ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުގައި ދެގޮތެއްނުވެ، މަސައްކަތްކުރަމުން އަންނަ ބައިކް މޯލްޑިވްސްއަށް 10 އަހަރު ފުރުން ފާހަގަކޮށްފިއެވެ.
'ސަން'އާ ވާހަކަދައްކަވަމުން ބައިކް މޯލްޑިވްސްގެ ފައުންޑާ މެންބަރު، އަހުމަދު ހަސަން ދީދީ ވިދާޅުވީ، ބައިކް މޯލްޑިވްސްގެ އެންމެ ބޮޑު އަމާޒަކީ މި މުޖުތަމައުއަކީ ބައިސްކަލަށް އަހުލުވެރި މުޖުތަމައަކަށް ހެދުން ކަމަށެވެ. ސަބަބަކީ އެއީ ތިމާވެއްޓާއި ރައްޓެހި އަދި ބައިސްކަލު ދުއްވާ މިންވަރު އިތުރުވެއްޖެނަމަ އޭގެ ފައިދާ ތިމާވެއްޓަށް ވެސް ކުރާނެ ކަމަކަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައިކް މޯލްޑިވްސްއިން ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ.
އެގޮތުން، ހުޅުމާލޭގައި ކޮންމެ ހުކުރު ދުވަހެއްގައި ބައިސްކަލު ދުއްވުމުގެ ހަރަކާތެއް ކުރިއަށް ގެންދެއެވެ. ގިނަ ދުވަސް ދުވަހު، ހެނދުނުގެ ވަގުތުގައި މާލެ އަދި ހުޅުމާލޭގައި ވެސް ބައިސްކަލު ދުއްވުމުގެ ހަރަކާތް ކުރިއަށް ގެންދާ ކަމަށް އަހުމަދު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުޅިވަރެއްގެ ގޮތުގައި ބައިސްކަލު ދުއްވުން ރާއްޖޭގައި ފުޅާކުރުމަކީ ވެސް ބައިކް މޯލްޑިވްސްގެ އުންމީދެކެވެ. އެގޮތުން، އިންޓަނޭޝަނަލް މުބާރާތްތަކަށް ކުދިން ތަމްރީނުކުރުން ވެސް ބައިކް މޯލްޑިވްސްއިން ކުރިއަށްގެންދެއެވެ.
ހަމައެއާއެކު 'ފްރީ އައިލެންޑް ޓުއާ'ގެ ނަމުގައި އެކި ރަށްރަށުގައި ހަރަކާތެއް މިދިޔަ އަހަރު ބާއްވާފައިވެއެވެ. އެގޮތުން، ހުޅުމާލެ، ތުލުސްދޫ، ހިންމަފުށި، ކުޑަގިރި، މާލެ، ކްރޮސްރޯޑްސް ފަދަ ތަންތަނުގައި މުޅި ދުވަހު ބައިސްކަލުގައި އުޅެ، ޓުއާއެއް ގޮތަށް އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ.
ފާއިތުވި އަހަރުތަކުގައި ބައިކް މޯލްޑިވްސްއިން ވަނީ ބައިސްކަލު ރޭސްތައް ވެސް އިންތިޒާމުކޮށްގެން ބާއްވައިފައެވެ. މި ރޭސްތައް ބާއްވާފައިވަނީ ސްކޫލް ކުދިންނާއި އެކިއެކި ކްލަބްތަކަށް އަދި އާންމުންނަށް އަމާޒުކޮށްގެންނެވެ.
އަހުމަދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ތެރެއިން މި ކަންކަމަށް އިތުރަށް ހޭލުންތެރިވެ، މިފަދަ ހަރަކާތްތައް ފުޅާކުރުމަކީ އަމާޒެއް ކަމަށެވެ. ވިލިނގިލި ފަދައިން ރާއްޖޭގައި މިހާރު ވެސް އިންޖީނުލީ އުޅަނދުތައް ނުދުއްވައި ކުދިކުދި ރަށްތަކުގައި ބައިސްކަލު ނޫނީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަންކަން ބައްޓަންކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މަގުސަދަކީ، ދަތުރުފަތުރުކުރުމަށް ވެހިކަލެއްގެ ގޮތުގައި ބައިސްކަލު ބޭނުންކޮށްގެން ދުޅަހެޔޮ ދިރިއުޅުމަކަށް ހޭލުންތެރިކުރުވުން. ނުރައްކާތެރި ގޭސްތަކުން އަޅުގަނޑުމެންގެ ތިމާވެށި ސަލާމަތްކޮށްދިނުން، ބައިކް މޯލްޑިވްސްގެ ފައުންޑާ މެންބަރު، އަހުމަދު ހަސަން
ބައިކް މޯލްޑިވްސްއިން ވަނީ އަހަރީ ދުވަހާ ގުޅުވައި ކޭކު ފެޅުމުގެ ހަރަކާތެއް ބާއްވައިފައެވެ. އެ ހަރަކާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.