ޝަރުއީ ދާއިރާއަށް ސުއޫދުގެ ތަފާތު މަގު ޗާޓެއް!

ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ސަންގެ 50 މިނެޓު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: އަހުމަދު އަވްޝަލް އިލްޔާސް

ރާއްޖޭގެ ކޯޓުތަކުގައި މިވަގުތު ތިއްބެވި ބައެއް ފަނޑިޔާރުން މަގާމުން ވަކި ކުރުމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އެތައް ފަހަރަކު ވަނީ ވިދާޅުވެފަ އެވެ. އެ ވިދާޅުވުމާ ގުޅިގެން ސުއޫދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމުން އޭނާ އަދިވެސް އަޑުހަރުކޮށް ވިދާޅުވަމުން ގެންދަވަނީ ހަމަ އެހެންނެވެ.

"ސަން"ގެ 50 މިނެޓު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންވެސް ސުއޫދު ވިދާޅުވީ ބައެއް ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، މިފަހަރު އޭނާ ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރަން ޖެހޭ ކަމަށް އޭނާ ބަގޫލުފުޅު ކުރައްވާ މުހިންމު އެހެން ކަންތައްތައްވެސް ފާހަގަ ކުރައްވައިފަ އެވެ.

ކޮންމެ އަތޮޅަކަށް ޑިސްޓްރިކްޓް ކޯޓެއް

ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި މައްސަލަތައް ހުށަހެޅެނީ މާލޭގައި ހުންނަ ކޯޓުތަކަށެވެ. އެހެން ވަނީ، މައްސަލަތައް އިސްތިއުނާފު ކުރަން ޖެހެނީ މާލޭގައި ހުންނަ މަތީ ކޯޓްތަކަށް ވާތީ ކަމަށް ވެދާނެ އެވެ.

ރަށްރަށުގައި ހުންނަ ބައެއް މެޖިސްޓްރޭޓު ކޯޓުތަކަށް މާ ގިނަ މައްސަލަތަކެއް ބަލަން ނުޖެހޭ އިރު، އެތަންތަނަށް ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހެ އެވެ. އެފަދަ މެޖިސްޓްރޭޓު ކޯޓުތަކަށް ކުރަން ޖެހޭ ހަރަދު މަދުކޮށް، މާލޭގައި ހުންނަ މައި ކޯޓުތަކުން އުފުލަން ޖެހޭ ބުރަ ލުއިކުރުމަށް ސުއޫދު ރާއްޖެއަށް މުޅިން އާ ތަސައްވަރެއް ގެންގުޅުއްވަ އެވެ.

"އަޅުގަނޑުމެން މި ބުނަނީ ކޮންމެ އަތޮޅެއްގައި އިސް ކޯޓެއް ބަހައްޓާށޭ. އަޅުގަނޑުމެން ހުށަހަޅާ އެކައްޗަކީ ޑިސްޓްރިކްޓް ކޯޓެއް ބަހައްޓާށޭ، ބަހައްޓާފައި އެއަށް ކޮލިފިކޭޝަން ވައިސް ފެންވަރު ރަނގަޅު މެޖިސްޓްރޭޓުންތަކެއް އައްޔަންކޮށްދޭށޭ،" ސުއުދު ވިދާޅުވި އެވެ. "މައްސަލަތަކުގެ ތެރެއިން ބައެއް. އެމީހެއްގެ އަތޮޅުގައި ބެލޭނެ އިންތިޒާމު ފުރިހަމަ ކުރަން ޖެހޭ،"

ޑިސްޓްރިކްޓު ކޯޓުތައް ގާއިމްކޮށްފި ނަމަ، މައްސަލަތައް އިސްތިއުނާފު ކުރަން މާލެއަށް ކުރަން ޖެހޭ ދަތުރުތައް މަދުވެ، މައްސަލަ ހުށަހަޅާ ފަރާތުގެ އަތުން ދާ ހަރަދު ކުޑަވާނެ ކަމަށް ސުއޫދު ދެކެވަޑައިގަންނަވަ އެވެ.

މެޖިސްޓްރޭޓު ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފު ކުރަން މާލެ ދާން ޖެހޭތީ އެކަމަށް ވެސް ސުއޫދު ހައްލެއް ހުށަހެޅުއްވި އެވެ. އެއީ ރަށެއްގައި ދިރއުޅޭ މީހާ މައްސަލަ އިސްތިއުނާފު ކުރަން ބޭނުންވެއްޖެ ނަމަ، މާލެއަށް ނުގޮސް ރަށު މެޖިސްޓްރޭޓު ކޯޓަށް އިސްތިއުނާފު ކުރަން ލިޔުންތައް ހުށަހެޅޭނެ ގޮތެކެވެ. އެފަދަ ނިޒާމެއްގައި، އިސްތިއުނާފުގެ ލިޔުންތައް ހައިކޯޓަށް ފޮނުވާނީ ރަށު މެޖިސްޓްރޭޓު ކޯޓުން ކަމަށް ސުއޫދު ވިދާޅުވެ އެވެ.

ކައިވެނި ކޮށްދިނުމުގެ ޒިންމާ މިނިސްޓްރީއަށް

ސުއޫދު ދެކެވަޑައިގަންނަވަނީ ކައިވެނި ކުރުމުގެ ކަންތައްތަކަކީ ކޯޓެއްގެ ތެރެއިން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެ މަސައްކަތް ހަވާލު ކުރަންވީ އިސްލާމިކް މިނިސްޓްރީއާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައިވެނީގެ ރަޖިސްޓްރީކޮށްދޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށް ވާން އެބަ ޖެހޭ. އިސްމިކް މިނިސްޓްރީގެ ދައުރު ފުޅާކޮށްފައި. [ރާއްޖެ ފިޔަވައި] އެއްވެސް ގައުމެއްގައި ނޯންނާނެ ކޯޓުތަކުން ކައިވެނި ރެޖިސްޓާ ކޮށްދޭ ނިޒާމެއް، މި ދުނިޔެއަކު ނޯވޭ،" ސުއޫދު ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ސަންގެ 50 މިނެޓު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: އަހުމަދު އަވްޝަލް އިލްޔާސް

އިސްލާމިކް މިނިސްޓްރީއަށް ކައިވެނި ރަޖިސްޓްރީ ކުރުމުގެ ބާރު ދީފައި، ރަށްރަށުގައި ކައިވެނި ކުރުމުގެ ބާރު އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކައުންސިލުތަކަށް ދޭން އޭނާ ހުށަހެޅުއްވި އެވެ. އެއީ ކައިވެނި ރަށު ކައުންސިލުން ރެޖިސްޓްރީ ކޮށްދިނުމަށްފަހު ރެކޯޑުތައް މިނިސްޓްރީއަށް ފޮނުވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންމެ ރަށެއްގައި ވެސް އިސް މީހުން އެބަ ތިބޭ. ދުވަސްވީ މީހުން އެބަ ތިބޭ. ކައިވެނިކޮށްދެވޭ ފެންވަރުގެ މީހުން އެބަ ތިބޭ. އެ މީހުން މައުޒޫމުން ކަމަށް އައްޔަންކޮށްފައި، ކައިވެނި ރަޖިސްޓްރީކޮށްދޭ ފަރާތަކީ ރަށު ކައުންސިލު ކަމަށް ހެދީމަ އަދި އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން އެކަން ކުރާ ގޮތަށް ހަމަޖެހުނީމަ ކޯޓުތައް ކުރާ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ސުއޫދު ވިދާޅުވި އެވެ.

ކައިވެނި ރަސްޓްރީކޮށްދިނުމުގެ އެންމެހާ ކަންތައްތައް މިހާރު ބަލަހައްޓަނީ ފެމިލީ ކޯޓުންނެވެ.

ރަޖިސްޓްރާއިންނަށް ބާރު

ގާނޫނުގައިވާ ގޮތުން ކޯޓުތަކުގެ ރަޖިސްޓްރާއިންނަށް ބާރުތަކެއް ލިބިގެންވެ އެވެ. އެހެން ނަމަވެސް، އެ ބާރުތައް ބޭނުންކޮށް، މުސްތަގިއްލުކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ރަޖިސްޓްރާއިންނަކަށް ނުލިބޭ ކަމަށް ސުއޫދު ގަބޫލު ކުރައްވަ އެވެ. ސުއޫދު ވެސް ވިދާޅުވާ ގޮތުގައި، އިދާރީ ކަންކަމުގެ ތެރެއަށް ކޯޓުތަކުގެ އިސް ފަނޑިޔާރުން ބައެއް ފަހަރަށް ވަދެވަޑައިގެން ރަޖިސްޓްރާގެ މަސްއޫލިއްޔަތު ހަނި ކުރައްވަ އެވެ.

ސުއޫދު ދެކެވަޑައިގަންނަވަނީ އެމްޑީޕީގެ އެޖެންޑާ 19ގައި އަމާޒު ހިފާފައިވާ ގޮތަށް ކޯޓުތަކުގެ ރަޖިސްޓްރާއިންގެ ބާރު ގަދަ ކުރަން ޖެހޭ ކަމަށެވެ.

"މި އާ ނިޒާމުގައި ވާން ވާ ގޮތަކީ ކޮންމެ ކޯޓެއްގައި އެ ހުންނަ ރަޖިސްޓްރާ ބާރުގަދަ މީހަކަށް ވާން ޖެހޭނީ. ކޯޓުގެ އޯވަރޯލް މައްސަލަތައް މެނޭޖުކޮށް، ކޭސް މެނޭޖްމެންޓް އޮންނާނީ އޭނަގެ ބާރުގެ ދަށުގައި. މައްސަލައެއް ލަސްވާނަމަ ކޮންމެ ފަނޑިޔާރަކަށް އޭނަައަށް ބުނުވެން ވާނެ މައްސަލަ އެބަ ލަސްވެއޭ، މައްސަލަ ހިންގާށޭ،"

ސުއޫދު ވިދާޅުވީ ރަޖިސްޓްރާގެ ދައުރު ބަޔާންކޮށް ގާނޫނު އެކުލަވާލި އިރުވެސް މަގުސަދަކަށް ވެފައި އޮތީ ރަޖިސްޓްރާ ބާރުގަދަ މީހަކަށް ހެދުމަށް ކަމަށެވެ. މިހާރުވެސް މަގާމުގެ ގޮތުން ރަޖިސްޓްރާއަށް ބާރު ލިބިގެންވީނަމަވެސް އެކަށީގެންވާ ވަރަށް ބާރު ބޭނުން ނުކުރެވޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެ ހުރަސްތައް ނައްތާލަން ޖެހޭކަމަށް ސުއޫދު ވިދާޅުވެ އެވެ.

ޖޭއެސްސީއާއި ޑީޖޭއޭއަށް ބަދަލުތަކެއް

ސުއޫދު ވިދާޅުވީ، ޝަރީއަތް ކުރާ ފަރާތަކީ މިނިވަން ފަރާތެއްތޯ ކަނޑައަޅަން އޮންނަ ބައިނަލްއަގްވާމީ ކްރިއިޓީރިއާއަށް ފެތެން ރާއްޖެއިން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ސިޔާސީ ފަރާތްތަކުގެ ނުފޫޒު ޖުޑިޝަލް އެޑްމިނިސްޓްރޭޝަން މަސައްކަތްތަކަށް އެއްވެސް ވަރަކަށް ނުފޯރާނެހެން ނިޒާމު ބައްޓަން ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ސަންގެ 50 މިނެޓު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: އަހުމަދު އަވްޝަލް އިލްޔާސް

ސުއޫދު ވިދާޅުވި ގޮތުގައި ޖޭއެސްސީ އެކުލަވާލާ ގޮތަށް ބަދަލު ގެންނަން ޖެހެ އެވެ. އެގޮތުން، ކޮމިޝަން އެކުލަވާލުން ރަނގަޅީ އެ ކޮމިޝަނުގައި ސިޔާސީ ފަރާތްތަކާއި ފަނޑިޔާރުން ނުހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ދަށުގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިިނިސްޓްރޭޝަން އޮތުމަކީވެސް ގޯހެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެގޮތަށް ނިޒާމު އޮތުމަކީ ސުޕްރީމް ކޯޓުން ދަށު ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭރުގެ ފަރާތްތައް ގެނެސްގެން ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމާ ސުއޫދު ތާއީދު ކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޯޓުތަކުގެ ރަޖިސްޓްރާއިންގެ މަގާމަށް ނޫނީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބޭރުގެ މާހިރަކު އައްޔަންކޮށްގެން ކޭސް މެނޭޖްމަންޓުގައި ދިމާވެފައިވާ ދަތިތަކާއި އެހެނިހެން އިދާރީ ދަތިތައް ހައްލު ކުރެވިދާނެ އެވެ.

"އެކަމަށް ކޮލިފައިޑް، އެތަކެއް އަހަރުގެ ތަޖުރިބާ ހުރި ފަރާތެއް ގެނެސްގެން އަޅުގަނޑުމެންނަށް ދަސްކުރެވޭނެ ވަރަށް ބައިވަރު ކަންތައްތައް އެބަ ހުރި،" ސުއޫދު ވިދާޅުވި އެވެ.

ބޭރުގެ މާހިރުން ގެނައުމުގެ އިތުރުން، ގިނަ އަހަރުތަކެއް ވަންދެން ސަރުކާރަށް ހިދުމަތްކޮށްފައި ހުރި ނަޒާހަތްތެރި މީހަކު ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަން ކުރުމަކީވެސް ރަނގަޅު ކަމެއް ކަމަށް ސުއޫދު ގަބޫލު ކުރައްވަ އެވެ. ސަބަބަކީ އެފަދަ މީހުން އެތައް އަހަރުތަކެއްވަންދެން މަސައްކަތްކޮށް ހޯދާ ރީތި ނަން، ނުބައި މަގަކުން ގޮސްގެން ކިލަނބުކޮށްލަން ބޭނުންނުވާނެތީ ކަމަށް ސުއޫދު ވިދާޅުވި އެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނެއް ބޭނުންވޭ

މަދަނީ އިޖުރާއަތުގެ ގާނޫނަކީ މަދަނީ މައްސަލަތަކުގައި ފަނޑިޔާރުން މައްސަލަ ބެލުމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ބަޔާން ކުރާ އަދި މަދަނީ މައްސަލަތައް ކުރިއަށް ގެންދިޔުމާ ބެހޭ އެހެން އިޖުރާއަތްތައް ބަޔާން ކުރާ ގާނޫނެވެ. ޖިނާއީ މައްސަލަތައް ބަލާ އިރުގައި އަމަލު ކުރަން ޖެހޭ ގޮތް ކަނޑަައަޅާފައިވާ ޖިނާއީ އިޖުރާތުގެ ގާނޫނެއް ރާއްޖޭގައި އޮތް ނަމަވެސް، މަދަނީ އިޖުރާއަތުގެ ގާނޫނެއް ނޯވެ އެވެ.

ސުއޫދު ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނެއް މިހާރުން މިހާރަށް ރާއްޖެއަށް ބޭނުންވާ ކަމަށެވެ. އަދި އެފަދަ ގާނޫނެއް ނެތުމުން މައްސަލަ ބަލާ އިރު، ފަނޑިޔާރުން އެކި ގޮތްގޮތަށް މައްސަލަ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"[މަދަނީ އިޖުރާއަތުގެ ގާނުނެއް ނެތުމުން] އެކި މައްސަލަ އެކި ގޮތް ގޮތަށް ނިމެނީ. އެއް މައްސަލައެއްގައިވެސް އެކި ދުވަހު އެކި ގޮތަށް ޝަރީއަތް ކުރުމުގެ ކަންތައްތައް މިދަނީ. އެއް ކޯޓެއްގައި އެތައް ފަނޑިޔާރަކު އުޅޭ އިރު އެކި ފަނޑިޔާރުން އެކި ގޮތްގޮތަށް އަމަަލު ކުރައްވަނީ،" ސުއޫދު ވިދާޅުވި އެވެ.

comment ކޮމެންޓް