މަމެން އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް: 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ގާޒީ ސްކޫލަށް

މަމެން އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަން ތަށި ގާޒީ ސްކޫލުން އުފުލައިލަނީ --- ފޮޓޯ/ އެފްއޭއެމް

ފައިނަލުގައި ޕެނަލްޓީ ޝޫޓުން ކުރި ހޯދައި، ޅ. އަތޮޅު ތައުލީމީ މަރުކަޒު ބަލި ކުރުމަށް ފަހު "މަމެން" އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ގާޒީ ސްކޫލް ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ވެސް ވަނީ ދެ ލަނޑު ޖަހައިފައެވެ. އެއަށް ފަހު ނަތީޖާ ނެރުމަށް ޕެނަލްޓީ ޝޫޓަކަށް ގޮސްފައިވާ އިރު 4-5 ގެ ނަތީޖާއަކުން އެ ޕެނަލްޓީ ޝޫޓް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގާޒީ ސްކޫލުންނެވެ.

މަމެން އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަން ތަށި ގާޒީ ސްކޫލުން އުފުލައިލަނީ --- ފޮޓޯ/ އެފްއޭއެމް

ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހުނަރުވެރި މޮޅު ކުޅުމެއް ފެނިގެން ގޮސްފައި ވެއެވެ. ފަހު ވަގުތު ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ދެ ޓީމުގެ ކުޅުންތެރީން ދެއްކި ހިތްވަރަކީ ފުޓުބޯޅައިގެ ރަނގަޅު ޖީލެއް ބިނާ ވަމުން އަންނަ ކަމުގެ އަލިގަދަ ހެތްކެކެވެ.

ރޭ ކުޅުނު އެ މެޗުގައި ފުރަތަމައަށް ގޯލު ޖަހައި ލީޑު ނެގީ ޅ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. މެޗު ފެށިގެން އެންމެ ހަތަރުވަނަ މިނެޓުގައި އަބްދުﷲ އަރީން ޖަހައި ދިން އެ ގޯލާ އެކު ގާޒީ ސުކޫލުން ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރު ކުރާން ފެށިއެވެ.

އެގޮތުގައި މާ ގިނަ އިރުތަކެއް ނުވަނީސް ގޯލެއް ޖަހައި ގާޒީ ސްކޫލުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށް ދިނީ މުހައްމަދު އައިހަމް އިބްރާހިމް އެވެ. ފުރަތަމަ ހާފު އެ ނަތީޖާގައި އޮވެ ނިންމައިލި އިރު ދެވަނަ ހާފު ފެށިގެން ކުރީ ކޮޅު ގާޒީ ސްކޫލުން ގޯލެއް ޖަހައި ލީޑު ނެގި އެވެ.

ޔޫސުފް އަރްސަމް ގެ އެ ގޯލާ އެކު ޅ. އަތޮޅު ތައުލީމީ މަރުކަޒުން ޓީމު ކުރިއަށް ޖައްސައި ގޯލެއް ޖަހާން މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އަލީ އަފްޒާންގެ ހިތްގައިމު ގޯލަކާ އެކު ޅ. އަތޮޅު ތައުލީމީ މަރުކަޒުން އަނެއްކާ ވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ގާޒީ ސްކޫލުގެ ފަސް ޕެނަލްޓީ ކާމިޔާބުކޮށް ދިނީ އަހްމަދު އަރީން މުހައްމަދާއި މުހައްމަދު ރާއީ އަހުމަދާއި އަހްމަދު ސިރާހާއި މުހައްމަދު އައިހަމް އިބްރާހީމް އާއި އަފްހާމް އިބްރާހީމް މުހައްމަދެވެ. ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕެނަލްޓީތައް ކާމިޔާބުކޮށް ދިނީ އަބްދުﷲ އަޒާން އަހުމަދާއި އަލީ އަފްޒާން އިބްރާހީމާއި އަބްދުﷲ މިސްއާލް މުހައްމަދު އާއި އަހްމަދު އަލާން އާދަމެވެ.

މެޗަށް ފަހު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމާއި ވަނަވަނަތައް ހޯދި ކުޅުންތެރީންނާއި ކޯޗުންނަށް ވަނީ އިނާމު ހަވާލު ކޮށްފައެވެ. ޓީމުތަކާއި ކުޅުންތެރީންނާއި ކޯޗުންނަށް އިނާމުތައް ހަވާލުކޮށްދެއްވާފައިވަނީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ތައުލީމާ ބެހޭ ވަޒީރު ޑރ. އާއިޝަތު އަލީ އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މުބާރާތުގެ ޑްރީމް ޓީމް:

އަލީ އަފްޒާން (ޅ. އެޑިއުކޭޝަން ސެންޓަރު)، މުހައްމަދު އައިހަމް އިބްރާހިމް (ގާޒީ ސްކޫލް)، ޔޫސުފް އައިޝް މުހައްމަދު (އިސްކަންދަރު)، މުހައްމަދު އައިމަން އަލީ (ރެހެންދި ސްކޫލް)، އަބްދުﷲ މިސާލް މުހައްމަދު (ޅ. އެޑިއުކޭޝަން ސެންޓަރު)، ހުސައިން ޖަނާހް (ހިރިޔާ ސްކޫލް)، އާޔަން މުހައްމަދު (ރެހެންދި ސްކޫލް)، ހުސައިން ނާވީ (އިސްކަންދަރު)، އަބްދުﷲ ނަބާހް އަހަމަދު (ދަރުމަވަންތަ)، މުހައްމަދު އުނައިސް (ގާޒީ ސްކޫލް).

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައި ވަނީ ގާޒީ ސްކޫލްގެ އާރިޒް ބިން ޝާހިދު އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހާފައި ވަނީ އެ ސުކޫލުގެ ޔޫސުފް އަބްސަމް މުހައްމަދު ރަޝީދް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހިރިޔާ ސްކޫލުގެ ކޯޗު އަބްދުﷲ ހަމީދު މުހައްމަދު އެވެ.

ތިން އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަމެން އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް ކާމިޔާބު ކަމާ އެކު ރޭ ނިންމާލާފައިވާ އިރު ފުރަތަމައަށް ކުޅުނީ 15 އަހަރުން ދަށުގެ މުބާރާތެވެ. އެ މުބާރާތް ހިރިޔާ ސްކޫލުން ކާމިޔާބު ކުރި އިރު 18 އަހަރުން ދަށުގެ މުބާރާތް ކާމިޔާބު ކުރީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުންނެވެ.

comment ކޮމެންޓް