ކުރީގެ މެމްބަރުންނަށް ބޮޑެތި އިނާޔަތްތައް ދޭ ބިލަށް ތާއީދު ކުރަން: އަދުރޭ

އަދުރޭ: މަޖިލިސް މެމްބަރުންނަށް އިތުރު އިނާޔަތް ދިނުމަށް އަދުރޭ ތާއީދު ކުރޭ ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ މަޖިލިސް މެމްބަރުންނާއި އެ މެމްބަރުންގެ އާއިލާއަށް ބޮޑެތި އިނާޔަތްތައް ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އޭނާ ތާއީދު ކުރައްވާކަމަށް ފޮނަދޫ ދާއިރާގެ މަޖިލިސް އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި އެ ދާއިރާގެ މިހާރުގެވެސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ދޭން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ދެ ބިލެއް މަޖިލީހަށް މިދިޔަ ހޯމަ ދުވަހު ހުށަހެއްޅުވީ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދެވެ. އެ ދެބިލަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.

މިއަދު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އިން އެ ކޯލިޝަންގެ އޮފީހުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ވަގުތީ ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ އަދުރޭ ވިދާޅުވީ، އެއީ ނުކުރެވޭނެ ކަމެއް ކަމަށް އެނާ ގަބޫލުނުކުރައްވާ ކަމަށާއި އެ ބިލަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެ ބިލަށް ތާއީދު ކުރެއްވުމުގައި ގޮތެއް ނިންމަވާނީ، އެ ކޯލިޝަންގެ ޕާލަމެންޓަރީ ގުރޫޕުން ކަމަށާއި އެ ގްރޫޕުން ނިންމާ ނިންމުމަކަށް އޭނާ އަމަލު ކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ޕީޖީ އިން ގޮތަކަށް ނިންމީމާ އެގޮތަށް ތާއީދު ކުރާނަން. އަޅުގަނޑުގެ އަމިއްލަ ވިސްނުމަކީ، އެ އިނާޔަތް ދިނުމަކީ އެންމެ ރަނގަޅުކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އެ އިސްލާހު ފާސްވެއްޖެ ނަމަ އެ އިނާޔަތްތައް ލިބިވަޑައިގަންނާވާނެ ބޭފުޅެއް ކަމަށްވާ އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ރައީސުލު ޖުމްހޫރިއްޔާ އަދި ނައިބު ރައީސް ކަން ކުރައްވާ ބޭފުޅުންނަށް އިނާތް ލިބޭނަމަ މެމްބަރުންނަށް އިނާޔަތްތައް ލިބުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި މެމްބަރުންގެ އިނާޔަތްތައް ކަނޑާލުމަކީ ވެސް އޭނާ އެއާ ދެކޮޅަށް ތެދެވާނެ ކަމެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.

https://sun.mv/118379

ސަރުކާރުގެ އެހެން މަގާމުތައް ފުރުއްވަވާ ރައްޔިތުންނަށް އެފަދަ ބޮޑެތި އިނާޔަތްތައް ނުލިބޭ ކަމަށް ދައްކާ ވާހަކަތައްކަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ، ސަރުކާރުގެ އެހެން މަގާމުތަކާއި ރައްޔިތުންގެ މަޖިލިސް މެމްބަރުންނަކީ ތަފާތު ދެ މަގާމެއް ކަމަށެވެ.

"ސަރުކާރު އެހެން މަގާމުތަކަކީ، އެމީހާ ހޯދާ ތައުލީމަކުން ނުވަތަ ސެޓްފިކެޓަކުން ނުވަތަ އޭނާ ކުރާ މަސައްކަތަކުން އޭނާ ހޯދާ މަގާމެއް. އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލިސް މެމްބަރުކަމަކީ، ރައްޔިތުން އިންތިހާބު ކޮށްގެން ފޮނުވާ މަގާމެއް،" އަދުރޭ ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހެއްޅުއްވި އެ އިސްލާހުތަކަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އެ ބިލަށް އެމްޑީޕީން ނެރުއްވާނީ "ރަތް ވިޕްލައިން" ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން އެ އިސްލާހާ ދެކޮޅު ހައްދާއިރު، 65 މެމްބަރުން އިންތިހާބުވި އެމްޑީޕީން އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދެއްވާ އިނާޔަތްތައް ކަނޑާލުމަށް ކެރިވަޑައިގަންވާނެތޯ އަދުރޭ ސުވާލު ކުރެއްވިއެވެ.

"ހަތަރު ލައްކައެއްހާ ރުފިޔާ މަހަކު އެބަ ހަރަދުކުރޭ [ރައީސް ނަޝިދުގެ އިނާޔަތްތަކަށް] ނުވަތަ މަޖިލީހަށް ވަޑައިގަންނަވާ ގޮތަށް މެމްމަބަރުންގެ މުސާރަ 7،000 ރުފިޔާއަށް ބަދަލު ކުރައްވަންވީ ނޫންތޯ. ބޭރުގައި ތިބޭއިރު ވަރަށް ގިނަ ވާހަކަތައް ދައްކާނެ. އެތެރެއަށް ވަނީމަ ކޮންމެ ބަޔަކުވެސް ބަލާނީ އެބަޔަކަށް ހޯދެން އޮތް އެއްޗެއް ހޯދޭތޯ. މީއީ ކަން ހިނގާ އުސޫލު،" އެވަރުގެ ބޮޑެތި އިނާޔަތްތައް މެމްބަރުކަން ކުރެއްވި މެމްބަރުންނަށް ލިބެންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ ސުވާލު ކުރުމުން އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަގުވައްޓާލުމަށް ފަހަކަށް އައިސް ވަރަށް ގިނަ މަސައްކަތް ވަރަށް ގިނަ ފަރާތްތަކުން ކުރަމުންދާ ކަމަށާއި މެމްބަރުންގެ މަސައްކަތްތައް މެމްބަރުންނަށް ފާޑުވިދާޅުވާ ފަރާތްތަކަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ ތަޅުމުގައި ކުރާ މަސައްކަތައް ވުރެ ކޮމިޓީގައި ކުރާ މަސައްކަތް ބޮޑު ކަމަށް އަދުރޭ ވިދާޅުވިއެވެ.

https://sun.mv/118410

ރައްޔިންތުންގެ މަޖިލިސް އިމްތިޔާޒުގެ ގާނޫނަށް ހުށަހެޅި ބައެއް އިސްލާހުގެ ތެރޭގައި މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބިދޭން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރުން ހިމެނެއެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބޭނީ ހަމައެކަނި މެމްބަރުކަން ކުރި މީހަކަށެވެ. އާއިލާގެ މީހަކަށް ނުލިބޭނެ އެވެ.

އޭގެ އިތުރުން މެމްބަރުކަން ކުރި މީހުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް މެމްބަރުކަން ކުރި މީހާއަށާއި އެމީހާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް ބަދަލު ގެންނަން ވެސް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.

comment ކޮމެންޓް