އެރެއިން ފެށިގެން ރައްޔިތުން އަމްރާންގެ މޫނު ދެކެން ވަންނަމުން ދިޔައެވެ. އެންމެންވެސް ވެރިޔާއަށް އެންމެފަހުގެ ވަދާއީ ސަލާމްކުރަން ބޭނުންވެފައިވާފަދައެވެ. ވާރޭ ތެރޭގައި ދިގު ކިއޫ ހަދާލާފައި ތިބިމީހުން ވަރުބަލިވެ ނިދި ތާއްޔާ ޖެހުނުއިރުވެސް އަމްރާންގެ މޫނު ނުދެކެ ގެއަށް ދާކަށް ޚިޔާލެއްނެތެވެ. އަޒިކިއަލް ބެލްކަނީގައި ހުރެ ސިގްރެޓެއް ރޯކޮށްލިއެވެ. އާޔާ ގޮސް އަޒިކިއަލް އަތުގައި ހިފަން އުޅުމުން ނުރުހުމާއެކު ދުރުކޮށްލިއެވެ. އާޔާ ލަދުގަތެވެ.

"ބިޗް......" އަޒިކިއަލް ކިޔާލައިފިއެވެ.

"ހައި...." އިޝްކަން އައިސް ހުއްޓުނެވެ. އަޒިކިއަލް ސިގްރެޓް ފުންކޮށް ދަމައިލުމަށްފަހު އިޝްކަން އެތާހުރިކަމަށް ހަދާނުލާ ދާން ހިގައިގަތެވެ. އަމްރާން ސަލާމަތްކުރުމުގައި ނުކުޅެދުމުން އަމިއްލަ ނަފުސް ކުށްވެރިކޮށް އެކަމުގެ ހިތާމައިގަކަމަށް ވެދާނެއެވެ. އަންހެނުންނާއި ދިމާލަށް އެހާ ހުތުރުކޮށް މުއާމަލާތުކުރުމުން މީހާގެ ހައިސިއްޔަތުވެސް އަންގާދީފިއެވެ. ވަރަށް "ރޫޑް" މީހެއްކަމަށް އިޝްކަން ނިންމިއެވެ. ޝާހީ އާއިލާއަކާއި ނުވެސް ގުޅޭނޫންހެއްޔެވެ؟ ނަމަވެސް މިޒަމާނުގެ ޝާހީ އާއިލާތަކުގެ ބަހުރުވަ ބޭފުޅުންގޮތަށް ކޮންމެހެން ހުންނާނެ ކަމަކަށްވެސް ނޫނެވެ. ޒަމާނާއިއެކު ޝާހީ އޮއިވަރުވެސް ބަދަލުވެއްޖެއެވެ. އިނގިރޭސި އެފަދަ ލަފުޒުތައް ބޭނުންކުރުމަކީ އެކުދިންގެ ތަހުޒީބެވެ. އަޒިކިއަލް އެހާ ތަބީއަތު ގޯސްވެފައި ހުއްޓާ އިޝްކަން ދެކުނީ އަލަށެވެ. ސީރިޔަސް މިޒާޖެއްގެ ސްމާޓް ޒުވާނެކެވެ. އިޝްކަން ހީކުރަނީ ވަރަށް ކޫލް މީހެއްކަމުގައެވެ. ނަމަވެސް ރުންކުރުކަން މިރޭ ދައްކުވާދީފިއެވެ.

އަޒްކިއަލް ރުޅިގަދަވެގެންގޮސް މޫނު ރަތްވެ އަލިފާންގަނޑަކަށްވިއެވެ. އެދިޔަ ބާރުމިނުގައިގޮސް ޒަހީންގެ މޫނުމައްޗަށް ދެތިން އެތިފަހަރު ވީއްލާލާއިރަށް ޒަހީންގެ ލޯމަތީ ކުދިކޮކާތައް ބުރައިލިއެވެ.

"ހައު ޑެއާ ޔޫ............" އަޒިކިއަލް ހަޅޭއްލަވައިގަތެވެ. "އައިލް ކިލް ޔޫ ބާ***"

"ކާމްޑައުން އަޒިކިއަލް......." ޒަހީން މޫނުގައި އަތުން ފިރުމައިލަމުން ކެތްކުރަން މަސައްކަތްކުރިއެވެ.

"ކަލޭ ލާވީގެ ގަޔަށް ބަޑިޖަހާ މަރައިލީ. ޔޫ ކިލްޑް ހިމް......." އަޒިކިއަލް ޒަހީންގެ ގަމީހުގެ ގޮށްފަތީގައި ހިފާ ދަމައިގަނެގެންގޮސް ފާރުގައި ޖެއްސިއެވެ. ކޮންމެވެސް މީހެއްގެ ހިލަންވިހެން ހީވިއެވެ. ޒަހީންގެ ތޫނު ކަންފަތަށް އެ އަޑު އިވުނެވެ.

"އަޒިކިއަލް. ޕްރެޒިޑެންޓް އަވަހާރަވީމަ ތިހިރީ އަދިވެސް ޝޮކްގައި ކަން އަހަންނަށް އެނގޭ. އަހަރެމެންގެ ލޯ ކުރިމަތީގައި މިކާލް ޝޫޓްކުރީ އޭނަ މާސްކްނެގީ އަހަރެމެން ތިއްބާ...ސޯ...."

އެމީހުންގެ މޫނަށް ފޯނުގެ އަލި އެޅުވީ އިޝްކަން ފިޔަވާ ދެވަނަ މީހެއް ނޫނެވެ.

ރޭގަނޑު ދިހަގަޑިބައިވީއިރު ލާވީ ރޮއިރޮއި ވަރުބަލިވެ އިޝްކަންގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތެވެ. ލާވީ ތުއްތުއިރުއްސުރެން އަމްރާންގެ މޭމަތީގައި އަތުތެރޭގައި ނިންދަވައިގެން ގެންގުޅުމަށްފަހު މިރޭ ލާވީއަށް އިހުސާސްކުރެވެނީ ބައްޕަ ވަކިވެއްޖެކަމެވެ. ކިތަންމެ ކުޑަކުއްޖަކަށްވިޔަސް އޭނައަށް އެކަން އިހުސާސްވެއްޖެއެވެ. ބައްޕަ ލާވީ ދޫކޮށްލާފައި ދުރަށް މާ ދުރަށް ހިގައްޖެކަމުގެ ބިރު އެކުޑަހިތް ރޫރޫއަޅުވާލައިފިއެވެ. ނިދުނުއިރުވެސް އަތުން ރޮބޮޓް ދޫކޮށެއްނުލިއެވެ. ނިދިފައި އޮތްއިރުވެސް ލާވިއަށް ގިސްލެވެމުން ދިޔަގޮތުން ދެކޭ މީހެއްގެ ހިތަށް ރަހުމްވަންނާނެއެވެ.

"ހީޒް ޓޯޓަލީ ބްރޯކެން...." ހަޔާތީ ލާވީގެ ގާތުގައި އޮށޯވެ ނިތުގައި ބޮސްދިނެވެ.

"އެ މޮންސްޓާއަށް ޝޭންވެސް ކުރިން ސަޕޯޓުކުރީމެއްނު. އެހެންވެ ދޮންތަ ބުނީ ތި އިސްލާމިކް ސްޓޭޓް މީހުން ދުވަހަކު ރަގަޅެއްނުވާނެއޭ. މީހުން މަރާ ހިތުން އެއްތާކު ދެފައި ނުޖެހިގެން މީހަކު މަރުވެއްޖެއްޔާ އުފަލުން ނުނިދިފައި ތިބޭބަޔެއް. ޝައުން މަރުވިރޭ އޭނަޖެހި ސްޓޭޓަސް އަދިވެސް ހިތުން ނުފިލާ. އެއީ ހަމަ ނުލަފާ ޑެވިލްއެއް...." ހަޔާތީ ލޮލުގައި އަނެއްކާ ކަރުނަ ގިނަވެގަތެވެ. ދެލޮލާއެކު މޫނުވެސް ދުޅައަރާފައެވެ. ޓިޝޫ ތަކުން ކައިރީ ހުރި ޑަސްބިން ފުރިއްޖެއެވެ.

"މިކާ ކަން ޔަގީންނުވަނީސް ދޮންތަ ތިހެން ބުނާކަށް ނުވާނެ....."

"ދުއިސައްތަ ޕަސެންޓް. ވިތްއައުޓް ޝެޑޯ އޮފް ޑައުޓް......" ހަޔާތީ ޔަގީންކަމާއެކު ބުނެލިއެވެ.

ހަޔާތީ ސިޑިން ފައިބައިގެން އައިއިރު އަޒިކިއަލްއައި ދިމާވުމުން ގޮވާލާފައި އޭނަ ގާތުން އެ ހާދިސާ ހިނގިގޮތް އޮޅުން ފިލުވާން ގަސްތުކޮށްފައިވެސް އެކަހަލަ މޫޑެއްނެތެވެ. ތަބީއަތު ގޯސްވެ މާޔޫސްވެފައިވާވަރުން މީހަކައި ވާހަކަދައްކާނެ ހިތްވަރެއް ނުކުރެވުނެވެ. މީހުން ގިނަކަމުން އެންމެ ލޯބިވާ އިންސާނާ ގާތުގައި އެންމެފަހު ވަގުތުތަކުގައި ހުންނަން ހިތް އެދި ގޮވާއިރު އެކަމަށްވެސް އޭނަވަނީ ނުކުޅެދިފައެވެ. ލޮލުން ފައިބާ ކަރުނަތައް މޫނު ފޮތިކޮޅުގެ ތެރޭ ފަރުދާވެފައިވާތީ އޭނަގެ މޫނަށް ވެރިވާ ކުލަވަރު ދެކެން ބޭނުންވެފައި ތިބި މީހުންނަށް އެ ނަސީބެއް ނުލިބުނެވެ. ހަޔާތީއަށް އެތަނުން ދަންނަ މޫނުތަކެއް ފާހަގަކުރެވުނެވެ. ޒީކްއާއި މިނާ ފެނުމުން ބަލައިލެވުނެވެ. އެދެމީހުން އައީ ތައުޒިޔާ ކިޔަންހެއްޔެވެ؟ އެވެސް ރަހުމަތްތެރިކަމުގެ ވައްތަރެކެވެ. ހާލުގައި ޖެހުނު ދުވަހު އޭނައާއި ވަކިވެފައި އަލުން އެމީހުންނަށް އޭނަ ފެނުނީ މޮޅުތަކެއް ލިބުނީމައެވެ. ތެދުވެރި ވަފާތެރި ރަހުމަތްތެރިއަކަށް ހުރީ ސަޖަލްއެކަނިއެވެ. ސަޖަލް މިދުވަސްކޮޅު އޭނަގެ މަންމަ ގޮވައިގެން ބޭހަށް އިންޑިއާގައިގޮސްފައި ނެތްނަމަ އެންމެ ކުރިން ހަޔާތީގެ ގާތުގައި ހިތްވަރުދޭން ހުންނާނެއެވެ. އޭނަގެ އިހުސާސްތައް ދަންނަ އެކުވެރިއަކީ ހަމައެކަނި ސަޖަލްއެވެ.

ސަޖަލްއަށް އެ ޚަބަރު ލިބުމާއެކު ހިނދުކޮޅެއް ލަސްވުމެއްނެތި ދަތުރުކުރުކޮށްލާފައި ޓިކެޓެއްލިބޭތޯ މަސައްކަތްކުރިއެވެ. އެކަމަކު އެދުވަހަށް މާލެ އާދެވޭނެގޮތެއް ނުވިއެވެ.

ސަޖަލް ހަޔާތީގެ ހިތާމައިގާ ބައިވެރިވެ އަސަރުގަދަ މެސެޖެއް އެފްބީގައި ޕޯސްޓްކުރިއެވެ.

އިޝްކަން ލާވީ އަތުގައި ހިފާލައިގެން ތިރިއަށް ދިޔައީ އަމްރާންގެ މޫނު އެންމެފަހު ފަހަރަށް ދައްކާލުމަށެވެ. ލާވީ ލައްވާ އޭނަގެ ބައްޕައަށް ވަދާއުގެ ސަލާމްކުރުވުމަށެވެ. އެމަންޒަރަކީ އުމުރަށް ލާވީގެ ހިތުން ނުފިލާ ހަރުލާނެ ހިތްދަތި ހަދާނަކަށްވިޔަސް ލާވީއަށް އަމްރާންގެ ފަހު ވަގުތު ދެއްކުމަކީ ކުރަންޖެހޭނެކަމެއް ކަމަށް އިޝްކަން ދެކުނެވެ. ލާވީ އުޅެނީ އަތުން ރޮބޮޓްވެސް ދޫކޮށްނުލެވިގެންނެވެ. ވާނުވާ ޔަގީން ނުވިޔަސް ބޮޑުކަމެއްވެ ޑެޑީއަށް "ހާޓް" ވެއްޖެކަން ލާވީ ދެނެގަތެވެ.

"ގިވް ޔޯ ޑެޑީ އެ ކިސް....." އިޝްކަން ލާވީ އުފުލާލާފައި މަގަތުގައި ބޭންދިއެވެ.

ލާވީ ބަލައިލިއިރު އަމްރާން އޮތީ ނިދާފައެވެ. ލާވީގެ ތުއްތު އަތުން މަޑުމަޑުން މޫނުގައި ފިރުމައިލިއެވެ.

"ޑެޑީ. ވޭކްއަޕް...ޑެޑީ..." ލާވީ އެދުނެވެ.

"ޑެޑީ؟ " އެވަރަށް މޫނުގައި ދެއަތުން ހިފާފައި އެދުމުންވެސް ޑެޑީ ހޭނުލުމުން ލާވީ ކަންތައް ބޮޑުވެގެން އިޝްކަންގެ މޫނަށްވެސް ބަލާލައިފިއެވެ.

ލާވީ ގޮވާ ގޮވާ ލޯ ނުހުޅުވުމުން ގުދުވެ އަމްރާންގެ މޫނުގައި ބޮސްދީފައި ލޯބިވާ ވާހަކަ ތަކުރާރުކޮށް ބުނެލިއެވެ. ލާވީ ހާސްވެގެން އަމްރާންގެ މޫނުގައި ހިފާ ކުޑަކޮށް ތަޅުވާންފެށިއެވެ. ކައިރީގައި އޮށޯވެލިއެވެ. އޭރު ލާވީގެ ލޮލުގައި ކަރުނައިގެ މުތީތަކެވެ. އުމުރުން ކިތަންމެ ޅަވިޔަސް ލާވީއަށް ވިސްނެނީއެވެ. ކާޓޫނުތައް ބެލުމުން އެނގޭނެ ނޫންހެއްޔެވެ. ލޯ ހުޅުވަން މަސައްކަތްކުރަން އުޅުމުން އިޝްކަން ލާވީ އުފުލާލާފައި ކޮނޑަށްލާން އުޅުމުން ގަދަ ދައްކާ ވީއްލިގަންނަން އުޅުނެވެ. އިޝްކަންގެ އަތުތެރޭ ބާރެއް ނުދެއްކުމުން ނާކާމިޔާބުވެ ލާވީއަށް ރޮވިއްޖެއެވެ. އޭނަ ޑެޑީއާއި ދުރަށް ގެންދަން އުޅެނީ ކީއްވެހެއްޔެވެ.

"ޑެޑީ....." ލާވީގެ ހިތްހަލާކުވެފައިވާ ރުއިމުގެ އަޑު އެތަނުގެ ހިމޭންކަން މުގުރާލާ ތަނުގައި ގުގުމައިލިއެވެ. ލާވީގެ ރުއިމުން އެހެން މީހުންގެ ލޯތައްވެސް ކަރުނައިން ތެންމުވާލިއެވެ. ތިރިއަށް އައިސް އައިސް ހުރި ހަޔާތީއަށް ނަފުސް ކޮންޓްރޯލް ނުކުރެވި ގިސްލުމާއިއެކު ސިޑިބަރީގެ ފަހު ފަތްތަރުމަތީގައި އިށީދެވިއްޖެއެވެ. ކަކުލުގައި ބޯ ޖައްސާލެވުނެވެ. އޭނަގެ ދަރިފުޅުގެ އެ ވޭނީ ރުއިމުން ހިތަށް ކުރި އަސަރުތަކާއި މި ބޮޑު ހިތާމައިގެ ސަބަބުން ކެތްތެރިކަން ކޮޅުންލާ ވޭނުގައި ޣަރަގުވެ އޭނަވެސް ނިމިގެންދާނެ ނަމައޭ ހިތަށް އެރިއެވެ. ލާވީގެ ރުއިމުގެ އަޑު އަހާކަށް ކުޅަދާނައެއް ނުވިއެވެ. ދަރިފުޅު ހުއްޓުވާނެގޮތެއްވެސް ނުވިސްނުނެވެ. ލާވީ ރޮނީއެވެ. އެއަޑު ގޭތެރޭގައި ހަރުލިއެވެ. އިޝްކަން އާއި އެހެން މީހުންވެސް ދަރިފުޅު މަސަލަސްކުރަން އުޅޭއިރު ހިތަކަށްވެސް ނާރައެވެ. މިއީ ލާވީ ދުވަހަކު އުޅުނު ގޮތެއް ނޫނެވެ. މިގޮތަށް އަޑުގަދަކޮށް މިހާ ވޭނުގައި ރުއިކުއްޖެއް ނޫނެވެ.އެއަށްވުރެ އުފާވެރި ކުއްޖެކެވެ. ނަމަވެސް މިއަދު އެކުއްޖާގެ ހިތް އަނިޔާވެރިޔަކު ކުދިކުދިކޮށްލައިފިއެވެ. އެކުޑަހިތަށް ކެތްނުކުރެވޭ ވަރުކޮށްލައިފިއެވެ. ދަރިފުޅު އެންމެ ލޯބިވި ބައްޕައާއި ރަހުމެއްނެތި ވަކިކޮށްލައިފިއެވެ. އެއީ އިންސާނެއް ނޫނެވެ. އިންސާނުންގެ ގިންތީގައި ހިމެނޭ މީހަކު އެހާ ރަހުމްކުޑައެއް ނުވާނެއެވެ. މިކާލް ޔާސިރުއަށްޓަކާ ހަޔާތީ ގެ ހިތުގައި ބަދު ދުޢާނޫން އެހެން އެއްޗެއް ނުވިއެވެ. އަބަދަށް ޖަލުގައި އޮންނާނެނަމައެވެ. ދުވަހަކު އިރުގެ އަލިކަމެއްވެސް ނުފެންނާނެ ނަމައެވެ. ދުވަހަކު އުފަލެއް ނުލިބޭނެނަމައެވެ.

ޒީކްއާއި މިނާ ކޮޓަރިއަށް ވަދެފައި އަތާއި އަތް ޖަހައިލިއެވެ. ޒީކް ހުރިގޮތަށް އެނދުމައްޗަށް އުއްޑުން ވެއްޓިގެންފާ ދެފައި ތަޅައިގަތެވެ. އުފަލުންގޮސް އޭނަ މޮޔަވަނީއެވެ.

"ނިކަން ރީތިކޮށް ފަސްޓްލޭޑީގެ މަގާމުގައި ހުރެވިއްޖެއެއްނު. ސެކަންޑް ޓާމްއަކަށް އަދި އުމުރަށްވެސް އެމަގާމުގައި ހުންނަ ހިތުން އެ ފޮނި މަންޖެ ހުރީ. ނިކަން ގަދަޔަށް ފައި ވިއްދާލައިގެން. މިހާރު ހުންނާނެ ރީއްޗަށް ރާކަނި މަސްކެވިފައި. ރެންކަހަލަ ރީތި ބޯއިއެއް މަރުވީމަ ހިތް ހަލާކުވި އެކަމަކު އުފާކުރަނީ އެކަމުން އެ ފޮނި އަންހެނާއަށް ކުރާނެ އަސަރު އެނގޭތީ. އެ އަންހެނާ ގެ މަގާމުން ވެއްޓުނީމަ. ފައިސާއާއި ބާރާއިހެދި އަމްރާންއާއި އިނީމަ އެއޮތީ ނިކަން ތާހިރުވެފައި..ލެޓްސް ސެލެބްރޭޓް....." ޒީކް ޕިއްޒާއަކާއި ކޯކަށް އޯޑަރު ދިނުމަށްފަހު މިއުޒިކް ޖަހާލައިގެން ހުރެ ނަށަންފެށުމުން މިނާވެސް ބައިވެރިވިއެވެ. ހަޔާތީއަށް އެހާބޮޑު ހިތާމައެއްލިބުމުން އެދެމީހުންނަށް ދުވަހަކު ނުލިބޭފަދަ އުފަލެއް ލިބިއްޖެއެވެ.

އަމްރާންގެ ޖަނާޒާ ބޭއްވުމަށްފަހު އޯޓަމްބްލޭޒް ތެރެއަށް ވެރިވެފައި އޮތް މަރު ފަދަ ހިމޭންކަމާއިއެކު އެގޭގެ އުޖާލާކަންވެސް ކެނޑިގެން ހިގައްޖެއެވެ. އެމީހަކު ޖެހުނުތާކު ހިތާމަކުރަން ތިބެނީއެވެ. އަބުދުލްއަޒީޒުއާއި އަލްޔާނާގެ ލޮލުންވެސް ކަރުނަ ހިކޭ އިރެއް ނާދެއެވެ. އަލްޔާނާ ނުވެސް ތެދުވެއެވެ. ކެއުމެއް ބުއިމެއްނެތި ދަރިފުޅަށް ގޮވާލާ ގޮވާލާ އޮންނަ ހާލު ފެނި ހަމްދަރުދީވާނެއެވެ. އަބުދުލްއަޒީޒު ފިރިހެނަކަށްވުމުން ތަންކޮޅެއް ހިތްވަރުގަދައެވެ. ހަޔާތީގެ މަންމަވެސް އެދުވަސްކޮޅު އުޅުނީ އެގޭގައެވެ. ދަރިފުޅަށް ހިތްވަރުދޭން ތަނބަކަށްވެގެންނެވެ. ގަދަކަމުން އެއްޗެއް ކާންދީ ބޯންދީ ހަދައެވެ. ހަޔާތީ ލާވީއާއިގެން ނޫޅޭއިރެއްވިއްޔާ ނަމާދުގޭގައި ދުޢާކުރުމުގައެވެ. ގުރުއާން ކިޔެވުމުގައެވެ. މިދުނިޔޭގައި އެމީހުން ހޭދަކުރި ކޮންމެ ދަތި އިމްތިހާނެއް އެކަލާނގެ އެމީހުންނަށް އެހީތެރިވެ ވޮޑިގެންނެވިއެވެ. ސާބިތުކަމާއެކު ދީނުގައި ހުންނަން ހިދާޔަތް ދެއްކެވިއެވެ. ކެތްތެރިކަމާއި ހިތްވަރާއިއެކު މި ދުނިޔޭގެ ކޮންމެ ފަދަ ބޮޑު ހިތާމައަކާއި ކުރިމަތިލުމުގެ ސާބިތުކަން ދެއްވެވީވެސް އެކަލާނގެއެވެ.

ހަޔާތީ ލޯ ހުޅުވާލާފައި ވަގުތުން ހުސްކަމެއް އިހުސާސްވިއެވެ. ބައްދާލައިގެން އޮވެވުނީ ކަފަ ބާލީހުގައެވެ. ވަށައިގެންވަނީ ކުޝަންތަކެވެ. އަމްރާން ނެތްކަން އިހުސާސްވުމާއިއެކު ތެދުވެ އަނދިރީގެ ތެރެއިންވެސް އަތް ކާއްތާލެވުނެވެ. އެއާއިއެކު ބިރުވެރި ނައިޓްމެއާއެއްހެން ހުރިހާ ހާދިސާއެއް ސިކުނޑީގައި ޖެހިގަތެވެ. އެއީ ބިރުވެރި ހުވަފެނެއް ނޫނެވެ. ހަގީގަތެކެވެ. ބޮލަށް ބަރުވެ އެނބުރުން އަރާފައި ހުއްޓަސް ތެދުވާން އުޅުމާއިއެކު މޫނަށް އަނދިރިވާގޮތްވިއެވެ.

"ޔާ ﷲ..........." ހަޔާތީއަށް ރޮވިއްޖެއެވެ.

ފާޚާނާއަށް ވަދެފާ ކުޑަގޮތަކަށް މޫނު ދޮވެލާ ހަދާލައިގެން ނުކުތެވެ. އަމްރާންގެ ތުވާލި ނަގާފައި މޫނުގައި ޖައްސާ ބާރުކޮށްލިއެވެ. ފެންނަ ކޮންމެ އެއްޗަކުން ކޮންމެ ތަނަކުން އަމްރާންގެ މަތިން ހަދާންކޮށްދިނެވެ. ކޮނޑުގައި އަޅުވާފައި އޮތް އަމްރާންގެ ގަމީސް މޫނުގައި ޖައްސާލަމުން ދެލޯ މަރައިލިއިރަށް ކަރުނަ ބޮނޑިވެގަތެވެ. ގަމީހުގައި ހިފާފައިވަނީ އަމްރާންގެ ހަށިގަނޑުގައި ދުވާ މީރުވަހެވެ. އެ ސިގްނޭޗާ ސެންޓުވަހެވެ. ފޮޓޯފްރޭމްތަކުގައި ފިރުމައިލެވުނެވެ. އަމްރާންގެ އެންމެ ސަޅި ހިނިތުންވުންތަކުގައި ނަގާފައިވާ ފޮޓޯތަކުގައި ފިރުމައިލެވުނީ އަމްރާން ގާތުގައި ހުރިނަމަވެސް ފިރުމައިލާނެހާ ލޯބިންނެވެ. ރީތިވާ މޭޒުމަތީގައި އޮތް ގަޑިއާއި އަނގޮޓިންވެސް ހިތް ކުދިކުދިވާވަރުވިއެވެ. ކޮންމެ އެއްޗެއްގައި ވަކިވަކިން ބޮސްދިނެވެ.

"ރެން. ކީއްވެ އަހަރެން ދޫކޮށްލާފައި ދިޔައީ؟ މިހިތާމަތަކަށް ކެތްކުރާނީ ކިހިނެއްތަ؟" ހަޔާތީ އަލަމާރިން ނެގި ފޮޓޯ އަލްބަމެއް އުނގުގައި ބާއްވައިގެން އިނދެ ފަހަރަކު ގަނޑެއް އުކިއެވެ. ލާވީގެ އުމުރުގައި ނަގާފައިވާ އަމްރާންގެ ފޮޓޯތައް ލާވީއާއި މާ ބޮޑު ތަފާތެއްނެތެވެ. އިސްތަށިގަނޑުވެސް ކޮނޑާއި ހަމަޔަށް ދިގުކޮށްފައެވެ. ހަޔާތީ ފޮޓޯތަކުގައި ބޮސްދިނެވެ.

ފޮޓޯ ފްރޭމެއް މޭގައި ޖައްސާ ބާރުކޮށްލުމާއިއެކު ހަޔާތީގެ ލޮލުގައި ތާޒާ ކަރުނަ ގިނަވެގަތެވެ. މަޑުމަޑުން ރޯލަ ރޯލާ އިނދެވުނީ ކިހާއިރެއްވާންދެން ކަމެއްވެސް ނޭގެއެވެ. މަންމަ ދޮރުގައި ޓަކިދޭންފެށުމުން ދޮރު ހުޅުވައިލިއިރު މަންމަ އައީ ނާސްތާ ތަބައް ހިފައިގެންނެވެ. ނުކާން އުޅުނަސް ގަދަކަމުން މަންމަ އާދޭސްކުރަން ފެށުމުން ގަދަކަމުން އަނގަޔަށް ލައިގެން ހަފަންފެށިއެވެ. ކާހިތެއް އަމުދަކުން ނެތެވެ.

"ބޮލުގައި ރިއްސާވަރުން......" ހަޔާތީ ކުޑަކޮށް ކާލުމަށްފަހު ބާލީސްތަކުގެ މަޑުކަމުގެ ތެރެއަށް ގެނބުނެވެ. މަންމަ ބޯ މޮޑެދޭންފެށުމުން ކޮންމެވެސް ވަރެއްގެ އަރާމުކަމެއް ލިބި ލޯ މަރައިލެވިއްޖެއެވެ. ހަޔާތީ އެހެން އޮވެލާފައިވެސް ބެލްކަނީގެ ދޮރާއި ދިމާލަށް ބަލައިވެއެވެ. އެތާގައި ބައެއްފަހަރު ކޮފީ ބޯލަން ހުންނަ މަންޒަރު ލޮލަށް ސިފަކުރެވެއެވެ. ލާނެތް ހިނިތުންވުމަކާއިއެކު ހަޔާތީއަށް ބަލައިލާހެން ހީވެއެވެ. އެރީތި ފިރިހެން އަޑުން ގޮވާލާހެންވެސް ހީވެއެވެ. އާއެކެވެ. ދެންވާނީ އެހެންނެވެ. އަމްރާން މިތާ ވާހެން ހީކުރެވޭނީއެވެ. އަމްރާން ދެނެއް ނާންނާނެއެވެ.

"މަންމާ. އެބަ އަންނަން ނަމާދުކޮށްގެން....." ހަޔާތީ މާޔޫސީގޮތަކަށް ބުނެލިއެވެ.

"ހަޔާތީ ދަރިފުޅާ.ހިތްވަރުކުރޭ....." މަންމަ އެދުނެވެ.

"އެހެންވެ ނަމާދުކުރަން މިދަނީ. ހިތްހަމަޖެހުން ލިބޭނީ ނަމާދާއި ގުރުއާނުން މަންމާ. އިރާދަކުރެއްވިއްޔާ ކެތްކުރާނަން. މާތްﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށް ގުރުއާނުގައި ވޭ................." ހަޔާތީ ކުރެހިފައިވާ އަޑަކުން ބުނެލިއެވެ.

"ލޯ ދުޅަވެގެންގޮސް އެހެން ކަމެއްހެން ހީވަނީ. މަންމަ އަންނާނަން. ގަނޑުފެނުން ބޮޑިތާންކޮށްލީމަ ލޮލަށް އަރާމުވާނެ........." ނަބީލާ ހަޔާތީގެ ބޮލުގައި ފިރުމައިލިއެވެ.

"މަންމައަށް ރަހުމަތްލައްވާށި...."

ހަޔާތީ ނަމާދުކޮށްގެން ގުރުއާންކިޔެވުމުގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ނަފުސް ހަމަޔަކަށް އެޅުނެވެ. ކޮފީ ހަދައިގެން އޭނަ އަބުދުލްއަޒީޒުއާއި އަލްޔާނާގެ ކޮޓަރިއަށް ގެންގޮސްދިނެވެ. އަމްރާން ނެތުމަށްފަހު އަމްރާންގެ މައިންބަފައިންނަށް ކުރިއަށްވުރެ ބޮޑަށް ކަމޭހިތުމަށް ހަޔާތީގެ ހިތް ބާރު އެޅިއެވެ. މިއީ އަމްރާންގެ އެންމެ ޚާއްސަ ދެ ފަރާތެވެ. އަމްރާން ނެތުމުން އެންމެ ހިތާމަކުރާނެ ދެމީހުންނަކީވެސް މިއީއެވެ.

"ވަރަށް މީރު...ތެންކިއު ދަރިފުޅާ..." އަލްޔާނާ ކުޑަކޮށް ހިނިތުންވެލިއެވެ.

ހަޔާތީ އަލްޔާނާ ގާތު އިށީނެވެ. ވަގުތަކީ ގާތްމީހުންނަށް ދެވޭނެ އެންމެ އަގުހުރި އެކައްޗެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އޯޓަމްބްލޭޒަށް އެޅިފައިވާ ހިތާމައިގެ ހިޔަނި އެންމެންގެ ދިރިއުޅުމަށް ކަޅު އަނދިރިގަނޑެއް ފަދައިން ވަށާލާފައިވިއެވެ. ދަރިފުޅަށްޓަކާ ހަޔާތީ ހިތްވަރުކޮށްލާފައި ތެދުވެ އުޅުނަސް އޭނައެކޭ މަރުވެފައިވާ މައްޔިތެއްފަދައެވެ. ދެލޮލުގެ ވަށައިގެން ކަޅު ދާއިރާއެކެވެ. ތެމިފައިވާ ލޮލެވެ. ހިކިފައިވާ ތުންފަތެވެ. ދަރިފުޅަށްޓަކަ މަޖުބޫރުވެގެން ތެދުވެ ފެންވަރުވާ ކާންދީ ނިންދަވާއިރު ލާވީ އަބަދު ބައްޕައާއި ބެހޭގޮތުން ސުވާލުކުރެއެވެ. އެއިން ކޮންމެ ފަހަރަކު ހަޔާތީގެ ހުރިހާ ހިތްވަރެއް އެލި ލޯ ފެންކަޅިވެދެއެވެ. ލާވީ ނިދާއިރު އިނގިލި އަނގަޔަށްލައިގެން އޮތުން އާދަކުރިއެވެ. ބިރުވެރި ހުވަފެންތައް ފެނިގެން ކުއްލިއަކަށް ހަޅޭއްލަވައިގެންފާ ތެދުވެދާނެއެވެ. ރޮއި ބިމަށް ވެއްޓި ތެޅިފޮޅި ރުޅިގަދަވާއިރު ހަޔާތީއަށް ދަރިފުޅު ގައިގާ ހިފައިގެންފާ ރޮވެއެވެ.

"މަންމީ....މާސްކްމޭން ޑެޑީއަށް ހާޓްކުރީ...."

"ކިހިނެއް ހެދީ. ދަރިފުޅާ..." ހަޔާތީ ލާވީ ގެނެސް މޭގައި ޖައްސާ ފޮރުވައިލިއެވެ.

"ވަޅިން ހާޓްކުރީ...." ލާވީގެ ދެލޯ ކަރުނުން ފުރާލައިގެން އިނދެ އިނގިލީގައި ދަތްއަޅައިގަތެވެ.

ކޮންމެ ރެއަކު އެފަދަ ގޮތަކަށް ލާވީ ނުނިދިގެން އުޅޭތަން ފެނުމުން އާއިލާ މީހުން ބުނެގެން ނަފްސާނީ ޑޮކްޓަރެއްގެ ކައިރިއަށްވެސް ގެންދާންޖެހުނެވެ. ނަފްސާނީ ޑޮކްޓަރު ވަރަށް މަސައްކަތުން ލާވީގެ ސިކުނޑިއަށް ވައްދަދިނީ ދެން ބައްޕަ އެނބުރި ނުދުރުވާނެކަމެވެ.

"ހީޒް ވިތް ގޯޑް......"

"ވެއާ އިޒް ގޯޑް..."ލާވީ އެހިއެވެ.

"އަޕް އިން ދަ ސްކައި...."

"ކެން އައި ގޯ ދެއާ........."

ލާވީގެ ސުވާލުތަކަށް އެސިކުނޑިއާއި ގުޅޭގޮތުން ޑޮކްޓަރު ޖަވާބުދެއެވެ. ދެރައީ ލާވީއަށް އޭނަގެ ބައްޕައާއި ހަމަޔަށް ދެވޭނެ އެއްވެސް ފުރުސަތެއް ގޮތެއް ނުފެނި ދެރަވެ ހިތުގައި ޖެހުމެވެ.

ސަޖަލް މާލެއައިސް އެންމެ ކުރިން ހަޔާތީއާއި ބައްދަލުކޮށްލަން އެގެއަށް އައެވެ. ހަޔާތީއަށް ރޮވޭނެކަން އެނގޭތީ އެންމެ ކުރިން އެވާހަކަ ނުވެސް ފަށާ ސަޖަލް އެހީ ލާވީގެ ވާހަކައެވެ. ހަޔާތީ ބުނީ ލާވީ ގޮވައިގެން އިޝްކަންމެން ދުއްވާލަން ދިޔައީކަމުގައެވެ. ސަޖަލް އެދުނީ ކޮފީއެއް ގެނެސް ދިނުމަށެވެ. ކޮފީ ހަދައިގެންގޮސް ދެކުދިން އިށީދެލީ ޕޫލްކައިރީ ހުރި ބެންޗެއްގައެވެ.

"ހަޔާ ލަވް. ވަރަށް ބޮޑަށް ސޮރީ. އަހަންނަށް ކަމެއް ސިއްރުކޮށްގެން ވަރަށް ދުވަހަށް ހުރެވިއްޖެ. އަހަރެން ހަޔާ ގާތު ނުބުނެ ސިއްރުން ލޯބިވެރިޔެއް ގެންގުޅުނިން. އެއީ ޒީކްގެ ބޭބެއެއްކަމާއި ގޭންގްސްޓާރ އެއްކަން އެނގުނީ މާ ފަހުން. އަހަންނަށް ނޭގި ކޮންމެވެސް ގޮތަކުން ފޯނުން ހަޔާއާއި ވާހަކަދެއްކި ދުވަހެއްގައި މިކާއާއި ހަޔާގެ ރިލޭޝަން އޭނައަށް އެނގުނީ. އޭނަ އެކަން ލީކްކޮށްލީ. އަހަރެން އޭރު ނުބުނަން ހުރީ. ވަރަށް ދެރަވި. އޭނައަކީ ކިހާ ނުރައްކާތެރި މީހެއްކަން އެނގުމުން ބްރޭކްއަޕް ވެއްޖައިން.ޒީކް އުޅޭގޮތުން ހަޔާއާއި ޖައްސާލާފައި އުޅޭހެން ހީވާތީ ހަމަ ހިތަށް އަރަނީ އޭނަގެ އަތެއް ނުވާނެބާވައޭ. އެނގޭތަ؟ ޒަހީންއަކީ ޒީކްގެ ބޭބެއެއް........................" ސަޖަލްގެ ވާހަކައިން ހަޔާތިއަށް ޝޮކެއް ލިބުނެވެ.

"ރިއަލީ؟ "

"އާން ހަޔާ. އައިމް ސޮރީ. އެކަމަކު އޭނައަށް އެކަނި އެކަމެއް ނުކުރެވޭނެ. ވަށައިގެންވާ ހުރިހާ އެންމެނަށް ޝައްކުކުރަން ޖެހޭނެ. އެ މާޑާގެ ފަހަތުގައި އެހެން އިންޓެންޝަންއެއްވެސް ހަމަ އޮވެދާނެ. އެއްވެސް މީހަކަށް އެހާ އިތުބާރުކުރާކަށް ނުވާނެ.........." ސަޖަލްގެ ވާހަކަތައް އަހަން ހަޔާތީ އިނީ ސަމާލުވެއެވެ. އެބުނާމީހުންގެ ތެރޭ ސަޖަލްވެސް ހިމެނޭނެއެވެ. އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރެ ސަޖަލް އެހެރީ ޒީކްގެ ބޭބެއަކާއި ރައްޓެހިވެ އެކަން ވަންހަނާކޮށްގެންނެވެ. ސިއްރުކުރާނީވެސް އޭނަ އެކަމާއި ދެކޮޅުވެ އެއްޗެކޭ ބުނެފާނެކަމަށްޓަކައެވެ. ޒީކްގެ ބޭބެ ޒަހީން އަމްރާންގެ ސިކިއުރިޓީގާޑަކަށް ހުރިއިރު އެއީ ކާކުކަން އޭނައަށް މިހާތަނަށް އެނގިފައެއްނެތެވެ. ކޮންމެހެން އެންމެންގެ ބެކްގްރައުންޑް ޗެކްކުރުމުގެ މާނައެއް އޭރު ނުވެސް އޮންނާނެތައެވެ. އަމްރާން ގެންގުޅޭނީ އޭނައަށް އިތުބާރު ކުރެވޭ މީހުން ނޫންހެއްޔެވެ؟

އަބުދުލްއަޒީޒު ވާހަކަދައްކާލަން ބޭނުންވެގެން އާއިލާގެ މެމްބަރުން ތިރީބައިގެ ކޮޓަރިއަކަށް އައެވެ. ވަށައިގެން އަރާމު ސޯފާތައް ބަހައްޓާފައި ކުޝަންތައް ޖަހާފައިވާއިރު އަޅާފައިވާ މަޑު ރަގްގެ ސަބަބުން ފައިތިލަ ގެނބޭވަރުވެއެވެ. އަބުދުލްއަޒީޒުއާއި އަލްޔާނާ ވަކިން ހުރި ސޯފާތަކުގައި އިށީންއިރު ހަޔާތީއާއި އިޝްކަން އަދި އެލީންއާއި މަންމަ އިނީ އަނެއްފަޅީގައި ހުރި ސޯފާސެޓްގައެވެ. ކުރިމަތީގައި ހުރި ސޯފާތަކުގައި އަޒިކިއަލް އާޔާ އަދި އަމްރާންގެ ކޮއްކޮމެން އިށީނެވެ. އެންމެންވެސް ތިބީ އިސްޖެހިފައެވެ. ދެރަވެފައެވެ. އަބުދުލްއަޒީޒުގެ މޫނުމަތިން ފެންނަ މާޔޫސްކަމާއި ހިތާމައަކީ ދުވަހަކު އެމޫނުމަތިން ފެނިފައިވާ އަސަރެއް ނޫނެވެ. އަލްޔާނާ އެފަދައެވެ. ތުން ފިތާލައިގެން އިންއިރު ކަރުނައާއި ހަގުރާމަކުރަން މަސައްކަތްކުރިއެވެ. މެއިޑުން ކޮފީތަބައް ތައް ގެނެސް ބަހައްޓާފައި ކޮފީއާއިއެކު ކާނެ އެއްޗެހި ގެނެސް ކުރިމަތީގައި ހުރި މޭޒުގައި އަތުރާލައިފިއެވެ.

"ހުރިހާ ކުދިންވެސް އެއްޗެއް ކާލަންވާނެ.........." އަބުދުލްއަޒީޒުވެސް ކޮފީތަށްޓެއް ނަގާފައި ތުބުގައި ޖެއްސިއެވެ.

"އަޒިކިއަލް ދަރިފުޅާ......ކޮފީއެއް ބޯލާ.." އަބުދުލްއަޒީޒު ކޮފީތަށްޓެއް ފޯރުކޮށްލަދެމުން ބުނި ޖުމްލައިން އަޒިކިއަލް ސިހޭގޮތްވިއެވެ. އެ ނަމުން ކިޔުމުން "ކުށްވެރި" އިހުސާސްތަކެއް ކުރެވިއްޖެއެވެ. އެއީ އޭނައަށް ހައްގު ނަމެއްހެއްޔެވެ؟ ނޫނީ ކަމެއް އެނގިގެން އެނަމުން ކީބާވައެވެ.

"ތެންކިއު...އަންކަލް.." އަޒިކިއަލް އިސްޖެހިއެވެ.

"ހުރިހާކުދިން ހިތްވަރު ކުރައްޗޭ. އެތައް ޒަމާނެއްވާންދެން ދެބެންފަދައިން އެކީ އުޅުނު ދެކުދިންވީމަ އަޒިކިއަލްއަށް ކުރާނެ އަސަރުވެސް އެނގޭ. ގިލްޓީވެފައި ތިއިންނަނީ އަމްރާންއަށް ހިމާޔަތް ނުދެވުނޭ ހިތަށްއަރާފައިކަން އެބައެނގޭ. ކަމެއްދިމާވާން ވެއްޖެއްޔާ ކޮންމެވެސް ސަބަބުތަކެއް ލައްވާނެ. އަމިއްލަ ނަފުސަށް ބްލޭމްކުރުން ހުއްޓާލާ...." އަބުދުލްއަޒީޒުގެ ޖުމްލަތަކުން އަޒިކިއަލް ނުތަނަވަސްވެ ކޮށިއަރާގޮތްވެސްވިއެވެ.

" މިހެން އާއިލާ މީހުން އެއްކޮށް ބައްދަލުވާއިރުވެސް ދައްކަންޖެހެނީ އަނެކާއަށް ފައިދާއެއް ހުރި ވާހަކަ. ދީނީ ވާހަކައެއް ނޫނީ ގޯސްކޮށް ކަމެއްކުރެވިފައިވާނަމަ އެކަމެއް ރަގަޅުކުރުން ނޫނީ މާފުދިނުންފަދަ ރީތި ސިފަތައް ދަސްކުރަންވީ.."

"މިއަދު އެންމެން ހިތާމައިގާ މިތިބީ އެންމެން ލޯބިވާ އަމްރާން ދުނިޔެއާއި ވަކިވުމުގެ ސަބަބުން. އެހާ ރަގަޅު ދަރިއެއް މީހަކަށް ނުލިބޭނެ. ދުނިޔެއިން ލިބުނު އެންމެ ގިނަ އުފާތައް ލިބި ހޯދިހާ މުދަލެއް ހޯދީ ހަމަ އެކަނި އެ ދަރިފުޅަށްޓަކާ. ދަރިންނަކީ މާތްﷲ ދެއްވާ ނިއުމަތެއް. ދަރިންނާއި މުދަލުންވެސް އިމްތިހާނުކުރައްވާ. އެންމެ ލޯބިވާ ތަކެތިންވެސް އިމްތިހާނު އާދޭ. މިފަހަރު އިމްތިހާނު އައުމަށްފަހު ހިތަށް އެރީ މިއޮތް ބޮޑު ގެއާއި ހޯދިހާ ބިލިއަން ރުފިޔާތަކާއި ބިންތަކާއި ކުންފުނިތަކުން ކޮން އުފަލެއްހެއްޔޭ ދެން ލިބޭނީ. ދަރިފުޅަށްޓަކާ ހުރިހާ މަސައްކަތެއް ކުރީ. ނަމަވެސް މިވީ ކިހިނެއް. މިއިން ކޮންމެ ނިއުމަތަކީ ގެއްލިގެންދާނެ އެއްޗެއް. ކަށްވަޅަށްދާއިރު ހަމަ ގައިގާ ލާ ހުދު ފޮށާ ފިޔަވާ މުދަލުން އެއްވެސް އެއްޗެއް ނުގެންދެވޭނެ. ކާރާއި އަގުބޮޑު ގަޑިތަކާއި ރީތި ހެދުންތަކުން ނޫން މަންފާކުރާނީ. މިދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލި ދުނިޔެދެކެ މާ ބޮޑު ލޯތްބެއްޖެހި ދުނިޔޭގެ އުފާތައް ދޫކޮށްލާފައި ދާން ބޭނުންނުވިޔަސް މަރުގެ ވަގުތު ޖެހުމުން ދާން ޖެހޭނީ. އެހެންވެ ހުރިހާ ކުދިން ގާތު ބުނާނީ ހުރިހާކުދިންވެސް ދީނަށް އުޅޭށޭ. ކޮންމެވަގުތަކުވެސް މަރު އައިސް ބައްދަލުކޮށްފާނެކަމަށް ގަވާއިދުން ނަމާދުކޮށް ފަރުޟުކުރެއްވިހާ ކަންތައްކޮށް ސުންނަތްތައްވެސް ކުރާށޭ. އަމްރާން ވަކިވެ ދިޔުމުން ހިތްހަލާކުވި. ނަމަވެސް އުފާވީ އެދަރިފުޅަށް ހިދާޔަތް ދެއްކެވި ފަހުން ދާންޖެހުނީތީ. މާތް ﷲގެ ހަޟުރަތަށް އެދަރިފުޅު ދިޔައީ ހުސް އަތާ ނޫންކަން އިހުސާސްކުރެވުނީމަ. ކުރިން އެތަރުބިއްޔަތު ދިނުމުގައި އިހުމާލްވެފައި އޮތީ. ނަމަވެސް ހަޔާތީގެ ސަބަބުން އަމްރާންއަށް ތެދުމަގު ލިބުނުކަމަށްޓަކާ ވަރަށް އުފާވެ ހިތްހަމަޖެހޭ. ލިބުނު ރަންގަނޑެއްފަދަ ޅީ ދަރިއެއް. އަމްރާންގެ ނިޝާނެއް ދުނިޔެއަށް ދޫކޮށްފައި ދިޔައީ. މިހުރިހާ ތަކެއްޗަކީ މިހާރު ލާވީގެ. ހަޔާތީ ލާވީއަށް އެންމެ ރަގަޅު ތަރުބިއްޔަތު ދޭނެކަމައިމެދު ޝައްކެއް ނުކުރަން. އެދަރިފުޅަށް ކުޑައިރުއްސުރެ ވިސްނައިދޭންވާނެ މި މުއްސަދިކަމަށް ހެއްލި އާޚިރަތްމަތިން ހަދާން ނައްތާނުލަން......."

އަބުދުލްއަޒީޒުގެ ކޮންމެ ޖުމްލައެއް ހަޔާތީއާއި އެހެން ކުދިންނަށްވެސް އަސަރުކުރުވިއެވެ. ހެޔޮ ނަސޭހަތެއްކަމަށް ގަބޫލުކުރަން ޖެހުނެވެ.

"އަމްރާންއަށްޓަކާ މިއަދު ހުރިހާ ކުދިން ކޮށްދޭންވީކަމަކީ ހެޔޮ ދުޢާ. އެންމެން އެކީ ޖައްނަތުގައި އުޅުމުގެ ނަސީބުލެއްވުމަށް އެދި ގަދަ އަޅާ މަސައްކަތްކުރަންވީ. މިސާލަކަށް ބޭކާރު ގޮތުގައި ވާހަކަދައްކަން ތިބުމާއި ނުބެހޭ ކަންތައްތަކާއި ބެހި އެކަންތައްތަކާއި ވާހަކަދެއްކުން އަދި ގޮސިޕްކުރުން. އެހެންމީހުންގެ ވާހަކަތައްދެއްކުމުން ފާފަކުރެވުމާއި ވަގުތު ބޭކާރުވުން ނޫންކަމެއް ނުކުރެވޭނެ "

"އަދިވެސް އަމްރާން ގަޔަށް ބަޑިޖެހި މިހާގެ ނިޔަތެއް ސާފެއްނުވޭ. ކޮން މަގުސަދެއްގައި ކަމެއް ނޭގޭ. އެންމެ ކުރިން ޕޮއިޒަންދިނީ. ދެވަނަފަހަރަށް ހަމަލާދިންއިރު އެއްވެސް ކުށެއްނެތް އެކުވެރިއަކު މަރުވެ ދިޔައީ. ތިންވަނަ ފަހަރު އެމީހުން ކާމިޔާބުކުރީ. މިއީ އެކަކު ކުރިކަމެއްނޫން. ގްރޫޕެއް ގުޅިގެން ވަރަށް ޕްލޭންކޮށް ކުރާ ކަމެއްކަމާއިމެދު ޝައްކެއް ނެތް. މިފަދަ މާނައެއް ނެތް މަރުތަކުން އެހެން މީހުން ސަލާމަތްކުރައްވާށި....." އަބުދުލްއަޒީޒުގެ ވާހަކަ ނިމުނުއިރު އަލްޔާނާގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. މިތަނުން އެންމެ ދެކެން ބޭނުންވާ މޫނަކީ އެއީއެވެ. ނަމަވެސް އެދަރިފުޅު ދެން ދުނިޔެއިން ލޮލަށް ފެނުމުގެ ނަސީބެއް ނުލިބޭނެއެވެ. އެދަރިފުޅުގެ އަޑު އިވުމަކީ ދެން ވާނެކަމެއް ނޫނެވެ. ހިތުގައި ޖެހި ލޯ ކަރުނުން ފުރެނީ މަންމައަކަށްވީމައެވެ. މަންމައެއްގެ އިހުސާސްތައް ހަމަ ދަނެގެނެވޭނީ މިފަދަ ހާލަތެއް މެދުވެރިވި މަންމައަކަށެވެ. އެދަރިފުޅު ކުޑައިރު ލޯތްބަށް އެންމެ ބޭނުންވީ ދުވަހު އުޅެންޖެހުނީ ދުރުންނެވެ. ނަމަވެސް އެދުވަސްތަކަކީ އަބުރާ ގެނެވޭނެ ދުވަސްތަކެއް ނޫނެވެ. އެކީ އުޅެން ލިބުނު އަހަރުތަކަށްޓަކާ އޭނަ މާތް ﷲއަށް ހަމްދުކުރިއެވެ.

އިޝްކަންއާއި އެލީން އެތަނުން ނުކުމެގެންގޮސް ކާރަށް އެރިއެވެ. ދެމީހުންވެސް ތިބީ ހިމޭންވެފައެވެ. ކުށްވެރި އިހުސާސްތަކެއްގައި ބަދެވިފައެވެ.

"އިޝް...އަބަދަށް އެ ވާހަކަ ސިއްރުކޮށްގެން ނުތިބެވޭނެ. ހިނގާ ދޮންތަގާތު ބުނަން..."

"ޝީ ވިލް ނެވާ ފޮގިވް މީ..." އިޝްކަން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ.

"އާއިލާގެ މީހުން ކިތަންމެ ބޮޑުކުށެއް ކުރިޔަސް ފާފައެއް ކުރިޔަސް ލޯބިވާ މީހުން މާފުކުރާނެ. ދުނިޔޭގައި މިފަދަ ކިތަންމެ ހާދިސާއެއް ހިގާފައިވޭ. ދޮންތަކައިރީ ބުނަން ބޭނުންވާ ސަބަބު އެނގޭތަ........................" އެލީން އިޝްކަންގެ ކޮނޑުގައި ބައްދައިލިއެވެ. އިޝްކަން ދެރަވެފައި އިންވަރު ފެނިފައި އެލީންއަށް އަސަރުކުރިއެވެ. ނަމަވެސް އެލީން ދެކޭގޮތުން އެހާ ބޮޑު ފާފައަކަށް އަރައިގެންފާ މާފަށް އެދެން ޖެހޭނެއެވެ.

ހަޔާތީއާއި ބައްދަލުކޮށްލަން ސިއްރު ފުލުހުން އައުމުން ހަޔާތީ ބުރުގާ އަޅައިގެން އަވަހަށް ނުކުތެވެ. އެމީހުން ބުނީ މިކާލް އަމްރާން މަރައިލިކަމުގެ އެއްވެސް ކަހަލަ ހެއްކެއް ނުފެނުނުކަމަށެވެ. ހަޔާތީގެ މޫނުގެ ކުލަ ފަނޑުވިއެވެ. މިކާލްއަކީ ކުށްވެރިއެއްކަންވެސް ފުލުހުންނަށް ނޭނގެނީހެއްޔެވެ؟

"އައި ހޭވް ޕްރޫފް......" ހަޔާތީ ސާބިތުކަމާއިއެކު ބުނެލިއެވެ.

(ނުނިމޭ...)

https://sun.mv/118219

comment ކޮމެންޓް