މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕް މިއަހަރުވެސް ބާއްވައިފި

މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ދިރާގާއި ބައިކްމޯލްޑިވްސްއިން ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން "މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕް" ގެ ނަމުގައި ބައިސްކަލު ރޭހުގެ މުބާރާތެއް ބާއްވައިފިއެވެ.

މި މުބާރާތް ކުރިއަށް ދިޔައީ އޭޕްރިލް 26 އަދި 27ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ބައިކް ޓްރެކުގަ އެވެ. ޖުމްލަ 16 ސުކޫލަކުން 515 ދަރިވަރުންނާ އެކު ފެށި މި މުބާރާތް ކުރިއަށް ގެންދިޔައީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާއެވެ.

މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށްދިޔައީ ވަކިވަކިންނެވެ. މުބާރާތުގެ ބައިވެރިންގެ މެދުގައި ޖުމްލަ 25 ރޭހެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން "ފަން ރައިޑް" ގެނަމުގައި ހާއްސަ ބައިސްކަލު ރޭހެއްވެސް ވަނީ ބާއްވާފައިއެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ޞާލިހްގެ ދެކަނބަލުން ވަނީ ބައިވެރިވެ ވަޑައިގެންފައިއެވެ.

މުބާރާތް ނިންމުމަށްފަހު ވަނަތަކަށް ދިޔަ ބައިވެރިންނަށް އިނާމް ދީފައިވާ އިރު ދެ އުމުރުފުރާ އެއްކޮށް އެއްވަނަ އަށް ގޮސްފައިވަނީ ހިރިޔާ ސްކޫލެވެ. ދެ ވަނަ އަށް ގޮސްފައިވަނީ ޢާޒީ ސްކޫލެވެ. އަދި ތިން ވަނަ ހޯދީ މިއަހަރު އަލަށް ހުޅުވި ހުރަވީ ސްކޫލެވެ.

ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަށްވެފައި ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމެއްކެވެ. ދިރާގުގެ އަމާޒަކީ ބައިކް މޯލްޑިވްސްއާއި ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުން އަށަގެންނެވުމަށް ބާރުއެޅުމެވެ.

މިއީ ދިރާގާއެކު ބައިކް މޯލްޑިވްސް އިން މިމުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

comment ކޮމެންޓް