ބޮޑެތި މަރާމާތުތަކެއް ކުރަންޖެހިފައިވާ ރާއްޖޭގެ ރަސްމީ ގަލޮޅު ދަނޑު ދެން ތަރައްގީ ކުރާނީ ކުރިއަށް އޮތް 100 އަހަރަށް ވެސް ބޭނުން ކުރެވޭނެ ފަދަ ގޮތަކަށް ވިސްނާފައި ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ދާދި ފަހުން ޔޫތު އެންޑް ސްޕޯޓްސްއިން ދިން ނޫސްވެރިންގެ ޕްރެސްއެއްގައި ވާހަކަދައްކަވުމުން އަލީ ވަހީދު ވިދާޅުވީ، ގަލޮޅު ދަނޑުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ކުރީގެ ސަރުކާރުތަކުން ވެސް އެކަމަށް އެހާ ބޮޑު އިސްކަމެއް ދީފައި ނުވާ ކަމަށެވެ.
ގަލޮޅު ދަނޑު ބޮޑު މަރާމާތަކަށް ފަހު މިހާރު ފެންނަން ހުރި ސިޑިބަރިތަކާ އެކު ހުޅުވާފައިވަނީ 1980ގެ ފަހު ކޮޅުއެވެ. ދުވަސްވެފައިވާ އެ ސިޑިބަރިތަށް ބޭނުން ކުރެވޭ ހާލަތުގައި ނެތުމުން މިހާރު ވަނީ ވަގުތީ ގޮތުން އެ ސިޑިބަރިތައް ބަންދު ކޮށްފައެވެ.
އަދި އެއާ އެކު ގޮލޮޅު ދަނޑު އަލުން މަރާމާތު ކުރުމުގެ ބަދަލުގައި އެއަށްވުރެން ފެންވަރު ރަނގަޅު އެހެން ދަނޑެއް އެތަނުގައި ތަރައްގީ ކުރުމަށް ވިސްނާ ކަމަސް ޔޫތު މިނިސްޓަރީން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ. ސަބަބަކީ މިހާރު އެހުރި ހާލަތުން ދަނޑު މަރާމާތު ކުރުމަށް ބޮޑު ހަރަދެއް ދިއުމާ އެކު ކައިރި މުސްތަގުބަލެއްގައި އަނެއްކާވެސް ހަމަ އެ މަސައްކަތް ތަކުރާރު ކުރަން ޖެހޭނެތީއެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ގަލޮޅު ދަނޑު އިތުރަށް މަރާމާތު ކުރާކަށް. މަރާމާތަށް އަނެއްކާ 90 މިލިއަން، 100 މިލިއަން. ނިމޭއިރު ބޭރު ފާރުގަ ކުލަ ވެސް ނެތި. ޖަހާފަ ހުންނަ ހޮޅިއާ ހެދި މެޗު ނުފެނި. އެގޮތް ބޭނުމެއް ނޫން،" އަލީ ވަހީދު ވިދާޅުވިއެވެ.
ގަލޮޅު ދަނޑު ވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު މަރާމާތު ކޮށްފައެވެ. ނަމަވެސް ދާއިމީ ހައްލެއް ލިބިފައި ނުވުމުން ކޮންމެ ފަހަރަކުވެސް އަލުން މަރާމާތު ކުރަން ޖެހެނީއެވެ.
"ކުރާކަމެއް ޖެހޭނީ ރަނގަޅަށް ކުރަން. އެއީ ސަރުކާރުގެ ސިޔާސަތަކީ ވެސް. އެހެންވީމާ އަޅުގަނޑުމެން މި ވިސްނަނީ ފެންވަރު ރަނގަޅު އާ ގަލޮޅު ދަނޑެއް އެޅުމަށް."
ގަލޮޅު ދަނޑަށް ދިމާވެފައިވާ މައްސަލަތަކާ އެކު ހުޅުމާލޭގައި އޮތް ދަނޑުގެ މަސައްކަތް މިއަހަރުގެ ސީޒަން ފެށެންވާ އިރަށް ނިންމުމުގެ މަސައްކަތް ކުރުމަށް އެޗެޑީސީއާ ވާހަކަ ދައްކަވަމުން ދާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"މިޙާރު މިދަނީ އެޗްޑީސީއާ ވާހަކަ ދައްކައިގެން ހުޅުމާލޭގައި އޮތް ދަނޑު ސީޒަން ފެށުމުގެ ކުރިން ނިންމޭތޯ މަސައްކަތް ކުރަމުން. އެ ދަނޑުގައި އޮތް ޕިޗަކީ އެހާ އެކަށީގެންވާ ޕިޗެއް ނޫން. އެހެންވެ އެ ތަނުގައި އަޅާނީ ޓާފްތޯ ނޫނީ ގްރާސްތޯ ބަލާ އެކަންކަން ނިންމޭތޯ މި ބަލަނީ،"
"މި ސަރުކާރުން ކުރާ ކަމެއް ކުރާނީ 100 އަހަރަށް ވިސްނުމަށް ފަހު. އެގޮތުން ރައީސް އޮފީހުން ވެސް ދަނީ ގަލޮޅު ދަނޑުގެ ކަންކަން ބެލުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވަމުން." އަލީ ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރުގެ ބަޖެޓުގައި އެފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގާނެ ފައިސާ ކަނޑައެޅިފައި ނެތުމުން އެކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމުގެ ޔަގީންކަން އަލީ ވަހީދު ވަނީ ދެއްވާފަ އެވެ.