ބައިކް މޯލްޑިވްސްއިން އެކުވެރިކަމުގެ ބައިސްކަލު ބުރެއް މިއަދު ބާއްވައިފިއެވެ.
މި ބައިސްކަލު ބުރާ ގުޅުވައި ބައިކް މޯލްޑިވްސްގެ ރައީސް ޒުލޭޚާ ހަސަން ދީދީ "ސަން"އަށް ވިދާޅުވީ، މި ހަރާކާތަކީ ސިންގަޕޫރުގެ ބައިސްކަލް އެސޯސިއޭޝަންގެ ރައީސް އަދި އޭޝިއަން ސައިކްލިން ކޮންފެޑެރޭޝަން (އޭސީސީ)ގެ ޓްރެޝަރާ ޑރ. ހިންގް ސިއޮންގް ސިންގް އާއި އަނބިކަނބަލުން ޑރ. ލިނެޓްކްސް ރާއްޖެ ވަޑައިގަތުމުން ބޭއްވި ބައިކް ޓުއާއެއް ކަމަށެވެ.
މިއަދު ފަތިހު 5:30ގައި ހޮޓެލް ޖެން ކައިރިން ފެށި އެ ބައިސްކަލު ބުރު ނިންމާލީ މާލެ ވަށާ ބުރެއް ޖެހުމަށް ފަހު، ރާޅުގަނޑު ސަރަހައްދުން އިރު އަރާ މަންޒަރު ބެލުމަށް ފަހު ކަމަށް ޒުލޭޚާ ވިދާޅުވިއެވެ.
މި ހަރަކާތުގައި ބައިކް މޯލްޑިވްސްގެ މެންބަރުންނާއި ސުކޫލް ދަރިވަރުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 20 މީހުން ބައިވެރިވެފައިވެއެވެ.
ޒުލޭޚާ ވިދާޅުވީ، ސިންގަޕޫރުގެ އެސޯސިއޭޝަނާއި ރާއްޖޭގެ ބައިކްލިން އެސޯސިއޭޝަނަކީ ޔޫނިއަން ސައިކްލިން އިންޓަނޭޝަނަލް (ޔޫސީއައި)ގެ މެންބަރުން ކަމަށެވެ.
މީގެ އިތުރުން، މި ދާއިރާ ކުރިއަރުވަން ސިންގަޕޫރު އެސޯސިއޭޝަންގެ ޚިޔާލުތައް ލިބޭނެ ކަމަށް އުއްމީދު ކުރާކަން ޒުލޭޚާ ވަނީ ފާހަގަކުރައްވާފައެވެ.
ބައިސްކަލް ދުއްވާ މީހުން އިތުރުވަމުން އަންނައިރު، އެކަން ފަރިތަކުރުމަށް ބޭނުންވާތީ އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރާ މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިގޮތުން، ކޮންމެ ހުކުރު ދުވަހަކު ހެނދުނު 6:00 އިން 7:00އަށް ސިނަމާލެ ބްރިޖުން ހުޅުމާލެއަށް ބައިސްކަލުގައި ދެވޭނެ އިންތިޒާމު ހަމަޖައްސައި ދޭން ބައިކް މޯލްޑިވްސްއިން ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީންގެ އަރިހުގައި އެދިފައިވާ ކަމަށް ކަމަށް ޒުލޭޚާ ވަނީ ވިދާޅުވެފައެވެ. އަދި، އެކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ އުންމީދުތައް މިނިސްޓަރު ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.