ޔޫސީއައި ކޮންގްރެސްގައި ބައިކް މޯލްޑިވްސްއިން ރާއްޖެ ތަމްސީލު ކުރަނީ

ޔޫސީއައިގެ ކޮންފަރެންސެއްގެ ތެރެއިން --

ދުނިޔޭގެ ސައިކްލިސްޓުންގެ ޔޫނިއަން، ޔޫސީއައިގެ މި އަހަރުގެ ކޮންގްރެސްގައި ބައިވެރިވުމަށާއި، އެ ޖަމިއްޔާއިން އިންތިޒާމުކުރާ ސައިކްލިން ވޯލްޑް ޗެމްޕިއަންޝިޕްގެ ހަރަކާތްތަކުގައި ރާއްޖޭގެ ފަރާތުން ބައިކް މޯލްޑިވްސް އިން ބައިވެރިވެއްޖެއެވެ.

އެ ޖަމިއްޔާ ތަމްސީލުކުރުމަށް ރައީސާ، ޒުލައިޚާ ޙަސަންދީދީ މިހާރު ވަނީ ސްކޮޓްލޭންޑުގެ ގްލާސްގޯ އަށް ވަޑައިގެންފައެވެ.

މި މަހުގެ ތިނަކުން ތޭރައަށް ކުރިއަށްދާ ދުނިޔޭގެ ސައިކްލިން ޗެމްޕިޔަންޝިޕްގެ ތެރެއިން ތަފާތު 13 ވައްތަރުގެ މުބާރާތްތައް ކުރިއަށް ދާނެއެވެ.

މީގެ އިތުރުން، ޔޫސީއައިގެ 192 ވަނަ ކޮންގްރެސްގައާއި އޮފިޝަލް ގާލާ ޑިނާގައި ވެސް ޒުލޭހާ ބައިވެރިވެއެވެ.

ޔޫސީއައިގެ ކޮންގްރެސްގައި ބައިވެރިވުމަށް ބައިކް މޯލްޑީވްސްގެ ރައީސާ ފުރަނީ --

ޔޫސީއައިއިން ބުނި ގޮތުގައި މިފަހަރުގެ މުބާރާތްތައް ކުރިއަށްދާއިރު ފުރަތަމަ ފަހަރަށް މެންބަރުންނަށް މުބާރަތްތައް ބެލުމަށް ސައިކްލިން ހައުސް ގްލާސްގޯގެ ސެންޓްރަލް ސްކޮޔަރ ގައި ގާއިމް ކުރެވޭނެއެވެ. އަދި، އެތަނުން ހުރިހާ ސަރަހައްދެއްގައި ކުރިޔަށްދާ މުބާރާތްތައް ބެލުގެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

މިއީ ބައިކް މޯލްޑިވްސްގެ ފަރާތުން ޔޫސީއައީ ކޮންގްރެސްގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ފަހަރެވެ. މި ދަތުރުގައި ޔޫސީއައި އިން ރާއްޖޭގައި ސައިކްލިން ކުރިއެރުވުމަށް އެހީ ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.

އަދި، މެންބަރު ގައުމުތަކާއި ގުޅުން ބަދަހިކޮށް، ދެބައި މީހުންނަށްވެސް ފައިދާ ހުރި ކަންތަައްތަކުގައި ކުރިޔަށް ދިޔުމާއި ގުޅޭ މަޝްވަރާތައްވެސް ކުރާނެއެވެ. އަދި ސައިކްލިން ވަސީލަތްތައް ގާއިމްކުރުމާއި، ފަންނީ އެހީ ހޯދުމާއި މުބާރާތްތަކަށް ދުއްވުންތެރިން ތައްޔާރުކުރުމުގައި ޔޫސީއައި އިން އެހީ ހޯދުމަށް ވެސް ކަމާބެހޭ ފަރާތްތަކާއި ބައްދަލުކޮށް ވާހަަކަ ދައްކާނެއެވެ.

2015 ވަނަ އަހަރު ބަައިކް މޯލްޑިވްސް އުފެއްދީ ބައިސްކަލު ދުއްވުމަށް ޝައުގުހުރި އަމިއްލަ ބަޔެކެވެ.

ރާއްޖޭގައި ބައިސްކަލުގެ ހަރަކާތްތައް ހިންގާ ގައުމީ ޖަމިއްޔާއެއްގެ ގޮތުގައި ބައިކް މޯލްޑިވްސް ބަލައިގަނެ، ސައިކްލިންގެ ހަރަކާތްތަކުގައި ރާއްޖެ ތަމްސީލުކުރާ ފަރާތަކީ ބައިކް މޯލްޑިވްސް ކަމުގައި ދުނިޔޭގެ ސައިކްލިން ޔޫނިއަންއިން ހަމަޖެއްސީ މެމްބާޝިޕް ބައިކް މޯލްޑިވްސް އަށް ދިނީ 2019ވަނަ އަހަރުއެވެ.

comment ކޮމެންޓް