މަޖިލިސް ރައީސް ކަމަށް އަންނަންވާނީ ރައީސް ސޯލިހު އެދޭ ބޭފުޅެއް: ގަޕޯ

ހަނިމާދޫ ދާއިރާގެ އިންތިހާބީ މެންބަރު ގަފޫރު މޫސާ: އޭނާ ގޮވާލެއްވީ މަޖިލިސް ރައީސް ހޮވަން އެމްޑީޕީއިން ވޯޓް ނަގަން ވާނީ ސިއްރުން ކަމަށް. -- ފޮޓޯ/ މަޖިލިސް

ނަވާރަ ވަނަ ރައްޔިތިން މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކަނޑައަޅަން ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދޭ ބޭފުޅެއް ކަމަށް ހަނިމާދޫ ދާއިރާގެ އިންތިހާބީ މެންބަރުއަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގަޕޯ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވިދާޅުވީ، ރައީސް ސޯލިހަކީ މިވަގުތު އެމްޑީޕީގެ އެންމެ އިސް ފަރާތް ކަމަށާއި އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހެއްގައި ކަންކަން ހިނގާނީ އެމަނިކުފާނުގެ ލަފާގެ މަތިން ކަމަށެވެ. ގަޕޯ ވިދާޅުވި ގޮތުގައި ރައީސް ސޯލިހުއަށް އެމްޑީޕީގެ ތެރޭގައި އޮންނަ ގަދަރާއި ބާރުވެރިކަން ހަމަ އެގޮތުގައި އޮންނާނެ ކަމަށާއި އެމަނިކުފާނުގެ ލަފާނެތި ކަމެއް ނުހިނގާނެ އެވެ.

"ރައީސަކީ ޕާޓީގެ އެންމެ އިސް ފަރާތް. ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކާއި ނައިބު ރައީސްއަކަށް ސީދާ އިންނަވަން ޖެހޭނީ ރައީސްގެ ރުހުން އޮންނަ ބޭފުޅެއް. އެކަން ވާނީ ވެސް އެހެން، އެކަން ހިނގާނީ ވެސް އެހެން. އެއީކީ ޝައްކެއް އޮތް ކަމެއް ނޫން، ނަމަވެސް ބައެއް ބޭފުޅުން ޝައްކުވެގެން އުޅޭ، އެ ޝައްކު ފިލާނެ، ފިލާ ހިސާބަށް ދިޔައިމާ،" ގަފޫރު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް ގިނަ ބޭފުޅުން ޝައުގުވެރިވުމުން އެ މަގާމަށް ގެންނާނެ ބޭފުޅަކާ މެދު އެމްޑީޕީގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ. އެގޮތުން އެ މަގާމުތަކަށް ބޭފުޅުން ހޮވުމަށް އެމްޑީޕީ އެތެރޭގެ ވޯޓް ނަގާނީ ސިއްރުންތޯ ނުވަތަ ނޫންތޯ ކަނޑައެޅުން ވަނީ ވަނީ ބަހުސަކަށް ވެފަ އެވެ.

ގަފޫރު ވިދާޅުވީ، އެ ވޯޓް ނަގަން ޖެހޭނީ ސިއްރުން ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. އެެހެން ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ އަތް މައްޗަށް ނަގައިގެން ހާމަ ވޯޓެއް ނެގުމަށް ވަކާލާތުން ކުރަމުން އެވެ.

ގަފޫރު ވިދާޅުވީ، ރައީސް ސޯލިހު ޕާޓީ ހިންގުމުގައި އަމަލީ ގޮތުން ނޫޅުއްވި ނަމަވެސް، އަސާސީ ގަވާއިދުން ލިބޭ ހުރިހާ ހައްގެއް މިހާތަނަށް ރައީސް ބޭނުންކުރައްވާފައިވާ ކަމަށެވެ. މިފަހަރު ވެސް އެގޮތަށް އެކަން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަފޫރު ވަނީ ނިޒާމު ބަދަލުކުރުމާ ދެކޮޅަށް ވެސް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ދެ ދުވަހުން އެއް ދުވަހު ނިޒާމް ބަދަލު ކުރުމަކީ ހަމަ ޖެހޭ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.

"އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ގިނަ ބޭފުޅުން ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާނެ. އެއް ފަސް އަހަރު ރިޔާސީ ނިޒާމެއްގައި ވެރިކަން ކޮށްފައި އަނެއް ފަސް އަހަރު ބަރުލަމާނީ ނީޒާމެއްގައި ވެރިކަން ކޮށްފައި، މިހެން މިކަންކަން ނުކުރެވޭނެ ނޫންތޯ؟ ނިޒާމް ބަދަލުކުރުން މިއީ ހައްލެއް ނޫން،" ގަފޫރު ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ ކުރިއަށް މި އޮތް މަޖިލީހުގައި އެމްޑީޕީއަށް ފުރިހަމަ އަގުލަބިއްޔަތު އޮތަސް، ސަރުކާރުން ފޮނުވާހާ އެއްޗަކަށް އާ ބަސް ނުބުނާނެ ކަމަށެވެ. އަދި ކަންކަން ނިންމާނީ މަޝްވަރާކޮށްގެން އެންމެން ވެސް ރުހޭ ގޮތަށް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އޭނާ ވަނީ، އެހެން ޕާޓީތަކުން ހޮވުނު މެންބަރުން ތަހުގީގުތަކުން ސަލާމަތް ވުމަށް އެމްޑީޕީއަށް އައިސް ހިމާޔަތް ހޯދުމަށް ފުރުސަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް