އައްޑޫގައި ސިޓީ އުފެއްދި ގޮތަށް ސުއޫދުގެ ފާޑުކިޔުން

ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު --- ސަން ފޮޓޯ

އައްޑޫ އަތޮޅަށް ސިޓީއެއްގެ ދަރަޖަ ދީ، އެ އަތޮޅު ހިންގުމަށް ޓަކައި އައްޑޫ ސިޓީ ކައުންސިލު އުފެއްދި ގޮތާ މެދު ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ފާޑު ވިދާޅުވެއްޖެ އެވެ.

އައްޑޫ އަތޮޅު ސިޓީއަކަށް ބަދަލުކުރީ 10 ޖެނުއަރީ 2011 ވަނަ ދުވަހު، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރެއްގެ ދަށުންނެވެ. އަދި އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހަ ރަށް ހިންގުމަށް އައްޑޫ ސިޓީ ކައުންސިލު އުފެއްދެވި އެވެ.

ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުގެ ބަންޑާރަނައިބުކަން ވެސް ކުރެއްވި ހުސްނުއްސުއޫދު ގަބޫލުކުރައްވާ ގޮތުގައި، އެކަމުގައި ހެދިފައި އޮތީ "ވަރަށް ހެއްވާ އެއްޗެ"ކެވެ.

ސަން އޮންލަިއންގެ 50 މިނިޓު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ސުއޫދު ވިދާޅުވީ އައްޑޫގެ ސިޓީ ކައުންސިލު އިދާރާ ހިތަދޫގައި ހުންނަ އިރު، ޖޯގްރަފީގެ ގޮތުން ވަކިން އޮންނަ ހުޅުމީދޫގެ ދެ އަވަށް ހިންގާނެ މީހަކު ނުހުންނަ ކަމަށެވެ.

"ޒަމާނުއްސުރެ ދަސްވެފައި އޮތް އެއްޗަކީ ރަށުގައި ކޮންމެވެސް ވެރިއަކު ހުންނަންޖެހެއޭ. އެހެން ނޫނީ ކާކުތޯ ރަށުގެ ވެރިއަކީ. ކަމެއް ގޯސްކޮށް ދިޔައިމާ އެޓެންޑުކުރާނީ ކާކުތޯ؟ ކައުންސިލު ހުންނަނީ ހިތަދޫގައި. އެތައް އިރަކުން ދަތުރުކޮށްގެން އެޓެންޑެއް ނުކުރެވޭނެ މިސާލަކަށް ކަމެއް ޖެހުނަސް،"

"އައިލެންޑް ކޮމިއުނިޓީސްގެ ވަރަށް ހާއްސަ ސިފައެއް ރަށްވަންތަކަމަކީ. ރަށްވަންތަކަން އޮތީމާ ހިތަދޫގައި އޮންނަ ކައުންސިލުން ހުޅުމީދޫ ބަލަހައްޓާނެ ކަމަށް [ރައްޔިތުން] ގަބޫލެއް ނުކުރޭ. ޒަމާނުއްސުރެ އޮންނަ ވާދަވެރިކަން އެއީ،" އައްޑޫ ސިޓީގެ މީދޫއަށް ނިސްބަތްވާ ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ މުޅި އައްޑޫ އަތޮޅު އޮތް ގޮތަށް ސިޓީއަކަށް ހެދިފައި އޮތް އޮތުން އިސްލާހުކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި އައްޑޫގައި ސިޓީއެއް އޮންނަ ނަމަ އެ ވާންޖެހޭނީ ހިތަދުއަށް އެކަނި ކަމަށެވެ.

"އައްޑޫ އަތޮޅުގައި ސިޓީއެއް އޮނަންނަންޏާ އޮންނަން ޖެހޭނީ ހިތަދޫގައި އެކަނި. ދެން އޭގައި ބައިވެރިވާން ބޭނުން ކަމަށް ވަންޏާ، އެއްފަހަކަށް އޮންނަ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މީހުން ވޯޓު ލާ ގޮތަކުން އެގޮތް ހެދޭނެ. އޭރުން ހަރަދު ވެސް ކުޑަވާނެ. އަދި ކޮންމެ ރަށެއްގައި މެޖިސްޓްރޭޓު ކޯޓަކާއި އެފަދަ ވަސީލަތްތައް ހުންނާކަށް ނުޖެހޭނެ،" ސުއޫދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ވަކިން އޮންނަ ކޮންމެ ރަށެއްގެ ކަންކަން ބަލަހައްޓާނެ ވެރިއަކު ހުންނާނެ މަގު ފަހިކުރަން ޖެހޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

މީގެ އިތުރުން ސުއޫދު ވަނީ، އައްޑޫ އަތޮޅަށް ދިމާވެފައިވާ އެ މައްސަލަ، ދެން އެންމެ އަވަހަށް ސިޓީގެ ދަރަޖައަށް ބަދަލުކުރާނެ ކަމަށް ބެލެވޭ ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދުއަށް ދިމާވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ކުޅުދުއްފުއްޓާއި ތިނަދޫއަކީ ރާއްޖޭގައި މިހާރު އޮތް ތިން ސިޓީ ނަގާފައި، އެންމެ އާބާދީ ބޮޑު ދެ ރަށެވެ.

އެގޮތުން، ކުޅުދުއްފުށި ސިޓީއަކަށް ހަދާ އިރު، ކުޅުދުއްފުއްޓާ އެކު ވެސް މުޅި އަތޮޅަށް ސިޓީގެ ދަރަޖަ ދޭނީތޯ ސުއޫދު ސުވާލު އުފެއްދެވި އެވެ.

"މުޅި އަތޮޅުތޯ ސިޓީއަށް ހަދަނީ. ކުޅުދުއްފުށީގައި ސިޓީ ގާއިމުކޮށްފައި އަތޮޅު ކައުންސިލުވެސް އޮންނާނީތޯ. އަނެއްކާ ވެސް ހަރަދު އިތުރުތޯ ވެގެން ދަނީ. ކިހިނެއްތޯ މި ވަނީ؟

"ދެން ތިނަދޫގައި ސިޓީ ކައުންސިލެއް އޮވެފައި، އެ ސިޓީގައި ބައިވެރިވާނެ ރަށްތައް ހޯދާނީބާވައޭ، ނުވަތަ މުޅި އަތޮޅު ސިޓީއަކަށް ހަދަނީ ބާވައޭ. ފުވައްމުލަކު ވިއްޔާ ނަސީބަކުން އެއީ އެއް ފަސްގަނޑެއް ވީމާ އެތަނުގައި މައްސަލައެއް ނެތް. އެކަމަކު ކުޅުދުއްފުއްޓާއި ތިނަދޫގައި ސިޓީ ހަދާނަމަ އައްޑުއަށް ދިމާވި ގޮތް ވާނީ،" ސުއޫދު ވިދާޅުވި އެވެ.

އެހެންކަމުން ރަށްރަށަށް ސިޓީގެ ދަރަޖަ ދޭ އިރު، މިފަދަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ހާއްސަކޮށް އައްޑުއަށް ދިމާވެފައި އޮތް މައްސަލަ، އަޅުގަނޑުމެން ބޭނުމެއް ނެތް އެހެން އަތޮޅަކަށް ވާކަށް." އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް