ފަންޑު ނުލިބިގެން ކިންގް ސަލްމާން މިސްކިތުގެ ޕްލޭން ވަނީ ބަދަލުކޮށްފައި

ކިންގް ސަލްމާން މިސްކިތުގެ ޕްލޭނަށް ގެނައި ބަދަލު ---

ސައުދީ ސަރުކާރުގެ އެހީގައި މާލޭގެ އިރުމަތީ ފަރާތުގައި އަޅާ ކިންގް ސަލްމާން މިނިސްކިތުގެ ޕްލޭނަށް ވާނީ ބަދަލު ގެނެސްފައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ލޯންޗު ކުރި އިރު ދެއްކި ޑިޒައިން ފޮޓޯ އާއި މިސްކިތުގެ މަސައްކަތް ނިމެމުންދާއިރު ފެންނަ މަންޒަރާ ތަފާތުކަމަށް ބުނެ ސޯޝަލް މިޑިއާގައި ދަނީ ފާޑުކިޔަމުން އެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި އެ މަސައްކަތް ފެށުނު އިރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވީ ޕްރޮޖެކްޓުގެ ޕްލޭނަށް ބަދަލު ގެނެސްފައިވާ ކަމަށާއި ޕްލޭނަށް ބަދަލު ގެންނަން ޖެހުނީ ބަޖެޓުގެ މައްސަލަ ދިމާވުމުން ކަމަށެވެ.

"ކިންގް ސަލްމާން" މިސްކިތުގެ ފުރަތަމަ ކޮންސެޕްޓް ޑިޒައިން--

އޭރުގެ ސަރުކާރުން ކުރިން ބުނެފައި ވަނީ މިސްކިތަކީ ސައުދީގެ ރަސްގެފާނު، ކިންގް ސަލްމާނުގެ ހަދިޔާ އެއް ކަމަށެވެ. ނަމަވެސް ސަން އޮންލައިންގެ "50 މިނެޓު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ މިސްކިތު ޕްރޮޖެކްޓަށް ސައުދީ އިން ދިނީ 14.5 މިލިއަން ޑޮލަރު ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓަށް އެންމެ ފުރަތަމަ ބިޑް ހުށަހެޅި އިރު އަގުތައް ހުރީ 70 މިލިއަން ޑޮލަރުން މަތީގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެ އަގު މާބޮޑުވީމާ، އޭރު ރައީސް އޮފީހުގައި އޮތް މިނިސްޓީރިއަލް ކޮމެޓީ އަކުން އެންގީ ޕްރޮޖެކްޓުގެ އެންމެ ބޮޑު އަގަކަށް ވާންޖެހޭނީ 25 މިލިއަން ޑޮލަރު ކަމަށް. އެހެންވީމާ 70 މިލިއަން ޑޮލަރުގެ ބިޑުތައް އައި ކޮންސެޕްޓު ޖެހުނީ ބަދަލު ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

ކޮންސެޕްޓަށް ގެނައި މައިގަނޑު ބަދަލަކީ އޭރު ހަތް ބުރިއަށް އިމާރާތް ކުރަން އޮތް މިސްކިތުގެ ކޮންސެޕްޓު ހަ ބުރިއަށް ބަދަލު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މައިގަނޑު ކޮންސެޕްޓުގައި ހިމެނޭ 10،000 މީހުންގެ ނަމާދު ކުރުމުގެ ޖާގަ އާއި އިސްލާމިކް ލައިބްރަރީ، ކޮންވެންޝަން ހޯލު ފަދަ ތަންތަން ހުންނާނެ ބަދަލު ގެނައި ކަމުގައި ވިޔަސް،" މުއިއްޒު ވިދާޅުވި އެވެ.

"ކުރިން އަޅުގަނޑުމެންނަށް އެނގިފައި އޮތީ ސައުދީ އިން އެ ޕްރޮޖެކްޓަށް 16 މިލިއަން ޑޮލަރު ދޭނެ ކަމަށް. އެކަމަކު ދިނީ 14.5 މިލިއަން ޑޮލަރު. ބާކީ ފައިސާ ހަމަޖެއްސީ ފިނޭންސް މިނިސްޓްރީ އިން،" 25 މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓަށްވާ ބާކީ ފައިސާ ދިވެހި ސަރުކާރުން ހަމަޖެއްސީ ކަމަށް ވިދާޅުވަމުން މުއިއްޒު ވިދާޅުވި އެވެ.

ކިންގް ސަލްމާން މިސްކިތް އަޅަނީ އާޓިފިޝަލް ބީޗްގެ އުތުރަށް އޮތް ބިމުގަ އެވެ. އަދި 41500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ މިސްކިތުގައި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

comment ކޮމެންޓް