެ ފުރަތަމަ ސިޔަރަތު ރިކޯޑުކުރެއްވީ 1974 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭރު ރޭޑިއޯ ހިންގަވަނީ އުމަރު ޒާހިރެވެ.
"އެކެއް ނުވަތަ ދެ ރޯދަ މަހެއްގައި ލައިވްކޮށް ސިޔަރަތު ވިދާޅުވި. އޭރު ޓޭޕުތަކަށް މަތި މައްޗަށް ރިކޯޑުކުރީމާ އަޑު ނުސާފު ވާތީ ރޭޑިއޯގެ ވެރިން ބޭނުންވީ އަޑު ސާފުކޮށް ބެހެއްޓުމަށް. އެހެންވެ ލައިވްކޮށް ފުރަތަމަ ބައްޕަ ސިޔަރަތު ކިޔުއްވި،" ފުއާދު ވިދާޅުވި އެވެ.
ތައުފީގުގެ އެހެން ދަރިކަނބަލެއް ކަމަށްވާ ރާއްޖޭގެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ، ޝިފާ ތައުފީގުގެ ވެސް އޭނާގެ ބައްޕަ ސިޔަރަތު ރިކޯޑް ކުރެއްވި ދުވަސްތަކުގެ ހަނދާންތައް ހަމަ އިއްޔެވީ ކަމެއް ފަދައިން ހަނދާން އެބަ ހުއްޓެވެ. އެ ހަނދާންތައް "ސަން"އާ ހިއްސާކުރައްވަމުން އޭނާ ކިޔައި ދެއްވި ގޮތުގައި ސިޔަރަތު ރެކޯޑް ކުރެއްވުމަށް ބައްޕަ އޮފީސް ނިންމަވާ ގޮތަށް ރޯދަޔަށް ވެސް ހުންނަވައިގެން ހެންވޭރުކޮޅުން ހިންގަވާފައި، ވަޑައިގަންނަވަނީ މާފަންނުގައި ހުންނަ އަޑުގެ އިމާރާތަށެވެ. އެއީ ރޯދަ މަހެއްގެ ކޮންމެ ދުވަހުގެ އާދައެއް ކަމަށް ޝިފާ ބުންޏެވެ. އަދި އެ މަސައްކަތް ނިންމާފައި ބައެއް ދުވަސް ދުވަހު ރޯދަ ވީއްލަން ބައްޕައަށް ގެއަށް އާދެވެނީ ކިރިޔަ ކިރިޔާ ކަމަށް ވެސް ޝިފާ ބުންޏެވެ.
"އެއް އަހަރެއްގެ ރޯދަ މަހު، ރޯދައަށް ހުންނަވައިގެންވެސް ރިކޯޑުކުރެއްވި [ސިޔަރަތު]. އޭރު ވިދާޅުވާނެ ވަރަށް ވަރުބަލިވެއްޖެއޭ ވެސް. ރޯދައަށް ހުރެ، އޮފީހުގައި އުޅުއްވާފައި އަވީގައި ހިންގަވާފައި އަޑަށް ގޮސް ސިޔަރަތު އެޅުމުގައި [ރެކޯޑްކުރައްވަން] އުޅުއްވި. ވަރަށް ބުރަ މަސައްކަތެއް އެއީ،" ބައްޕަގެ ސިޔަރަތު ރެކޯޑް ކުރެއްވުމުގެ ބުރަ މަސައްކަތުގެ ހަނދާން އާ ކުރައްވަމުން ޝިފާ ބުންޏެވެ.

ހާޖަރާގޭ މުހައްމަދު ތައުފީގު، ޓީވީއެމްގެ ޝޯއެއްގައި -- ފޮޓޯ/ ފުއާދު ތައުފީގު
ކޮންމެ ރޯދަ މަހަކާ އެކު، ބައްޕަ މުހައްމަދު ތައުފީގުގެ އަޑު ކަންފަތުގައި ޖެހުމުން ފުއާދާއި ޝިފާއަށް ބައްޕައާ އެކު ހޭދަކުރި އުފާވެރި ދުވަސްތަކުގެ ހަނދާންތައް އާވެ އެވެ. އެ ފޮނި ހަނދާންތަކުން އެ މީހުންނަށް ދުރަކަށް ނުދެވެ އެވެ. ސިޔަރަތުގެ އަޑު އިވޭ ކޮންމެ ފަހަރަކު އެ ހަނދާންތައް އައިސް އެ ކުދިންގެ ގައިގާ ބައްދާލާ ކަހަލަ އެވެ.
ފުއާދު ކިޔަ ދެއްވި ގޮތުގައި، ބައްޕަގެ އަޑުން ސިޔަރަތު އަޑުއިވޭ ކޮންމެ ފަހަރަކު ލޯ ކުރިމަތިން ސިފަވަނީ ހިލިހިލާގޭގައި ހިންގި ނާސަރީ ސްކޫލަށް ބައްޕަގެ ސައިކަލް މަތީގައި ބައިންދާލައިގެން ގެންދާ ދުވަސްތަކެވެ. އަދި އޭގެ މާ ފަހުން، ކުޑަކުޑަ ޝިފާވެސް އާލިޔާ ސްކޫލަށް ކިޔަވަން ގެންދެވީ ހަމަ އެގޮތަށެވެ.
"ބައްޕަ އޭރު އެ ސްކޫލު ބަލަހައްޓަވާނީ. ބައިސްކަލުގައި ފައި ލާ ތަނުގައި އަޅުގަނޑު ބަހައްޓާފައި ބައްޕަ ދާނީ ބައިސްކަލު ހިއްޕަވައިގެން ސްކޫލަށް،" ޝިފާ ބައްޕައާ އެކު ހޭދަކުރި ދުވަސްތަކުގެ ދުރު ހަނދާނެއް އޭނާ ހިއްސާކުރެއްވި އެވެ.
ސިޔަރަތަކީ ތައުފީގުގެ ހަދިޔާއެއް
ގިނަ ސްކޫލުތަކާއި ސަރުކާރުގެ އެކި ވުޒާރާތަކުގައި ތައުފީގު މަސައްކަތްކުރެއްވި އެވެ. އަދި އަތޮޅުވެރިކަންވެސް ކުރެއްވި އެވެ. އެއީ ޝިފާގެ ވަރަށް ވެސް ޅަ ދުވަސްވަރެވެ. އެކަމަކު، އަތޮޅުވެރިކަމުގައި މަސައްކަތުގައި ބައްޕައާ އެކު ރަށްރަށަށް ދިޔުމުގެ ނަސީބު ޝިފާއަށް އޮތީ ލިބިފަ އެވެ.
"އަޅުގަނޑު ހަނދާންވޭ އެއްފަހަރެއްގައި ބައްޕަ ކޮންމެވެސް ރަށެއްގައި އަތޮޅުވެރިކަމުގައި ހުންނަވަނިކޮށް، ނާސިރު އަންގަވައިގެން ބައްޕަ މާލެ ގެންނެވި ރޯދައަށް ސިޔަރަތު އެޅުމަށް،" ޝިފާ ކިޔައިދިނެވެ.

ސިޔަރަތުގެ ރެކޯޑިން ޓޭޕެއް. -- ފޮޓޯ/ ޕީއެސްއެމް
މިހާރު ރޭޑިއޯއިން ގެންނަ ސިޔަރަތަކީ ދިވެހިރާއްޖޭގެ އަޑު ހިންގެވުމުގައި ސަމަރުބުލޫ އިބްރާހިމް މަނިކު ހުންނެވި ދުވަސްވަރު ތައުފީގު ކުރެއްވި މަސައްކަތެކެވެ. ތައުފީގުގެ އަރިހުން އަގެއް ވިދާޅުވުމަށް ރޭޑިއޯގެ ވެރިން އެއްސެވުމުން ތައުފީގު އެކަމާ ހެއްދެވީ ދެކޮޅެވެ. އެ މަސައްކަތް ކޮށްދެއްވީ ބަދަލުގައި އެއްޗެއް ހޯއްދަވާކަށް ނޫނެވެ. ގައުމީ ހިދުމަތެއްގެ ގޮތުގަ އެވެ.
"ބައްޕަ ވިދާޅުވީ އަގެއް ނުނަގާނަމޭ، މިއީ ހަދިޔާއެކޭ،" ފުއާދު ވިދާޅުވި އެވެ.
ނަމަވެސް އެތައް ޖީލުތަކަކަށް އެ ހަދިޔާ ދެމިގެން ދާނެކަމެއް ފުއާދާއި ޝިފާއަށް މީގެ ކުރިން ހީވެފައެއް ވެސް ނެތެވެ. އެކަމަކު ތައުފީގުގެ އަޑުން ރެކޯޑް ކުރެއްވި ސިޔަރަތު ވެގެން މިދިޔައީ، ދެމިގެންވާ ބޮޑު ސޮދަގާތަކަށެވެ.
"ބައްޕަގެ އަޑަށް އަބަދުވެސް މީހުންގެ ތައުރީފު ލިބޭ. ގިނަ ބަޔަކު ލޯބިކުރާ އަޑެއް އެއީ. ބައްޕަގެ ސިޔަރަތު ރިކޯޑިންގް ގިނަ ބަޔަކު ގެންގުޅެ، އަޑު އަހާނެކަން އެނގޭ. އެކަމަކު ރޭޑިއޯތަކުން ކޮންމެ ރޯދައެއްގައި އެ ޖަހާނެކަމަކަށް ހިއެއް ނުކުރަން. ބައްޕަ ނިޔާވެގެން މިހާ ދުވަހަށް އަޑު [ފަނޑުނުވެ ދާނެކަމަށް] ހިތަކަށް ނާރާ،" ފެންކަޅިވެ އިންނަވާ ފުއާދު އޭނާގެ އިހުސާސްތައް ވިދާޅުވެ ދެއްވި އެވެ.
"ވަރަށް އުފާވެސް ވޭ. ވަރަށް ހަނދާންވޭ،"
ތައުފީގު އަވަހާރަވީ 1995 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު އެވެ. ނަމަވެސް އެ އަޑު ޖެހޭ ކޮންމެ ފަހަރަކު ޝިފާއަށް މިހާރު ވެސް އިހުސާސްކުރެވެނީ ބައްޕަ އެ މީހުންނާ އެކު ވާހެން އެވެ.
"ބައްޕަ ނެތިގެން ދިއުމަށްފަހުވެސް ވަރަށް ހީވޭ ބައްޕަގެ އަޑު ގޭތެރެއިން އިވޭހެން. އަޅުގަނޑަށް އެހާ ބޮޑަކަށް ފީލްއެއް ނުވޭ ބައްޕަ ނެތްކަމަކަށް. ރޯދަމަހުގައި ނޫނަސް ސިޔަރަތު ދޭތެރެއަކުން އިވޭނެ. އެގޮތަށް އަޑު އިވި އިވި ހުންނަނީ. ބައްޕަގެ ޕްރެޒެންސް ވަރަށް ވަރުގަދަ،" ޝިފާ ވިދާޅުވި އެވެ.
ފަންނުވެރިއެއް، ކެއްކުމަށް ބޮޑު ލޯތްބެއް

ހާޖަރާގޭ މުހައްމަދު ތައުފީގާއި ހާޖަރާގޭ ސިއްތި (މ)، އެ ދެމަފިރިންގެ ބައެއް ކުދީންނާއެކު -- ފޮޓޯ/ ފުއާދު ތައުފީގު
ޝިފާ އާއި ފުއާދު ފާހަގަކުރައްވާ ގޮތުގައި ބައްޕަ ތައުފީގަކީ ރީތި ލަވައާއި ރީތި ހިންދީ ފިލުމުތަކަށް ވަރަށް ޝައުގުވެރިކަން ބެހެއްޓެވި ބޭފުޅެކެވެ. ރޭޑިއޯއިން ރީތި ލަވައެއް، ނުވަތަ ޓީވީން ރީތި ފިލްމެއް ދައްކާ ނަމަ ކައިރިއަށް ދަރީން ގެންނަވައި، އާއިލާ އެންމެ އެކުގައި ފިލްމު ބައްލަވަ އެވެ.
"ރީތި ލަވައެއް ރޭޑިއޯއިން އަންނަން ފެށީމާ ގޮވާފައި ވިދާޅުވާނެ އަޑުއަހަން އަންނާށޭ. ރާޖު ކަޕޫރުގެ ފިލްމުތައްވެސް ބައްޕައަށް ވަރަށް ކަމުދާނެ. މިއީ ވަރަށް މޮޅު ފިލުމެކޭ، މި ބަލައިލަން ވާނެއޭ ވިދާޅުވެ ވެސް އަޅުގަނޑުމެން ކައިރިއަށް ގެނެސް ހައްދަވާނެ،" ބައްޕައާ އެކު ހޭދަކުރި ދުވަސްތަކުގެ ފޮނި ހަނދާންތައް ފުއާދު ހިއްސާކުރެއްވި އެވެ.
ފުއާދު ސިފަކުރައްވާ ގޮތުގައި ބައްޕައަކީ "އާޓިސްޓިކް" ބޭފުޅެކެވެ. އެވަރެއް ނެތް ފަންނުވެރި އެކެވެ. ފިލްމާއި ލަވައިގެ އިތުރުން ވާހަކަ ކިޔުމާއި ވާހަކަ ލިޔުއްވާ ވެސް ހެއްދެވި އެވެ. މީގެ އިތުރަށް ތައުފީގަކީ މޮޅު ކެއްކުން ތެރިއެކެވެ. އަމިއްލައަށް ތަކެތި ކެއްކުމަށް ލޯބި ކުރެއްވި އެވެ.
"ރޯދައިގެ ފުރަތަމަ ދުވަހާއި ފަހު ދުވަހު މިގޭގައި އޮންނާނެ ބައްޕަގެ ސޫޖީ ކެއްކެވުން. އަތް ގާތްކޮށްދޭ އެސިސްޓަންޓަކަށް، ބޭނުންވާ އެއްޗެހި ދިއްކުރަން ހުންނާނީ އަޅުގަނޑު. ބައްޕަ ސޫޖީ ކައްކަވާނީ. މިގޭ އެންމެންނަށް ވަރަށް މީރު ވާނެ ބައްޕަ ކައްކަވާ ސޫޖީ. އެ ރަހަ، އެހެން މީހަކު ހެދިޔަސް ނުލާނެ،" ޝިފާ އޭނާގެ ބައްޕައާއެކު ކެއްކުމުގައި އުޅުނު ހަނދާންތައް ހިއްސާކުރި އެވެ.
ބައްޕަ ހައްދަވާ ކްރީމް ޖެހި ބަނަހަކީވެސް މަރެއް ކަމަށް ޝިފާ ބުންޏެވެ. އެގޮތަށް ޝިފާ އޭނާގެ ބައްޕަ ސިފަކުރަނީ ވަރަށް "ލައިވްލީ"، އަދި "ހެޕަނިން" ބޭފުޅެއްގެ ގޮތުގަ އެވެ.
ހާޖަރާގޭ އާއިލާގެ "ހަނދާން"
މިއީ މިއުޒިކީ އާއިލާއެކެވެ. ތައުފީގާއި އަނބިކަނބަލުން އާއިޝަތު ފަރީދާ (ހާޖަރާގޭ ސިއްތި) އޮލިމްޕިއަންސް ބޭންޑުގެ ޝޯތަކަށް ގަވައިދުން ވަޑައިގަންނަވަ އެވެ. އަދި ދެމަފިރިންވެސް ލަވަ ވިދާޅުވެ އެވެ. ދެމަފިރިންނަށް ލިބުނު ބޭފުޅުންގެ ތެރެއިން ގިނައީ ލަވަކިޔުންތެރީންނެވެ.
ޝިފާގެ ދައްތަ ސޮފާ ތައުފީގު ޕްރޮޑިއުސްކޮށް ނެރުނު ލަވަ އަލްބަމް "ހަނދާން"އަކީ ތައުފީގު އާއިލާގެ ބޭފުޅުން ވިދާޅުވެފައިވާ ލަވަތައް ހިމެނޭ އަލްބަމެކެވެ. ތައުފީގާއި ސިއްތިގެ އަޑުން ކިޔާފައިވާ ލަވަތަކުގެ އިތުރުން، އެ ދެމަފިރިންގެ ދަރީންނާއި ދަރީންގެ ދަރީންވެސް ކިޔާފައިވާ ލަވަތައް ހުރީ މި އަލްބަމްގަ އެވެ.
ތައުފީގު އަވަހާރަވީ އާއިލާއިން "ހަނދާން" އަލްބަމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެހެން ނަމަވެސް ތައުފީގު ދުނިޔެ ދޫކުރެއްވުމުގެ ކުރިން މި އަލްބަމަށް ތިން ލަވައެއް ރިކޯޑުކުރައްވާފައިވެ އެވެ. އެއީ "އަވާމެންދުރު"، "ވާތީ ހިތުގައި ޒަޚަމް" އަދި "ރޯތީ ހިތާ މެޔާ"އެވެ. އަނބިކަބަލުން ސިއްތީގެ އަޑުން ރިކޯޑުކޮށްފައިވާ ލަވައެއްވެސް މީގައި ހިމެނެ އެވެ.
ތައުފީގު ވިދާޅުވެފައިވާ ލަވަ "ވާތީ ހިތުގާ ޒަޚަމް" ނިމޭ ތަނުގައި، އޭނާގެ އަޑުން ރިކޯޑުކުރައްވާފައިވާ މެސެޖެއް އޮވެ އެވެ. އޭގައި ވިދާޅުވަނީ، އޭނާގެ އުމުރުން އެހާ ހިސާބަށް ދިޔަ އިރުވެސް، އޭނާއަކީ ލަވަ ވިދާޅުވާ މީހެއްކަން އާންމުންނަށް ނޭނގޭ ކަމަށެވެ. އެހެންވެ، ވަކިވުމުގެ ކުރިން ލަވައެއް ރެކޯޑްކޮށްލެއްވީ އެވެ.

ހާޖަރާގޭ މުހައްމަދު ތައުފީގު (ކ) -- ފޮޓޯ/ ފުއާދު ތައުފީގު
"އަޅުގަނޑުގެ ހުރިހާ ކުދިން ގާތްގަނޑަކަށް އެބަ ލަވަކިޔާ. އެކަމަކު އަޅުގަނޑުގެ ލަވައެއް ނެތް އެއްވެސް ގޮތަކުން އާންމުންނަށް އިވޭ ގޮތަކަށް ހަމަޖެހިފައެއް. އެހެންވެ އަޅުގަނޑު ހިތަށް އެރީ އަޅުގަނޑު ދުނިޔެ ދޫކޮށްފައި ދާ އިރު އަޅުގަނޑުގެ ލަވައެއްވެސް އާންމުންނަށް އިވޭގެ ގޮތަށް އޮތުމަކީ އަޅުގަނޑުގެ ހަނދާނަށްޓަކައިވެސް ބޭނުން ކަމެކޭ. އަދި އަޅުގަނޑުގެ ދަރިންވެސް ވަރަށް އުފާކުރާނެ ކަމެކޭ،" ތައުފީގު ވިދާޅުވެފައިވެ އެވެ.
މި ދުނިޔެ ދެމި އޮތްހާ ހިނދަކު ހާޖަރާގެ ތައުފީގު އަޑުން ރެކޯޑް ކުރެއްވި ސިޔަރަތު ދިވެހީންގެ ކަންފަތްތަކަށް އިވިއިވި ހުންނާނެ އެވެ. އެ އަޑަށް ފަނޑުކަމެއް ނެތެވެ. އެތައް ޖީލްތަކެއްގެ ހިތުގައި އެ އަޑުވަނީ އަބަދަށްމެ ރައްކާކުރެވިފަ އެވެ. މިއީ ދިވެހީންގެ ރަންއަޑުގެ ވެރިޔާ އެވެ. ހާޖަރާ ތައުފީގަށް ދިވެހީން ދީފައިވާ މަގާމު އެހެން ބޭފުޅަކަށް ދެން ލިބޭނޭހެނެއް ހިއެއްނުވެ އެވެ.