އުމަރު ނަޝީދަށް: އައިއެސްއާ ގުޅޭ އިނގިރޭސިން މާގިނަ

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު -- ސަން ފޮޓޯ/ފަޔާޒު މޫސާ

ހައްދުފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތާ ގުޅޭ ދިވެހިންނަށް ވުރެ އެ ޖަމާއަތާ ގުޅޭ އިނގިރޭސިންގެ އަދަދު ގިނަ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އިސްލާމްދީނުގެ ނަމުގައި ހިނގާ ކަންކަ ބަލައި، ރާއްޖެ މުސްތަގުބަލު ސަލާމަތްކުރުމަށް މަދަރުސާތަކުގެ މުގައްރު އިސްލާހު ކުރުމަށް ކުރީގެ ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓާ ގުޅިގެން އުމަރު ފޭސްބުކްގައި ވިދާޅުވީ އައިއެސް ޖަމާއަތާ ގުޅުނު ދިވެހިންނަށް ވުރެ ހަތަރު ގުނަ ގިނައިން އިނގިރޭސި ރައްޔިތުން އެ ޖަމާއަތާ ގުޅިފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އަށް ނަޝީދުގެ ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިވަގުތަށް ކުރުން އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށާއި މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދާ ވާހަކަތައް މާގިނަ ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވައި އުމަރު ވަނީ އިނގިރޭސިން އައިއެސްއާ ގުޅޭ މިންވަރު އިތުރުވަނީ އެގައުމުގެ މުގައްރަރު އޮތްގޮތުންތޯ ސުވާލު ކުރައްވައިފަ އެވެ. ނުވަތަ އެއީ އެގައުމުގެ ބޮޑުވަޒީރު ތެރެސާ މެއި ކުރައްވާ ކަމެއްތޯ ވެސް އުމަރު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ނަޝީދު ރޭ ޓްވީޓެއް ކުރައްވާފައި ވަނީ ސީރިޔާގެ ކޭމްޕުތަކުގައި ހާލުގައި ޖެހިފައިތިބި ދިވެހިންތަކެއްގެ ލިސްޓެއް ކަމަށްބުނާ ލިސްޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށެވެ. ސީރިޔާގައި ތިބި ބައެއް ދިވެހިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ކަމަށް ވެސް ވަނީ އަޑު ފެތުރިފަ އެވެ.

ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކާއި ހަނގުރާމަވެރި ގްރޫޕުތަކާ ގުޅިގެން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވާ ވާހަކަ ފާއިތުވި ދެތިން އަހަރެއްހާ ދުވަސްތެރޭ އިތުރުވެފައިވާ އިރު، އާންމުވެފައިވާ ލިސްޓުގެ ސައްހަކަން ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.

އަދި އީސްޓާ ސަންޑޭ އާ ގުޅިގެން އަވައްޓެރި ސްރީލަންކާގައި ދިން ޓެރަރިސްޓު ހަމަލާގެ ޒިންމާ އައިއެސް އިން ނަގާފައިވާ އިރު އެ ހަމަލާ އަކީ މި ސަރަހައްދަށް އޮތް ނުރައްކަލެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް