ލަންކާގައި މިރޭ ކާފިއު އިއުލާން ކުރީ ތިން ސަރަހައްދަކަށް އެކަނި

ލަންކާގެ މަގުތަކުގައި ފުލުހުން ހަރަކާތްތެރި ވަމުން ދަނީ: މިރޭ އެގައުމުގައި ކާފިއު އިއުލާން ކޮށްފައިވަނީ ތިން ސަރަހައްދެއްގައި -- ފޮޓޯ އޭޕީ

އަވައްޓެރި ސްރީލަންކާގައި ކާފިއު އިއުލާން ކުރީ މިރޭ ތިން ސަރަހައްދަކަށް އެކަންޏެވެ.

މިދިޔަ އާދިއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ކޮންގެ ކޮންމެ ރެޔަކު 10:00 އިން ފަތިހު 4:00 އަށް ކާފިއު ވެސް އިއުލާން ކުރެ އެވެ.

ނަމަވެސް މިރޭ ކާފިއު އިއުލާން ކޮށްފައިވަނީ، ބޮމުގެ ހަމަލާތަކާ ގުޅުމެއް އޮންނަ ކަލްމުނެއި، ސަމަންތުރެއި އަދި ޗަވަލަކަޑަ ސަރަހަރަހަދުގައި އެކަންޏެވެ.

އެގައުމުގެ ފުލުހުންގެ ތަރުޖަމާނު، ރުވާން ގުނެސެކަރައާ ހަވާލާދީ، ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މުޅި ގައުމަށް މިރޭ ކާފިއު އިއުލާން ނުކުރާނެ ކަމަށާއި ކާފިއު އިއުލާން ކުރަނީ ހަމަ އެކަނި އެ ތިން ސަރަހައްދަަށް ކަމަށެވެ.

ތިން ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައިވަނީ، މިއަދު ހަވީރު 5:00 އިން ފެށިގެން ކަމަށެވެ. ކާފިއު ނަގާނެ އިރެއް ރުވާން ގުނަސެކަރަ ވިދާޅެއް ނުވެއެވެ.

ކާފިއު އިއުލާން ކުރާ ވަގުތުތަކުގައި މަގުބޫލު އުޒުރެއް ނެތި ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގައި ދަނީ ބަލާ ފާސްކުރުމުގެ ވަރުގަދަ އޮޕަރޭޝަންތަކެއް ކުރަމުންނެވެ. މި އޮޕަރޭޝަންތަކުގައި ވޭތުވެދިޔަ 24 ގަޑި އިރު ތެރޭ، 48 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންގެ ތެރޭގައި ޖާނުން ފިދާވެގެން ބޮމުގެ ހަމަލާތަކެއް ދިން އެއްބަނޑުއެބަފާ ދެބެއިންގެ ބޭބެއަކުވެސް ހިމެނެއެވެ.

ލަންކާގައި ސަލާމަތީ ސަބަބުތަކަށްޓަކައި މާދަމާ އިން ފެށިގެން މޫނު ބުރުގާ ވެސް އެޅުން ވަނީ މަނާ ކޮށްފައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، މާދަމާ އިން ފެށިގެން ކާކުކަން ނޭނގޭ ގޮތަށް ހެދުން އެޅުމަކީ އެގައުމުގައި މަނާ ކަމެކެވެ.

https://sun.mv/118652

comment ކޮމެންޓް