އެސްއެސްސީ އިމްތިހާނުގައި ޤުރުއާން މާއްދާ ހިމަނަނީ

އަންނަ އަހަރުން ފެށިގެން ސެކަންޓްރީ ސްކޫލް ސެޓްފިކެޓް އިމްތިހާން (އެސްއެސްސީ)ގެ މާއްދާތަކުގެ ތެރޭގައި ގުރުއާން ހިމަނަން އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު މިއަދު "ސަން" އަށް ވިދާޅުވީ މިއަހަރުން ފެށިގެން ތަންފީޒު ކުރަން ފަށާފައިވާ ކީސްޓޭޖު4 ގެ މަންހަޖުގެ ދަށުން ގްރޭޑް ނުވަޔެއް އަދި 10ގެ ދަރިވަރުންނަށް ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ އެސްއެސްސީ އިމްތިހާނުގައި ގުރުއާން މާއްދާ ހިމަނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެސެސް ކުރާނީ ޓެސްޓު ދީގެންނެއް ނޫން. އެސެސްކުރާނެ ގޮތުގެ ގައިޑްލައިން އެޑިއުކޭޝަން މިނިސްޓްރީ އިން ވަރަށް އަވަހަށް އާންމު ކުރާނެ،" ޑރ. އަބްދުއްރަޝީދު ވިދާޅުވިއެވެ.

މިހާރު އެސްއެސްސީ އިމްތިހާނުގެ ދަށުން ދިވެހި އަދި އިސްލާމް މާއްދާ ކިޔަވައިދޭއިރު ގުރުއާން މާއްދާވެސް ކިޔަވައިދެނީ މަޖުބޫރު މާއްދާއެއްގެ ގޮތުގައެވެ. އެ މާއްދާ ކިޔަވައިދޭނެ ޓީޗަރުން ނެތް ސްކޫލުތަކަށް ޓީޗަރުން ހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޑރ. އަބްދުއްރަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް