ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދު ދަށްވެއްޖެ

އެމްއެމްއޭ

ރެމިޓަންސް ހިދުމަތްދޭ ވިޔަފާރިތައް މެދުވެރިކޮށް މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދު، އޭގެ ކުރީ އަހަރާ އަޅަ ބަލާއިރު މަދުވެއްޖެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކޮށްފިއެވެ.

މަރުކަޒީ ބޭންކުން އިއްޔެ ނެރުނު އެ ބޭންކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ރެމިޓަންސް ހިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ 64.5 މިލިޔަން ޑޮލަރެވެ.

މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު ތިން ޕަސަންޓުގެ ދަށްވުމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ވާ ގޮތުން 2017 ވަނަ އަހަރު ރެމިޓުކުރި ފައިސާގެ 71 ޕަސަންޓު ރާއްޖެއިން ބޭރަށް ފޮނުވީ ބިދޭސީން ކަމަށާއި، ނަމަވެސް 2018 ވަނަ އަހަރު އެ އަދަދު ދަށްވެފައިވާ ކަމަށެވެ. އެގޮތުން، 2018 ވަނަ އަހަރު ބިދޭސީން ރާއްޖެއިން ބޭރަށް ރެމިޓުކުރީ ޖުމްލަ ފައިސާގެ 52 ޕަސަންޓުކަމަށް ރިޕޯޓުގައި ވެއެވެ.

މިދިޔަ އަހަރުވެސް އެންމެ ގިނަ ފައިސާ ރެމިޓުކޮށްފައިވަނީ ބަންގްލަދޭޝަށެވެ. ބަންގްލަދޭޝްއަކީ ރާއްޖޭގައި މަސައްކަތްކުރާ އެންމެ ގިނަ ބިދޭސީން ނިސްބަތްވާ ގައުމެވެ. މިދިޔަ އަހަރު ރެމިޓުކުރި ފައިސާގެ 39 ޕަސަންޓު ރެމިޓުކުރީ އެގައުމަށެވެ.

ދެން އެންމެ ގިނަ ފައިސާ ރެމިޓުކުރީ އިންޑިއާއަށެވެ. އެއަށްފަހު ސްރީލަންކާ، ނޭޕާލް، އަދި އިންޑޮނޭޝިއާއާއި ފިލިޕީންސްއަށެވެ.

ރެމިޓަންސް ހިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓަންސް ޓެކްސްއެއް 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ނަގަން ފެށި ފަހުން، ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ އަދަދު ވަނީ ދަށްވާން ފަށާފައެވެ.

ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގަނީ ފޮނުވާ އަދަދުގެ ތިން ޕަސަންޓެވެ.

comment ކޮމެންޓް