ވައްވަރު ދެން ލިބުނަސް އަލުން ލެބް ހިންގުމާ މެދު އުގެއިލް ނާއުންމީދުގައި

50 މިނެޓް ޕްރަގްރާމަށް އުގެއިލް ޢީންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާތައް ކުރަން ކޮރަލިއަން ލެބްގެ ނަމުގައި ޅ. ވައްވަރުގައި، ޕްރޮފެސާ ހަސަން އުގެއިލް ހިންގަވަމުން ގެންދެވި ލެބްގެ މަސައްކަތް ކުރިން ހިންގަމުން ދިޔަ ގޮތަށް ދެން އަލުން ހިންގޭނެހެން ހީނުވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ކޮރަލިއަން ލެބް ހުޅުވީ 2013 ވަނަ އަހަރު އެެވެ. އެ ލެބް ހިންގަން ސަރުކާރުން ވައްވަރު ދޫކުރީ 21 އަހަރުގެ މުއްދަތަކަށެވެ. އެ ލެބު ހުއްޓާލައި، ޅ. ވައްވަރު އަލުން ހަވާލުކުރަން ސަރުކާރުން އެންގީ މެއި 2017 ގައެވެ.

ސަން އޮންލައިންގެ "50 މިނެޓް" ޕްރޮގްރާމުގައި ޕްރޮފެސަރު އުގެއިލް ވިދާޅުވީ އޭނާ އަތުން އެ ރަށް އަތުލީ ވަރަށް "ނޭއްގާނީކޮށް" ކަމަށެވެ.

"އެ މަސައްކަތް އޭރު ސަރުކާރުން ހުއްޓުވާލީ. ވަރަށް ނޭއްގާނީ ގޮތަކަށް، އަޅުގަނޑުމެން އަތުން އަތުލީ. ގަވައިދާ ގާނޫނާ ހިލާފަށް އަތުލީ. އެއީ އެކަންތައް ވީ ގޮތަކީ،" އުގެއިލް ކިޔައިދެއްވިއެވެ.

ޕްރޮފެސާ އުގެއިލްއަށް ދޫކޮށްފައި އޮތް ޅ. ވައްވަރު --

އައްޑުއަތޮޅަށް ނިސްބަތްވާ ޕްރޮފެސަރު ވިދާޅުވި ގޮތުގައި، ވައްވަރު އަތުލީ ވަރަށް ތާކުންތާކުން ނުޖެހޭ މައްސަލައެއްގައެވެ. އެއީ އީމެއިލް މެދުވެރިކޮށް ހުށަހަޅަމުން އައި ރިޕޯޓުތަކެއް، ހާޑް ކޮޕީގެ ގޮތުގައި ހުށަނާޅާ ކަމަށް ބުނެއެވެ.

އެ ރަށުގައި ކުރަމުން އައި މަސައްކަތަކީ ދުނިޔޭގެ ފެންވަރުގައި ކުރަމުން އައި މަސައްކަތެއް ކަމަށާއި އެއީ ރާއްޖެއަށް މުހިންމު މަސައްކަތްތަކެއް ކަމަށް އުގެއިލް ވިދާޅުވިއެވެ. އެހެންކަމުން، ރަށް އަތުލުމުން ވަރަށް ދެރަވި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރަލިއިން ލެބާ މެދު އުގެއިލް ވަރަށް ފޮނި ތަސައްވަރެއް ގެންގުޅުއްވިއެވެ. އޭނާ ބޭނުންފުޅުވީ، މުރަކަ ދިރާސާކުރުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަނަކަށް އެތަން ހެދުމަށެވެ.

"ވިހި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ބޭނުންވީ ކޮރާލިއަން ލެބްއޭ ބުނީމާ ދުނިޔޭގައި ކޮރަލް ދިރާސާ ކުރާ، މުރަކަ ދިރާސާ ކުރާ ކޮންމެ ފުންނާބު އުސް ބޭފުޅަކަށްވެސް 'ތިއީ ދިވެހިރާއްޖޭގައި ހުންނަ ތެނެކޭ، ތިމަންނަ ދަންނަމޭ ތިތަން. ތިއީ ވަރަށް ފުންނާބު އުސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ތެނެކޭ' ބުނާ ވަރު ކުރަން،" އުގެއިލް ވިދާޅުވިއެވެ.

ޕްރޮފެސާ އުގެއިލްއަށް ދޫކޮށްފައި އޮތް ޅ. ވައްވަރު --

އެ ރަށަކީ ބޭރު މީހެއްގެ އަތުން އެއް މިލިއަން ޑޮލަރު ހޯދައިގެން ހިންގި މަސައްކަތެއް ކަމަށް އުގެއިލް ވިދާޅުވިއެވެ. މިހާރުގެ ސަރުކާރުން އެ ރަށް ދެވިދާނެ ކަމަށް ބުނާ ނަމަވެސް، ޕްރޮޖެކްޓަށް ބޭނުންވާ ފަންޑުތައް މިހާރު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"އެ މަސައްކަތް އަޅުގަނޑަށް ނޭނގެ އޭގެ ޒާތުގައި އެގޮތަށް ކުރެވޭނެ ކަމެއްވެސް،" އުގެއިލް ވިދާޅުވިއެވެެ. "އަދި އޭތި ކުރިއަށްދާ ހިސާބެއްގައެއް ނޫން އޮތީކީ މިހާރު އޮތް ގޮތުން. ދެން އަޅުގަނޑުމެން ދާން ޖެހޭނީ އިތުރު ވިސްނުމަކަށް،"

ވައްވަރުގައި ހުރި ކޮރަލިއަން ލެބަކީ ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ހުރި ތަނެކެވެ. އެތަނަކީ ދުނިޔޭގެ އެކި ކަންކޮޅުގައި ތިބި މާހިރުން އައިސް ދިރާސާ ކުރަން ހުޅުވާލާފައި އޮތް ތަނެކެވެ. އެތަނުގައި ބޭނުން މުރަކަ ދިރާސާ ކުރާ ބޭރުގެ އެތައް މާހިރުންނެއް ހިފިއެވެ.

ކޮރަލިއަން ލެބުގައި ހުރި ބައެއް ވަސީލަތްތައް --

އެ ލެބާ ގުޅިފައިވާ ބޭރުގެ ފަރާތްތަކުގެ ތެރޭގައި ނިއުކާސަލް ޔުނިވާސިޓީ، ރީފް ޗެކް އިޓާލިއާ، ވުޑްސް ހޯލް އޯޝެނޯގްރެފިކް އިންސްޓިޓިއުޓް އަދި ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޯގްރަފީ ހިމެނެއެވެ.

އެ ރަށުގެ ފަޅު ތެރޭގައި މުރަކަ އިންދަން ތިން ޒޯނެއް ލެބުން އޮތީ ކަނޑައަޅައިފައެވެ. އެއީ މުރަކަ ނަގާ ޒޯނަކާއި، މުރަކަ ނުނެގޭނެ ޒޯނަކާއި، މުރަކަ ނަގައި ތަހުލީލުކޮށް އިންދޭނެ ޒޯނެކެވެ.

comment ކޮމެންޓް