މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންންނާއި އެޖެނެޓުންނަށް ދައުވާ ކުރަން ފޮނުވައިފި

މަޖިލިސް އިންތިހާބު 2019: އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާ ކުރުމަށް ވަނީ ފޮނުވައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު ހަވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ކެންޑީޑޭޓުންނާއި އެ ބޭފުޅުންގެ ކެމްޕެއިން އެޖެންޓުންނަށް ދައުވާ ކުރަން ޕޮރޮސެކުއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ކުރި 386 ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، މާލީ ބަޔާން ހުށަހަޅާފައިވަނީ، 347 ކެންޑިޑޭޓުންނެވެ. ޖުމްލަ 39 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަނާޅުއްވަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި، ޓްވީޓްގައި ބުނީ ގާނޫނުގައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާއި އެ ކެންޑީޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓާ މެދު ގާނޫނުގައި ބަޔާން ކުރާ ފިޔަވަޅު އެޅުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބުނާ ގޮތުން، އިންތިހާބު ބާއްވާތާ 21 ދުވަސް ތެރޭ މާލީ ބަޔާން ހުށަނޭޅުމަކީ ކުށެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާ އާއި 24،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެ އެވެ.

މިފަހަރު އިންތިހާބުގައި ވާދަ ކޮށް 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި ހުރިހާ ކެންޑީޑޭޓުންވެސް މާލީ ބާޔާން ހުށަހެޅުއްވި ކަމަށް އީސީއިން ބުންޏެވެ.

މާލީ ބަޔާން ހުށަހަޅާފައި ނުވާ 39 ކެންޑީޑޭޓުންގެ ތެރެއިން، ގިނަ ކެންޑީޓުންނަކީ އަމިއްލަ ކެންޑޭޓުންނެވެ. އެގޮތުން 31 އަމިއްލަ ކެންޑިޑޭޓަކު މަލީ ބަޔާން ހުށަހަޅާފައިނުވާއިރު، ޕީޕީއެމްގެ ދެ ކެންޑިޑޭޓަކު، ޕީއެންސީ އާއި އަދާލަތު މިއިން ކޮންމެ ޕާޓީއަކުން އެއް ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅުއްވައިފައެއް ނުވެ އެވެ. އަދި އެމްޓީޑީއިން ދެ ކެންޑިޑޭޓަކު އަދި ލޭބާ ޕާޓީއިން ދެ ކެންޑިޑޭޓަކު ވެސް ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ.

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޑީއާރުޕީގެ ހުރިހާ ކެންޑީޑޭޓުން ވަނީ މާލީ ބަޔާން ހުށަހަޅާފައެވެ.

comment ކޮމެންޓް