ފަސްޓް ލޭޑީ (ފަހުބައި)

އަޒިކިއަލްއާއި ޒަހީން ދަންޖެއްސުން އޮތީ އާއްމުންނަށް ހުޅުވާލާފައެވެ.

ނުރުހެވޭ ދެކެން ބޭނުންނުވާ މަންޒަރަކަށްވިޔަސް އެތައް ހާސްބަޔަކު އެއްވެ މުޅި ތަން ފުރާލައިފިއެވެ. އެންމެން އެހާ ލޯބިވި ވެރިޔާގެ ގާތިލަށްޓަކާ މި ސަޒާ ހަމަ ހައްގުކަމަށް އެންމެން ދެކުނެވެ. މީޑިއާ ކަވަރކުރަން އެތައް ކެމެރާތައްވަނީ އެދިމާލަށް ހުއްޓައިލެވިފައެވެ. ގޮނޑިތަކުގެ އެންމެ ކުރީ ބައިގާ ކާޒިމްއާއި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއިއެކު އަބުދުލްއަޒީޒުގެ ދެކަނބަލުން ތިއްބެވިއެވެ. ހަޔާތީވެސް އައީ އެމަންޒަރު ނުބެލިޔަސް އެތާ އިނުމުންވެސް ހިތްހަމަޖެހޭނެތީއެވެ. އަޒިކިއަލްގެ ސަބަބުން އޭނައާއި ދަރިފުޅަށް ލިބުނު ހިތާމަތަކުން ދުވަހަކު އަރައިނުގަނެވޭނެއެވެ. އަޒިކިއަލް ޖެހޭނީ މަރުވާށެވެ. ދަންޖައްސާ މެރުންވެސް އޭނައަށް ހައްގު އަދަބުކަމުގައި ގަބޫލު ނުކުރެވެއެވެ. ކާޒިމްގެ ފައިގާ ހިފާ އަޒިކިއަލްގެ މަންމަ ސަލާމްޖެހިއެވެ. އާޔާވެސް ރޮއިފާ ބޮޑުބޭބެ ކައިރީ އަޒިކިއަލްއަށް މަފުކޮށްދޭން އެދުނެވެ.

އަޒިކިއަލް އަތުގައި ބިޑި އަޅުވައިގެން ގެންގޮސް އެކަމަށް ޚާއްސަކޮށްފައިވާ ސްޓޭޖްކޮޅެއްކަހަލަ ތަނަށް އަރުވައިފިއެވެ. އަޒިކިއަލްގެ މޫނުމަތީގައި ހުރީ ސާބިތުކަމެވެ. އެންމެފަހު ވަގުތުވެސް ދައްކުވާދިނީ އޭނަގެ ހިތްވަރުގަދަކަމެވެ. ޒަހީން މާޔޫސްވެ ކަރު އެލުވާލައިގެން ހުރިއިރު ދެލޯ ފެންކަޅިވެއްޖެއެވެ. ކުޑަކަކޫމައްޗަށް ތިރިވީ ކެތްނުވެގެންނެވެ. ކުއްލިއަކަށް ކުޅިބަލަން ތިބިމީހުންގެ ތެރޭ ހުރި ޒީކް ރޮމުން އެދިމާލަށް ދުއްވައިގަތެވެ. ކައިރީގައި ތިބި ފުލުހުން އެކުއްޖާގެ ހަރަކާތްތައް ދެކެން އިރުކޮޅަކު ތިއްބެވެ.

"ނޫންނޫން ދޮންބެއަށް ތިހެން ނަހަދާ. ކުށްވެރިއަކީ ދޮންބެއެއްނޫން. އަޅުގަނޑު ބުނެގެން........." ޒީކްއަށް ރޮވޭވަރުން ވާހަކައެއްވެސް ނުދެއްކުނެވެ. އޭނަގެ ސަބަބުން ދޮންބެގެ ކަރަށް ދަންޖައްސާ މަޅިގަނޑު މިއޮތް ވައްޓައިލެވެނީއެވެ. ފުލުހުން ޒީކް ބިންމަތިން ނަގާ ގެންދަން ފެށުމުން ހަޔާތީއަށް އާދޭސްކުރަންފެށިއެވެ.

"ފަސްޓް ލޭޑީ. އާދޭސްކޮށްފައި ބުނަން. ދޮންބެ ސަލާމަތްކޮށްދީ................"

އާއިލާ މީހުން ޖަޒުބާތީވިޔަސް އިސްލާމީ ޝަރީއަތާއި އެއްގޮތަށް އެންމެނަށް އިންސާފު ލިބެންޖެހޭނެއެވެ. ކުށްވެރި ގާތިލުން ދޫކޮށްލަންވެއްޖެއްޔާ މަރުވެގެން ދިޔަ އަމްރާންއަށް އިންސާފު ލިބޭނެހެއްޔެވެ؟ އަމްރާންގެ އާއިލާއަށް އިންސާފު ލިބޭނެހެއްޔެވެ؟ އާއިލާއިން މާފުދިނުމަކީ ދީނުގައި އޮތްގޮތެކެވެ. މާފު ނުދެންޏާ މަރަށް މަރުހިފަން އެބައޮތެވެ.

އަޒިކިއަލްގެ ބޮލާއެކު ކަޅުކުލައިގެ ކޮތަޅެއްލައްވާފައި ކަރުގައި ދަންޖައްސާ ވާގަނޑު އޮޅާލައިފިއެވެ. ގަދަ އަވީގައި އެތަން ދެކެން ތިބި މީހުންގެ ހިތްތައް ގުޑާލައިފިއެވެ. ނޭވާތައް މަޑުޖެހިލިއެވެ. ފިރިހެނުންވެސް ބިރުން ފޯވިއެވެ. އަންހެންކުދިންނަށް ކެތްނުވެގެން ލޯމަތީ އަތްއެޅިއެވެ. ވާގަނޑަށް ދަމާލަން ޖައްލާދު އަތް ފޯރުކޮށްލުމާއެކު އަބުދުލްއަޒީޒު އިން ގޮނޑިން ތެދުވެ ބާރު އަޑަކުން އެކަން ހުއްޓާލަން އެންގިއެވެ.

"ހުއްޓާލާ. ދަންޖައްސާނެކަމެއްނެތް. އަމްރާންގެ ވަލީވެރިޔާގެ ހައިސިއްޔަތުން އަހަރެން ގާތިލުންނަށް މާފުދީފިން....." އަބްދުލްއަޒީޒުގެ ޖުމްލައާއިއެކު ތަނަށް ޖަމާވެފައިވާ އެތައް ހާސް ރައްޔިތުންނެއް އަޖައިބު އަންތަރީސްވިއެވެ. އެންމެފަހު ސިކުންތުކޮޅު އަބުދުލްއަޒީޒު ޚިޔާލުބަދަލުކޮށްލާފައި ގާތިލުންނަށް މާފުދިނުމުގެ ފަހަތުގައިވަނީ ކޮން ސިއްރެއްހެއްޔެވެ. މީސްތަކުގެ ޗުކުޗުކު ލެއްވުމުގެ އަޑުގަދަވިއެވެ. އެތައް ސުވާލުތަކެއް ރައްޔިތުންގެ ހިތްތަކުގައި އުފެދުނެވެ. ކާޒިމް އިނީ އަޒިކިއަލްއަށް މާފުދޭގޮތަކަށް ނޫނެވެ. ނަމަވެސް ދީނުގައި އޮތްގޮތަކައި ދެކޮޅެއް ނެހެދޭނެއެވެ. އަޒިކިއަލްގެ މަންމަ ހަނާ ދުވެފައިގޮސް އަޒިކިއަލްގެ ގައިގާ ހިފައިގަނެގެން އެތަން މިތާ ބޮސްދޭން ފަށައިފިއެވެ.

"އަލްޔާނާ. އަހަރެމެންގެ އަމްރާން ދުނިޔޭގައި ހުރިނަމަ އޭނަވެސް އަޒިކިއަލްއަށް މާފުދޭނެ. އަމްރާންއަކީ ހިތްހެޔޮ ރަގަޅު މާތް ކުއްޖެއް........." އަލްޔާނާގެ ނަޒަރު ބައްދަލުވުމުން އަބުދުލްއަޒީޒު މަޑުމައިތިރިކަމާއިއެކު ބުންޏެވެ.

"އަސްލުވެސް. އެދަރިފުޅު އެކުވެރިންނަށްޓަކާ އަމިއްލަ ފުރާނަވެސް ދީފާނެ....." އަލްޔާނާ އަބުދުލްއަޒީޒުގެ އަތްތިލައިގާ ހިފާ ބާރުކޮށްލިއެވެ.

"އަންކަލް....އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުވިސްނުނު.. އައި މީން އަޅުގަނޑަށް އެނގޭ ދީނުގައި އޮތީ މިހެންކަން. ވާރިސުންނަށް މާފު ދެވޭނެކަން އެކަމަކު .....ކީއްވެ. އެފަދަ ގާތިލުން މުޖުތަމައަށް ނުކުތުމަށްފަހު އިތުރު ވިކްޓިމްތައް އުފެދިދާނެ..................." ކާޒިމް ތެދުވެގެން އައިސް އަބުދުލްއަޒީޒުއާއި ސަލާމްކުރުމަށްފަހު މަޑުމަޑުން ބުނެލިއެވެ. ހިނިތުންވާކަށްވެސް ކާޒިމްއަކަށް ނޭގުނެވެ. އަބަދުވެސް އިހުތިރާމްކުރާ ބޭކަލަށްވުމުން ކާޒިމް ވާހަކަދެއްކީ ރީތިކޮށެވެ. އެކަމަކު އޭނަހުރީ ނުރުހިފައެވެ.

"ހުރިހާ ހަގީގަތަކީ ބައެއްފަހަރު ކިޔާދެވޭނެ އެއްޗަކަށް ނުވެ ހިގައިދާނެ. އަޒިކިއަލްއާއި ޒަހީންގެ ފަރާތުން މުޖުތަމައަށް އިތުރު ނުރައްކަލެއް ނުވާނެކަމަށް އުއްމީދުކުރަން. އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ. ދުނިޔޭގައިއުޅޭ އިރު ކުށް ނުކުރާ އިންސާނެއްނުވާނެ އެއާއިއެކު އެކަމަކު އެމީހަކު ތައުބާވެ ދެން އެފަދަ ކަމަކަށް ނާރަން ނިޔަތް ގަންނަން ޖެހޭނެ. މާފަށް އެދުމާއި މާފުކުރުމުގެ ރީތި ސިފަ ޚިޔާރުކުރުމުން އެހެން މީހުންނަށް ނަމޫނާއަކަށްވާނީ. އަޒިކިއަލްގެ މަތިން އޭނަގެ މަންމަ މާފަށް އެދުނީ. އަޒިކިއަލްއަށްވެސް ކުރެވުނު ފާފަ އިހުސާސްކުރެވި މާފަށް އެދޭނެ ދުވަހަކަށް އިންތިޒާރުކުރާނަން. މިހާރު އެކަމުން އިބުރަތެއް ލިބި ފިލާވަޅެއް ދަސްވާނެކަމަށް ހީކުރަން. ގުރުއާނުގެ އަލްއިސްރާއު ސޫރަތުގައި މާތް ﷲ ވަހީކުރައްވާފައިވޭ. ތިޔަބައިމީހުން ﷲ ހުރުމަތްތެރިކުރައްވާފައިވާ ނަފުސެއް ހައްގަކާ ލައިގެން މެނުވީ ނުމަރާށެވެ. އަދި އަނިޔާގެ ގޮތުގައި މަރައިލެވޭ މީހާ ދަންނާށެވެ. ފަހެ ހަމަ ކަށަވަރުން އެމީހާގެ ވަލީވެރިޔާއަށް ތިމަންރަސްކަލާގެ ބާރެއް ދެއްވީމެވެ. ފަހެ ގަތުލުކުރުމުގައި އޭނައިސްރާފު ނުކުރާ ހުށިކަމެވެ. ހަމަ ކަށަވަރުން އެ ވަލީވެރިޔާއަކީ ނަސްރު ލިބިގެންވާ މީހެއްކަމުގައި ވިއެވެ...." އަބުދުލްއަޒީޒު ރުމާލުން ނިތްކުރީގައި ވި ދާތިކިތައް ފޮހެލުމަށްފަހު އަލްޔާނާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ފުރުގާންގެ ފާފައިގެ ސަބަބުން އޭނަގެ ލޯބިވާ ދަރިފުޅުވެސް ޝިކާރައަކަށްވީއެވެ. ނަމަވެސް އޭނަ ކެތްތެރިވެ މިއަދު އަޒިކިއަލްއަށް މާފުދިން އެއް ސަބަބަކީ ފުރުގާންއެވެ. އަޒިކިއަލްއަށް އެކަމުން ފައިދާއެއްކޮށް އިސްލާހުވާނެކަމުގެ އުއްމީދުއާއި ދުޢާ ހިތުގައި ވިއެވެ.

އަޒިކިއަލް ސަލާމަތްވުމުން އުފާވިހެނެއް ހިޔެއްނުވެއެވެ. އޭނައަށް އެންމެ ރަގަޅުވީހީ ކުރި ކުށަށް އަދަބު ލިބުނުނަމައެވެ. އަމްރާންގެ ބައްޕަ އެންމެ ފަހު ވަގުތުގައި އޭނައަށް މާފު ދިނުމުން ފެންކަޅިވިއެވެ. އޭނައަކީ ކާކުކަން މަންމަގެ ފަރާތުން އެނގުނީހެއްޔެވެ؟ އެނގުމުން ވަކި މާފުކުރަންވީ ކިއްވެހެއްޔެވެ؟ ލޯބިވާނީ އަމްރާންދެކެ ނޫންހެއްޔެވެ؟ ހުއްޓުން އަރާފައި ހުއްޓާ ޒަހީން އަޒިކިއަލް ގާތަށް ޖެހިލިއެވެ.

"އަޒިކިއަލް ޔޫ އާ އެ ރިއަލް ހީރޯ. އުމުރު ދުވަހުވެސް ތިހާ ބްރޭވް މީހެއް ނުދެކެން. އެންމެ ފަހުވަގުތުވެސް ދައްކާދިނީ ކެރޭކަމާއި ހިތްވަރު. ހަގީގަތްވެސް ބުނެނުދިނީމެއްނު. އަޒިކިއަލް އަހަރެން ކައިރީ ބުނީ އަމްރާންގެ ފުރާނައަށް ގެއްލުން ނުކުރާށޭ. ނުކުޅެދޭ މީހަކަށް ހަދާށޭ. އެކަމަކު އަހަރެން ބަދަލުހިފަންވެގެން އަމްރާން ގެ ގަޔަށް ޝޫޓްކުރީ. އެކަމާ އެހާ ރުޅިއައިސްގެން މައްސަލަ ޖައްސާފައިވެސް ޝަރީއަތުގައި އެތަންކޮޅު ނުގެނައީމަ އަޒިކިއަލްގެ ރަގަޅުކަން މަށަށް އެނގުނީ.....ފޮގިވް މީ...................." ޒަހީން ހިތާމައާއިއެކު ބުނެލިއެވެ.

"މާފުކޮށްފިން އެކަމަކު ހަދާން ނައްތައެއްނުލާނަން.."

ދެމީހުން ސަލާމަތްވި ނަމަވެސް އެހިސާބުން އެކުވެރިކަމުގައި ސިއްކަ ޖެހުނީކަން ޒަހީން ދެނެގަތެވެ.

އަޒިކިއަލް އޭނައަށް އަދި އަމިއްލަ ނަފުސަށްވެސް މާފެއް ނުކުރާނެއެވެ. އޭނަގެ އަދަބު ލިބިގަތުމަށް ތައްޔާރަށް ހުރެ އެކަމާއި ކުރިމަތިލި ސަބަބަކީ އަމިއްލަ ނަފުސަށްވެސް އަޒިކިއަލްގެ މާފެއް ނެތީމައެވެ.

އާޔާ މަޑުމަޑުން ހިނގާލާފައި އައިސް އަޒިކިއަލް ގާތު ހުއްޓުނެވެ. އެއްޗެކޭ ބުނަން އުޅުނެވެ.

"އާޔާގެ ލައިފަށް އައުމަކީ އަހަންނަށް ހެދުނު ބޮޑު ގޯހެއް. ޔޫ ޑޯންޓް ޑިޒާވް އެ ޕާސަން ލައިކް މީ.....އެކަށީގެންވާ މީހެއް ހޯދާ. އެންމެ ރަގަޅު ގޮތަކީ އެއީ...ޔޫ އާ ފްރީ" އަޒިކިއަލް އަނެއް ފަރާތަށް އެނބުރުނެވެ. އާޔާގެ މޫނު ރަތްވެގެން ދިޔައީ ގަތްލަދެއްގެ ބޮޑުކަމުންނެވެ. އަޒިކިއަލްގެ މަންމަ ހަނާވެސް އެދޭތެރެއަށް ވަނެވެ.

"އަޒކިއަލް އެބުނީ ތެދެއް. ތިއީ ޝާހީ ލޭ. އަހަރެމެން ފެންވަރު މީހުންނާ އެކަށީގެނެއްނުވޭ. އެންމެ ރަގަޅުވާނީ އަޒިކިއަލްއާއި ދުރަށް ދިޔައްޔާ. ހިނގާ ދަރިފުޅު.." ހަނާ އަޒިކިއަލްގެ އަތުން ހިފައިގެން ދުރަށް ގެންދިޔައެވެ. އެވަގުތު ފުލުހުން އައިސް އަޒިކިއަލްއާއި ޒަހީން ޖިޕަށް އެރިވިއެވެ. ހުކުމް މާފުކުރިޔަސް ފުރިހަމަ ކުރަން ޖެހޭ އެހެން ކަންތައް ހުންނާނެކަމުގައި އެމީހުން ބުނެލިއެވެ.

އާޔާ ފެންކަޅިވެފައިވާ ދެލޮލުން ބަލަން ހުއްޓެވެ.

އަމްރާންގެ މަހާނައަށް ހިޔާ އެޅިފައިވާ ގަހުން މާތަކެއް މަހާނަމައްޗަށް ވެރިފައި ހުއްޓެވެ. އަޒިކިއަލް އެހިސާބާއި އަރާހަމަވެފައި ކެތްތެރިކަން ކޮޅުން ލައިގެން ދިޔުމާއެކު ކުޑަކަކޫމައްޗަށް ތިރިވެއްޖެއެވެ. އޭނަގެ ހުރިހާ ހިތްވަރެއް ބަސްބުނާހާ ހިދުކޮޅުތެރޭ ފައިދަށުގައި ވަޅުލެވިއްޖެއެވެ. މިއިން ދުވަހަކު އެލޮލުން ކަރުނަތިއްކެއް ވައްޓާނުލާ ހުރިކަމުގައި ވިޔަސް މިއަދު އެލޮލުން ފައިބަންފެށި ކަރުނަތަކަށް ނިމުމެއްނައެވެ. ހިތުގެ ފުންމިނުން އޭނަ މާފަށް އެދުނެވެ.

"އައިމް ސޮރީ ސޯ ސޮރީ ރެން. ދުވަހަކު އަމިއްލަ ނަފުސަށް މާފެއްނުދެވޭނެ. އެއްވެސް ކުށަކާނުލާ ރެންގެ ފުރާނަ ނަގައިލެވުނީ ޝައިތާނާގެ ވަސްވާހުގައިޖެހި. އޮޅުމެއްގެ ތެރޭގައި ހުރެ އެހާ ބޮޑު ފާފައަކަށް އަރައިގަނެވުނީ. ޔޫ ވާ ލައިކް ދަ ބްރަދާ އައި ނެވާ ހޭޑް. އަދި އެންމެ ކްލޯޒް ފެރެންޑް. އެހާ ސަޕޯޓިވް. ޕޮޒިޓިވްވާން ދަސްކޮށްދިން. ކެއަރިން. ކިރިޔާ ދެރަކަމެއްވިޔަސް ކަރުނަތައް ފޮހެދީ ހެއްވާލާނެ. އެހުރިހާ ހަދާންތަކެއް މަޖާ ދުވަސްތައް ދެނެއް އަނބުރާ ނުގެނެވޭނެ. އެންމެ ކްލޯޒް ފްރެންޑް އަހަރެންގެ އަތުން ނަގައިލެވުނީ. ކަށްވަޅަށްދާންދެން މި ހިތަކަށް އުފަލެއް ނުލިބޭނެ. މަރުވާންދެން ރިގްރެޓްކުރާނަން. ރެންގެ ބައްޕަވެސް މާފުދީފައި ބުނީ ރެން ހުރިނަމަވެސް ބޭނުންވާނީ މިގޮތޭ. އެއީ ތެދެއް. ރެން ކިތަންމެ ބޭރުފުށުން ހަރުކަށިކަން ދެއްކިޔަސް އެހާ މަޑުކަފަކޮޅެއްފަދަ ހިތެއް ރެންގެ ވަނީ. ރެން މާފުދޭނެ. މިއަދު ދުނިޔޭގައި ހުރިނަމަވެސް އިމޭޖިން އެބަކުރެވޭ ހީލާފައި ބުނާނެ އެއީ އެވަރުކަމެއް ނޫނޭ. އައި ވިޝް ބައްޕަ މާފު ނުދިން ނަމައޭ. ދަން ޖައްސާމަރައިލިނަމައޭ. މިހާރު ކޮންމެ ދުވަހަކު އެތައް ހާސް މަރަކުން މަރުވާނެ. މަރުދުވަހާއި ހަމަޔަށް ލާވީގެ އެ މައުސޫމް ކަރުނުން ފުރިފައިވާ ދެލޯ ހިތަކުން ނުފިލާނެ. މިއަދު ހިތަށް އަރާ ރެން ހުރި ނަމައޭ. އައިމް ސޮރީ. ރެން....................."އަޒިކިއަލް ފަދަ ބޮޑު ފިރިހެނަކު އެގޮތަށް ރޯނީ ކިހާ ވަރަކަށް ހިތުގައި ޖެހުނީމަހެއްޔެވެ؟ އޭނައަތުން ކުރެވުނު ފާފައިގެ ކައްފާރާ އަދާކުރާނެ ގޮތެއްވެސް އޭނައަކަށް ނޭގެއެވެ. އޭނަ ނިމިގެންދާނީ މި ހިތާމައިގައެވެ.

ޒީކް އެކިގޮތްގޮތުން ހަޔާތީއަށް މެސެޖްކޮށް މާފަށް އެދެންފެށިއެވެ. އޭނަގެ ސަބަބުން ހަޔާތީގެ ދިރިއުޅުން ބަރުބާދުވީކަމަށްޓަކާ އޭނަ ހިތާމަކުރާކަމުގައި ބުނެ އާދޭހާއެކު މާފަށް އެދުނެވެ. އެންމެފަހުން ހަޔާތީ އެ މެސެޖަށް ޖަވާބުދިނެވެ. އޭނަ މާފުކޮށްފިކަމަށާއި ނަމަވެސް ޒީކްއާއި އަލުން ގުޅުމެއް ބޭއްވުމަކީ އޭނައަށް ކުރެވޭނެކަމެއް ނޫންކަމެވެ. ނަމަވެސް ލާވީ ދުނިޔޭގައި ހުރެ ބޮޑުވެގެން ޒީކްއަށް މާފުކުރާ ދުވަހަކުން އޭނަ އެކަމާއި ވިސްނާނެކަމުގައި ބުނެލިއެވެ.

އިޝްކަންއާއި އެލީން އަދި ހަޔާތީ ގަސްތައް ކައިރީ ސައިބޯން ތިބިއިރު ކުދިންކޮޅު ވިނަގަނޑުމަތީގައި ކަފަލޮލީއާއި ސަކަރާތްޖަހާ މަންޒަރުބެލިއެވެ. އިޝްކަން ކޮންމެވެސް ވާހަކައެއް ހަޔާތީ ގާތު ބުނަން އުޅޭހެން ހީވާތާ ދުވަސްކޮޅެކެވެ. ކޮންމެ ފަހަރަކު ފަސްޖެހެނީއެވެ. އޮޅުވައިލަނީއެވެ. މިއަދުވެސް އިޝްކަން އުދާސްވެފައިވާގޮތަކަށް ހަޔާތީގެ މޫނަށް ބަލާލައިފިއެވެ.

"ދޮންތާ..."

"ޝޭން ކޮންމެވެސް ވާހަކައެއް ބުނަން އުޅޭތާ ގަރުނެއް މިވަނީ. ކޮންމެ ފަހަރަކު ދިރުވައިލަނީ. މިއަދު އަހާފައި ނޫނީ ނުހުއްޓާނަން...." ހަޔާތީގެ އެ ޖުމްލައާއިއެކު އެލީން ކޮށިއަރާގޮތްވިއެވެ. ހަޔާތީ އެލީންގެ ބުރަކަށީގައި ފިރުމައިލަމުން އަނެއްކާ އިޝްކަންއާއި ހަތަރުކަޅިކަމަކޮށްލިއެވެ. ޖަވާބަކަށް އެދިއެދިއެވެ.

"ދޮންތާ...އަހަންނަށް..ވަރަށް ބޮޑު ފާފައެއް ކުރެވިއްޖެ.."

"ކޮންކަމެއްތަ؟ "

"އެލީން ލައްވާ ދޮންތަބެއަށް ޕޮއިޒަންދެވުނީ...އަދި......"

އިޝްކަންގެ ޖުމްލައާއިއެކު އަނގަމަތީގައި އަތް އަޅައިލެވުނެވެ. ހަޔާތީއަށް ކޮޅަށް ތެދުވެވިއްޖެއެވެ. ދުނިޔޭގެ އެންމެނަށް ތުހުމަތުކޮށްފައިވެސް އެންމެފަހުން ތުހުމަތު ކުރާނެ މީހަކީ އެއްބަޑު އެއްބަފާ ހުރި އެންމެ ކޮއްކޮއެވެ. އޭނަގެ ފުރާނަފަދަ ލޯބިވާ ކުޑަ ކޮއްކޮއެވެ. ހިތަށް ވީތަދާއެކު އަތް ހަރަކާތްކޮށްލެވުނީ އަމިއްލަ އިޚުތިޔާރަކާއި ލައިގެނެއް ނޫނެވެ. ދެވަނަފަހަރަށްވެސް ހަޔާތީ އިޝްކަންގެ ގަމީހުގެ ގިރުވާނުގައި ހިފާ ދަމައިގަތެވެ.

"އިޝްކަން.. އިޝްކަންތަ އަމްރާން ގަޔަށް ޝޫޓްކުރުވީ؟ ލާވީވެސް މަރައިލީ............."

"ނޫން ދޮންތާ. ގަބޫލުކުރޭ...ހަމައެކަނި ޕޮއިޒަންދޭން އުޅުނީ. އޭރު ދޮންތަބެ ކާފަރަކަށްވީމަ އެހެންވެ. ދޮންތާ އަހަންނަށް މާފުކުރޭ. އެފަހަރު އެކަންކުރަން އުޅުނީ ހަމައެކަނި ދޮންތައަށްޓަކާ....ޕްލީޒް ދޮންތާ. ވަރަށް ދެރަވެއްޖެ. ވަރަށް ބޮޑަށް މާފު...." އިޝްކަން އިސްޖެހިއެވެ.

"ޝަރީއަތަކާއި ނުލާ އެގޮތަށް އަމިއްލައަށް މީހުން މަރަން އުޅުމަކީ ދީނުގައި އޮތްގޮތެއް ނޫންކަން ތިހާ ކިޔަވައިގެން ހުރިއިރު އިޝްކަންއަކަށް ނޭގުނުތަ؟ އިސްލާމްދީނުގައި ފުރާނައަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް. ގުރުއާންގެ އާޔަތްތަކާއި ހަދީސްތައް ރަގަޅަށް ކިޔާބަލަ. ހައްގަކާ ނުލާ މައުސޫމް ކާފަރުންނަށްވެސް ހަމަލާދޭކަށް ނޯވޭ. ދީނުގެ ފުރިހަމަކަމާއި މަތިވެރިކަން ކިލަބުވަނީ އިޝްކަންމެން އަމިއްލައަށް ޝަރީއަތް އަތްމައްޗަށް ލައިގެން އުޅޭތީ. އެތީސްޓުންނަށްވެސް ބުނެދޭންވީ. ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަން ހާމަކޮށް ވަށައިގެން ފެންނަ ކޮންމެ އެއްޗަކީ ކުޅަދުންވަންތަކަން ކަން އެމީހުންނަށް ބުނެދީ ދީން އޮޅުން ފިލުވައިދޭންވީ ޝޭޚުންވެސް ސިޔާސީ ނުވެ މަގުއޮޅެމުންދާ ދިވެހިންނަށް ދީނަށް މަގު ދައްކަންވީ. އެޗްއެމް އުފެއްދުމަށްފަހު އެކި ޕްރޮގްރާމްތައް ހިންގަތީ ދީނަށް ލޯބިކުރާމީހުން އިތުރުވާކަން އިޝްކަންއަށް ނޭގޭތަ؟އެންމެންގެ ޒިންމާއަކަށް ހަދައިގެން ދީނަށް ލޯބި ޖައްސަންވީ. ކޮންމެހެން މީހުން މަރާ ޓެރެރިސްޓް ހަމަލާތައް ނުދިނަސް އެންމެން އެކީ އުޅެން ދީން އަންގަވާފައި އެބައޮތް. އަމްރާން ޕްރެޒިޑެންޓަކަށްވި ފަހުން މިހާރު ރާއްޖެ މިދަނީ މިބުނާ ދިމާލަށް. އިސްލާމީ ޝަރީއަތް އެކަމަކު ޓެރަރިޒަމްއާއި ނުލާ. އިސްލާމިކް ސްޓޭޓްފަދަ ހަރުކަށި ތަކުފީރީ ފިކުރާއި ނުލާ އިސްލާމިކް ޝަރީއަތެއް އޮތް ރަގަޅު މުޖުތަމައެއް އުފަންކުރީ..........................." ހަޔާތީގެ ލޮލުން އޭރު ކަރުނަ ފައިބަންފަށައިފިއެވެ. އިޝްކަން އަމްރާންއަށް ވިހަދިން އިރު އަޑިއަޑިން އެހެން ހާދިސާތަކާއި ގުޅުމެއް ނޯންނާނެބާވައޭ ސުވާލު އުފެދުނެވެ.

އިޝްކަން މާތް ﷲ ގަންދީ ހުވާކުރުމުން ހަޔާތީގެ ހިތަށް ކުޑަ ފިނިކަމެއް ލިބިއްޖެއެވެ. އިޝްކަން އޭގެފަހުން އަމްރާންއަށް ގެއްލުމެއް ދޭން ރާވާފައިނުވާ ކަމަށާއި އަމްރާންއާއިމެދު ކަންތައް ހިނގިގޮތުން އޭނަ ހިތާމަކުރާވަރާއި ލާވީއަށްޓަކާ ކުރާ އަސަރުތައް ހާމަކޮށްދިނެވެ. ބައްޕައެއްގެ ލޯތްބާއި ނުލާ ލާވީ ބޮޑުވާން އެންމެ ނޭދޭނެ އެކަކީ އޭނައެވެ. ބައްޕައަކަށްވެފައިވާތީ އިޝްކަންއަށް ބައްޕައަކީ އާއިލާގެ ކިހާވަރެއްގެ މީހެއްކަން އެނގެއެވެ. ހަޔާތީގެ ހިތްވެސް އިޝްކަންއަށް ސާފުވިއެވެ. ހިތް ސާފުނުވާނީ އަމްރާންގެ ގާތިލުންނަށެވެ.

ޔާސިރު ހުރީ ޔަގީންނުވެފައެވެ. އެތައް ދުވަހެއްފަހުން ނަބީލާ ފެނުމުން ބުނަންނޭގޭފަދަ އިހުސާސްތަކެއް ހިތުގެ ފުންމިނުގައި ހޭލައިގެންފިއެވެ. ނަބީލާގެ ޒުވާންކަން ފަހަނަޅާ ދިޔަސް އަދިވެސް އޭނަ ހިތްކީ އެލޮލުގައި ވަނީ ޒުވާންކަމެވެ. އެލޮލަށް ބަދަލެއްނާދެއެވެ. ކިޔޫގައި ހުރެފަ ތަށި ހިފައިގެންގޮސް ނަބީލާ އިށީނީ ކަނުގައި ވަކިން ހުރި މޭޒެއްގައެވެ. ނަބީލާގެ އެކަނިވެރިކަން ފެނިފާ ޔާސިރުއަށް ބުނާނެ އެއްޗެއް ވެސް ނޭގުނެވެ. އޭނަ އޯޑަރުކުރަން ބުނި ޖޫސްތަށި ހިފައިގެންގޮސް އިށީނީ ނަބީލާގެ ކުރިމަތީގައެވެ. އެމޫނަށް ބަލާލުމާއިއެކު ނަބީލާގެ ލޯ ބޮޑުވެ ނޭވާވެސް ހުއްޓުނުފަދައެވެ.

"ޔާސިރު...." ނަބީލާގެ ހިތަށް ސިހުމެއް ލިބުނެވެ. އެއާއިއެކު ރުޅިވެރިކަމުގެ އަލިފާނުން ހިތް ފޯވެ ނިތްކުރިއަށް ރޫތަކެއް އެރިއެވެ. އޭނަ އުޅުނީ ތެދުވާށެވެ.

"ނަބީ އަހަންނަށް އެނގޭ އަހަރެންދެކެ ރުޅިއަންނާނެވަރު. މާފު ނުކުރާނެކަން. އެކަމަކު އަޑުއަހާ. އަހަރެންގެ ކުށެއްނެތް. އަހަރެން ހޭގައި ހުރެ ނަބީއަށް ބޭވަފާތެރިވީއެއް ނޫން. ދިމާވި އެކްސިޑެންޓެއްގައި ކޯމާގައި އެތައް މަހެއްވާންދެން އޮވެފައި ހޭލެވުނީ. އަހަންނަށް ބޭސްކޮށް ވަރަށް ދުވަސްވާންދެން ބޭރުގައުމެއްގައި ތިބެގެން އަހަރެން ކިރިޔާ ރަގަޅުވީ. އަދި އެދުވަސްކޮޅުގެ ކަންތައް ހަދާނުންވެސް ފިލައިގެން ދިޔައީ. ނަބީ ހިތަށް އަރާނެ އަބަދު ފިލްމުތަކާއި ވާހަކައިންވެސް ވާގޮތަށް ޑްރާމާއެކޭ. ނަމަވެސް ވާހަކަތަކަށްވެސް އެބައި ގެންނަން އިނގެނީ އެކަހަލަ ތަޖުރިބާތައްކޮށްފައިވާތީ. މީހުންނަށް ދިމާވާ ކަންތައްތަކަށް އެމީހުން ވާހަކަ ލިޔާ ޑްރާމް ކުޅޭތީ. އަހަންނަށް މާފުކޮށްދޭތި ނަބީ. ބޭވަފާތެރިވެރިވެވުނީ ގަސްތަކު ނޫން. އެދުވަސްވަރު އަހަންނަށް އަހަރެންގެ ހަޔާތުގެ ބައިވެރިޔާއާއި ދިމާވެ ގުޅެވުނީ. މުފުތިހާއާއި ގުޅުނުފަހުން ހުރިހާކަމެއް ހަދާންވި. ނަމަވެސް ދެން މުފުތިހާއަށް ދެރައެއް ދޭކަށްވެސް ހިތަކަށް ކުޅަދާނައެއްނުވި. ނަބީވެސް ހަޔާތެއް ފަށާ އުފާވެރި ދިރިއުޅުމެއް ހޯދާނެކަމަށް އަހަރެން އުއްމިދުކުރިން. އަހަރެން ހިތަށް އެރީ ނަބީ އަހަންނަށް ނަފުރަތު ކުރަންޏާ ނަބީގެ ދިރިއުޅުން ކުރިއަށް ގެންދާން ފަސޭހަވާނެއޭ..........................." ޔާސިރު ހިތާމައައިއެކު މާފަށްއެދުނެވެ. ނަބީލާގެ ހިތުގައިވި ނަފްރަތުގެ އަލިފާނަށް އެބަސްތަކުން ގަނޑުފެން އެޅިފަދައެވެ. މަޑުމަޑުންގޮސް ޔާސިރުގެ ވާހަކަތައް ގަބޫލުކުރެވުނެވެ. އެލޮލުން ފެނުނީ ތެދުވެރިކަމެވެ.

"އަހަންނަށް އިތުބާރުކުރޭ އަހަރެން އަތުގައި ހުންނާނެ ރިޕޯޓްތައް...."

"އަޅާނުލާ. އަހަރެން ހިތްހެޔޮކޮށްފިން. މިހިތް މުޅިން ސާފު.............." ނަބީލާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ފުދިއްޖެ. ތިވަރުން ފުދިއްޖެ. ނަބީގެ މާފު ލިބުމުން ހަމަޖެހިލައިގެން ދެން ދުނިޔޭގައި އުޅެވިދާނެ. މިއަދު ވަރަށް އުފާވެއްޖެ..." ޔާސިރުގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރައިލިއެވެ.

"އަހަރެންގެ ހަޔާތީއާއި މިކާލްގެ ކައިވެންޏާއި ދެކޮޅު ހެދި ސަބަބަކީ ޔާސިރު. ކޮންމެ ކަމެއްގައިވެސް ދެކޮޅު ބަލަންޖެހޭ ސަބަބަކީ އެއީކަން މިއަދު ޔަގީންވެއްޖެ. އަހަރެންވެސް ވަރަށް އުފާވެއްޖެ ޔާސިރުއާއި ދިމާވީމަ. ހަގީގަތް އޮޅުން ފިލުވާދިނީމަ..." ނަބީލާގެ ހިނިތުންވުން ފުޅާވިއެވެ. ނަބީލާ ދައުވަތުދީގެން އައި އެކުވެރިޔާވެސް ރެސްޓޯރެންޓް ދޮރުން ވަންތަން ފެނިގެން ނަބީލާ އަތުން ހަނާއެޅިއެވެ. އޭނަ އައުމުން ކުރީގެ އެކުވެރިއެކޭ ކިޔާފައި ޔާސިރު ތައާރާފުކޮށްދިނެވެ. ނަމަވެސް އެމީހުންނަކީ "ޑޭޓް" ކުރާކަށް ޒުވާނުންނެއް ނޫނެވެ. ހިލޭ ފިރިހެނުންނާއި އަންހެނުން މިގޮތަށް ވާހަކަދެއްކުމަކީވެސް ރަގަޅުކަމެއް ނޫނިއްޔާއެވެ.

"އިރާދަކުރެއްވިއްޔާ އަދި ދިމާވާނެ.." ޔާސިރު ސަލާމްކޮށްލާފައި ތެދުވެގެން ހިނގައިގަތުމުން ނަބީލާއަށް އިރުކޮޅެއްވާންދެން ޚިޔާލެއްގައި އިނދެވުނެވެ.

ހަ މަސް ފާއިތުވެގެން ދިޔައީ ހީނުކުރާހާ އަވަހަށެވެ. އެލީން އާއި އިޝްކަން ދަރިފުޅު އަތުގައި ހިފައިގެން ނިކުމެގެން އައި މަދީނާގެ ހޮޓަލަކުންނެވެ. ފިނިގަދަކަމުން ގަނޑުވާން ކައިރިވެފައެވެ. ތިންމީހުންވެސް ތިބީ ސްވެޓަރު ލައިގެންނެވެ. އިޝްކަން ލާނާ އުރައިލިއެވެ.

"އަލްހަމްދުލިﷲ. ވަރަށް އުފާވެއްޖެ މިކޮޅަށް އަންނައިރަށް އުފާވެރި ޚަބަރެއް ލިބުނީމަ.........."

"މިފަހަރު ޓްވިންސް އިން ލިބިއްޖެއްޔާ ކިހާ ރަގަޅު..."

"ބާރަ ހަމަވާނެ އިރާދަކުރެއްވިއްޔާ. ބިގް ފެމިލީއެއް އޮތުމަކީ އަބަދު ޑްރީމްއެއް. މަންމަގެ އަހަރެން އެކަނި ހުރީމަ އަބަދުވެސް ވަރަށް އެކަނިވެރިވި. ހިތަށް އަރާ މަންމަވެސް ގިނަ ކުދިން ހޯދިނަމައޭ........" އެލީން އިޝްކަންގެ އަތުގައި ހިފާލަމުން އެމޫނަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. މި މާތް ބިމަށް އައުމަށްފަހު ލިބިފައިވާ ރޫހާނީ ހިތްހަމަޖެހުން އެއްވެސް ކަމަކާ އަޅާކިޔޭ ވަރެއް ނޫނެވެ. ޕެރިސް ލަންޑަން ޖެނީވާ ނިއުޔޯކް ވެނިސްފަދަ އެތައްތަނަކަށް ދަތުރުކޮށް އެތަންތަނުގެ ރީތިކަން ދެކެފައިވާ އެލީންއަށް މަދީނާއާއި މައްކާފަދަ "ރޫހާނީ" ހިތްހަމަޖެހުން ލިބުނު އެއްވެސް ތަނަކަށް ނުދެވެއެވެ. ފެންނަ ކޮންމެ މަންޒަރަކުން ހިތަށް ހަމަޖެހުން ނޫނީ ނުލިބެއެވެ. ކާރަކަށް އެރިޔަސް އިވެނީ ގުރުއާނުގެ ހިތްގައިމު އަޑެވެ. ފިހާރައަކަށް ވަނަސް އެ މަންޒަރެވެ. ބަހުގައި އިންނަ ޒުވާން ފިރިހެންކުއްޖާވެސް ތަސްބީހަ ގުނާލަ ގުނާލައެވެ. ވަށައިގެން ފެންނަ ހުރިހާތަކެއްޗެއް ހަދާންކޮށްދެނީ ދީނެވެ. އަނބުރާ މާލެ ދާހިތެއްވެސް އެލީން ނުވިއެވެ. އޭނަ އިޝްކަން ގާތު އެދުނީ މަދީނާ ޔުނިވާސިޓީއިން ކޯހެއް ހޯދައިގެން ކިޔަވަން މަޑުކޮށްލުމަށެވެ. އައިޓީއިން ކުރިއަށް ދިޔުމަށްފަހު ދެން ދީނީ އިލްމު އުގެނި އިލްމުވެރިޔަކަށް ވުމަކީ އެލީން ގަބޫލުކުރާގޮތެވެ. އިޝްކަންގެ ފިކުރު އެހެން ދިމާލަކަށް ގޮސްދާނެކަމަކަށް އެލީން ހިޔެއްނުކުރެއެވެ.

މިކާލް ފިހާރައިގެ ޗޮކްލެޓް ހަރުގަނޑުކައިރީގައި ހުރިއިރު ހަޔާތީއައި ލާވީގެ ހަރަކާތްތަކަށް ބެލިއެވެ. އޭނަ ހުރީ ލާވީއަށް ފެނިދާނެތީ ގުޑާލަން ނުކެރިފައެވެ. މަޑުފިޔާތޮށްޓާއި ކަޅުކުލައިގެ ޝޯލްއަކާއި އަބާޔާއެއްގައި ހުރިއިރު ހަޔާތީގެ މޫނުން ކުރިން ނުފެންނަފަދަ އުޖާލާކަމެއްވިއެވެ. އެތައް ދުވަހެއްފަހުން ހިނިތުންވެ އުޅެންފެށީއެވެ. މިކާލްގެ ހިތަށް ކުރަންފެށި އަސަރުތައް ދެލޮލާއި ހަމަޔަށް ފޯރިއެވެ. ލޯ ފެންކަޅިވެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ.

"ހަޔާ. އަހަރެން މެސެޖަށް ޖަވާބުނުދިނީ އަހަންނަށް ހަޔާ ހައްގުނޫންކަމަށް ހިތް ބުނެދޭތީ. ދުނިޔެއިން ޓެރަރިސްޓެއްކަމަށް ބަލާ މީހަކާއިއެކު ހަޔާ އުޅުނަ ދިނުމަކީ ހަޔާއަށް ދެވޭނެ އަނިޔާއެއް. ކޮންމެ ވަގުތަކުވެސް އަމްރާން ދިޔަމަގުން ދާންޖެހިދާނެ. އަންޕްރެކްޓިބަލް މީހަކާއިއެކު އުޅުނުއިރު ހަޔާއަށް އެއީ ކިހާ ވޭނީ އިހުސާސްތަކެއްކަން އެނގިފައި ހުންނާނީ. އަހަންނަށް މާފުކޮށްދޭތި. ހަޔާއަށް ނޭގުނަސް ފުރަތަމަ އަހަންނަށް ހަޔާ ފެނުނީއްސުރެ މިހިތަށް ބަދަލެއްނާދޭ. ފުރަތަމަ ނަޒަރުންވެސް ހަޔާ ދިޔައީ މި ހިތް ހިފައިގެން. އަހަންނާއި ހަޔާއާއިއެކު ހޭދަވި ކޮންމެދުވަހެއް ކޮންމެ ވަގުތެއް މިހިތުގައި ދާއިމަށް ބިންވަޅުނެގިފައިވޭ. އެހުރިހާ ހަނދާންތައް އެންމެ ފަހު ނޭވައާއި ހަމަޔަށް ރައްކާކުރެވިފައިވާނެ. ހިތަށް އަރާ އަދިވެސް އަހަންނަށް އަހަރެންގެ މަފިންގާތު ލޯބިވާވަރު ބުނެދެވޭނެނަމައޭ. އެކީ އުޅެވޭނެނަމައޭ. ހަޔާ އަހަރެން ހަޔާދެކެ ހާދަހާ ލޯތްބެއް ވެއޭ. ތިއީ އަބަދަށް އެދޭ މި ހިތުގެ ވެރިޔާ. އަބަދަށްޓަކާވެސް ލޯބިވެވޭނެ ހަމައެކަނި އަންހެންކުއްޖަކީ ތިއީ. އަހަންނަށް މާފުކުރައްޗޭ. ލޯބިނުވާތީ ނޫން. ހަޔާއަށްޓަކާ މަޖުބޫރުވީ. ލޯބިވާވަރުން ދެރަގޮތެއްވާން ނޭދޭތީ. އިޓް ޖަސްޓް ހާޓްސް.. ހާޓްސް ސޯ މަޗް....." މިކާލްގެ ހިތަށް އަރާ ފައިބަމުން ދިޔަ ޚިޔާލުތަކުން ހިތް ކުދިކުދިވަމުން ދިޔައެވެ. އޭނަ އިސްޖަހައިލަމުން ތުންފަތުގައި ދަތްއަޅާލިއެވެ.

"މިކާ ބޭބޭ.........." ޖޯޝުން ފުރިފައިވާ އަޑަކުން ތުއްތު ކުއްޖަކު ގޮވައިލިއަޑު ތަނުގައި ގުގުމާލުމާއެކު މިކާލްއަށް އިސްއުފުލައިލެވިއްޖެއެވެ. ލާވީ ދުވަމުން ދުވަމުން އައިއިރު އެފަން އިސްތަށިގަނޑު އުދެހުމުންދިޔައެވެ. މިކާލްއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ލާވީ އައިގޮތަށް މިކާލްގެ އަތުތެރެއަށް ވަނެވެ. މިކާލްއަށްވެސް އެ ކުޑަ ދަރިފުޅު މޭގައި ޖައްސައިލެވުނީ އިޚުތިޔާރަކާއި ނުލައެވެ.

ހަޔާތީއަށްވެސް އާދެވުނީ އެދިމާލަށެވެ.

"މިކާ. އަހަރެން ބޭނުން ވާހަކަ ދައްކާލަން.."

"ނޫން. ހަޔާ. އެންމެ ރަގަޅުވާނީ މިހިސާބުން ދެމީހުން ވަކިވިއްޔާ. އަހަރެމެން ދައްކާނެ އިތުރު ވާހަކައެއް ނެތް އަހަންނަށް ހަޔާއާއިއެކު އުޅެވޭކަށް ނެތް..." މިކާލް ލާވީގެ ކޮލަށް ބޮސްދިނުމަށްފަހު ބައްދާލުމަކަށްފަހު ނުކުމެގެން ދާން ހިނގައިގަތީ ހަޔާތީގެ ހިތް ރޮއްވާލާފައެވެ. މިކާލްއަށް އެއްވެސް އުފަލެއް ނުލިބޭނެކަން ހަޔާތިއަށް އެނގެއެވެ. މިކާލް ދުލުން ނުބުނިކަމުގައި ވިޔަސް އެހިތުގައި އޭނައަށްޓަކާ ވާ ލޯބި އެންމެ ފަހު ފަހަރަށް ބަލައިލިގޮތުންވެސް އެނގުނެވެ.

"ޚިޔާލުބަދަލުވެއްޖެއްޔާ އިންތިޒާރުގައި ހުންނާނަން..." ހަޔާތީގެ ޖުމްލަ މިކާލްއަށް އިވޭނެކަން ގައިމެވެ. ނަމަވެސް މިކާލްގެ ފިޔަވަޅުތަކަށް ހުއްޓުމެއްނައެވެ. ލާވީގެ މޫނުން ފެނުނީ މޮޅިވެރިކަމެވެ. ބައްޕައަށްފަހު ލާވީއަށް މިކާލް ޚާއްސައެވެ. އެހާ ގާތްކޮށް އުޅުނު މިކާލްބޭބެ ދުރަށް ދިޔުމުން އެ ޅަހިތަށްވެސް އުދަގޫވެއްޖެއެވެ.

ވިލާތަކުގެ ތެރޭ ފީކޯތް ކުޅެމުންދާ ހަނދަށް ބަލަން ހުރެފައި މިކާލް ހިތާމަވެރިގޮތަކަށް ހީލިއެވެ. އޭނަގެ އެޕާޓްމެންޓްގައި އެކަނިމާއެކަނި ހުންނަންވުމުން މާޒީގެ ހަނދާންތައް އޭނަގެ ދެލޯ ތެންމާލައިފިއެވެ. ހަދުވަރުގެ ޗާލުކަމާއި ނަލަކަމުންވެސް އޭނަގެ ހަޔާތަށް އަލިކަމެއް ނުފޯރިއެވެ. އޭނަގެ ނަސީބުގައި ލޯބި ލައްވާފައި ނެތީކަން ނޭގެއެވެ. ހަޔާތީ އޭނަގެ ހަޔާތަށް އައުމަށްފަހުވެސް އެލޯބީގެ ފޮނިކަމެއް މިންވަރެއް ނުކުރެއްވިއެވެ. އެންމެފަހުން ހިތް ފުނޑުފުނޑުކޮށްލާފައި ވަކިވެގެން ދިޔައީއެވެ. އޭނަފަދަ ކިތަންމެ އިންސާނުން މިދުނިޔޭގައި އުޅޭނެއެވެ. އެކި މީހުންނަށް ދިމާވާނީ އެކި އިމްތިހާނުތަކެވެ. އެކިމީހުން ގަބޫލުކުރަނީ އެކި ފިކުރުތަކެވެ. އޭނަ އަދިވެސް ކާޒިމްއަށްވެސް ސިއްރުކުރާ އެހެން ފަރާތެއްވެއެވެ. އޭނައަށް އަނެއްކާވެސް ވަޒީފާ ލިބުނުކަމެވެ. އޭނަގެ ކާފަ ކުޅުނުފަދަ ކުޅިގަނޑެއް އޭނައަށް ނުކުޅެވެންވީ ސަބަބެއް ނެތެވެ. އެހެން މީހުންނަށް ފެންނާނީ އޭނަ ދެއްކި "މިކާލް"އެކެވެ.

ބާރުގަދަ ސަރުކާރެއްގެ އިންޓެލިޖެންސްއިން ގުޅާފައި އޭނައަށްވަނީ އެމީހުންނަށް މަސައްކަތްކުރާނެ ފުރުސަތެއް ދީފައެވެ. މޮސާޑަށްވެސް ޖެހޭނީ މިފަހަރު މައިތިރިވާށެވެ. އެމީހުންގެ މަސްލަހަތަށް ފުށުއެރިޔަސް އޭނައާއި ދިމާކޮށްލާކަށް ނުކެރޭނެއެވެ. އޭނައާއި ހަވާލުވީ އެހެން ކަހަލަ މަސައްކަތެކެވެ. ބައެއް ދުޝްމިން ގައުމުތަކަށް ޖާސޫސުކޮށްދިނުމެވެ. އަދި އެއާއިއެކު ބައެއްތަންތަން ގޮއްވުމާއި އެސެސިނޭޓްކުރުންފަދަ ކަންތައްތައް ހިމެނޭނެއެވެ.

"ސުބުނާﷲ. ބައެއް ގައުމުތަކުން މިކުޅޭ ޑާޓީ ޕޮލިޓިކަލް ގޭމްސް އެނގޭނަމަ.......ހަތިޔާރުތައް ވިއްކަން ކުރާ މަސައްކަތްވެސް އެނގޭނަމަ. ބައެއްވެރިން ގެންގުޅޭ ސިޔާސަތާއިހެދި ދުނިޔެ ހަމަޖެހޭ ސުލްހަވެރި ތަނެއްގެ ގޮތުގައެއް ނޯންނާނެ. އަރަބި ގައުމުތައް ހަލާކުކޮށްލިފަދައިން ހުރިހާ ތަނެއްގައި މިއޮތީ މިވަބާ. ހަންފެތުރުމާއި ޓެރަރިޒަމްފަދަ ހުރިހާ ނުބައި ކަންތައް މިއޮތީ ހައްދުން ނައްޓާފައި. އިރާދަކުރެއްވިއްޔާ އެމީހުންނާއިއެކު އުޅެމުން އަހަންނަށްވެސް އަހަރެންގެ ގޭމް ކުޅެވޭނެ......" މިކާލް ކުޑަކޮށް ހީލަމުން ދަތްދޮޅީގައި މަޑުމަޑުން ފިރުމައިލިއެވެ.

"އިސްލާމިކް ސްޓޭޓުން އެއް އިރެއްގާ ކުރި ހަގުރާމައިން ފައިދާ ނަގާ ބައެއް ތަންތަނުން އެމީހުންގެ ނަމުގައި ހަގުރާމަކުރަން ފެށީމަ ދުނިޔެއަށްވާނީ ކިހިނެއްތަ؟ މިހިރީ ކުޅިބަލަން....." މިކާލް އެއްމިޔަކަނުން ހީލިއެވެ.

ބައެއް މީހުންނަށް އޭނަވާނީ ފަލަސްތީނުގެ މުޖާހިދަކަށެވެ. އަނެއްބަޔަކަށް އޭނަވާނީ އިސްލާމިކް ސްޓޭޓްގެ ޓެރަރިސްޓަކަށެވެ. އަދި އަނެއްބަޔަކަށް އޭނައަކީ މޮސާޑް އެޖެންޓެކެވެ. ކޮންމެ މީހެއްގެ ގޮތުގައި ދުނިޔެ ދެކުނަސް އޭނަގެ ފަރުވާލެއްނެތެވެ. ހަމައެކަނި ހިތާމައަކީ އޭނަގެ އާއިލާއާއި ލޯތްބަށް އިހުމާލްވެވުނެވެ. ދުނިޔޭގައި އުޅޭނީ އެކި ކަހަލަ ފިކުރުގެ މީހުންނެވެ. އެކި ވަޒީފާތަކުގައެވެ. ސިޔާސީ މީހުން ބައިބައިވެފައެވެ. ދީނުގައިވެސް ހަމަ އެގޮތެވެ. ހުރިހާ ދިމާލެއްގައި ކޮންމެވެސް ނަމެއްގައި ހަގުރާމަ ނުހިގާ އިރެއްނުދެއެވެ. ލޭ އޮހޮރުވާލާ އިރެއްނުދެއެވެ. ވީއިރު އޭނައާއި ދިމާވީ އެފަދަ ވަޒީފާއަކާއެވެ. އެންމެ ފުރަތަމަ އޭނަ އިސްކުރާނީ ދީނެވެ. ގައުމު އަންނާނީ ދެވަނައަށެވެ.

ކޮންމެވެސް މީހަކު ބެލްޖެހި އަޑުއިވިފާ މިކާލް ގަޑިއަށް ބަލައިލިއެވެ. ސުންނަތުގައި އޮންނަގޮތަށް އިޝާ ނަމާދަށްފަހު ނިދާކަން އޭނަގެ އާއިލާއަށް އަދި ކާޒިމްއަށްވެސް އެނގޭނެއެވެ. ވީއިރު މިގަޑީގައި އަންނާނީ ކާކުބާވައެވެ.

މިކާލް ގޮސް ދޮރު ހުޅުވައިލީ ފިސާރި ސަމާލުވެހުރެއެވެ.

ދޮރުމަތީގައި ހުރީ ހަޔާތީއެވެ.

"މިގަޑީގައި....މިތާ. ކީއްކުރަން ހަޔާ..." މިކާލްގެ ނޭވާވެސް ހުއްޓުނު ހިދުކޮޅަކަށްފަހު ސުވާލުކުރިއެވެ.

"ލާވީ ހަމަ ބުނާވަރުން މިއައީ. މިކާބޭބެ ގެނެސްދޭށޭ އަބަދު ކިޔާތީ. އެހާ ފަސޭހައިން ދެން ދެމީހުން ނުގުޅޭނެކަން ގަބޫލުވެސް ކުރަން. އެކަމަކު ލާވީއަށްޓަކާ. އަހަންނަށްވެސް ހެވޭ މިހާރު ޖަވާބެއްނުލިބުނަސް. މިކާގެ މަޖުބޫރީތަކާއި ހުރިހާ ކަމަކައިއެކުވެސް އަހަރެމެން ދެމައިން ބަލައިގަންނާނެ ދުވަހަކަށް އިންތިޒާރު މިކުރަނީ. އަހަރެއްވިޔަސް ދެއަހަރުން އަޔަސް ދިހަ އަހަރުން އަޔަސް މިކާއަށް އިންތިޒާރުކުރާނަން. މިކާގެ ހިތުގައިވާ އެއްޗެއް ޔަގީންކަމާއިއެކު އެނގިހުރެ މިބުނަނީ. މިކާ އަހަރެންދެކެ ލޯބިވޭ ވަރަށް ލޯބިވޭ. އެއިހުސާސްތައް ވަރަށް ވަރުގަދަ. ދުވަހެއް ދުވަހަކަށް ވުރެ ވަރުގަދަވާއިރުވެސް މިކާ ބޭނުމެއްނުވޭ އެފީލިންގްސްތައް ގަބޫލުކުރަން. އަހަންނަށް މިވާހަކަ ބުނަން ފަސޭހައެއްނޫން. އުދަގޫވެސް ވޭ. ސަބަބަކީ މިކާގެ ޖަވާބެއްނޭގޭތީ. އެކަމަކު އަހަރެން މިކާއާއިއެކު އާ ހަޔާތެއް ފަށަން ބޭނުން. މިކާ ބޭނުމިއްޔާ މިހިރީ އަބަދަށްޓަކާ މިކާ ކައިރިއަށް އަންނަން. އަމިއްލަ ދެ ފައިން ހިނގާފައި އަންނާނީ ކިހާ ބޭނުންވީމަ..ލާވީއަށް ތިހާ ރަގަޅު ބައްޕައެއް ދެން ނުލިބޭނެކަން އަހަންނަށް ޔަގީން..ލާވީ ވަރަށް މިކާގެ ވާހަކަ ދައްކާ....." ހަޔާތީ އުއްމީދާއިއެކު ވާހަކަދެއްކިއެވެ.

އަމްރާންވެސް އޭނަ ގާތު މިކާލްއާއިއެކު ދިރިއުޅުމެއް ފަށާށޭ ބުނިއެވެ. އެވާހަކަ ދެއްކުމުގެ މާނައެއް މިއަދަކު ނެތެވެ. އޭނަދެކެ އަމްރާންއާއި މިކާލްވެސް އެމީހުންގެ ގޮތުގައި ލޯބިވިއެވެ. އޭނައަށްޓަކާ ރަގަޅުގޮތްތައް ބޭނުންވިއެވެ. އަމްރާންވެސް ހަޔާތީ އެކަނިވެރިއަކަށް ވާކަށް ބޭނުންނުވިއެވެ. މިކާލްވެސް ހަޔާތީ އަމްރާންއަށްޓަކާ ދޫކޮށްލީ ކަމުގައި ހަޔާތީ ދެކުނެވެ. ސަބަބަކީ ކޮންމެފަދަ މަޖުބޫރީއަކާއިހެދިވެސް އަމްރާންގެ އަންބެއްގެ ގޮތުގައި ހުރެގެން ހަޔާތީއަށް ރަގަޅު ދިރިއުޅުމެއް ލިބެން އޮތީމައެވެ.

"ހަޔާ ތިއީ ރަގަޅުގޮތެއްތަ؟ ފާފަތަކަށް އަރައިގަންނަން މަގުފަހިވާ ކަންތައް ނުކުރޭ. އަހަރެން ވިސްނާނަން. މިހާރު ދޭ......." މިކާލް އޭރުވެސްހުރީ ކުޑަކޮށް ހުޅުވާލެވިފައިވާ ދޮރުކައިރީ އެތެރޭ މަޑުކޮށްލައިގެންނެވެ.

"މިކާ އަހަންނަށް މާފުކޮށްދޭތި..." ހަޔާތީ އެދުނެވެ.

"މާފު އެދޭވަރުގެ ކަމެއް ނުކުރަމެއްނު.." މިކާލް މަޑުމަޑުން ބުނެލިއެވެ.

"މިކާއާއިމެދު ޝައްކުކުރެވުނީ. މޫނުމަތީ ޖެހުނީ. އެންމެ ފޮރުވަން ބޭނުންވި ސިއްރުތައް ފުލުހުންނަށް ދެއްކުނީ........އަހަރެން.........އައި ޝުޑް ހޭވް ޓްރަސްޓެޑް ޔޫ މިކާ...." ހަޔާތީއަށް ރޮވެންފެށިއެވެ.

"މާފުކޮށްފިން. ހަޔާއަށް ނޭގި ކުރެވުނީ. އެނގިގެން ކުރިނަމަވެސް އަހަރެން ހަޔާއަށް ހިތް ނުބައިވާނެ ގޮތެއްނުވާނެ. އެއަށްވުރެ ޚާއްސަ އަންހެންކުއްޖެއް. އެކަންތައް އެހެން މީހުނަށް އެނގުނަސް ނޭގުނަސް އިތުރަށް ކުރާނެ ކަމެއްނެތް. އެ ޗެޕްޓާވެސް ކްލޯޒްކޮށްލައިފިން. ނުރޮއި ހަޔާ............" މިކާލްއަށް އެމޫނަށް ބަލައިލެވުނީ ހަމްދަރުދީއާއި ލޯބިން ފުރިގެންވާ ގޮތަކަށެވެ. ޖަޒުބާތުގައި ޖެހިގެން ހަޔާތީގެ ލޮލުން ކަރުނަ ފޮހެދޭން ދިއްކޮށްލި އަތްތިލަ ހަޔާތީގެ މޫނުގައި ކިރިޔާ ޖެހިލުމާއިއެކު މިކާލް އަތް ފަހަތަށް ގެންދިޔައެވެ. އަދި މަޑުމަޑުން ދޮރު ލައްޕާލައިފިއެވެ.

ހަޔާތީ ގޮސް ލިފްޓަށް އެރީ ދެލޯ ފޮހެމުންނެވެ.

ހަޔާތީ މޭވާކޮށާލާފައި ދެތަށްޓަށް އަޅައިގެން ހިފައިގެން ދިޔައީ ބަގީޗާގައި އަރާމުކޮށްލަން ތިބި އަބުދުލްއަޒީޒުގެ ދެމަފިރިންނަށެވެ. އަމްރާންވެސް އަނބުމަށާފައި މަންމަމެންނަށް ކާންދޭ މަންޒަރު ފެނިފައިވާތީ ހަޔާތީވަނީ އަމްރާންގެ އެފަދަ ކުދި ކުދި އާދަތައް ދަސްކޮށްފައެވެ. ބައްޕައާއި މަންމަގެ ހިތުގައި އޭނައަށްޓަކާ ފުން ލޯތްބެއް އުފެދިފައިވެއެވެ. ހަޔާތީގެ ކެތްތެރިކަމާއި ހިތްވަރަށްވެސް އެދެމަފިރިން ތައުރީފުކުރެއެވެ.ގޭގެ ހުރިހާކަމެއް ނޯކަރުން ލައްވާ ކުރުވަމުން ދަރިފުޅު ރަގަޅުގޮތުގައި ތަރުބިއްޔަތު ކުރަމުން އަމިއްލަ އުފަން މަންމައަށްވެސް އެހާ އަޅާލައެވެ. އަދި ލިބޭ ހުސްވަގުތުތަކުގައި ދީން ކުރިއަރުވަން މަސައްކަތްކޮށް އެޗްއެމްގެ ޕްރޮގްރާމްތައް ހިންގުމުގައި އުޅެއެވެ. އަބުދުލްއަޒީޒުއާއި އަލްޔާނާ ހަޔާއަށް ވިސްނައިދެނީ އެހެން ނުހުރެ މީހަކާއި ކައިވެނިކުރުމަށެވެ. ލާވީއަށް ރަގަޅު ދޮންބައްޕައެއް ހޯދަދިނުމަށެވެ. މީހަކާއި އިނަސް އެމީހުން ހަޔާތީ އަކީ ދަރިއެއްކަމަށް ދެކޭނެކަމުގައެވެ. ހަޔާތީ އަދި އެލީންއަކީ ފަޚުރުވެރިވުން ހައްގު ދެ އަންހެންދަރިންނެވެ.

ކިތަންމެ ރީތި ގެއެއްގާ ކިތަންމެ އަރާމުގައި އުޅުނަސް ދާއިމީ އުފަލާއި އަރާމަކީ ވަގުތީ އެއްޗެއްކަން ހަޔާތީ ހަދާން ނައްތައެއްނުލައެވެ. ދުނިޔޭގެ ރީތި ކުލަތަކަށް ހެއްލި އާޚިރަތް ހަދާން ނައްތާލާކަށް ނުވާނެކަން ގަބޫލުކުރެއެވެ. އޭނަގެ ފިރިމީހާގެ ކުއްލި މަރަކީ އެކަން އެންމެ ސިކުންތުކޮޅަކަށްވެސް ހަދާނުން ކައްސާނުލާ ދާއިމަށް ސިކުނޑީގައިވާ އިންޒާރެކެވެ. އެހެން މީހުން ޑައިރީގައި ގިނައިން ލިޔަނީ ލޯބީގެ ވާހަކަތަކެވެ. ކޮންމެވެސް ފިރިހެންކުއްޖެއްގެ ވާހަކަތަކެވެ. އޭނަ ލިޔަނީ ދީނީ ޖާނަލްއެކެވެ. ގުރުއާންގެ އާޔަތްތަކާއި މާނަތައް ހަދީސްތައް އަދި ދީނީ "ރިމައިންޑާސް"ތަކެވެ. އެދުވަހު ކުރެވޭ ހެޔޮކަންތަކާއި ސަދަގާތްތަކެވެ. ކުރެވޭ ނުބައިކަމެއް ވެއްޖެއްޔާ އޭނަ ތައުބާވެއެވެ. މިކާލްއާއި ބައްދަލުކުރަން ދެވުނުކަމަށްޓަކާ އޭނަވަނީ އެކަންފާހަގަކޮށް ޖާނަލްގައި ލިޔެ އެކަން ތަކުރާރުނުކުރަން ވައުދުވެފައެވެ.

އެފަހުން ހަޔާތީ މިކާލްއާއި ބައްދަލުކުރުމުގެ ނިޔަތެއްނެތެވެ. ދުނިޔެއާއިހެދި އުޅުމަށްވުރެ އޭނަ ވިސްނީ ދުނިޔެއަށް ފޮނުއްވި މަގުސަދާއި މެދު ވިސްނާ ހެއްދެވިފަރާތާއި އޮތް ގުޅުން ވަރުގަދަކުރުމަށެވެ. ދަރިފުޅު ފުރިހަމަގޮތުގައި ތަރުބިއްޔަތުކުރުމަށެވެ.

ދެއަހަރު ފަސް***

ރަމަޟާންމަހަށްޓަކާ ދުވަސްކޮޅެއް ކުރިން ނަފުސް ތައްޔާރުކުރުމާއި ބެހޭގޮތުން އެޗްއެމްއިން ޕްރޮގްރާމެއް ގެނެސްދިނެވެ. އެގާރަ މަހު ބޭނުންގޮތަކަށް އުޅެފައި ހަމައެކަނި ރަމަޟާންމަހު މާތް ﷲގެ ރުއްސެވުންއެދި އެ މަސް އެފަރާތަށް ޚާއްސަކޮށްލި މީހަކަށް ކޮންފަދަ ނަސީބެއްހެއްޔެވެ. މިއީ އެންމެ ފަހު ރަމަޟާންކަމަށް ވެދާނެކަމަށް ބަލާ އެ މައްސަރުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފަންވާނެއެވެ. އެއީ ރޯދަހިފުމާއި ގިނަގިނައިން ނަމާދުކުރުމާއި ގުރުއާން ކިޔެވުމާއި ސަދަގާތްދިނުންފަދަ ކަންތައްތަކުގައި އަބަދުހެން އުޅެންވީ މައްސަރެވެ. އޭގައި އިރުޝާދު ދީފައިވަނީ މިހާރުއްސުރެ ގައިގާ ހިފާފައިވާ ނުރަގަޅު އާދަތައް ދޫކޮށްލުމަށެވެ. ފޭސްބުކްފަދަ ސޯޝަލްމީޑިއާގައި ބޭކާރު ވަގުތު ހޭދަ ނުކުރުމަށެވެ. އީބަނުބުނުމާއި އެހެން މީހުންގެ ވާހަކަތައް ދެއްކުން ހުއްޓާލުމަށެވެ. ކޮފީމަދުކުރަމުންގޮސް ޑީކެފްކޮފީއަށް ހެދުމެވެ. ތަރާވީހަށްފަހު ނިދާ ދަމު ނަމާދަށް ހޭލަން އާދަކުރުމުގެ ގޮތުން މިހާރުއްސުރެ ސުންނަތުގައިވާ ގޮތަށް އިޝާނަމާދަށްފަހު ތެދުވެ އަވަހަށް ހޭލަން ހަށިގަނޑު އާދަކުރުމެވެ. ފޯނަށް ބަލާ ވަގުތުވެސް މަދުކުރުމެވެ. ކެއްކުމާއި ސާފުކުރުމާއި ކާރުގައި އިންނައިރު ގުރުއާންގެ އަޑުއެހުންފަދަ ކަންތައްތަކުގެ ސަބަބުން ލިބޭވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހޭދަކުރުމެވެ. ބޭންކުފަދަ ތަނެއްގެ ޚިދުމަތް ހޯދުމުގައި ލަސްވާއިރު ޒިކުރުކުރުމުގައި ދެމިހުރުމެވެ.

އެޗްއެމްއިން ގެނެސްދިން އެ ޕްރޮގްރާމް ބެލުމުން ހަޔާތީގެ ހިތްހަމަޖެހޭގޮތްވިއެވެ. ނަމަވެސް ދެން ޖެހިގެން އައި ޕްރޮގްރާމްއިން ފެނުނީ މިހާރުގެ ފަސްޓްލޭޑީގެ އިންޓަވިއުއެކެވެ. ހަޔާތީއާއި ދިމާ އިދިކޮޅެވެ. ފެޝަން މޮޑެލްއެއްފަދައެވެ. ކުއްޖާގެ އަސްލުވަނީ މޭކަޕްގެ ނިވަލުގައި ފޮރުވިފައެވެ. ފޮނިކަމާއި ބޮޑާކަމުގެ އިންތިހާއެވެ. އެ "ފަސްޓްލޭޑީ"އާއި ބެހޭގޮތުން ހުންނަ ވާހަކަތައް އިވިފައި ޚުދު ހަޔާތީވެސް ހައިރާންވެއެވެ.

ހަޔާތީ ލާވީ ތައްޔާރުކޮށްލުމަށްފަހު ކާރުގައި ގެންދިޔައީ ގަބުރުސްތާނަށެވެ. އަމްރާންގެ މަހާނަކައިރިއަށް ގޮސް ހެޔޮ ދުޢާކުރިއެވެ. ދަރިފުޅު ލައްވާ ބައްޕައާއި ވާހަކަދެއްކެވިއެވެ. ލާވީ ބުނީ އެންމެ ލޯބިވަނީ ބައްޕަދެކެ ކަމުގައާއި ކޮންމެ ދުވަހަކު ހަދާންވާކަމުގައެވެ. ކޮންމެ ދުވަހަކު ބައްޕަ ހަދާންވެފައި ރޮވޭކަމުގައެވެ. ލާވީ ވާހަކަދެއްކިއިރު ކަރުނަތިކިތައް ފައިބައިގެން ދިޔައެވެ. ހަޔާތީ ދަރިފުޅު ގެނެސް ބާރަކަށް ބައްދައިލިއިރު ހަޔާތީއަށްވެސް ރޮވިއްޖެއެވެ.

ހަޔާތީއަށް ވައިބާ އޮންކޮށްލުމުން ފުލުފުލުގައި ރަމަޟާން މުބާރަކު މެސެޖް އަންނާންފެށިއެވެ. އެންމެފަހުން އައި މެސެޖް ފެނުމާއިއެކު ހަޔާތީ ސިހުނުވަރުން އަނގަ މަތީ އަތް އެޅުނެވެ.

"ރަމަޟާން މުބާރަކް މަފިން އާއި ލާވީ. އައިމް ބެކް. ދެއަހަރު ފަހުން އަނެއްކާ މިއައީ ހަމައެކަނި ހަޔާއަށްޓަކާ. ހަޔާ ބުނީމެއްނު ދިހަ އަހަރުވިޔަސް އިންތިޒާރުކުރާނަމޭ. ވަރަށް އަންޕްރެޑިކްޓަބްލް މީހެކޭ ހިތަށް އަރާނެ. އަހަރެންގެ ވަޒީފާގެ ގޮތުން އެހެން ދިމާވީ. އައިމް ނޮޓް ޕާފެކްޓް ހަޔާ. ހަޔާ ބޭނުމިއްޔާ އަހަރެންގެ ހުރިހާ ސިފަތަކާއެކު ގަބޫލުކުރަންވީ. ބޭނުމިއްޔާ އަހަރެންގެ "ފަސްޓްލޭޑީ"ކަމުގައި ވެވިދާނެ. ޔޫ އާ ދަ ފަސްޓް ލޭޑީ ދެޓް ސްޓޯލް މައި ހާޓް އެންޑް ދަ އޮންލީ ލޭޑީ އައި ހޭވް އެވާ ލަވްޑް. ވަރަށް ލޯބިވޭ"

މިކާލްގެ އެ މެސެޖް ފެނިފައި ހަޔާތީގެ ލޮލުން ކަރުނަ ނިރައިލިއެވެ.

ހަޔާތީ ގަސްތުކުރީ އިސްތިޚާރާ ނަމާދުކުރާށެވެ.

އޭނަގެ ވެރި ރަސްކަލާނގެ ނިންމެވި ކޮންމެ ގޮތަކާއި އޭނަ ރުހެއެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. ލޯބިވާ މީހުންނާއިއެކުގައިވެސް އަބަދަށްޓަކާ އުޅެން މިއީ ސުވަރުގެއެއް ނޫނެވެ. މިތަނުން ލިބޭނީ ވަގުތީ އުފަލެވެ. އިމްތިހާންތަކާއި ކުރިމަތިވާނެއެވެ. އޭނަގެ ލޯބިވާ އަމްރާން ވަކިވުމަކީ ހަޔާތުގައި އައި އެންމެ ބޮޑު އިމްތިހާނެވެ. އޭނަ ކެތްކުރިއެވެ. ދެން ކެތްނުކުރެވޭނެ އެއަށްވުރެ ބޮޑު ހިތާމައެއް ދިމާވާނެހެއްޔެވެ. ނުވާނެކަން ޔަގީނެވެ. އޭނަ އިންތިޒާރުކުރަމުން މިދަނީ އިސްތިޚާރާކުރުމަށްފަހު މިކާލްގެ "ފަސްޓްލޭޑީ"އަށް ވާނީތޯ ނުވަތަ އަމްރާންއަށްޓަކާ އުމުރުގެ ބާކީއޮތް ބައި ހުހަށް ހުރުން ރަގަޅު ތޯ ބެލުމަށެވެ. އޭނަވަނީ ރާއްޖޭގެ ފަސްޓްލޭޑީގެ މަގާމުގައި ފަސްއަހަރުވާންދެން ހުރެފައި އެކަމުގެ ފޮނިމީރުކަމާއި ހިތިކަން ތަޖުރިބާކޮށްފައެވެ. ދެވަނަފަހަރަށް އެމަގާމުގައި ހުންނާކަށް ހަޔާތީ ނޭދެއެވެ. އެއަށްވުރެ އެދެވެނީ ޕަޕަރާޒީއާއި މީހުންގެ ލޯތަކަށް ވަންހަނާވެ އަމިއްލަ ސާދާ ދިރިއުޅުމެކެވެ. ހުރިހާކަމަކަށްވުރެ އޭނަ އިސްކަން ދެނީ ދީނަށެވެ.

އޭނަ އިންތިޒާރުކުރަނީ އިސްތިޚާރާއަށްފަހު ވާނެ ގޮތަކަށެވެ. މިކާލްގެ ފަސްޓްލޭޑީއަށް ވާނެކަން ނޫނީ ނޫންކަން އެނގޭނެ ދުވަހަކަށެވެ.

(ނިމުނީ)

https://sun.mv/118553

comment ކޮމެންޓް