ފޭސްބުކް ބޭނުންކުރާ 1.5 މިލިއަން ޔޫޒަރުންގެ އީމެއިލް ކޮންޓެންޓް ކޮޕީކުރި

ފޭސްބުކްގެ ސެކިޔުރިޓީ މައްސަލަތައް ވަނީ ބޮޑުވެފައި--

ފޭސްބުކް އަކީ އެ ޕްލެޓްފޯމު ބޭނުންކުރާ މީހުންނަށް ރައްކާތެރި ތަނެއްތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި އާނ އެކޭ ބުނުމަކީ އުނދަގޫ ކަމެކެވެ. އަބަދުވެސް ޔޫޒަރުންގެ ޝަކުވާ އަކަށް ވެފައި އޮންނަނީ އެމީހުންގެ ޕްރައިވެސީ އަށް ފޭސްބުކް އިން އިހުތިރާމު ނުކުރާ ވާހަކައެވެ. އޮޅިގެން ކަމަށްބުނެ ޔޫޒަރުންގެ ޒާތީ މައުލޫމާތު އާންމު ކުރުން ފަދަ ކަންކަން އާންމުވެފައި ވާތީ ފޭސްބުކް ދޫކޮށްލާ މީހުންވެސް މަދެއް ނޫނެވެ.

ދާދިފަހުން ފޭސްބުކް އިން މިވަނީ އެ ޕްލެޓްފޯމު ބޭނުންކުރާ 1.5 މިލިއަން މީހުންގެ އީމެއިލް ކޮންޓެންޓް، ޔޫޒަރުންގެ ހުއްދަ އެއްނެތި، އެމީހުންނަށް ނުވެސް އެނގި ކޮޕީކޮށްފައެވެ. މިކަން ހިނގާފައިވަނީ އަލަށް ފޭސްބުކާ ގުޅުނު ޔޫޒަރުންތަކެއްގެ ޑޭޓާ ނަގަން އުޅުމުގެ ތެރޭގައެވެ. ފޭސްބުކަށް ގުޅޭއިރު ޔޫޒަރުންގެ އީމެއިލް އާއި ޕާސްވޯޑު ޖަހަންޖެހެއެވެ. އީމެއިލްގައި ހުރި ކޮންޓެންޓުތައް ފޭސްބުކް އިން ކޮޕީކުރީއެވެ.

މި ހާދިސާ ހިނގިކަން ކަށަވަރުކޮށްދިނުމަށްފަހު ފޭސްބުކް އިން ބުނެފައިވަނީ މިފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް އާ ޔޫޒަރުންގެ ކަންތައް ހޭންޑްލް ކުރާގޮތް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އީމެއިލް ކޮންޓެންޓު އެކްސެސް ކުރި އެކައުންޓުތަކަށް ނޮޓިފައި ކުރާނެ ކަމަށާއި، ފޭސްބުކަށް ކޮޕީކުރެވުނު ކޮންޓެންޓު ޑިލީޓު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ ކުރިން ފެންމަތިވި އަނެއް މައްސަލައަކީ ފޭސްބުކް ބޭނުންކުރާ 600 މިލިއަނަށްވުރެ ގިނަ ޔޫޒަރުންގެ ޕާސްވޯޑު ފޭސްބުކްގެ މުވައްޒަފުންނަށް އެނގޭ ގޮތަށް "ޕްލެއިން ޓެކްސްޓު"ން ފެންނަން ހުރި މައްސަލައެވެ. އެއީ ސެކިއުރިޓީ ފެއިލިއާއެއްގެ ސަބަބުން ވީ ކަމެއްކަމަށް ވެސް ފޭސްބުކް އިން އޭރު ބުންޏެވެ.

comment ކޮމެންޓް