އެވަގުތު ކައިރީގައި ހުރި ގަސްތަކެއްގެ ފުރަގަހުން ނުކުމެގެން އައި މާސްކު އެޅި މީހާ ލާވީއަށް ފެނުނެވެ. ލާވީ ވަގުތުން ފަހަތަށް ފިޔަވަޅުތައް އަޅަންފެށިއެވެ. އެއީ ކާކުހެއްޔެވެ؟ މާސްކު އެޅި މީހާ ޑެޑީކައިރީ ހުރެ ކީއްކުރަނީ ހެއްޔެވެ؟ ކުއްލިއަކަށް މާސްކު އެޅިމީހާގެ ދެލޯ ލާވީއަށް ހުއްޓުނެވެ. އެމީހާއަށް ލާވީ ފެނުނުކަން ލާވީ ދެނެގަތެވެ. އެމީހާ ލާވީއައި ދިމާލަށް ދުއްވައިގަތެވެ. އޭނައަތުގައި އެއޮތީ ކޯންޗެއްހެއްޔެވެ؟ ބަޑިއެއްހެއްޔެވެ؟ ނުލަފާ މީހުންތައް ކާޓޫނުގައިވެސް ބަޑި ގެންގުޅެއެވެ.
"މިކާ ބޭބޭ..............." ހުރިހާ ތަނެއް އަނދިރިވުމުގެ ކުރިން މަޑުމަޑުން ލާވީއަށް ކިޔައިލެވުނެވެ. މިކާލް ދުވެފައި އައިގޮތަށް ލާވީ އުފުލައިލުމާއިއެކު އަޒިކިއަލް ފަހަތުން އައިގޮތަށް ލާވީ ފޭރިގަތެވެ.
"ގޯޑް ޑޭމިޓް މިކާލް. ޕްރެޒިޑެންޓް އަވަހާރަކޮށްލަން ޝޫޓްކުރީ ކަލޭ ދޯ. އަދި ލާވީއަށް ކީއްކުރަންށޭ ހިތަށް އަރާފައި ތިއުޅެނީ..............................." އަޒިކިއެލް މިކާލްއަށް ހަމަލާދޭން އުޅުނީ ވަޅިންނެވެ. ނަމަވެސް މިކާލްގެ ހުޝިޔާރުކަމުން އަޒިކިއަލްއަކަށް ކާމިޔާބެއްނުވިއެވެ. މިކާލް ހަނގުރާމައިގެ އުކުޅުތަކާއި ހެވިކަމަށް މާ މޮޅީއެވެ. މިކާލް އަޒިކިއަލް ކޮށްޕާލާފައި އަވަސް ފިޔަވަޅުތަކެއްގައި ގެއިން ނުކުމެގެން ދުއްވައިގަތްތަނާ ޒަހީން އެއްލި ވަޅި ކޮނޑުގައި ޖެހި ތަންގަނޑެއް ކަފައިގެން ދިޔައެވެ. އެވަރުންވެސް މިކާލް ހުއްޓުވާކަށް ސިކިއުރިޓީއިންނަށް ކުޅަދާނައެއްނުވިއެވެ. މިކާލް މާ ހުޝިޔާރެވެ.
މިކާލް އައިސީޔޫގެ ބޭރުގައި މަޑުކޮށްލައިގެން ހުރީ އިސްޖަހާލައިގެންނެވެ. އެތައް ބަޔެއްގެ ނަޒަރު އެކަހެރިކޮށްހުރި ރީތި ޒުވާނާގެ މައްޗަށް ހުއްޓުނެވެ. އެހާވެސް ހިތާމަވެރި އަސަރުން ފުރިފައިވާ މޫނެކެވެ. ފުލުހުން އައުމަށްފަހު މިކާލްއާއި ސުވާލުކުރަންފެށިއެވެ. އަޒިކިއަލްމެންގެ ރިޕޯޓާއި ގުޅިގެން އެމީހުން މިކާލްއާއި ބައްދަލުކޮށްލަން އައީއެވެ. އެވަގުތު ހަޔާތީ އައިސީޔޫއިން ނިކުމެގެން އައިސް މިކާލްގެ ކުރިމަތީގައި ހުއްޓުނެވެ.
"ކީއްކުރަން ތިއައީ؟ " ހަޔާތީ އެހީ ހަރުކަށިރާގަކަށެވެ.
"އަމްރާން ކިހިނެއް؟ " މިކާލްގެ އަޑުގައި ހިތާމައިގެ އަސަރެވެ. ކޮނޑުން ލޭ އަންނަމުންދާއިރު އަޅާ ވޭނަށްވުރެ ހިތުގައި އެޅި ވޭން މާ ބޮޑެވެ.
"ހައު ޑެއާ ޔޫ. އަދި އެހާ ބޮޑު އަނިޔާއެއް ދީފައި އެބަ އަހައެއްނު ކިހިނެއް ހެއްޔޭ........." ހަޔާތީގެ ލޮލުން ރުޅިވެރިކަމުގެ ކުލަ ފެނުނެވެ.
"އަހަރެން މިއައީ އެހެން ބުނަން ވެގެން. މަށެއްނޫން ޝޫޓްކުރީ. އައިމް ސޮރީ ހަޔާތީ. އައި ޑިޑްންޓް ޑޫ އިޓް. އިޓް ވޮޒްންޓް މީ.. ގަބޫލުކުރޭ.............." މިކާލްގެ ޖުމްލައާއިއެކު މޫނަށް އެރި ދިލަ އެތިފަހަރުގެ ސަބަބުން މިކާލްއަށް މޫނުގައި ފިރުމައިލެވުނެވެ.
"ދޮގު ހަދައިގެން ގަބޫލުކުރާނެކަމަށް އަދި ހީކުރީ. ތިއީ މަކަރުވެރިއެއް ދޮގުވެރިއެއް. އަބަދުވެސް މަށަށް އޮޅުވައިލީ. ދޮގުހެދީ. ފިލައިގެން ތިމީހުން ކިޔާ ޖިހާދަކަށް ގޮސްފައި ކިތަށް އަހަރުފަހުން ރާއްޖެއައީ. ހީކުރީ އެކަންތައް ހަދާން ނައްތާލާނެކަމަށް؟ ދުވަހަކު ހަދާނެއް ނުނެތޭނެ. ދޮގުވެރިކަމާއި އޮޅުވާލުމުގައި ތި ގްރޫޕްގެ މީހުން އެންމެ ކުރީގައި އުޅުނީ. ތިއީ އެމީހުންގެ ލީޑަރު. ހުރިތަނެއް ވިއްޔާ ކޮންމެވެސް މީހަކު މަރުވާނެ. ބޮން ގޮއްވާނެ. ޔޫ އާ އެ ހާޓްލެސް ޕާސަން. ޔޫ ހޭވް އޯލްވޭސް ބީން ސޯ ހާޓްލެސް. ހައު ކުޑް ޔޫ ޑޫ ދެޓް އިންފްރޮންޓް އޮފް މައި ސަން؟ ޔޫ މޮންސްޓާ........................." ހަޔާތީގެ ރުޅިވެރި ޖުމްލަތައް މިކާލްގެ ހިތަށް އެތައް ހާސް ތީރުތަކެއް ފަދައިން ހެރުނެވެ. ހަޔާތީ ބޭނުންވީ މިކާލްގެ ހިތް ހަލާކުކޮށްލާށެވެ. ދެރަކޮށްލާށެވެ.
"ދުވަހެއްގެ ކޮޅުންވެސް މާފެއްނުކުރާނަން. ގިޔާމަތް ދުވަހުވެސް ދައުވާކުރާނަން......" ހަޔާތީގެ އަޑުގައި ހަމްދަރުދީއެއް ނެތެވެ. އެހިތުގައި މިކާލްއަށްޓަކާ ނަފްރަތުގެ އަލިފާނެވެ.
މިކާލްގެ ލޮލުން އެތައް ހާސް އަސަރެއް ފެނުނެވެ. އޭނައަށް އެނގުނީ ހަޔާތީ ދުވަހަކުވެސް އޭނައަށް އިތުބާރު ނުކުރާނެކަމެވެ. ހިތުގައި އެހާވަރަށް ޖެހުނީ ހަޔާތީގެ ޖުމްލަތަކުންނެވެ. އެއިން ކޮންމެ ޖުމްލައެއް ހިތުން ލޭ އޮހޮރުވާލައިފިއެވެ. ހިތުގައިވި ރިހުން ބޮޑުވެ އުދާސްވެއްޖެއެވެ. އެތައް ބަޔަކު އެ މަންޒަރު ބަލަން ތިބިކަން މިކާލްއަށް އެނގުމުން ވަކިން އުނދަގޫވިއެވެ. އެންމެންގެ ކުރިމަތީގައި ހަޔާތީ އޭނައާއި ދިމާލަށް އެއްޗެހި ކިޔާފައި އެހިތުގައި އޭނައަށްޓަކާ އެއްވެސް އިހުސާސެއްނެތްކަން ބުނެދީފިއެވެ. ހަޔާތީއަށް ގޮވާފައި ހުއްޓުވަން އުޅެފައިވެސް މިކާލް ފުލުހުންނާއި ދިމާލަށް އަތް ދިއްކޮށްލުމާއިއެކު އަތުގައި ބިޑި އަޅުވައިފިއެވެ.
ތުނިކޮށް ވާރޭ ވެހެންފެށިއިރު އުޑުމަތީގައި ވިލާތައް އެއްވެ ބޯވަމުން ތޫފާނެއްގެ ސިފަ ޚިޔާރުކުރިއެވެ. ވިދުވަރުގެ ތޫނު އައްޔާއެކު ޖެހި ބާރު ގުގުރިއަށްވެސް ލާވީ މިފަހަރު ބިރުގަތްހެނެއް ހިޔެއްނުވެއެވެ. އެ ދެލޮލުން އޮހެމުން ދިޔަ ކަރުނަތައް ކޯތާފަތުން ތިރިއަށް ދެމެމުންދާއިރު ހިތްހަލާކުވާފަދަ އަސަރުތަކެވެ.
ލާވީގެ ތުއްތު ފިޔަވަޅުތައް ގޮސް މަޑުކޮށްލީ އަމްރާން ގަޔަށް ބަޑިޖަހާ އޭނަ ވައްޓައިލި ދިމާލުގައެވެ.
ގުދުވެފައި އެތާ އޮތް ރޮބޮޓްނަގާ މޭގައި ޖައްސާ ބާރުކޮށްލިއެވެ. ތުންފަތް ފިތާލައިގެން ހުރެ ރުއިމުގެ އަޑު ނީއްވަން ލާވީ މަސައްކަތްކުރިއެވެ.
"ޑެޑީ................"
ކާޒިމް އާއި ސިކިއުރިޓީ ޓީމް އެގެއަށް އައިއިރު އެތަންވަނީ ކްރައިމް ސީންއަކަށް ބަދަލުވެ ރީދޫ ޓޭޕް ދަމާފައެވެ. ކާޒިމް ލާވީގެ އިސްތަށިގަނޑުގައި ފިރުމާލާފައި އެތެރެއަށް ވަންއިރު އަޒިކިއަލްއާއި ސިކިއިރުޓީގައި އެދުވަހު ދެން ހުރި ޒަހީން އިސްޖެހި ހިތާމައިގާ ތިބިތަން ފެނުމުން ކާޒިމް ވެގެން އުޅޭގޮތް އަހާލައިފިއެވެ. އަޒިކިއަލް ބުނީ ގާތިލްއަކީ މިކާލްކަމަށެވެ. ލާވީގެ ގަޔަށްވެސް ޝޫޓްކުރަން އުޅެނިކޮށް އޭނަ ފަހަތުންގޮސް މިކާލްއަށް ހަމަލާނުދިންނަމަ މިތަނުން އެކަކަށްވެސް ސަލާމަތްވުމުގެ ފުރުސަތެއް ނުލިބޭނެކަމުގައެވެ.
"މިކާލްއައިމެދު ޝައްކުކުރެވޭއިރު އަޒިކިއަލްމެން އެހާ އިހުމާލްވީ ކީއްވެ؟ ލާވީގެ ޕާޓީއަށް އަންނާށޭ މިކާލް ގާތު ބުނީމަ އަހަންނަށްވެސް އަންގާނުލާ މިއަދު އެކަނި މިއައީ މިކަންތައްގަނޑު ހިންގާލަން ދޯ. އަހަންނާއެކު އަންނަން ކީ މީހާ. ހިތަށް ނާރާ އެކަނި އަންނަން ކެރިދާނެއޭ. އެކަމަކު ރެންގެ ސިކިއުރިޓީ ވަރުގަދަކުރަންވީމަ އަޒިކިއަލްމެން ދުރުގައި ތިބީ ކީއްވެ؟ ކިހިނެއް މިކަންތައް ހިނގީ. ހީޒް ފައިޓިން ފޯ ހިޒް ލައިފްކަން އެނގޭތަ. ސުބުހާނަﷲ. އަޒިކިއަލް އެވަރަށް އަހަރެން ކައިރީ ވިސްނައިގެން އުޅޭށޭ ބުނި. މިކާލްއަކީ ނުރައްކާތެރި މީހެއްކަމަށް އިންޒާރުކުރި. އަހަންނަށް ޝައްކުވެހުރެ އަތުކުރީ ހަރުފައެއް މި ގެންގުޅެވުނީ......" ކާޒިމް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން ހުރިއިރު ފިކުރުބޮޑުވެފައި ހުރިވަރު މޫނުމަތިން ފާޅުވާން ހުއްޓެވެ.
"އަޅުގަނޑު އެއްޗެއް ބޯލަންވެގެން އެތެރެއަށް ވަނީ. ޝޫޓްކުރި އަޑަށް ފުރަތަމަ ހީކުރެވުނީ ލާވީ ގޭމް ކުޅެނީކަމަށް........................" އަޒިކިއަލް ދެލޯ މަރައިލިއެވެ. ހިތްވަރުކުރާން މަސައްކަތްކުރާފަދައެވެ.
"އަޅުގަނޑުވެސް ނުދެކެން މިކާލް މިގެއަށް ވަންތަނެއް. އޭނަ އައީ ކިހިނެއްކަމެއްވެސް ނޭނގޭ. ޕްރެޒިޑެންޓް ކާރުން ފައިބާވަޑައިގެންފާ އަޒިކިއަލްއަށް ގުޅީ. ދެން އަޅުގަނޑަށް އެންގެވީ އެއްޗެއް ގަނެގެން އައުމަށް. އެހެންވެ އަޅުގަނޑު ކާރުގައި ދިޔައީ. އެނބުރި އައިއިރު ލޭގެ ކޯރު ދެމިފާ. އަދި ސީސީޓީވީ ކެމެރާތައް މަސައްކަތް ނުކުރާ ކަމުގައިވަނީ. މިކާލް. ހީޒް އެ ޕްރޮފެޝަނަލް. ހީ ޕްލޭންޑް އިޓް ވެލް.............." ޒަހީންވެސް ކިޔައިދިނީ ދެލޯފޮހެލާފައެވެ.
"ވަރަށް ދޯދިޔާ. އެތައްފަހަރު ޕްރެޒިޑެންޓް އެސެސިނޭޓްކުރަން މަސައްކަތްކުރިކަން އެނގޭއިރު ފަރުވާކުޑަކޮށްލާކަށް ނުޖެހޭނެ ދޯ.............." ކާޒިމް ހުރީ ނުރުހިފައެވެ.
އިޝްކަންއާއި އެލީން ލާވިއައި ހަވާލުވީއިރުވެސް ލޭ ހޭކިފައިވާ ރޮބޮޓް އަތުން ދޫކޮށްނުލާ ބައްދާލައިގެން ލާވީ އިނީ ގެއްލިދާނެކަމުގެ އިންތިހާ ބިރުވެރިކަން އުފެދިފައިވާ ފަދައިންނެވެ. އެދެލޮލުން ފެންނަ އަސަރުތަކުން އިޝްކަންވެސް ފެންކަޅިވިއެވެ. ލާވީއަށް އޭނަގެ ބައްޕަގަޔަށް ބަޑި ޖަހާ މަރައިލިތަން ފެނިފައިވާކަން އެނގިފައިވާތީ ލާވީގާތުން ސުވާލުކުރުމުން އެ ކުޑަ ކުޑަހިތަށް ލިބިފައިވާ މޮޅިވެރިކަމާއި ހިތްދަތިކަމުގެ މައްޗަށް އިތުރުވާނެ ވޭނެއްކަން އެނގުނެވެ. އިޝްކަން ލާވީ އުރާލުމުން ކޮނޑުގައި ބޯ އެޅިއެވެ.
"ޕަމްޕްކިން ހިނގާ ތެތްއެއްޗެހި ބަދަލުކޮށްލަން....."
ލާވީ ބޯ ހޫރާލިއެވެ.
"އައި ވޯންޓް މައި ޑެޑީ..................." ޒަޚަމްވެ ހަލާކުވެފައިވާ ހިތުގެ އެތިކޮޅުތައް އެއްކުރަމުން ކަރުނުން ފުރިފައިވާ ގޮތަކަށް ލާވީއަށް ބުނެވުނެވެ.
"ބޭޑް ގާއި ޑެޑީއަށް ހާޓްކުރީ. ޑެޑީ އުފާވާނީ ކޮއްކޮ ޗޭންޖްކޮށްލައިގެން ބަލަންދިޔައީމަ.....ޑެޑީ ދެކެލާން ދާނަންތަ ދޫނި..............." އިޝްކަން ލާވީގެ ލޮލުގައިވާ ކަރުނަތައް ފޮހެލަދިންއިރު އޭނައަށްވެސް ރޮވޭގޮތްވިއެވެ. މިކުޑަ ކުޑަ ލާވީއާއި އަމްރާންގެ އޮތް ގުޅުން ވަރުގަދަކަމުން ލާވީއަށް ކޮށްފާނެ ނަފްސާނީ އަސަރެއް އެނގެނީއެއް ނޫނެވެ. ލާވީގެ ހުރިހާވެސް މީހަކީ އޭނަގެ ބައްޕައެވެ.
އެލީން ހިމޭނުން ހުރެ ކަރުނަ އޮއްސަމުން ދިޔައެވެ.
އަމްރާންގެ ފުއްޕާމެއާއި ބަނޑަށް ވަޒަންއަރާ އެތެރެހަށިން ލޭ އަންނަމުންދާތީ އެކަން ހުއްޓުވަން ކުރިހާ މަސައްކަތްވީ ނާކާމިޔާބެވެ. ޑޮކްޓަރުންނަށްވެސް ކުރެވޭނެ ކަމެއްނެތެވެ. އަމްރާންގެ ފުރާނަ ސަލާމަތްކުރަން ކިތަންމެ މަސައްކަތްކުރިޔަސް އެފުރާނައިގެ ވަގުތު ޖެހުމުން ހެއްދެވި ފަރާތުގެ ހަޟުރަތަށް ދަތުކުރަންޖެހޭނެއެވެ. ހަޔާތީ އަމްރާންގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ރޮއިރޮއި ދެލޯ ދުޅަވާގޮތްވިއެވެ. އަމްރާންގެ އާއިލާގެ މީހުންގެ ލޯތަކުން ކަރުނަ ނުހިކެއެވެ. ހަމައެކަނި އާއިލާއެއް ނޫނެވެ. އެކުވެރިންތައްވެސް ދުޢާކުރަމުން ދިޔައީ އަމްރާންއަށް ޝިފާދެއްވުމަށް އެދިއެވެ. ސޯޝަލްމީޑިއާ ފުރި ބަންޑުންވީ ހެޔޮ ދުޢާތަކުންނެވެ. ލައްކައިން މެސެޖް އަންނަމުން ދިޔައިރު މަގުތަކަށް އެތައް ބަޔަކު އެއްވެއްޖެއެވެ. މުޅި މާލެ ކަރުނައިގެ ސާލު އޮޅާލައިފިއެވެ. ވެހެމުންދިޔަ ބޯ ވާރޭތެރޭގައިވެސް އެންމެން ތިބީ ވެރިޔާގެ ހާލު އޮޅުން ނުފިލާތީ ކަންބޮޑުވެގެން ގެއަށް ވަންނާން ބޭނުންނުވެފައެވެ. އަނގައިން ބުނާނެ ހިތްވަރެއްނެތި މާޔޫސްކަން މަތީ ތިބިއިރު ނޫސްވެރިންވެސް ޚަބަރެއްގެ އިންތިޒާރުގައެވެ. އެތައް ބަޔެއްގެ ޕްރޮފައިލްތައް ކަޅުވެއްޖެއެވެ. އަމްރާންއަށް ވިހަދީ މަރައިލަން އުޅުނުއިރުގެ ހާދިސާ މިއޮތީ ގާތްގަނޑަކަށް ތަކުރާރުވެފައެވެ. މިފަހަރު ކުރިއާ ޚިލާފަށް އަމްރާންގެ ހާލު ސީރިޔަސްކަމުން ފަރުވާއަށް ބޭރަށް ގެންދާނެ ހުއްދައެއް ނެތެވެ.
ޝައުންއާއި ލާވީ މަރައިލުމަކީ ސިލްސިލާގެ ފެށުމެވެ. އޭގެކުރިން ކެމްޕެއިން އޮފީހަށް ހަމަލާދީ އައުސަމްވެސް ކޮށައިލިއެވެ. އެމީހުންގެ ފަރާތުން އައުސަމް ސަލާމަތްކުރަން ހަދައިގެން ލުކުމާންއަށްވެސް އަނިޔާވެގެން އޭރު އެޑްމިޓްކުރިއެވެ. އޭރުއްސުރެ ސިޔާސީ ލޭ އޮހޮރުވުންތައް ފެށުނު ނަމަވެސް ފަހަކަށް އައިސް އެފަދަ އަނިޔާވެރިކަން މުޅިންހެން ނައްތައިލެވިއްޖެއެވެ. ސިޔާސީ މައިދާނަކީ ފިތުނަ ފަސާދައާއި ލޭ އޮހޮރުވުންވެސް ހުރި ތަނެކެވެ. އެތައް ސިޔާސީ މީހުންނެއް ޖަލަށް ލެވިފައިވާއިރު އޭގެ ތެރޭގައި ހިމެނޭ އިމާދުއްދީންވެސް ޓެރަރިޒަމް ކުށުގައި ޖަލުގައި ހުރުމަށްފަހު ދޫކޮށްލީ އަމްރާންއެވެ. ބަދަލު ހިފުމުގެ ގޮތުން އެފަދަ މީހަކު ހަމަލާ ނުދޭނެކަން އެނގެނީ ކާކަށް ހެއްޔެވެ؟ ނަމަވެސް މިފަހަރު ހަމަލާގައި ހައްޔަރުކުރެވުނީ މިކާލްއެވެ. ރެޑްހޭންޑްކޮށް ހިފުނީވެސް އޭނައެވެ.
މަރު އައިސް ޖެހުމުން އެންމެ ސިކުންތުކޮޅަކަށްވެސް ލަސްވުމެއްނެތެވެ. ލައުހުލް މަހުފޫޒްގައި އެމީހެއްގެ މަރު ލިޔުއްވާފައިވާ ފަދައަކުން އެމީހެއްގެ މަރު ކުރިމަތިލާނެއެވެ. އަމްރާންގެ އެންމެ ޒުވާން އުމުރުގައި މިދުނިޔެ ދޫކޮށް މާތް ﷲގެ ހަޟުރަތަށް ދޫކުރީ އެތައް ލޮލުން ކަރުނަ އޮހޮރުވާލާފައެވެ. އެކުރު އުމުރުގައި އެތައް ބަޔެއްގެ ހިތްތަކުން ޖާގަ ހޯދާ ތާރީޚުގައި އޭނަގެ ނަން ލިޔެލާފައެވެ. ވާހަކަ އިވުމާއިއެކު ސޯޝަލް މީޑިއާއި އާއި ނޫސްތައް ފުރުނީ އަމްރާންގެ މަރުގެ ޚަބަރުންނެވެ.
އަމްރާންގެ އެންމެ ފަހު ނޭވާއާއެކު ޚިދުމަތް ދޭންތިބި ޑޮކްޓަރުންނާއި ނަރުހުންވެސް ކަރުނަ އެޅިއެވެ. އޭނަގެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކާއި ހޮޅިތައް ނައްޓަންފެށިއެވެ. ހަޔާތީގެ ލޮލުގައި ބޮނޑިވެގަތް ހޫނު ކަރުނަތައް ތިރިއަށް ދެމިގަތެވެ.
ހަޔާތީއަށް އަމްރާންގެ އަތުގައި ބޮސްދެވުނެވެ. ކޮންމެވެސް މީހަކު އޯގާތެރިކަމާއިއެކު ހަޔާތީގެ އަތްވެސް ދުރުކޮށްލާފައި ހަށަމަށް އަތް އެރުވިއެވެ. މިއީ އެއަތުގައި ހިފައިލެވޭނެ އެންމެފަހު ފަހަރުކަން އެނގުމާއިއެކު ހަޔާތީ ރޮމުން އަތްމަތީ އަތްތިލަ ބޭއްވިއެވެ. މޫނުގައި ފިރުމައިލިއެވެ. އަމްރާންގެ މޫނުމަތިން މިހާރު ފެންނަ ހިމޭންކަމާއި އަލިކަމާއިއެކު ތުންފަތުގައި ވާ ފަނޑު ހިނިތުންވުން ހަޔާތީގެ ދެލޮލުގެ ފިނިކަން ކަމުގައިވިއެވެ.
"އިރާދަކުރެއްވިއްޔާ ދެން ސުވަރުގެއިން ބައްދަލުވާނީ. ތިއީ ޝަހީދެއް އިންޝާﷲ. ޔޫ އާ ނައު އެޓް ޕީސް ލަވް.....ވަރަށް ލޯބިވޭ.........................." ހަޔާތީގެ ލޮލުން ވެއްޓުނު ކަރުނަތިކިތައް އަމްރާންގެ މޫނަށް ފައިބައިގެން ދިޔައެވެ. އެންމެ ފަހު ވަގުތުގައިވެސް ކޮންފަދަ ރީތި ހިނިތުންވުމެއް ހެއްޔެވެ؟ އެންމެންގެ ހިތްތައް ފަތަހަކޮށްފައި ދާނެކަމާއިމެދު ހަޔާތީގެ ޝައްކެއްނެތެވެ. އަދި މަރާލެވިފައިވާ ބަރު އެސްފިޔަތަކުގައި އެންމެފަހު ފަހަރަށް ބޮސްދިނެވެ. އަރާމު ނިންޖެއްގައި އޮތްއިރު ދެންމެ ދެންމެ ލޯ ހުޅުވައިލަފާނެފަދައެވެ. މަޑުމަޑުން ހަމައެކަނި އަމްރާންއަށް އިވޭވަރަށް ލޯބިވާ ވާހަކަ ބުނެލިއެވެ.
"ހިތްވަރުކުރޭ ދަރިފުޅާ....." އަބުދުލްއަޒީޒު ހަޔާތީގެ ބޮލުގައި ފިރުމައިލިއެވެ. ކުޑަ ހަމްދަރުދީގެ ލަފުޒެއް އިވުމާއިއެކު ހަޔާތީއަށް ރޮއިގަނެވުނެވެ. އަބުދުލްއަޒީޒު ހަޔާތީ ގަޔަށް ލައްކޮށްލައިގެން ގެންގޮސް ތަނެއްގައި ބޭންދިއެވެ. ނޭވާލާނެ ހަކަތައެއްވެސް މިއަދު ހަޔާތީގެ ގަޔަކު ނެތެވެ.
"ހިތްވަރުކުރާނީ ކިހިނެއްތޯ ބައްޕާ. އަޅުގަނޑުގެ ދަރިފުޅުގެ ހިތްވެސް ހަލާކުވާނެ. ލާވީއަށް ބައްޕައާއި ނުލާ އުޅޭނެގޮތެއްވެސް ނޭގޭ. އަޅުގަނޑު...ކެތްކުރާނެ ގޮތެއް ނޭގޭ. ހިތަށްވެސް ނާރާ މިހެންވާނެއޭ. އަބަދަށްޓަކާ ވަކިވެގެން ގޮސްދާނެއޭ ހިތަށް ނާރާ. ލާވީއަށް ވަނެގޮތެއްވެސް ނޭގޭ. އެދަރިފުޅު ވީތަނެއްވެސް ނޭގޭ. އެމީހާ ދަރިފުޅުވެސް މަރައިލީކަން ނޭގޭ. އަޅުގަނޑުވެސް މަރައިލިނަމަ. ވައި ހިމް..........." ހަޔާތީ ރޮމުން އެނދުގައި ބޯ ޖައްސައިލިއެވެ. ކަރުނަ އޮއްސިނަމަވެސް ހިތުގެ ކަނަކުން ވިސްނައިދިނީ ކެތްތެރިވުމަށެވެ. މިއީ އަބަދަށްޓަކާ އުޅެން ވީ މަންޒިލް ނޫންކަމުގައި އެތައްފަހަރު އަމްރާންވެސްވަނީ ބުނެފައެވެ. ދުނިޔެއަކީ ހަގީގީ މަންޒިލަށް ކުރާ ދަތުރުގައި ޓްރާންސިޓް ބަނދަރެކެވެ. އޭނައަށްވުރެ ކުރިން އަމްރާން ދަތުރުކުރިކަމުގައިވިޔަސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބައްދަލުވާނެއެވެ.
ގުރުއާންގެ އެކި އާޔަތްތަކުގެ މާނަ ހަދާންކޮށްލާފައި ހިތްހަމަޖެހުން ހޯދަން ހަޔާތީ މަސައްކަތްކުރިއެވެ.
އައިސީޔޫގެ ތެރެއަށް އާއިލާގެ މީހުން ވަދެ އަމްރާންގެ މޫނު ދެކެމުން ދިޔައިރު ހަޔާތީ ޖެހި ބުދެއްހެން އެއްފަރާތުގައި ކަރުނަވީ ދެލޮލުން އެމަންޒަރަށް ބަލަން ހުއްޓެވެ. ފިރިހެނުންތައްވެސް ރޮނީއެވެ. އެކަކު އަނެކަކު ގައިގާ ބައްދާލައިގެންނެވެ. އަމްރާންގެ މަންމަގެ ހާލު އެންމެނަށްވުރެ ބޮޑެވެ. ދަރިފުޅުގެ މަރަށް ކެތްނުކުރެވިގެން އަނބުރައިގަތީއެވެ. ބައެއްމީހުން ހަޔާތީގެ ގައިގާ ފިރުމާލާފައި ކެތްކުރަން އެދުނެވެ.
އިޝްކަން ލާވީ ގެ ތެތް އެއްޗެހި ބަދަލުކޮށް ހޫނުފެނުން ފެންވަރުވާލިއިރުވެސް ލާވީ ރޮބޮޓުން ދޫކޮށެއްނުލިއެވެ. އެލީނާ ލާވީ ހެދުމެއް ލައްވާފައި އިސްތަށިގަނޑުގައި ފުނާއަޅާލަދިނެވެ. ކުއްލިއަކަށް ކޮޓަރިއަށްވަނީ ހަޔާތީއެވެ. ހަލާކުވެފައިވާ ހިތަކާއިއެކު ލޮލުން އޮހެމުން ދިޔަ ކަރުނަތައް ހުއްޓުވާކަށް ފަސޭހައެއްނުވާނެއެވެ.
"ހީޒް ގޯން.......ޝޭން. އެލީން.. ރެން.....ދެނެއް އެނބުރި ނާންނާނެ...ދެޓް މޮންސްޓާ. ހީ ކިލްޑް ހިމް........" ހަޔާތީ ދަރިފުޅުގެ ގައިގާ ހިފައިގަތެވެ. ގެނެސް މޭގައި ފޮރުވާލުމަށްފަހު އަދި ބާރު ބާރަށް ރޯންފެށިއެވެ. އިޝްކަންއާއި އެލީންވެސް އަސަރާއިއެކު އެ މަންޒަރު ދެކެން ތިއްބެވެ. ކަރުނަތައް އަމިއްލައަށް ހުއްޓެންދެން އޮއްސުމުން ނޫނީ ސިކުނޑިއަށް ލުޔެއް ނުލިބޭނެއެވެ. އަމްރާންއަށްޓަކާ ހަޔާތީ ހިތްފުރެންދެން ރޯލިޔަދޭށެވެ. އެކަމަށް ހުރަސް އެޅުމަކީ އެންމެ ރަގަޅުގޮތަކަށް ނުވެދާނެއެވެ. ނަފްސާނީ މާހިރުންވެސް ބުނަނީ އެހެންނެނެވެ. ކަރުނަތަކުން ފައިދާ ކުރާނެއެވެ. ހިތާމަތަކަށްވެސް ލުއިވާނެއެވެ.
ލާވީ ތުންފިތާލައިގެން އިންއިރު އެދެލޯވެސް ކަރުނުން ފޯވެފައެވެ. ލާވީގެ ކުޑަ ކުޑަ ހިތް އޭގެ އެންމެ ބާރުމިނުގައި ތެޅެމުން ދިޔައެވެ.
"ޑެޑީ ކައިރިއަށް........ޕްލީޒް" ލާވީ ބުނެލިއެވެ.
ހަޔާތީ އަދިވެސް ބޮޑަށް ލާވީ މޭގައި ފިތާ ބާރުކޮށްލައިގެން އިނދެފައި އެތުއްތު މޫނުގައި ހިފެހެއްޓިއެވެ.
"މިއީ ކޮން ރޮބޮޓެއް...ދަރިފުޅާ..." ލާވީގެ އަތުގައި އޮތީ ކުރިން ނުދެކޭ ރޮބޮޓެއްކަން އެނގުމުން ހަޔާތީ އަހައިލިއެވެ.
"ޑެޑީ ރޮބޮޓް ހިފައިގެން އައީ....ދަ ބޭޑް ގައި ...ހީ ހާޓް ޑެޑީ...." ލާވީ ބުނެލިއެވެ.
"އާހް............." ހަޔާތީގެ ހިތް ކުދިކުދިވާވަރުވިއެވެ. އޭނަގެ ލޯބިވާ ދަރިފުޅަށް އެ މަންޒަރު ފެނުނުހެއްޔެވެ؟ ލާވީ އޭރު ހުރީ ކޮންތާކުހެއްޔެވެ؟ ހަނދާންވެއްޖެއެވެ. ލާވީ ހުރީ ކުޑަދޮރުގެ ބިއްލޫރިގަނޑުގައި އެތުއްތު މޫނު ޖައްސާ ބާރުކޮށްލައިގެން ބޭރަށް ބަލާށެވެ. އެމަންޒަރުތައް ނިއުޅިގެން ދިޔައީ އޭނަގެ މި މައުސޫމް ދަރިފުޅުގެ ކުރިމަތީގައެވެ. ލިބުނު ހިތާމައާއި ޝޮކްގެ ސަބަބުން ދަރިފުޅުމަތިން ހަނދާންނެތުނަސް ހަޔާތީ މިހާރު ހަނދާންވެއްޖެއެވެ.
"ދަރިފުޅާ..ކާކު އެތާ ހުރީ......"
"މިކާ ބޭބެ....." ލާވީ އެއްޗެކޭ ބުނަން އުޅުނެވެ.
ހަޔާތީގެ ހިތާމަތައްވެސް އިރުކޮޅަކަށް ފިލާ ދިޔައެވެ. ރުޅިވެރިކަން ހުރިހާ އިހުސާސްތަކަށް ކުރި ހޯދައިފިއެވެ. މިކާލްގެ ނަން އިވުމާއިއެކު ހަޔާތީ ދުއްވައިގަތީ ކޮޓަރިން ބޭރަށެވެ. އިޝްކަން ފަހަތުންގޮސް ހަޔާތީގެ ގައިގާ ހިފައިގަތެވެ.
"ޕްލީޒް ދޮންތާ ހަމަޖެހިބަލަ. ޕްލީޒް. ތިހެން ހަދައިގެން ލާވީއަށްވާނީ ކިހިނެއްތަ؟ ހީ ނީޑްސް ޔޫ ދޮންތާ....ޕްލީޒް ބީ ސްޓްރޯންގް...ދޮންތައަށް އެންމެރަނގަޅަށް އެނގޭނީ. ކެތްކުރަން ގުރުއާނުގައި ވޭ. ހިތާމަތަކާއި ހިތްދަތިކަމަކީ އިމްތިހާނުތަކެއް. މާތް ﷲ އެންމެ ލޯބިވާ އަޅުތަކުންނަށް ހިތާމައާއި ދެރަކަންތައްތައް މެދުވެރިކުރައްވާ. އެކަމަކު އެމީހަކަށް ނުއުފުލެވޭވަރުގެ އިމްތިހާނެއް ކުރިމަތި ނުކުރައްވާ. ލޯބިވާ މީހުންނާއި ދަރިންނާއި މުދަލާއި ހުރިހަ ތަކެއްޗަކީވެސް އިމްތިހާނެއް ދޮންތާ. އެމީހަކު އެންމެ ލޯބިވާ އެއްޗަކުން އިމްތިހާން އަންނާނީ. ކެތްކޮށްފިމީހާއަށް އެތައް ނިއުމަތެއްދެއްވާނެ. އިރާދަކުރެއްވިއްޔާ ދޮންތަބެ ދުނިޔެއާއި ވަކިވެގެން އެދިޔައީ މީހެއްގެ އަތްދަށުން. ހުކުރުވިލޭރޭ.. މިވަގުތު ދޮންތަބެއަށް ބޭނުންވަނީ ހެޔޮ ދުޢާ. ހިތްވަރުކުރޭ........................." އިޝްކަން ހަޔާތީ ގެނެސް މޭގައި ޖައްސާލައިގެން ހުރެ މަޑުމަޑުން ވާހަކަދެއްކިއެވެ.
"ދޮންތަ ހަމަޖެހޭނީ އެ ޓެރަރިސްޓް މިދެއަތުން މަރާލާފައި......"
"ރާއްޖޭގައި އޮތީ އިސްލާމިކް ޝަރީއަތް. ގާތިލަށް އަންނާނީ މަރުގެ ހުކުމް. ދޮންތަބޭގެ ވާރިސުން ބޭނުންވާގޮތަށް އެކަން ނިންމާނެ...."
"އައި ވިލް ކިލް ހިމް...." ހަޔާތީ މިކާލްދެކެ ދުވަހަކު ނުކުރާހާ ބޮޑަށް ނަފްރަތުކުރިއެވެ. ދަރިފުޅުގެ ދުލުން "މިކާ ބޭބެ" އޭ ބުނުމާއިއެކު ހަޔާތީގެ ހިތުގައި މިކާލްއަށްޓަކާ ރުޅިވެރިކަމުގެ އަލިފާން އަނދައިގަތްގޮތަށް ސިކުނޑިވެސް ފިއްސާލައިފިއެވެ. ނަފްރަތާއި ރުޅިވެރިކަމުގެ ސަބަބުން ހިތާމަވެސް އިރުކޮޅަކަށް ކުޑަވެ އެނޫން އެހެން އެއްޗެއް ވިސްނުމަކަށް ނައެވެ. ހަޔާތީ ކަރުނަތައް ފޮހެލިއެވެ.
"ޝޭންއަށް އެނގޭތަ؟ ލާވީ ހުރީ ބަލަން...."
"ކޮންކަމެއް ދޮންތާ...."
"ދޮންތަބެ އައީ ލާވީގެ ބާތުޑޭވީމަ ރޮބޮޓެއް ހިފައިގެން. ލާވީ ހުރީ ދޮރުކައިރީގައި...އިންތިޒާރުގައި. އަދި އަދި...................ސުބުހާނަﷲ....ލާވީ މައި ޕުއާ ސަން.. ދަރިފުޅަށް ވާނީ ކިހިނެއް؟ ލާވީ ނުވެސް ނިދާނެ ރެން ނެތިއްޔާ. ލާވީ ނުވެސް ކާނެ. ނުވެސް ހީލާނެ...މަގޭ ކުޑަ ކުޑަ ލާވީ...." ހަޔާތީ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން އަރި އަޅައިލާގޮތްވިއެވެ. އިޝްކަން ފެންކަޅިވެފައިވާ ދެލޮލުން ބަލަން ހުރިއިރު ދޮންތަގެ ސިކުނޑި ހަމަޖެހޭހެއްޔޭވެސް ހިތަށް އެރިއެވެ. ނުކައި ހުރުމުން ވަރުބަލިވެސް ވާނެ ނޫންހެއްޔެވެ؟ އެހާވަރަށް ރޮވިއްޖެއެވެ. އޭނަގެ މަންމަވެސް އެހާލުގައެވެ. ވަރަށް ރުޔެވެ. އަދިވެސް މަންމަ އިނީ އެހެން އަންހެންވެރިންނާއިއެކު ސިޓިން ރޫމްގައެވެ. އިޝްކަން ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އޭނަގެ ހިތަށްވެސް ހާދަ ބޮޑަށް ތަދު އެބަވެއެވެ. ނަމަވެސް އޭނަ ކެތްކުރާނެއެވެ. ދުޢާކުރާނެއެވެ. މިއީ ވަގުތީ ތަނެއްކަން ހަދާން ނައްތާލައިގެން ނުވާނެއެވެ.
ހަޔާތީ ކޮޓަރީގެ ދޮރު ހުޅުވައިލިއިރު އެލީން ލާވީ ކޮނޑަށް ލައިގެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިތަން ފެނުނެވެ. ވަށައިގެން ފެންނަ ކޮންމެ އެއްޗެއް ކޮންމެ ތަނެއް އަމްރާންގެ މަތިން ހަދާންކުރުވިއެވެ. އެތައް ހަނދާންތަކެއް ހަމައެކަނި މިކޮޓަރީގައިވެސް އެމީހުން ހެދިއެވެ.
"ދޮންތާ..ޖޫސް.." އިޝްކަން ކޮޓަރިއަށްވަނީ ތަބައް ހިފައިގެންނެވެ.
"ދޮންތަ މިއުޅެނީ ނުކެވިގެންތަ؟ " ހަޔާތީ އިޝްކަންއަށް ލޯ އަޅައިލިއެވެ.
"ޔޫ ހޭވް ޓު ބީ ސްޓްރޯންގް ދޮންތާ. އެޓްލީސްޓް ލާވީއަށްޓަކާ..........ޕްލީޒް" އިޝްކަން އެދުނެވެ. އޭނަ ތަށި ނަގާފައި ހަޔާތީގެ އަނގައިގާ ޖެއްސިއެވެ.
"ދެން ތިވަރަށް ކިޔަންޏާ....." ހަޔާތީ އެއް ނޭވައިން ޖޫސްތަށި ބޯލައިފިއެވެ.
"ގުޑް.." އިޝްކަން މަޑުމަޑުން ބުނެލިއެވެ.
މިކާލް އިނީ ހުސްކަމުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެންނެވެ. މިފަދަ ދުވަހެއް އަތުވެދާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ. ހަޔާތީގެ ދިރިއުޅުމުގެ ހުރިހާ އުފާތައް ވަކިވެގެން ދިޔައީއެވެ. ހަޔާތީގެ ދިރިއުޅުން ބަރުބާދުވެއްޖެއެވެ.
"ބުނޭ......ކަންހިނގިގޮތް ރަގަޅަށް ކިޔައިދީ.............." ސިފައިންގެ އޮފިސަރަކު މިކާލްގެ މޫނުމަތީ ޖެހިއެވެ. އެއީ މިކާލްއަށް އާކަމެއްނޫނެވެ. އޭނަވަނީ އެއަށްވުރެ އެތައް ގުނަ ނުރައްކާތެރި މީހުންނާއި ކުރިމަތިލާ އެއަށްވުރެ ބޮޑު އަދަބުތައް ލިބިގެންފައެވެ. ކޮންމެ ފަދަ އަދަބަކަށްވެސް ކެތްކުރެވޭނެހާ ހިތްވަރު އެބަހުއްޓެވެ.
"އައި ކިލްޑް ހިމް...ދެން ކުރާނެ ކަމެއް ކޮށްބަލަ..."މިކާލް ދެލޯ ހަނިކޮށްލިއެވެ. އެލޮލުން އޮފިސަރަށް ފެނުނީ ފިނިކަމެވެ.
"ކަލޭ ދަންޖައްސާ މަރައިލާނީ....."
"ފައިން...." މިކާލް ބުނެލިއެވެ.
"އިޑިއަޓް...ކަލޭގެ ފައިނަލް ވިޝްއަކީ ކޮބާ......." އޮފިސަރު ރުޅިއައިސްގެން ފަޅަފަޅައިގެން ދާ ވަރުވިއެވެ.
"ޕްރެޒިޑެންޓްގެ މޫނު ދެކެލަން ގެންދިއުން." މިކާލް ބުނެލީ ދުރަށް ބަލައިލަމުންނެވެ.
"އެތަނަށްގޮސް އަނެއް ސްޓަންޓް ޖައްސަންތަ؟ އެނގޭތަ ތީ ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި ކުށްވެރިޔާ. ޕްރެޒިޑެންޓްގެ އަންހެނުންނާއި ހިތާވެގެން ޕްރެޒިޑެންޓް އެސެސިނޭޓްކޮށްފައި އެމަގާމަށް އަރާ ފަސްޓްލޭޑީ ހޯދަން އުޅުނީ؟.. ހެހެ....." އޮފިސަރު މަލާމާތްކޮށްލުމުން މިކާލްގެ މޫނު ރަތްވިއެވެ. މިކާލްގެ ދެލޮލުން ބަލައިލިގޮތުން އޭނަ ކޮންމެވެސް ވަރަކަށް ސިހުނެވެ. ބިޑި އަޅުވާފައި އިންއިރުވެސް އޭނަ މިކާލްދެކެ ބިރުގަތެވެ. ގައިން ހީބިހި ނެގިއެވެ. ހަގީގަތަކީ މިކާލްއަކީ ޑަބަލް އެޖެންޓެއްކަން އެންމެނަށް އެނގޭކަމެވެ. އަމްރާންގެ މަރު މުޅި ރާއްޖޭގެ އެންމެނަށް ސިހުން ލިބުނުއިރު ސިފައިންވެސް ތިބީ ރުޅިންގޮސް އަނދަ އަނދައެވެ. އަމްރާންގެ ގާތިލްދެކެ ނަފްރަތު ނުކުރާނެ މީހަކު މަދުވާނެއެވެ.
ވާރޭ ތެރޭގައި ދިގު ކިއޫ ހަދާލާފައި ތިބިމީހުން ވަރުބަލިވެ ނިދި ތާއްޔާ ޖެހުނުއިރުވެސް އަމްރާންގެ މޫނު ނުދެކެ ގެއަށް ދާކަށް ޚިޔާލެއްނެތެވެ. އަޒިކިއަލް ބެލްކަނީގައި ހުރެ ސިގްރެޓެއް ރޯކޮށްލިއެވެ. އާޔާ ގޮސް އަޒިކިއަލް އަތުގައި ހިފަން އުޅުމުން ނުރުހުމާއެކު ދުރުކޮށްލިއެވެ. އާޔާ ލަދުގަތެވެ.
"ބިޗް......" އަޒިކިއަލްއަށް ބުނެވުނެވެ. އެވަގުތު އެހިސާބާއި އަރާ ހަމަވެ އިޝްކަންގެ ކަންފަތުގައި އެއަޑު ޖެހުމުން މެޔަށް ނުބައި ގޮތެއްވިއެވެ.
(ނުނިމޭ...)