"ނޫން. ނާނު، ދޮންބެއަށް ކަމެއް ކޮށްދީފާނަންތަ؟" ކިނާން ކުރި ސުވާލަށް މާބޮޑު ޖަވާބެއް ނުދީ އިޒިއަން ޖެހިލުންވުމަކާއެކު އަހާލިއެވެ.

"ކޮންކަމެއް ކޮށްދޭންވީ؟" އިޒިއަންގެ މޫނުމަތިން ފެނުނު ސީރިއަސްކަން މާނަކުރަންވީ ގޮތެއް ނޭނގި ކިނާންވެސް ކޮށްލީ ސުވާލެކެވެ. އެއާއެކު އިޒިއަން ހިނދުކޮޅަކު ވިސްނަން މަޑުކޮށްލިއެވެ. އޭނާ ކިނާން ކައިރީގައި އެ ހިތުގެ ހާލު ބަޔާން ކުރަންވީހެއްޔެވެ؟ އަނާލްއާ ގުޅޭނެ ނުވަތަ ބައްދަލުކުރެވޭނޭ ގޮތެއް ހޯދައިދޭން ކިނާން ގާތު އަހަން ވެސް އިޒިއަން ޖެހިލުންވިއެވެ.

"ދޮންބޭ ކޮންކަމެއްތަ ކޮށްދޭންވީ؟ ކޮށްދެވޭ ވަރު ކަމެއްވިއްޔާ ދޮންބެއަށް އެކަމެއް ކޮށްދޭން ހަމަ ތައްޔާރު!" ކިނާން ދެވަނަ ފަހަރު އިޒިއަންއާ ސުވާލުކުރީ އިޒިއަން ހަމަހިމޭންކަން ޚިޔާރުކުރުމުންނެވެ.

"ނާނު. ދޮންބެއަށް.... ދޮންބެއަށް ނާލްއާ އެކަނި ބައްދަލުކުރެވޭނެ ގޮތެއް ހަދައިދީބަލަ" އިޒިއަން މަޑުމަޑުން ބުނެލިއެވެ. އަނާލް ދެކޭ ހިތުން އިޒިއަންގެ ހިތްދިޔައީ ތެޅިފޮޅެމުންނެވެ. އަނާލްއަށްޓަކާ އެހިތުގައިވި ލޯތްބަށް އަދިއަދަށް ދާންދެންވެސް ބަދަލެއް ނާދެއެވެ. އަނާލްއާ ވަކިވާ ވަގުތު ކުޑަތަންވަނީކަން އެނގި ނުތަނަވަސްކަމާއި އުދާސްކަން އޭނާގެ ހިތުގައި ރަސްކަން ކުރަމުން ދިޔައެވެ. އަނާލްއާ ބައްދަލުކޮށް ވާހަކަދައްކާލެވޭނެނަމައެވެ. އަދި އެއްފަހަރު މާފަށް އެދެވޭނޭ ނަމައެވެ.

"ދޮންބެ އެކަމަކު އަހަރެން ކިހިނެތް؟" ކިނާން ދެފަރާތަށް ބޯ ހޫރާލިއެވެ. އިޒިއަންގެ އެ އެދުން އޭނާ ފުރިހަމަ ކޮށްދޭނީ ކިހިނަކުންހެއްޔޭ ކިނާންގެ ހިތަށް އެރިއެވެ. އިޒިއަން އެ އެދެނީ ހާދަ ބޮޑުކަމަކުއެވެ.

"ނާނު ޕްލީސް" އިޒިއަން އާދޭސްކުރިއެވެ.

"ދޮންބޭ. ކިހިނެތް އެކަން ކުރާނީ. ދޮންބެ ދައްތައާ ވާހަކަ ދެއްކިޔަސް ޤަބޫލު ވާނެހެނެއް ހިޔެއްނުވޭ. އަނެއްކާ އެ އާއިލާ." ކިނާންއަށް ގޮތްހުސްވިއެވެ.

"އެއީ އަދިވެސް އަހަރެންގެ އަންހެނުން، އަހަރެންނަށް ހައްގު އޮންނާނެ އަނާލް ދުށުމުގެ، ނޫންތަ ނާނު. ދެން ކީއްވެ؟" އިޒިއަންގެ ނިތަށް ރޫތައް ގިނަވިއެވެ.

"އެނީވޭ، ކިހިނެތްތަ އެމް.އެޗް.ޑީ.ސީގެ ކަންތައްތައް، އަހަރެން އަނާލްއަށް އެތަން އެކީ ދިނީ އެއްވެސް ޝަކުވާއަކާ ނުލާ... އެ މަސައްކަތަކީ އަހަރެންގެވެސް ވަރަށް ބޮޑު އުންމީދެއް. އަހަރެންނަށް އޭރުވެސް ޔަޤީންވި އަނާލް އެތަން އެންމެ ފުރިހަމަ ގޮތުގައި ހިންގާނެކަމަށް. އެހެންކަމުން އަނާލްގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްލަން ވެސް އަހަރެން ފަހެއްނުޖެހެން." ފުންނޭވާއެއް ދޫކޮށްލަމުން އިޒިއަން ވާހަކަ އަނބުރާލިއެވެ. ކިނާން އޭނާ ބުނި ކަންތައްކުރަން އެއްބަސް ނުވާނޭކަން އޭނާއަށް އެނގުނީއެވެ. ކޮންމެ އަކަސް އެހެން ވެއްޖެނަމަ ދެން އޭނާ ޖެހޭނީ އަނާލްއާ ބައްދަލުކުރަން އެހެން ގޮތެއް ހޯދަންތާއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ އަނާލްއާ ބައްދަލުކުރަން ބޭނުމެވެ. ކިނާންގާތު ފޯނު ނަންބަރަށް އެދުމުން ވަރަށް ވިސްނަން އިނދެފައި ނަންބަރު ދިނެވެ. ކޮންމެވެސް ދުވަހަކުން އެ ދެމީހުން އެކަކު އަނެކަކުގެ ކުރިމައްޗަށް އަރަންޖެހޭނެކަން ވިސްނުނީ ކަންނޭގެއެވެ.

*****

ރޭގަނޑު އަށެއް ޖަހާބޮޑުވެއްޖެއެވެ. ގޭތެރޭން އިވެމުންދިޔައީ ޓީވީން އަޅުވާފައި ހުރި ހިންދީ ސީރީޒްއެއްގެ އަޑު އެކަންޏެވެ. ފައިވާންތައް ވެސް ދޮރާ ދިމާއެކި ތަންތަނުގައި އުކާފައި ހުއްޓެވެ. ބަހައްޓާފައިވާ އަޅިކުލައިގެ ސޯފާތަކުގެ އެއްފަރާތުގައި ހުރި މޭޒެއްމަތީގައި އަންނައުނު ފުންޏެއް ހުއްޓެވެ. އޭގެ އެއްފަރާތުގައި ހުރި ދާ ވަށިގަނޑުވެސް ފުރި ބައެއް އަންނައުނު ވެރިފައިވެސް ހުއްޓެވެ. ކައްކާބައި އިންނަނީ ސިޓިން ރޫމްގައި ހުންނައިރު ރީތިކޮށް ފެންނަ ގޮތަށެވެ. ޒިންކު ތެރޭގައި ހުސް ތެލި ތައްޓެވެ. ބައެއްކަހަލަ ކާއެއްޗެހި މުށިތައްމަތީގައިވެސް ހުއްޓެވެ. ފްރިޖްގެ ދޮރުފަތް ހުރީ ހުޅުވާލެވިފައެވެ. އެއްވެސް ކަހަލަ ތަރުތީބުކަމެއް ސާފުތާހިރުކަމެއް ގޭތެރެއަކުން ނުފެނެއެވެ. އަންނައުނާ ހިފާގެންގުޅޭ ސާމާނެވެ.

"މަންމީ. ބަނޑުހައިވަނީ. ހޮޑުވެސް ލަވާ އެބަ" ޒަހްވާ ސިޓިން ރޫމް ސޯފާގައި ދެފައި ދަމާލައިގެން އިންއިރު އޭނާގެ ނުވަ އަހަރުގެ ދަރިފުޅު އައިސް ބަނޑު ހައިވެގެން ޒަހްވާ ގާތު ޝަކުވާ ކޮށްލިއެވެ. ދައުސް ޒަހްވާގެ އަތުގައި ހިފަމުން ބުނެލިއިރު މޫނުމަތިންވެސް ބަލި ވައްތަރުޖަހައެވެ. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. ބޮލުގެ އިސްތަށިތައް ހޭވިފައި ވީއިރު ދެލޯ ކައިރީގައި ކޮންމެވެސް ވަރެއްގެ ދުޅަކަމެއް ހުއްޓެވެ. މޫނުމަތި ހުރީ ހިސާބަކަށް ހުދުވެފައެވެ.

ޓީވީން އަންނަމުންދިޔަ ސީރީޒްއަށް ގެއްލިފައި އިން ޒަހްވާއަށް އެކަމުން ބޮލަށް އުނދަގޫވިއެވެ. އޭނާ އެ ދަރިފުޅުގެ އަތް ފޮޅުވާލަމުން ބާރަށް އެއްޗެއް ބުނެލިއެވެ. އޭރު އެ ދަރިފުޅު ހުރީ ހުމާ ފިހިފައިކަން ވެސް އޭނާއަށް ނޭނގޭ ފަދައެވެ. ދައުސް ދެންވެސް ޒަހްވާ ގާތަށް ޖެހިލިއެވެ.

"މަންމީ ޑެޑީއަށް ގުޅާދީބަލަ" ދައުސް ބުނެލިއެވެ. މިފަހަރު ކުރިއަށްވުރެ ދުރުގައި ދައުސް މަޑުކޮށްލިއެވެ.

"ކަލޭގެ ބައްޕަ ކަލެއަށް ފޯނެއް ނުދޭތަ ކަމެއްވިއްޔާ ގުޅާށޭ ކިޔާފަ. މަގޭ ބޮލަށް އުނދަގޫ ކުރާނެކަމެއްނެތް. ހަމަމިހާރު މިތަނުން ދުރަށް ދޭ!" ޒަހްވާ އެވަރުން ނުފުދިގެން ދާށޭ ބުނުމުގެ ގޮތުން ހުތުރު ބަހެއްވެސް ދައުސްއަށް ބަލާލާ ބޭރުކޮށްލިއެވެ. ލާފައި އިން ރީނދޫ ކުލައިގެ ގަޔަށް ބާރު ޓީޝާޓަށް ދަމާލަމުން ޒަހްވާ ސޯފާގައި ހަމަޖެހިލިއެވެ. އެ ތުއްތު ދަރިފުޅަށް ވެގެން އުޅޭގޮތް ބެލުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ނެތްފަދައެވެ. ދެފައި ވަށްކޮށްލަމުން ކުޝަން އެއްނަގާ އުނގަށްލިޔެވެ.

"ފޯނު... ފޯނުގަ ލާރިއެއްނެތް" ދައުސް މަޑުމަޑުން ބުނެލީ އިސްޖަހާލަމުންނެވެ. ހިތްވަރުކޮށްފައި ދެންވެސް ޒަހްވާއަށް ގޮވާލަމުން ދައުސް ވާހަކަ ދެއްކިއެވެ.

"މަންމީ، ބޮލުގަ ރިއްސަނީ، ދެންމެ ހޮޑުވެސް ލެވިއްޖޭ" ޓީޝާޓުގައި އުނގުޅިފައި ހުރި ހޮޑުތައް ދައްކާލަމުން ދައުސް ބުނެލީ ރޮމުންނެވެ. ދައުސްއަކީ ބޮޑު އުނދަގުލެކޭ ބުނެލަން ވެސް ޒަހްވާ ބޭނުންކޮށްލީ ކުޑަކުއްޖަކާ ދިމާލަށް ކީކުރަން ބޮޑުމީހަކާ ދިމާލަށް ވެސް ބުނަން ހެޔޮވާވަރުގެ ބަހެއްނޫނެވެ. ރުޅިވެރިކަމާއެކު ދައުސްގެ އަތުގައި ހިފާ ދުރަށް ހޫރާލިއިރު އެ ދަރިފުޅުގެ އަތުގައި ހުރި ހޫނުކަން އޭނާއަށް އިޙްސާސް ނުކުރެވުނީކަމެއް ނޫނީ އަޅާ ނުލީކަމެއް ނޭނގެއެވެ. އެއާއެކު ދައުސް ގޮސް ޖެހުނީ ޓީވީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ކުޑަ ކަބަޑުގައެވެ. ނިތް ކުރިމަތިން ތަންގަނޑެއް ފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ. އެނބުރިލާފައި ޒަހްވާއަށް ބަލާލި ދައުސް ނިތްކުރިމަތީގައި އަތް ޖައްސާލިއެވެ. ތަދުވަމުން ދިޔައީ އެހާ ވަރަށެވެ. ދިލަނަގަމުން ދިޔައީ ކެތްނުވާވަރަށެވެ. ދައުސްއަށް އެފަދަ އަނިޔާއެއް ލިބިފައިވުތަން ފެނުމުންވެސް ޒަހްވާގެ ހަރު ހިލަ ހިތަށް އަސަރެއްނުކުރިއެވެ. ރޮއި ރޮއި އޭރު ދައުސްގެ ދެލޯ މަތި އިތުރަށް ދުޅަވެއްޖެއެވެ. ޖެހުނު ގޮތަށް ބުރަކައްޓައް ތަދެއް އެރި ދައުސްއަށް ތެދުވެ ހިނގައިގަނަންވީ ވެސް ދަތި އުނދަގޫ ކަމަކަށެވެ.

"މަންމާ" މަދަދަށް އެދޭނެ އެހެންމީހަކު ނެތެވެ. ގޭގައި އިތުރު މީހަކު އުޅެނީކީ ނޫނެވެ. އެހީއަށްއެދި އަބަދު ގޮވާލެވެނީ ބައްޕައަށެވެ. އެހެންނަމަވެސް މިއަދު ބައްޕައެއް ގެއަކުނެތެވެ. މަންމައަށް ގޮވާލެވެނީ ކޮންމެ ކުއްޖަކަށްވެސް އަނިޔާ އެއްލިބޭހިދު އެހީތެރިވެދީ ހިތްވަރުދޭން ގާތުގައި ހުންނަނީ މަންމައޭ ބުނާއަޑު އޭނާ އަހާތީއެވެ.

"ކިހާ ދެރަކަމެއް، މަށައް ދެން ހަމަޖެހިލައިގެން ކަސޯޓީ ބަލައިލަން ވެސް ނީދެވޭނެ. ރޮއިގަންނަ ގޮތައް ހުއްޓާލަން ވެސް އެނގޭ ކުއްޖެއްނޫނޭ، ކިހާ ދެރަކަމެއްތަ މީ ދެން،" ރުޅިއައިސް ރަތްވެ ހުރެ ޒަހްވާ ސޯފާއިން ތެދުވީ ކުއްލިއަކަށެވެ. ޒަހްވާގެ އެ އަމަލުން ދައުސް ސިހުނެވެ. ފަހަތައް ފިޔަވަޅެއް އަޅާލެވުމާއެކު ރުޅިއައިސް ރަތްވެފައި ހުރި ޒަހްވާއަށް ދައުސް ބަލާލީ ބިރުވެރިކަމާއެކުގައެވެ. ޒަހްވާގެ އަމަލުތައް ދެން ހުންނާނީ ކިހިނެތްކަން ނޭނގޭތީ ދައުސްގެ މުޅި ހަށިގަނޑަށް މަޑު ތުރުތުރު އެޅުމެއް ވެރިވެއްޖެއެވެ. ކުއްލިއަކަށް ރޮމުންދިޔަ އަޑު ކަނޑައިގެން ގޮސް އެކީ މަޑުވިނަމަވެސް ލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ކުޑަވެސް ބަދަލެއްނާދެއެވެ. ގަނެފައި ހުރި ބިރުގެ ސަބަބުން ދެ ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ.

"ހިނގާބަލަ މަ ކަލެއަށް ކާންދޭނަން" ދައުސްއާ ދިމާލަށް ޖެހިގަތް ގޮތަށް ޒަހްވާ ދައުސްގެ އަތުގައ ބާރަކަށް ހިފައިގަތެވެ. ކިތަންމެ ތަދުވިނަމަވެސް ބިރުން ހުރި ދައުސްއަށް އަނގައިން އަޑެއްވެސް ލައްވާލާކަށް ނުކެރުނެވެ. ދެލޯ މައްޗަށް އަނދިރިވާހެން ހީވިއެވެ. މުޅިތަން އެނބުރޭހެން ހީވިއެވެ. ގައިގައި އެއްވެސް ހަކަތައެއް ނެތެވެ. ދައުސްގެ އަތުގައި ހިފާ ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ކާބަޔަށް ޒަހްވާ ވަނެވެ. އަދި ޒިންކު ދޮށަށް ކައިރިވެފައި އޭނާ ދައުސް ކިހިއްޔަށް ޖަހާލިއެވެ. ޒިންކާދިމާލަށް ގުދުކޮށްލި ގޮތުން ޒިންކުގައި ބަނޑު ޖެހި ދައުސްއަށް 'އައްދިއްޔޯތް' ޔޭ ބުނެވުނެވެ. ނިތްކުރި މަތިން ފަޅައިގެން ގޮސްފައިވާ ތަނުގައި ޒަހްވާ އެތާ އޮތް އަތްދޮތް ފޮތިގަނޑު ތެތްމާލުމަށްފަހު ޖައްސާލިއެވެ. މިއަދު އޭނާ ބަދިގޭގައި އުޅެނިކޮށް މިރުސް އެޅިފައި އޮތް ފޮތިގަނޑެއްކަން ހަންދާން ނެތީކަމެއް ނޫނީ އޭނާ ގަސްތުގައި ކުރިކަމެއްކަން ބުނެދޭކަށް ނޭނގެއެވެ.

"އާތް" ބާރަށް ހަޅޭއްލަވައިގަނެވުމާއެކު ދައުސްއަށް ޒަހްވާގެ އަތުން ވީއްލިގަންނަން ތެޅިގަނެވުނެވެ. ފުރާނަ އުދުހިގެން ހިނގައިދޭނެހެން ހީވި ފަދަ ވަގުތުކޮޅެކެވެ. ގިސްލެވެމުންދިޔަ ގޮތުން އަޑު އިވޭ މީހެއްގެ ހިތް ފަޅައިގެން ދާހާވެއެވެ. ޒަހްވާ އެ ފޮތިގަނޑު ފެނުން އަނެއްކާވެސް ތެތްމާލިއެވެ. ދައުސްގެ ރުއިމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

"އަނ. މަންމާ އެބަ ދިލަ ނަގައޭ.. މަންމާ" ދައުސް ބާރަށް ރޮމުން ހަޅޭއްލަވަމުން ގޮސް އެހަޅޭއް އިތުރަށް ގަދަވެގެން ދިޔައީ ނިތްކުރިމަތި ދޮންނަމުންދިޔަ ފެންތައް އޭނާގެ ލޮލަށް އެޅުމުންނެވެ. ދައުސްގެ އަޑު އެއަށްވުރެ ބާރުވުމާއެކު ޒަހްވާ ނިތްކުރިމަތީގައި ފޮތިގަނޑުން އޮއްބާލީ އެހާ ބާރުކޮށެވެ. ކޮންފަދަ ނުބައި ރަހުމް ކުޑަ މަންމައެއް ހެއްޔެވެ؟ އެއްވެސް ރަހުމެއް އެ ދަރިފުޅާ މެދު ޒަހްވާގެ ނެތީހެއްޔެވެ؟ އެއީ އޭނާގެ ބަނޑުގައި ނުވަމަހާއި ނުވަދުވަސްވަންދެން ގެންގުޅުނު އޭނާގެ އަމިއްލަ ލޭ ނޫންހެއްޔެވެ؟

ރޮމުންދިޔަ ދައުސްގެ ސަބަބުން ޒަހްވާ ހުރީ ބޮލަށް އުނދަގޫވެފައެވެ. އެ ދަރިފުޅަށް ދެވެމުން މިދާ އަނިޔާއާ މެދު އޭނާގެ އެއްވެސް ފަރުވާއެއްނެތެވެ. ކުދި ކިޔަމުން އޭނާ އެ ކުރާކަމެއް ނިންމާލާ ދައުސް ތިރީގައި ބެހެއްޓިއެވެ. އޭރުވެސް ދެފައި ތަޅަމުން ދައުސް ރޮމުން ދިޔައެވެ.

އޮފީސް ނިންމާލާފައި ގެއަށްއައި ޔުމާން ހުރީ ވަރަށް ވަރުބަލިވެފައެވެ. މުޅި ގޭތެރޭގައި ވަނީ ދައުސްގެ ރުއިމުގެ އަޑު ހިފާލާފައެވެ.

ކައްކާބަޔާ ދިމާލަށް ޖެހިލިއިރު އޭނާއަށް ފެނުނު މަންޒަރުން ފިޔަވަޅުތަކަށް ބާރުކޮށްލެވުނެވެ.

ދައުސްގެ ދެލޯ ވަނީ މަރާލެވިފައެވެ. ހުއްޓާނުލާރޮމުން ދިޔައީ ހިތްހަލާކުވާފަދަ ގޮތަކަށެވެ. ގަދަކަމުން ދައުސްގެ އަނގަޔަށް ރޮށިގަނޑެއް ލައްވަމުންދިޔަ ޒަހްވާގެ ހަރަކާތްތައް ހަރުކައްޓެވެ.

"ޒަހްވާ" އައިސްފައި ހުރި ރުޅިއާއެކު އޭނާއަށް ބާރަށް ގޮވާލެވުނެވެ. އެއާއެކު ޒަހްވާ ކުރިމައްޗަށް ބަލާލިއެވެ. ރޮވިފައި އިން ދައުސްއަށް ޔުމާންގެ ނަޒަރު ހުއްޓުނުއިރު ފެޅިފައިވާ ނިތްކުރިއާ ދުޅަވެ ރަތްވެ ކަރުނަ އަންނަމުންދިޔަ ދެލޯ ވެސް ޔުމާންގެ ލޮލުގައި އަޅައިގަތެވެ. ހަމައެކާއެކު ލޮލުގެ ކައިރީގައިވި ދުޅަކަމާއި މޫނުމަތީގައިވި ފޮއްސިކަންވެސް އަޅައިގަތެވެ.

"ހަބަރުދާރު. ކަލޭއަށް ކޮން ހައްޤެއް އޮތީ ދައުސްއަށް ތިހާ އަނިޔާކުރަން... ހަމަ މިހާރު ތި ބަހައްޓާ! " ޒަހްވާއާ ދިމާލަށް ޔުމާން ބުނެލީ މަޑުމައިތިރިކަމާއެކު ވިޔަސް އެ އަޑުގައި ހަރުކަށިކަމެއްވެސް ވިއެވެ. ކޮންމެ ގޮތެއްވިޔަސް އެ ވަގުތު އޭނާގެ އިޙްސާސްތައް ކޮންޓްރޯލްކުރަން ކިތަންމެ ދަތިވިޔަސް ދައުސްގެ ކުރިމަތީގައި އަޑު ގަދަކޮށް ޒުވާބުކުރަން ޔުމާންއެއް ބޭނުމެއްނުވިއެވެ. އެހެންވާނަމަ ނޭނގިނަމަވެސް ކުއްޖާގެ ސިކުނޑިއަށާއި ވިސްނުމަށް އަސަރު ކުރާނެކަން އޭނާ ދަނެއެވެ. ޒަހްވާއާ އޭނާ 'ޑީލް' ކުރާނީ ފަހުންނެވެ. މިވަގުތު އޭނާއަށް މުހިންމީ ދައުސް އެވެ. ދައުސްގެ ރުއިން ހުއްޓުވުމެވެ. އެ ދަރިފުޅުގެ ޒަހަމްތަކުގައި ބޭސް އަޅާލަދިނުމެވެ.

"ހުއް، މަ މިދަނީ" ޒަހްވާ ތެދުވެގެން ދަމުން ދިޔައީ ޔުމާންއާއި ދިމާލަށް ލޯ އަޅާލާފައެވެ.

ޔުމާން އައިސް އެ ދަރިފުޅުގެ ގާތުގައި އިށީނދެލިއެވެ. އެންމެ ފުރަތަމަ އޭނާގެ މަސައްކަތަކަށް ވީ ދައުސްގެ ލޮލަށްވެފައި ހުރީ ކީއްތޯ ބެލުމެވެ. ދައުސް ކޮންމެވެސް ވަރަކަށް ޔުމާންއަށް ކިޔައިދިނެވެ. ޔުމާން އައިސްޕެކް ނަގައިގެން އައިސް ދައުސްގެ ލޮލުގައި ޖައްސަމުން ދިޔައިރުވެސް ދައުސް ދިޔައީ ރޮމުންނެވެ. ޔުމާންގެ ގައިގައި ބައްދާލައިގެން އިނދެ ރޮމުން ގިސްލަމުން ދިޔައީ ވަމުންދިޔަ ތަދައް ކެތް ނުކުރެވިގެންނެވެ. ދައުސްގެ ހުންގަދަކަމުން ވެސް އޭނާ ހާސްވިއެވެ. އައިސްކިއުބް އެތި ނަގާ ފޮތިގަނޑަކަށް އެޅުމަށްފަހު ދައުސްގެ ނިތްކުރިމައްޗާ ކަރުދޮށުގައި ހާކަމުން އޭނާ ދިޔައެވެ.

ކޮޓަރިއަށް ގޮސް ދައުސް އެނދުމަތީގައި ބާއްވާލީ އޭނާއަށް އެ މަސައްކަތް ކުރަން ފަސޭހަވާނެތީއެވެ. ހުސްވެސް އެހާ ގަދައެވެ. ފެންފޮތިލާ ހަދަން ފެށުމުން ހިސާބަކަށް ހުން މަޑުވާއަތަށް އެޅިއެވެ. ކައްކާބަޔަށް ގޮސް ޖޫސްތަކެއް ހަދައިގެން ގެނެސް ދައުސްއަށް ދިނުމަށްފަހު އޭނާ ގޮސް އާދައިގެ ގޮތަކަށް ނޫޑުލްސް ސޫޕެއް ތައްޔާރު ކޮށްލިއެވެ. އެ ހިފައިގެން ގޮސް ދައުސްއަށް ދިނެވެ. ދައުސްގެ ލޯ ފެނުމާއެކު އޭނާ އެ ދެލޮލުގައި މަޑުމަޑުން ފިރުމާލިއެވެ. ނިތްކުރިމަތީގައި ބޭސް އަޅާފައިވާ ތަނުގައި މަޑުމަޑުން އަތް ޖައްސާލިއެވެ. ދައުސް ގާތު ސުވާލުކުރުމުން ހުރިހާ ވާހަކައެއްވެސް ކިޔައިދިނެވެ.

އެއާއެކު ޔުމާންގެ ރުޅިގަނޑު ފަޅައިގެން ނުދިޔައީ ކިރިއާއެވެ. ކާންދީ ހަދައިގެން ގޮސް ރީތިކޮށްފައި ދައުސް ނިންދަވަން ޔުމާން ބާއްވާލިއެވެ. ގާތުގައި އޮވެ ދަރިފުޅުގެ ބޮލުގައި ޔުމާން ފިރުމާލިއެވެ. ނިދެމުންދިޔަ އިރުވެސް ހިސާބަކަށް ދައުސްއަށް ދިޔައީ ގިސްލެވެމުންނެވެ. ދައުސް ނިދާ ހަރުވުމާއެކު ޔުމާން އެ ދަރިފުޅުގެ ނިތުގައި ބޮސްދިނުމަށްފަހު ތެދުވެ ހިންދެމިލިއެވެ. އޭނާ ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ. އެއާއެކު ދެބުމަ ގޮށް ޖަހާލުމާއެކު އޭނާ މިސްރާބުޖެހީ އަމިއްލަ ކޮޓަރިއާ ދިމާލަށެވެ. ގޮސް ދޮރުފަތް ބާރަކަށް އޭނާ ހުޅުވާލިއެވެ. އެއާއެކު ޒަހްވާ ލޯގަނޑު ކުރިމަތީގައި ހުރެފައި ފަހަތަށް އެނބުރި ބަލާލިއެވެ. ކަކުލުން ކިރިއާ ތިރިއަށް އަންނަވަރުގެ ރަތް ކުލައިގެ ބާރު ހެދުމަކާއެކު އޭނާ ހުރިއިރު ތުންފަތުގައި ވެސް ވަނީ ގަދަ ރަތް ކުލައެއް ޖައްސާލާފައެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލާފައިވާއިރު އޭނާގެ ކަނދުރާގެ ބޮޑުބަޔެއް އޮތީ ހާމައަށެވެ. ހެދުމުގެ އަތް ދިގުނަމަވެސް އަތް ވަނީ ލޭސްފޮއްޗަކުންނެވެ. ކަންފަތުގައި ބޮޅެއް އަޅުވާލާފައި ވާއިރު ނިޔަފަތި ތަކުގައި ވެސް ވަނީ ގަދަ ރަތް ކުލައެއް ޖައްސާލާފައެވެ.

"ކޮންތާކަށް ދާން ތިއުޅެނީ؟" އެތެރެއަށް ވަދެ ދޮރު ލައްޕާލާ ޔުމާން ހަޅޭއްލަވައިގަތެވެ. ރުޅީގެ ސަބަބުން އޭނާގެ ދަތްކުނޑިވިކި ކަތުރު ކަށިގަނޑަށް ބާރުވެފައި ވެއެވެ. ޔުމާންއަށް ބަލާލުމަށްފަހު ވެސް ޒަހްވާ ޖަވާބެއް ދޭ ހިޔާލެއް ނުކުރިއެވެ. ޔުމާން އައިސް ޒަހްވާގެ އަތުގައި ހިފަމުން ސުވާލުކޮށްލުމުން ޒަހްވާ ޔުމާންގެ އަތް ފޮޅުވާލާ ޔުމާން ހިފެއްޓި ތަނަށް ބަލާލިއެވެ. ހިފެއްޓިލެތް ބާރުކަމުން ހިސާބަކަށް ރަވްވެފައިވެއެވެ.

"އަހަރެން ދާން ޖެހޭ ތަނެއް ޔުމާން ޖެހޭތަ ބަލަން އޭތް!" ޒަހްވާ ވެސް ދޫ ދޭކަށް ބޭނުމެއް ނުވިއެވެ. އޭނާ ކޮޓަރީގައި ހުރި ފައިވާން ހަރުގަނޑު ދޮށަށް ކައިރިވެފައި ރަތްކުލައިގެ ދިގު ހީލް އެއްނެގިއެވެ. އަދި އެއަށް އަރަން ވެގެން އައިސް އެނދުގައި އިށީނެވެ.

"ކަލޭ ނުޖެހޭނެ ދައުސްއަށް އަނިޔާ ކުރާކަށް، ކޮންމެ ރެއަކު ނަލަ ހެދިގެން ގޮސް އެހެންމީހުންނަށް ތިއްތި ދެއްކުނީމަ ތިމާގެ ހުރި މޮޅުކަން ފެނުނީއެއްނޫނޭ. ހިތަށް އަރާތަ އެއްފަހަރުވެސް ކަލޭ ތީ މީހެއްގެ އަންބެކޭ.. ދަރިއެއްގެ މަންމައޭ. ކަލޭގެ ބޮލުގައި ވެސް ވާޖިބު ތަކަކާއި މަސްއޫލިއްޔަތު ތަކެއް އެޅިފައިވެޔޭ. ނާރާދޯ ހިތަކަށް؟ އާނ! ކިހިނެތް ތިކަހަލަ މީހުންގެ ހިތަށް އެއްޗެއް އަރާނީ، ނާރާނެ. އެއްވެސް އެއްޗެއް ނާރާނެ ހިތަކަށް. އެއަށް ވުރެ ރަޙުމް ކުޑަވެފަ ވިޔާ ނުދާ މީހަކަށް ވީމަވާނީވެސް އެހެން. ލަދު ނުގަނިގެން ހިލޭ ފިރިހެނުންނާ އެކު އުޅޭއިރު ހެއްދެވި ފަރާތަށް ބިރުވެތިވުމެއް ވެސް ނޯވޭތަ؟" ޔުމާން އައިސް ޒަހްވާގެ އަތުން ފައިވާން ނަގާ އަތުގެ ކޮޅަށް ހޫރާލަމުން ޒަހްވާ އެނދުމަތިން ނަގަމުން ވާހަކަ ދެއްކިއެވެ.

"ޔުމާންއަށް ކޮންކަމެއް، ތީ މަދެކެ މާ ލޯބި ވާ މީހެއްތަ؟" ޒަހްވާ ޔުމާންގެ އަތް ފޮޅުވާލިއެވެ. ޔުމާން ޒަހްވާގެ ކޯތާފަތުގައ ޖަހަން އަތް މަޅާލީ އޭނާ ބުނެލި ހުތުރު ބަހެއްގެ ސަބަބުންނެވެ. އެހެންނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން އޭނާ އަތް ތިރިކޮށްލީ އަތް އިސްކުރުމަކީ ހައްލެއްނޫންކަން އެނގުމުންނެވެ. އެހެންނޫނަސް ޒަހުވާ އެ ހުރީ މިހާރު އޭނާ ބުނާ ބަސް އަޑު އަހާ ހިސާބެއްގަ އެއްނޫނެވެ. އެއަށްވުރެ ބޮޑަށް ޝައިތާނާ ވަނީ ޒަހްވާއަށް ވަސްވާސްދީ ވާ ވައްދާލާފައެވެ. އޭނާގެ ނަސޭހަތްތަކުން ވާނެ ފައިދާއެއް ނެތެވެ.

"އަހަރެން އުޅޭނެ ގޮތަކަށް އުޅޭނީ. ކަލޭ ވެސް ކަލޭގެ ދަރިއާ އެކު އުޅުނީމަ ވީނު. "ޒަހްވާ ބުނެލިއެވެ.

"ކަލޭ ހިތު ހުރިހާ ގޮތަކަށް އުޅުނަސް ވަރިހަމައޭ މަށައް، ކިހާ ދެރަކަމެއް، މަގޭ ދަރިއަށް ކަލޭ ނުޖެހޭނެ އަނިޔާ ކުރާކަށް. ރަޙުމް ކުޑަ އަންހެނާ" ޔުމާން އަނެއްކާވެސް އައިސް ޒަހްވާގެ އަތުގައި ހިފާ އޭނާ އާއި ގާތަށް ދަމާލަމުން ދަތް ކުނޑި ވިކައިގެންހުރެ ބުނެލިއެވެ.

"އަދިވެސް ކުރާނަން. ކަލެއަށް ކީ ކުރެވޭނީ، މަ މިއުޅޭ އުޅުމެއް ވެސް ކަލޭއަކަށް ނުހުއްޓުވޭނެ" ޒަހްވާ ޔުމާންގެ ލޮލާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ.

"ބަލަ ލަދެއްނުގަނޭތަ؟ އަހަރެން ވަރަށް ކެތްކެތްކޮށްފިން. އެކަމަކު ދެން ނުވާނެ. ހުރި ގޮތެއް ނެތްކަން" ޔުމާންވެސް ބާރަށް ހަޅޭއްލަވައގަތެވެ.

"ކަލެއަށް ކީކުރެވޭނީ؟ ނުކުރެވޭނެ އެއްކަމެއްވެސް. ތެޅި ތެޅި ހުންނަން ޖެހޭނީ..." ޒަހްވާ މަލާމާތުގެ ގޮތަކަށް ޔުމާން އަށްބަލާ ހީލިއެވެ. މިހުރިހާ ދުވަހުވެސް ޔުމާން އޭނާއަށް ކަމެއް ނުކުރާތީ އޭނާ ހީކުރީ އެހެންފަހަރުތަކެކޭ އެއްގޮތަކަށް މިފަހަރުވެސް ޔުމާންއަށް ވާނީ އެހެން ކަމަށެވެ.

"މަށަށް ވެސް ކުރެވޭނެ ކަންތައް ހުންނާނެ، ތި ހުރީ ވަރިކޮށްފަ. ނުކުމޭ. އަހަރެން ހިފާފަ ހުރިތަނަކަށް ވެސް ދެން އައިސްގެން ނުވާނެ. ނުކުންނާށޭ" ޔުމާން ޒަހްވާގެ އަތް ފޮޅުވާލާ ދުރަށް ހޫރާލިއެވެ.

އެއްފަރާތަށް ގޮސް ވެއްޓުނު ޒަހްވާއަށް ޔުމާންގެ އެ ޖުމްލައިން ހިސާބެއްގެ ސިހުމެއް ލިބުނެވެ. އޭނާ ހީކުރީ ދައުސް ހުރުމުގެ ސަބަބުން ޔުމާންއަށް އޭނާ ވަރިކުރަން ނުކެރޭނޭ ކަމަށެވެ. އެހެންނަމަވެސް ކަންވީ އެހެންނަކުން ނޫނެވެ. އެންމެފަހުން ޔުމާން އޭނާ ވަރިކުރީއެވެ. ދެން އޭނާ އުޅެމުންދިޔަ އަރަމާ ދިރިއުޅުމުގައި އުޅޭނީ ކިހިނެތް ހެއްޔެވެ؟ ނޫނެކެވެ. އޭނާއަކަށް ގޮތެއް ހުހެއް ނުވާނެއެވެ. އޭނާގެ އެކުވެރިން ބައިވަރެވެ. ލާރި ހޯދޭނޭ ގޮތްތައް އެބަހުއްޓެވެ. ހާސްވާންވީ ކީއްވެ ހެއްޔެވެ؟ ޔުމާންއަށް ހީވަނީ ހެއްޔެވެ؟ އޭނާ އަކީވެސް ކަންތައް ކުރެވޭ މީހެއްކަން ޔުމާންއަށް ދައްކައިލާނަމެވެ.

ޒަހްވާ ރުޅިވެރިކަމާއެކު ޔުމާންއާ ދިމާލަށް އަނެއް ފައިވާން ކިބަ އެއްލިއެވެ. އެހެންނަމަވެސް ހުޝިއާރު ކަމާއެކު ޔުމާން އެ ހަމަލާއިން ރެކިގަތެވެ. އޭނާ ހުރީ ގޮށްޖެހިފައިވާ ދެބުމަ އާއެކު ޒަހްވާއަށް ބަލަހައްޓައިގެންނެވެ. ޒަހްވާ ވަރިކުރެވުމުން ދެރަވުމުގެ ބަދަލުގައި ޔުމާންގެ ބޮލުން ބޮޑު ބަރެއް ނެގުނުކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ. ޤަބޫލްކުރަން ބޭނުން ނުވިޔަސް އޭނާގެ އެތެރެހަށީގައި ހިންހަމަޖެހުމުގެ ރާހަތެއް ދަތުރުކޮށްލިއެވެ. އެކުރެވުނީ ރަނގަޅު ކަމެއްކަމުގައި ސިކުނޑިއާއި ހިތްވެސް އެކަތި އަނެކައްޗަށް ތަބާވި ފަހަރެކެވެ. ފުރަތަމަ ފަހަރަށް ހަޤީގީ ހިންހަމަޖެހުން ލިބުނުފަދަ އިޙްސާސްއެއް ކުރެވިގެން ދިޔައެވެ.

"ހަމަ މިހާރު މިގެއިން ނުކުމޭ. އެންމެ ހިނދުކޮޅެއްވެސް ކަލޭ މިތަނުގައި ބެހެއްޓުމުގެ މާނައެއް އޮތްކަމަކަށް ނުފެނޭ" ޔުމާން ހަޅެއްލަވައިގަތެވެ.

"ކަލޭ ހަނދާން ކުރައްޗޭ.. މަށަށް ވެސް ރަނގަޅީ މި ގޮތް މިހާރު. މަށަށް ވެސް މަގޭ މިނިވަންކަން ލިބުނީ... ކަލޭ ދެން ދަރި ގޮވައިގެން އުޅޭ" ޒަހްވާ ހަޅޭއްލަވައިގަނެފައި ދޮރު އަތުގެ ހުރިބާރުލާފައި ހުޅުވާލުމަށްފަހު ހިގައިގަތީ ބޭރަށް ނުކުންނާށެވެ.

ޒަހްވާ ނުކުތުމާއެކު ޔުމާން އެނދުގައި އިށީނދެ ބޮލުގައި ހިފައްޓާލިއެވެ. ޒަހްވާ އަކީ އޭނާ ހީކުރި ވަރަށް ވުރެ ނުލަފާ އަންހެނެކެވެ. ކޮންމެވެސް ދުވަހަކުން ޒަހްވާއަށް އަދި ހެޔޮވިސްނުން ލިބޭނެއެވެ. ޔުމާން ކޮޓަރިތެރެއަށް ވަށައިގެން ބަލާލިއެވެ. އާއިލާ މަތިން ހަނދާންވުމާއެކު އޭނާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ޒަހްވާގެ ސަބަބުން މަންމަމެންނާ ދުރުގައި އުޅުނަސް އޭނާ ގަވައިދުން މަންމަމެންގެ ހާލު ބަލައެވެ. ޒަހްވާގެ އުޅުން ހުރި ގޮތުން އޭނާ ވަކިން ބަދަލުވީވެސް މަންމަމެންގެ ކުރިމަތީގައި ޒަހްވާއާއި އޭނާގެ އަގުވެސް ވެއްޓިދާނެތީއެވެ. ބަނޑުބޮޑު ވުމަށްފަހު ވެސް ލިބެންއުޅޭ ދަރިފުޅަށް ނިސްބަތްކޮށް މަންމަމެން ކުރިމަތީގައި ކޮންމެ އެއްޗެއް ބުނާކަށް ވެސް ޒަހްވާ ފަހަކަށް ނުޖެހޭނެއެވެ. ކިތަންމެ ފަހަރަކު ވަރިކުރަން ހިތަށްއެރިނަމަވެސް އޭނާއަށް އެކަން ކުރަން ނުކެރުނީ ޒަހްވާ ބަލިވެ އިނުމުގެ ސަބަބުންނެވެ. އޭގެފަހުން ޖެހުނު މައްސަލައެއްގެ ސަބަބުން މަންމަމެންނާ އޮތް ގުޅުން ވެސް އެކީ ކެނޑުނީއެވެ. ހުރިހާކަމެއްވެސްވީ ޒަހްވާއާ ހެދިއެވެ.

ޔުމާން ތެދުވެ ގޮސް ދައުސްގެ ކޮޓަރިއަށްވަނެވެ. ނިދާފައިވާ ދައުސް ގާތަށް ގޮސް ބޮލުގައި ފިރުމާލުމަށްފަހު އޭނާ މަޢާފަށް އެދުނީ އޭނާއަށް ދައުސްއަށް ރަނގަޅު މަންމައެއް ނުހޯދާދެވުނީތީއެވެ. ކޮންމެ ގޮތެއް ވިޔަސް މިއަދަށްފަހު އެ ދަރިފުޅަށް ލޯބިދޭން ހުރި ހަމައެކަނި ފަރާތަކީ އޭނާއެވެ.

*****

ޔުމާންއަށް އަނެއް ހާސްކަން ލިބުނީ އޭނާގެ ދަރިފުޅަށް ޒަހްވާގެ ސަބަބުން ނަފްސާނީ ބިރުވެރިކަމެއް ލިބިފައިވާތީއެވެ. އޭނާ ނޫޅޭ ގަޑީގައި ޒަހްވާގެ ފަރާތުން ދައުސްއަށް ލިބިފައިވާ އަނިޔާތަށް އޭނާއަށް ވަޒަން ކޮށްލެވުނީ ދައުސްގެ ހާލަތު ދެނެގަނެ އިތުރު ކަންތައްތައް އެނގުމުންނެވެ. އޭނާއަށް ވެސް އެދަރިފުޅަށް ދޭންވާ އެންމެ އެކަށޭނެ ވަގުތު ނުދެވުމުގެ ނަތީޖާއެވެ. އަވަހަށް ފަރުވާ ދީގެން ރަނގަޅު ކުރަންވީއެވެ. އޭނާ އެޕޮއިންޓްމެންޓް ހެއްދީ އެމް.އެޑް.ޑީ.ސީ އިންނެވެ. ދައުސްގެ ސެޝަން ތަކުގެ ދެވަނަ ދުވަހެވެ. ދައުސްގެ އަތުގައި ހިފާލައިގެން އެތެރެއަށް ވަންނަން ޔުމާން މިސްރާބުޖެހިއެވެ. އޭރު އޭނާ ދިޔައީ އެ ދަރިފުޅާ ވާހަކަ ދައްކަމުންނެވެ.

އަނާލް މަސައްކަތްތައް ނިންމާލުމަށްފަހު އަވަހަށް އޮފީހުން ނުކުތީ ކަމަކު ލޯޔަރާ މަޝްވަރާ ކުރުމަށް މިއަދު ދާން ޖެހޭތީއެވެ. އަވަސްއަވަހަށް ފައިލް ހިފައިގެން އޭނާ ގޮނޑި ދުއްވާލާ ކެބިންއިން ނުކުތެވެ. ލިފްޓުން ތިރިއަށް ގޮސް މައި ދޮރުން ނުކުންނަން އުޅުނު އަނާލްއަށް އެރުނީ ސީދާ ޔުމާންގެ ކުރިމައްޗަށެވެ. މޫނުމައްޗަށް ހައިރާންކަން ވެރިވިނަމަވެސް އަނާލް އެ އަސަރުތައް ނިކަން އަވަހަށް ފޮރުވާލައިފިއެވެ. އެހެންނަމަވެސް ޔުމާންގެ ލޮލުން ފެނުނީ ތަފާތު ކުލަވަރެކެވެ.

(ނުނިމޭ...)

https://sun.mv/118121

comment ކޮމެންޓް