މުޅި ދުނިޔެއިން ސްރީލަންކާއަށް ހަމްދަރްދީ ފާޅުކުރަނީ

ކޮލަންބޯ (އެޕްރީލް 22) : ސްރީލަންކާގެ ބައެއް ފައްޅިތަކާއި ލަގްޒަރީ ހޮޓާތަކާ އެނޫންވެސް ބައެއް ތަންތަނަށް ސިލްސިލާ ގޮތެއްގައި އިއްޔެ ދިން ދިން ޓެރަރިސްޓް ޙަމަލާތައް ބައިނަލްއަގްވާމީ މުޖްތަމައުން ވަރަށް ބޮޑަށް ކުށްވެރިކޮށް އެގައުމަށް ހަމްދަރްދީ ފާޅުކޮށް މެސެޖްތައް ފޮނުވައިފިއެވެ.

ސްރީލަންކާއަށް ދިން ޓެރަރިސްޓް ޙަމަލާތައް ކުށްވެރިކޮށް ބަޔާންތައް ނެރުއްވި ދުނިޔޭގެ ލީޑަރުންގެ ތެރޭގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގްޓެރަސް އާއި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހްމަދުލްޢުޘައިމީން އާއި މިސްރުގެ ޝައިޚްއަލްއަޒްހަރު ޑރ. އަހްމަދުއްތައްޔިބު އާއި ސާކް ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އައްބާސް ބަޝީރާއި ޔޫރަޕިޔަން ކޮމިޝަންގެ ރައީސް ޖީންކްލައުޑް ޔުންކާ ހިމެނިވަޑައިގަންނަވައެވެ.

ސްރީލަންކާއަށް ދިން ޙަމަލާތައް ކުށްވެރިކޮށް ބަޔާންތައް ނެރުނު ގައުމުތަކުގެތެރޭގައި އިންޑިޔާ، އޮސްޓްރޭލިޔާ، މެލޭޝިޔާ، ދިވެރިރާއްޖެ، ޕާކިސްތާން، އިންޑޮނީޝިޔާ، ޗައިނާ، ރަޝިޔާ، ނޭޕާލް، ބޫޓާން، އަފްޣާނިސްތާން، ސިންގަޕޫރު، ތުރުކީ، މިސްރު، އީރާން، ކެނެޑާ، އިންޑޮނީޝިޔާ، މިޔަންމާ، ބްރަޒީލް، އިނގިރޭސިވިލާތް، ޖަރުމަނު، ޖަޕާން، އެމެރިކާ އަދި ފަރަންސޭސިވިލާތް އަދި މިނޫންވެސް ގައުމުތައް ހިމެނެއެވެ.

ތުރުކީގެ ރިޔާސަތުން ވަނީ، ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ސްރީލަންކާގެ ރައިސް މައިތިރި ޕަލަ ސިރިސޭނާއަށް ހަމްދަރްދީގެ މެސެޖެއް ފޮނުއްވިކަން ހާމަކޮށްފައެވެ. އެ މެސެޖްގައި ސްރީލަންކާއަށް ދިން ޓެރަރިސްޓް ޙަމަލާތަކަކީ މުޅި އިންސާނިއްޔަތަށް ދިން ހަމަލާތަކެއްކަމަށާ މި ޚުތޫރަތްތެރި ދަނޑިވަޅުގައި ތުރުކީގެ ސަރުކާރާއި ރައްޔިތުން ތިބީ ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނާ އެކުގައި ކަން އުރުދުޣާން ބަޔާން ކުރައްވާފައިވާ ކަމަށް ތުރުކީގެ ރިޔާސަތުން ބުނެއެވެ.

އީރާނުގެ ރިޔާސަތުން ބުނީ ޓެރިޒަމަކީ ދީނެއް ގައުމިއްޔަތެއް އަދި އިންސާނިއްޔަތު ކަމެއްނެތް ވަބާއެއް ކަމަށާ އެއީ އިންސާނިއްޔަތަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މުސީބާތް ކަމުގައެވެ. އީޜާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމަށްޓަކައި ސްރީލަންކާއަށް އީރާން އަބަދުވެސް ވާގިވެރިވާނެ ކަމަށް ވިދާޅުވެ ސްރީލަންކާގެ ސަރުކާރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތައް ކުށްވެރި ކުރައްވައި އެގައުމަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުށަހަޅުއްވާފައެވެ. ޔޫރަޕިޔަން ކައުންސިލްގެ ރައީސް ޖީން ކްލައުޑް ޔުންކަރ ވަނީ ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތައް ކުށްވެރިކުރައްވައި މަރުވެދިޔަ މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ ސްރީލަންކާގެ ލީޑަރުންނަށް މެސެޖެއް ފޮނުއްވާފައެވެ.

މީގެއިތުރުން ދުނިޔޭގެ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުގެ އިސްވެރިންވެސް ވަނީ ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތައް ކުށްވެރި ކުރައްވައި އެގައުމުގެ ރައްޔިތުންނަށް ހަމްދަރްދީ ފާޅުކުރައްވައި ބަޔާންތައް ދެއްވާފައެވެ.

އިއްޔެ ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތައް އަމާޒުކުރި ސަރަހައްދުތަކުގެ ތެރޭގައި ކޮލަމްބޯ، ނިގަމްބޯ ، ބަޓިކޮލޯ، ދެހިވެލާ ، ނޮގޭގޮޑާ އަދި ޑެމަޓަގޮޑާ ހިމެނެއެވެ. ހަމަލާތައް އަމާޒުކުރި ހޮޓާތަކުގެ ތެރޭގައި ދަ ސިނަމަން ގްރޭންޑް ހޮޓަލާއި ކިންގްސް ބަރީ ހޮޓަލާއި ޝަންގްރިއްލާ ހޮޓާ ހިމެނެއެވެ. ހަމަލާތައް އަމާޒުކުރި ކްރިސްޓިޔަން ފައްޅިތަކުގެ ތެރޭގައި ސެއިންޓް އެންތަނީސް ޝްރައިން ފައްޅިއާއި އާއި ސެއިންޓް ސެބާސްޓިއަން ފައްޅި ހިމެނެއެވެ.

ސްރީލަންކާއަށް ދިން ޙަމަލާތަކުގައި 291 މީހުން މަރުވެފައިވާއިރު 450 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް