ދިވެހި ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމް ގަލޮޅު ދަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޒަމާނީގޮތަކަށް ދަނޑާއި ދަނޑު ވަށައިގެންވާ މާހައުލު ބަދަލު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވަގުތީ ގޮތުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރީއާ ހަވާލުވެ ހުންނެވި އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު ނޫސްވެރިންނަށް ދެއްވި ޕްރެސްއެއްގައި ބުނެފައި ވަނީ ގަލޮޅު ދަނޑު މިވަގުތު އޮތީ އެހާ ރަނގަޅު ހާލަތުގައި ނޫން ކަމަށާއި މި ސަރުކާރުގައި އެ ދަނޑާއި ދަނޑު ވަށައިގެންވާ މާހައުލު ވެސް ޒަމާނީ ފެންވަރަށް ބަދަލު ކުރާނެ ކަމަށެވެ.
ސަރުކާރުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ގަލޮޅު ދަނޑު މަރާމާތު ކުރުމަށް ބަޖެޓެއް ކަނޑައަޅާފައި ނެތް ނަމަވެސް އެ ދަނޑުގެ ދެކުނު ފަރާތުގެ ސިޑިބަރި (ސަހަރާ ފަޅި) ބޭނުންކުރުން ސަލާމަތީ ގޮތުން އެކަށީގެންނުވާތީ އެތަން ބޭނުންކުރުން މަނާކޮށް އަދި އެތަނުގައި ދަށުގައި ހަދާފައިވާ އެކޮމަޑޭޝަން ބްލޮކުގެ ކޮޓަރިތަކާއި އޮފީސްތައް ހުސްކުރަން ސްޕޯޓްސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.
ގަލޮޅު ދަނޑުގައި ހެދިފައި ހުރި އެންމެ ބޮޑު ސިޑިބަރި ބޭނުންކުރުން ވަގުތީ ގޮތުން ބަންދު ކުރެވިފައިވީ ނަމަވެސް ދަނޑުގައިވާ ބާކީ ސިޑިބަރިތައް ސަޕޯޓަރުންނަށް ބޭނުން ކުރެވޭނެ އެވެ. އެ ސިޑިބަރި ހަދާފައިވަނީ ގަލޮޅު ދަނޑު މަރާމާތު ކުރި އިރު 1980 ގެ ފަހު ކޮޅުގަ އެވެ.
ސަޕޯޓަރުން މެޗު ބެލުމަށް ބޭނުން ކުރެވޭ ސިޑި ބަރިއެއްގެ އިތުރުން އެތަނުގެ ދަށުގައި، އެކޮމަޑޭޝަން ބްލޮކުގެ ކޮޓަރިތައް ހުރެ އެވެ. އަދި ހޭންޑްބޯޅަ އެސޯސިއޭޝަނާއި ކެރަމް އެސޯސިއޭޝަނުގެ އޮފީސް އަދި ކެރަމް ހޯލް ވެސް ހުންނަނީ އެތަނުގަ އެވެ.
ނަމަވެސް މިއަހަރުގެ ލީގު ފެށެން ވާ އިރަށް އެތަން މަރާމާތުކޮށް ނިންމާ އެކޮމަޑޭޝަން ބްލޮކުން ބަޔެއް ހުސްކުރުމުން ކްލަބްތަކަށް ކުރިމަތިވާ ޖާގައިގެ މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ގަލޮޅު ދަނޑު ޒަމާނީ ފެންވަރެއްގައި މަރާމާތު ކުރުމަށް އެފްއޭއެމްއާއި ފީފާގެ އެހީތެރިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭޏުންވަނީ ފުޓްބޯޅަ އެސޯސިއޭޝަނާއެއްކޮށް އެބޭފުޅުންގެ ޓެކްނިކަލް ހިޔާލާވެސް އެއްކޮށް ގަލޮޅު ދަނޑުގެ ސްޓޭންޑްތައް ދުނިޔޭގެ އެހެން ގައުމުތަކުގެ ރަސްމީ ސްޓޭޑިއަމްތައް އެ ހުންނަ ގޮތަށް ބަދަލުވެގެން އަންނަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން، އޭރުން ހަގީގަތުގައި ފުޓްބޯޅަ ދަނޑެއްގެ ހުންނަ ހަގީގީ ސިފަތައް ގަލޮޅު ދަނޑުގައި ހުންނާނެ."
ގަލޮޅު ދަނޑުގައިވާ ގުދުރަތީ ޕިޗަކީ މުޅި ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ ވަރުގެ ތަފާތު ޕިޗެކެވެ. ވިއްސާރަ ވެހުނުސް ފަސޭހަ ކަމާ އެކު ފެންގަނޑު ހިންދާލާ އެ ޕިޗު ވަށައިގެންވާ ސިޑިބަރިތިތައް ޒަމާނީ ކުރެވި ވަސީލަތްތައް ގާއިމްކުރެވިއްޖެ ނަމަ، ރާއްޖޭގެ ގައުމީ ފުޓްބޯޅައިގައި ގެއްލިފައިވާ ސަޕޯޓަރުންގެ ސަޕޯޓް ލިބި ދަނޑަށް ވަންނަ މީހުން އިތުރުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.