ދ ކުޑަހުވަދޫގައި ކަރަންޓު ދެމުން ދިޔަ ޖަނަރެޓަރެއް ހަލާކުވެ ކަރަންޓުގެ މައްސަލަ ކުރިމަތިވެ ރައްޔިތުންނަށް ދަތިތަކަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.
ކުޑަހުވަދޫ ކައުންސިލުގެ ރައީސް އަހުމަދު ޝާމް 'ސަން' އަށް ވިދާޅުވީ މިއަދު ހަވީރުވެސް ކުޑަހުވަދޫއިން މުޅިރަށުން ކަރަންޓު ގޮސްފައިވާ ކަމަށެވެ.
މައްސަލަ ދިމާވެގެން އުޅެނީ އެރަށުގެ ކަރަންޓު ދޭ އެއް ޖެނެރޭޓަރު ހަލާކުވުމުން ކަމަށް ޝާމް ވިދާޅުވި އެވެ. ކުޑަހުވަދޫގެ 500 އަށް ވުރެ ގެޔަށް ޖުމްލަ 1200 މެގަވޯޓުގެ ޖެނެރޭޓަރު ބޭނުންވާއިރު މިހާރު އެރަށުގައި ހުރި ޖެނެރޭޓަރުން ފޯރުކޮށްދެވެނީ 700 މެގަވޯޓުގެ ކަރަންޓު ކަމަށް ޝާމް ވިދާޅުވި އެވެ.
"ލޯޑު ބޮޑުވެ މިއަދު ހަވީރު މުޅި ރަށުން ކަރަންޓު ދިޔަ. މިހާރުވެސް ހުރީ އެއްބައި ސަރަހައްދުން ކަރަންޓު ކަނޑާލާފައި. ކޮންމެ ދުވަހަކުވެސް ދެ އިރަކަށް ކަރަންޓު ކަނޑާލަން ޖެހޭ." ކުޑަހުވަދޫ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
ވަގުތީ ގޮތުން އެމައްސަލަ ހައްލުވާނެ ކަމަށް ފެނަކައިން ބުނެފައިވަނީ ފެށޭ ހަފްތާގައި ކަމަށް ޝާމް ވިދާޅުވި އެވެ. ނަމަވެސް ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނީ އާ ޖެނެރޭޓަރެއް ލިބިގެން ކަމަށް ޝާމް ވިދާޅުވި އެވެ.
ކުޑަހުވަދޫގައި 3200 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.