"އަހަރެން ދީމް ގާތު އެހެންބުނި އެހެން ސަބަބެއްވެސް އޮވެދާނެއެއްނު، ދީމްއަށް ކިހިނެތް އެނގެނީ އެހެން އަންހެން ކުއްޖަކު އަހަރެންގެ ހަޔާތަށް ނާންނަކަމެއް، ފަހަރުގައި އަހަރެންމީ މިހާރު މީހެއްގެ ފިރިއަކަށް ވެސް ވެދާނެއެއްނު" ކިނާންގެ އަޑުގައިވި ސީރިއަސްކަމުން ދީމްއަށް ކިނާންގެ އަތުން ދޫކޮށްލާ ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

އެކަމަކު ދެވަނަ ސިކުންތުގައި ދީމް ކިނާންގެ ކުރިމައްޗަށް އެރިއެވެ. އޭރު އެ ދެލޮލުގައި ކަރުނައިގެ އަސަރުވިއެއްކަމަކު މޫނުމަތިން ފެންނަނީ ޖެހިލުން ކުޑަކަމެވެ.

"ކިނާން ހަޤީގަތުގައިވެސް އެހެން ދިރިއުޅުމެއް ފަށައިފިންތަ؟ ކިނާންގެ ހިތުގައި އަހަރެންނާ މެދު އިޙްސާސެއް ނުވާނަމަ ކިނާންއެއް ނުހުންނާނެ ތިހެނެއް، ސީދާ އަހަރެންގެ ދެލޮލަށް ބަލަންހުރެ ޖަވާބު ދޭކަށް ކިނާންއަކަށް ނުކެރޭނެ. ބުނެބަލަ! ޖަވާބު ދީބަލަ" ދީމްގެ އަޑުގައިވި ޖެހިލުން ކުޑަކަމުން ކިނާން ވެސް ހިސާބަކަށް ޖެހިލުންވިއެވެ. ހަގީގަތުގައި އެ ހިތުގައި ލޯބިވާއިރު ދީމްގެ ލޮލަށް ބަލަން ހުރެ އޭނާ ލޯބި ނުވެޔޭ ބުނާނީ ކިހިނަކުންހެއްޔެވެ؟ މީހަކާ ނީނދެ ހުރިއިރު ދީމްއަށް ހެކި ދައްކާނީ ކިހިނެތްހެއްޔެވެ؟

"ދީމް! ހަތް އަހަރަކީ ކުރު މުއްދަތެއްނޫނެއްނު. އަހަރެންގެ ހަޔާތުގެ ގިނަ ކަންތައްތައް ވެސްވަނީ ބަދަލުވެފަ. އަހަރެންގެ ދިރިއުޅުމުގައި ދީމްއަކީ މިހާރު ނެތް މީހެއް!" ކިނާން ބުނެލިއެވެ. އެ އަޑުން ކިނާން ކޮންމެވެސް ކަމެއް ފޮރުވަމުން ދާކަން ދީމްއަށް ވެސް ނަގައިގަނެވުނެވެ.

"ހެހެ، ކިނާން އަކަށް ނުކެރޭނެ އަހަރެންގެ ދެލޮލަށް ބަލަން ހުރެ ތިހެން ބުނާކަށް، އަހަރެންނަށް އެބަ ފެނޭ ކިނާން އަހަރެންދެކެ ލޯބި ވާތަން. އަދިވެސް އޮޅުވާލަނީތަ؟ ހަޤީގަތާ ކުރިމަތިލާން ދަސްކޮށްބަލަ!. ކިނާން ކިތަންމެ ދެކޮޅު ހެދިޔަސް އެއީ ބަދަލު ކުރެވޭނޭ ހަގީގަތެއްނޫން." ދީމް ބުނެލިއެވެ. އެ އަޑުގައި މި ފަހަރު ވަނީ އާދަޔާ ހިލާފް ޔަޤީން ކަމަކާއި ޖޯޝެކެވެ.

ދީމްގެ ވާހަކަތަކުން ކިނާންގެ ހިތަށް ކިތަންމެ އަސަރު ކުރިނަމަވެސް ހިތް ހަރުކޮށްގެން ދީމްގެ ކުރިމަތީގައި އެ އަސަރުތައް ފާޅު ނުކޮށްވޭތޯ ކިނާން މަސައްކަތް ކުރިއެވެ. އިތުރު އެއްޗެއް ކިނާންއެއް ނުބުނެއެވެ. އެހެންނަމަވެސް މޫނުމައްޗަށް ބަލާލުމުން ދޭނެ ޖަވާބަކާ ދޭތެރޭ ކިނާން ވިސްނާކަށް އެމޫނުމަތިން ސާފުކޮށް ފެނެއެވެ. މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރުތައް އެކަމަށް ހެކި ދެއެވެ.

"އަހަރެން ރާއްޖެ ދޫކޮށް ދިޔައިމަ އެއްފަހަރުވެސް ހާލުބަލައިލަން ކީއްވެ ކިނާން ނުގުޅީ، އަހަރެން ހާދަ އިންތިޒާރެއް ކުރީމޭ، ކިނާން ގުޅާނެ އިރަކަށް، އެކަމަކު އެންމެ ފޯން ކޯލެއްވެސް ނުލިބުނު، އަހަރެން ހާދަ ވަރަކަށް ގުޅީމޭ! އިނގޭތަ؟" ދީމް ސުވާލުކޮށްލިއެވެ. އެ އަޑުގައިވަނީ އާދޭހާއި ޝަކުވާއެވެ. ވޭނާ ހިތްދަތިކަމެވެ.

ދީމްގެ ވާހަކަތަކުން ކިނާންއަށް އެތައް އަސަރެއް ކުރަމުން ދިޔައެވެ. ދީމްއަކަށް ނޭނގޭނެއެވެ. ދީމް ދާން އުޅުނުކަން އެނގުނު ހިސާބުން އޭނާ ދީމް ހޯދަން ހާދަ މަސައްކަތެއް ކުރިއެވެ. އެ ދުވަހު އަނާލް ގުޅާފައި ދީމް ފޮނުވާފައި އިން މެސެޖް ކިޔާދިނުމުން އޭނާގެ ދުނިޔެ އެނބުރިގަތްފަދަ އިޙްސާސްއެއް ކުރެވިގެން ދިޔައެވެ. އޭނާ ފޯން ބާއްވާފައި ދީމްއަށް ގުޅިއިރު ފޯން އޮތީ ނިއްވާލާފައެވެ. މާޔޫސް ކަމާއެކު ހަދާނެ ނުހަދާނޭ ގޮތެއް ނޭނގިގެން އޭނާ އެންމެ ފަހުން އެއާރޕޯޓަށް ވެސް ދިޔައެވެ. އެހެންނަމަވެސް އޭނާއަށް ވީ ނާކާމިޔާބެވެ.

"ނާނު، އަހަރެން އާދޭސް ކޮށްކޮށް އޮއްވަ އަހަރެންގެ އަތް ފޮޅުވާލީ، އެ ކީއްވެތަ؟ އެއްފަހަރުވެސް ނާހާނަންތަ އަހަރެން ކީއްވެތޯ ރާއްޖެ ދޫކޮށް ދިޔައީ؟" ކިނާންގެ އަތުން ދޫކޮށްލަމުން ދީމް ފަހަތަށް ޖެހިލިއެވެ. އަދި ކިނާންއާ ފުރަގަސްދިނެވެ. ދީމްގެ އަޑަށް އައި ކުއްލި ބަދަލާ ދުރަށް ޖެހިލި ގޮތުން ދީމް ރާއްޖެ ދޫކޮށް ދިޔަ އެހެން ސަބަބެއް ވާކަމުގައި ކިނާންގެ ސިކުނޑިން ސިގްނަލް ފޮނުވާލިއެވެ.

މިހާރު ދީމްގެ ހިތަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އެ ހަޤީގަތް ދުލާހިސާބަށް ގެންނަން ހާދަ ހިތްވަރެއް ކުރަން އެބަޖެހެއެވެ. ހާދަ ކެތްތެރިވާން އެބަޖެހެއެވެ. އެދުވަހުގެ ހާދިސާ ހަނދާންވާ ކޮންމެ ފަހަރަކު އޭނާގެ ލޮލުން ކަރުނަ ހިލެއެވެ. ދީމް ދެލޯ މަރާ ފިއްތާލައިގެން ހުރެ ހާމަކޮށްލި ހަޤީގަތުން ކިނާންގެ ފައި ދަށުން ބިންގަނޑު ދެމިގެންދިޔަ އިޙްސާސްއެއް ކުރެވިގެން ދިޔައެވެ. މީހާ ލާ ލާ ހުރި ނޭވާ ކަރުތެރޭގައި ތާށިވެއްޖެއެވެ. ވަގުތުން އޭނާއަށް ދީމް އޭނާއާ ވީ ފަރާތަށް އެނބުރުވިއްޖެއެވެ. އެދެލޮލުން ހުއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނައާއި އެ ތުންފަތް ފޫއަޅުވާލާފައި ނުކުތް ވޭނީ ބަސްތަކުން ކިނާންއަށް ދީމްގެ ކޯތާފަތުގައި އަތް ޖައްސާލެވުނެވެ.

"ކީކޭ ދީމް؟ އަދި އެއްފަހަރު ތިބުނި ވާހަކަ ބުނެބަލަ؟"ކިނާންގެ އަޑުވެސް ނިކުތީ އުނދަގުލުންނެވެ. ހިތް ދިރުވާލެވުނީ ވެސް އުނދަގުލުންނެވެ. އެހެން އަހާލެވުނީ އިވުނު ވާހަކަ ޤަބޫލު ނުކުރެވުމުންނެވެ. އޭނާގެ ކުރިމަތީ ހުރެ ދީމް ގިސްލާ ރޮމުން ދިޔުމުގެ ސަބަބުން އޭނާގެ ހިތަށްވެސް ކެތްކުރަން ދަތިވިއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުގައި ދީމް ގެނެސް އެމޭގައި ބޮނޑިކޮށްލީ މުޅިއުމުރު ހިމާޔަތް ދޭނަމޭ ބުނާ ފަދައަކުންނެވެ. ދީމްއަށް ވެސް ވީ އެވަރެވެ. ކިނާންގެ އަތުގެ ހިމާޔަތް ލިބުނު ހިސާބުން އޭނާ މާ ބޮޑަށް ބަލިކަށިވެގެން ދިޔަހެން ހީވިއެވެ. އެތައް އަހަރަކަށްފަހު އެ ހަޤީގަތް ފުރަތަމަ ފަހަރަށް ބޭރުކޮށްލެވުމުން ހައްޓަށް ލުއިވެ ސިކުނޑިން ބޮޑު ބުރައެއް ލުއިވިފަދަ އިޙްސާސްއެއް ކުރެވުނެވެ.

"އާނ.... އިތުރަށް އަހަރެން ބުނޭނެއެއްޗެއް ނެތް، އަހަރެން ކިހިނެތް ނާލްއާ ކުރިމަތި ލާނީ، އަހަރެން ކިހިނެތް އަންކަލް އާ ކުރިމަތިލާނީ، އާންޓަށް އަހަރެން ދައްކާނީ ކޮން މޫނެއް، އަހަރެންނަށް ގޮތް ހުސްވީ، ދުވަހަކު ރާއްޖެ ނާންނަން ނިންމައިގެން އަހަރެން ދިޔައީ،... ހިތާމައިގެ އެތައް އަހަރެން އަހަރެއް ވޭތުކުރީ އެކަނިވެރިކަމުގަ، ރުއިމާ ކަރުނަ އެޅުމުގަ،" ދީމްއަށް ބާރަށް ގިސްލެވިއްޖެއެވެ.

"ދީމް!" ކިނާން ދީމް އޭނާއާއި ދުރަށް ޖައްސާލާ ގޮވާލީ އޯގާތެރިކަމާއެކުގައެވެ. ހެދެނީ ގޯހެއްކަމަށް ސިކުނޑި ވިސްނައިދެމުންދިޔަ ނަމަވެސް ދީމްގެ ވޭނީ 'އާހް' ތައް ލުއި ނުކޮށްދީ ހުންނާކަށް ކިނާންގެ ބަސްނާހާ ހިތް އެއްބަހެއް ނުވިއެވެ.

"އައި އެމް ސޮރީ، އައި އެމް ސޯ ސޮރީ ދީމް! އަހަރެން ނަކަށް ނޭނގޭ އެއްވެސްކަމެއް ދީމް... އެނގުނު ނަމަ އައި ޕްރޮމިސް އޭރު ދީމް އެކަނި ދޫކޮށެއް ނުލާނަން..." ކިނާން ދީމްއަށް ބަލާލަމުން ބުނެލިއެވެ.

"އަހަރެންނާ އެކު އެކަކުވެސް ނެތް، ނާނުވެސް އަހަރެން އެންމެ ބޭނުންވި ދުވަހު ދޫކޮށްލީ! އެންމެން އެ ބުނަނީ ހަމަ ރަނގަޅަށް، މަންމަ ވެސް އަހަރެންދެކެ ނަފްރަތު ކުރަނީ ސަބަބެއް ނެތިއެއްނޫން.... އަހަރެންނަށް އެ ނަފްރަތުވެސް ހައްޤު....." ދީމްއަށް ބުނެވުނެވެ. ދީމް ރޯތަން ފެނުމުން ކިނާންގެ ހިތް ވެސް މަޑުކަފަކޮޅަކަށް ވެގެން ހިނގައްޖެއެވެ. ދީމް ރޮމުންދިޔަތަން ބަލަން އޭނާ ގެ ހިތަށް ކުޅަދާނައެއްނުވިއެވެ. އިވިގެންދިޔަ ހަޤީގަތާ ދީމް މި ހަތް އަހަރު ކުރިމަތިލީ ކިހިނެތްކަން އަންދާޒާ ކޮށްލަން އޭނާއަށް ދައްޗެވެ. ދީމް ހާދަ ހިތްވަރުގަދައެވެ. ދީމްއާއެކު ވާން ކިތަންމެ ބޭނުންވިޔަސް އޭނާގެ މަޖުބޫރީ ހާލަތު އެކަމަށް ތަނެއް ނުދެއެވެ. އެއީ އޭނާ ހަނދާނުގައި ބަހައްޓަން ޖެހޭ ވަރަށް މުހިންމު ކަމެކެވެ.

"ހެލްޕް މީ ކިނާން! އަހަރެން..... އަހަރެންނަކަށް ދެން ކެތެއްނުވާނެ، ނޫނީ އަނެއްކާވެސް އެންމެނާ ދުރަށް ދާންވީތަ؟" ދީމް އަހާލިއެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ހުދު ކިނާންގެ އަތުގައި ވެސް ނެތެވެ. އޭނާ ދީމްގެ ބުރަކަށީގައި ފިރުމާލިއެވެ. ހިތްވަރު ކުރުމަށް އެދުނެވެ. އެއްވެސް މީހަކު ދީމްއަށް ނަފްރަތު ކުރަންޖެހޭ ސަބަބެއްނެތް ކަމުގައި ކިނާން ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ދީމް މިވަގުތު ހުރީ އެފަދަ އެއްވެސް ވާހަކައެއް އަޑު އެހޭ ހާލަތުގައެއްނޫނެވެ. ދީމް ބުނަމުން ގެންދިޔައީ ކިނާން ދީމްއާއި ކައިވެނި ކޮށްފިނަމަ އޭނާއަށް އެގެއިން ދުރަށް ދެވޭނެ ކަމުގައެވެ.

"އެކަމަކު އަހަރެން ކިހިނެތް މެރީ ކުރާނީ ދީމް؟، ދީމް ވިސްނާލަބަލަ، އޯލްރެޑީ އަހަރެންގެ ދޮންބެ އާއި ދޮންބެ ދައްތައާ ޖެހިފަ އޮތް މައްސަލަ ކުޑައެއްނޫން، އެކަން ވެސް އަދި ވަކިކޮޅެއްގައި މިއުޅެނީ ނުޖެހިގެން. ކަންތައްތައް މިހެންއޮއްވާ އަނެއްކާ ތިފަދަ ކަމެއް ކޮށްގެން ދެ އާއިލާ ބޮޑު ތަޅާފޮޅުމަކަށް ދާން ޖެހިދާނެ!" ކިނާން ވާހަކަ ދެއްކިއެވެ. އެ އަޑުގައިވަނީ މަޑުމައިތިރިކަމާއި ދީމްއަށް ވިސްނައިދޭން ބޭނުންވެފައިވާފަދަ އަސަރެކެވެ.

"ކީއްވެ މެރީ ނުކުރެވެންވީ، ކިނާންއަށް އަދިވެސް އަހަރެން ދައްކާ ވާހަކަ ޤަބޫލު ނުކުރެވެނީތަ؟ ނޫނީ އަހަރެންނަށް އިތުބާރު ނުކުރެވެނީތަ؟" ދީމްގެ އަޑަށް ހިސާބެއްގެ ހިންހަމަނުޖެހުމެއްވެސް ވެރިވެއްޖެއެވެ. ކިނާން ވަކި އެއްޗެއް ނުބުންޏެވެ. ދީމް ދެވަނަ ފަހަރަށް އެއްޗެކޭ ބުނެލުމުން ކިނާންވެސް ވާހަކަ ދެއްކިއެވެ.

"ދީމް. އަހަރެންގެ ދޮންބެ މިނިވަންވެއްޖެ! ދޮންބެ މިނިވަންވިކަން ދޮންބެ ދައްތައަށް ވެސް އެނގޭނެހެން ހީވަނީ، ދެމީހުންގެ ވަރި، ވަރި ދެން އޮންނާނީ. ދޮންބެދައްތަ ބުނެފަ އޮތީ އަހަރެންގެ ދޮންބެ މިނިވަން ވިހާ އަވަހަށް ވަރިވާނެ ވާހަކަ، ދޮންބެ ގެ ހިތްވެސް ޒަޚަމްވެއްޖެ. ދޮންބެގެ އާއިލާ ގެއްލިއްޖެ، މިއަދު އަހަރެން ނޫނީ އަޅާލާނެ އެއްވެސް މީހަކު ނެތް، މިނިވަންވެ ގެއަށް ދިޔުމުން މަންމަ ދޮންބެ ޤަބޫލެއް ނުކުރި. ކުރެވުނު ކުށުގެ ސަޒާ އެކި މީހުން އެކި ގޮތްގޮތަށް ދޮންބެއަށް ދެމުން ގެންދާއިރު ދޮންބެ އަނގައިން ޗުއްޕުވެސް ނުކިޔާ އެ ހުންނަނީ ދެރަ ނުވާތީއެއްނޫން... މިހާރު އެއީ އަހަރެންގެ ކުރީގެ ދޮންބެއެއް ނޫން... އެ ދޮންބެ ބަދަލުވިތާ ކިތަންމެ ދުވަހެއް، ނާލް ދެކެ ދޮންބެ ވީ ހަޤީގީ ލޯބި. އެއީ ތެދުވެރި ލޯތްބެއް، އެނގޭތަ؟ އެކަމެއް ހިނގި ރޭ ދޮންބެ ގެއަށް އައިސް އަހަރެންނާ ދިމާލަށް ވެސް ވަރަށް ހަޑި އެއްޗެއްހި ކީ، ފަހުން މާފަށް އެދުނު. އެރޭ ބުނި ދޮންބެއަށް މާފުނުދެވޭ ވަރުގެ އެހެން ކުށެއްވެސް ކުރެވިއްޖޭ. އެކަމަކު އެއީ ކޮންކަމެއް ކަމެއް ނުބުނި. ދޮންބެދައްތައާ މެރީ ކުރުމަށްފަހު ދޮންބެ އުޅުނީ ހަމަ އެކަނި ދޮންބެދައްތައަށް އެހީތެރިވުމުގެ ނިޔަތުގަ އެއްނޫން، ލޯބިވާތީ،" ކިނާން ވާހަކަ ދައްކަމުން ދީމްގެ އަތުން ދޫކޮށްލިއެވެ.

އެ ހުރިހާ ކަމެއްގެ ތެރޭގައި ދެއާއިލާ ރޫޅި އެކި މައްސަލަތައް ޖެހިއްޖެ ދީމް... ދީމް ތިކިޔައިދިން ވާހަކަތަކުން އޭގެ މާނައެއް ނޫން ދީމްދެކެ އެމީހުން ރުޅިއަންނާނޭ، އެއީ ދީމްގެ އަމިއްލަ ބައްޕަ ނޫނަސް ދީމް ދެކެ އަމިއްލަ ދަރިއެއް ފަދައިން ލޯބިވޭ. މަޒާޔާ އާންޓީއާއި އައްމާރު އަންކަން އާވެސް އެހާ ލޯބިވޭ. ދީމްގެ ފެމެލީ އެހާ ދީމްދެކެ ލޯބިވާއިރު ކީއްވެ އެމީހުން ދޫކޮށްލަން ތިއުޅެނީ، ދީމް އޭރު އަހަރެން ގާތު މެރީކުރަން އާދޭސް ކުރިއިރު އަހަރެން އާއެކޭ ނުބުނީ ދީމް ދެކެ ލޯބި ނުވާތީއެއްނޫނޭ! ދީމް. އެކަމަކު އަހަރެން ދީމްގެ ފެމެލީ ނުރުހުމުގަ ދީމްއާއި މެރީކުރަން ބޭނުންނުވާތީ، ދީމް، ދީމްގެ އާއިލާ އާއި ދުރުކުރަން ބޭނުން ނުވާތީ" ކިނާން ބުނެލިއެވެ.

"ކިނާން. ކިނާންއަށް ހީވޭތަ ހަޤީގަތް އެނގުމަށްފަހު އެމީހުން އަހަރެން އަހަރެންގެ ގޮތުގައި ބަލައިގެންފާނެހެން. ނޫން. އޭރުން އަހަރެން އެކަނިވާނީ... އަހަރެން ބޭނުމެއް ނޫން އެހެންވާކަށް، އަހަރެންނަކަށް ނޭނގެ ހަޤީގަތް އެނގޭ ދުވަހު އެމީހުން އަހަރެންނާ ދޭތެރޭ ކަންތައް ކުރާނީ ކިހިނެތްކަމެއް.. އަހަރެން އެ ދިރިއުޅުމުން ބޭރުކޮށްލާނެކަން ޔަގީން. އެހެންވީއިރު ކިނާން އާއި މެރީ ކޮށްގެން އަހަރެން ގެއިން ނެރެލިޔަސް އެއްމެ ރަނގަޅެއްނު. އަހަރެން ވެސް ބޭނުމީ ކިނާންއާ އެކު އުފާވެރި ދިރިއުޅުމެއް. ކީއްވެތަ އަބަދު އެހެން މީހުންނާ މެދު ވިސްނަނީ. އަހަރެންމީ އެއްވެސް މީހަކަށް ނުވަނީ؟" ދީމް ރޮމުން ބުންޏެވެ.

"ނޫން... ދީމް ނޫން... ދޮންބެ ވެސް ޤަބޫލެއް ނުވާނެ. ދީމްގެ އާއިލާއާ ދިމް ދުރުވާކަން، އާނ. އަހަރެން އަދި މީހަކާ ނީންނަން، އެކަމަކު އަހަރެން ދީމް އަކާ ނީންނާނަން. މިއަދުވެސް އަހަރެންނަށް ދެވެން އޮތީ މިޖަވާބު. ތި ހަޤީގަތަކުން އަހަރެންގެ ޖަވާބެއް ބަދަލެއް ނުވާނެ. މި ނޫން ޖަވާބެއް އަހަރެންގެ އަތަކު ނެތް. ސޮރީ ދީމް. އަދި އެއްކަމަކަށް މާފަށް އެދެން. ދީމް މިހުރިހާ ދުވަހު އެކަނި ހުރިހާކަމެއް ސަފަރ ކުރަމުން ދިޔައިރު އަހަރެންނަށް ދީމް ގާތު ނުހުރެވުނީތީ މާފަށް އެދެން." ކިނާން އަނެއްފަރާތަށް އެނބުރި ދީމްއަށް ޖަވާބު ދިނެވެ. އެ ބަސްތައް ދުލު ކުރިއަށް ގެންނަންވީ އުނދަގޫ ދެނެވޮޑިގެންވާނީ މާތް ﷲ އެވެ.

"ހެޔޮ ދެން ކިނާން. ކިނާން ވެސް ތީ އަމިއްލަ އެދުން ބޮޑު މީހެއް. އަހަރެން ދެން ކިނާންގެ ފަހަތުން އާދޭސް ކުރާކަށް ނާންނާނަން، އަހަރެން އެންމެ ބޭނުންވި ދުވަހު އަހަރެންގެ ހިތުގައި ޖެއްސީތީ ދުވަހަކުވެސް މާފެއް ނުކުރާނަން" ކިނާންގެ އަތުގައިހިފާ ދީމް އޭނާއާއި ދިމާލަށް އަނބުރާލުމަށްފަހު ދީމް ބާރަކަށް ބުނެލިއެވެ. އަދި ލަސްތަކެއްނުވެ އަނގަމަތީ އަތް އަޅާލަމުން ދޮރާ ދިމާލަށް ދުއްވައިގަތެވެ.

ދީމް އެ ބުނި ވާހަކައިން ކިނާންގެ ހިތަށް ވެސް އަސަރު ކޮށްފިއެވެ. ލެއްޕުނު ދޮރާ ދިމާލަށް ބަލަންހުރެ ކިނާން ފުންނޭވާއެއް ދޫކޮށްލިއެވެ.

*****

ހުކުރުދުވަހެކެވެ. ގޭތެރޭގެ ކައްކާ ބައިގައި ނޫޑުލްސް ހަދަން ވެގެން ހުރި ދާރިޔާގެ ނަޒަރު އިރުއިރު ކޮޅަކާ ސޯފާގައި އޮތް ދާއިންއަށް ދަތުރުކޮށްލައެވެ. ދޫކޮށްލި ފަހުން ގިނަވަގުތު އޭނާއަށް ދާއިން ފެންނަނީ ފުން ވިސްނުމަކަށް ގެއްލިފައި އޮއްވައެވެ. މީހުންނާ އެހާ ވާހަކަ ދައްކައެއް ނޫޅެއެވެ. އެކަނިވެރިކަމަށް ލޯބިކުރާތަން ދާރިޔާއަށް ފެނެއެވެ. އޭނާ އިރުއިރު ކޮޅަކާ ރިމޯޓް ކާރެއް ދުއްވަމުން ދިޔަ ކުޑަ ފިރިހެން ކުއްޖާއަށް ވެސް ނަޒަރެއް ދެއެވެ. އެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.

ބެލް ޖެހި އަޑުވެސް ދާއިންއަށް ނީވޭފަދައެވެ. އޭނާ އޮތީ ސޯފާގައި އޮށޯވެއެވެ.

ދާރިޔާ އަތް ފުހެލާފައި ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޒުވާނާ ފެނުމާއެކު އޭނާއަށް ބަލާލެވުނީ އެތެރޭގައި ކާރު ދުއްވަން ހުރި އޭނާގެ ދަރިފުޅު ޝާދުއަށެވެ.

"ދަރިފުޅާ" ދާރިޔާ އޭނާގެ ހަތް އަހަރުގެ ދަރިފުޅަށް ގޮވާލިއެވެ. އެހެންނަމަވެސް ކުޅުމުގައި މަސްއޫލުވެ އުޅުނު ޝާދުއަށް އެޑު އިވުނު ހެނެއް ހިޔެއްނުވެއެވެ.

"ޝާދު" ދެފަހަރަކު ޝާދުއަށް ގޮވާލަމުން ދާރިޔާ ޝާދުއާ ދިމާލަށް މިސްރާބުޖެހިއެވެ. ސިޓިން ރޫމް ސޯފާގައި ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް ދާއިން ޝާހީންގެ ލޮލުގައި އަޅައިގަތުމާއެކު އޭނާގެ ދެބުމަ ގާތްވެގެން ދިޔަތަން ފެނުނެވެ.

ދާރިޔާ ޝާދުގެ އަތުގައި ހިފައިގެން އައިސް ޝާހީން ދައްކާލުމުން ޝާދުގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ.

"ޑެޑީ ގެ ޕްރިންސް،" ޝާދުގެ އަތުގައި ހިފާލަމުން ޝާހީން ވާހަކަ ދެއްކިއެވެ.

"ޑެޑީ! ކުރިން ދުވަހު ގަނެދިން ކާރު ވަރަށް ގަދަ އިނގޭ.. ހަމަ ރާސް ލާފަ ދުއްވާލެވޭ! ދޯ މަންމީ" ޝާހީންއަށް ބަލަންހުރެ އަތުން އިޝާރާތް ކޮށްލި ޝާދު ދާރިޔާއަށް ވެސް ބަލާލިއެވެ. ދާރިޔާ ވެސް ހިނިތުންވެލިއެވެ. އޭނާ ދެން ބަލާލީ ޝާހީން އަށެވެ.

ޝާހީން އޭނާ ވަރިކުރި އިރު އޭނާއިނީ ޝާދުއަށް ބަލިވެކަން ދާރިޔާއަކަށް ނޭނގެއެވެ. އެނގުމަށްފަހު ޝާހީންގެ ފަރާތުން އެދަރިފުޅަށްޓަކާ ހުރިހާކަމެއް ވެސް ފުރިހަމަ ކޮށްދެމުން ދިޔައެވެ. ދާރިޔާއަށް ޝާދު ލިބުމަށްފަހު ވެސް ޝާދު ދާރިޔާގެ އަތުން އަތުލުމުގެ ހިޔާލެއް ޝާހީން ނުކުރެއެވެ. އެހެނެއްކަމަކު ޝާދުއަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދަދީ އޭނާ ކޮންމެ ދުވަހަކުވެސް އެ ދަރިފުޅާއެކު ވަގުތުކޮޅެއް ހޭދަ ކުރެވޭތޯ ބަލައެވެ. ބޮޑުވަމުން އައި ވަރަކަށް ޝާދުގެ ފަރާތުން ޝާހީންއަށް ލިބެމުން ދިޔައީ އެއް ޝަކުވާއެވެ. މަންމައާއި ބައްޕައާއި ދެމީހުން ވަކިން އުޅުމެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ޝާހީން އަތަކު ނެތެވެ. ދާރިޔާ ވެސް ޝާދު އެ ސުވާލުކުރާ ކޮންމެ ފަހަރަކު ކޮންމެވެސް އެއްޗެކޭ ކިޔާ އެކަމުން ރެކި ގަންނަނީއެވެ. އާއިލާ ރޫޅުމުން އެކަމުގެ ނޭދެވޭ އަސަރު އެންމެން ފުރަތަމަ ކުރާނީ ދަރިފުޅަށެވެ. ވެގެން އުޅޭގޮތް ދެނެގަނެ ވިސްނުމަށް ވުރެ އެ ކުދިންގެ ސިކުނޑި ޤަބޫލް ކުރާނި ލޮލަށް ފެންނަ މަންޒަރުތަކަށެވެ.

ހުކުރު ދުވަސްކަމުން ޝާހީން އެއައީ ހުކުރަށް ދިޔުމުގެ ކުދިން ޝާދު ބަލައެވެ. ދެން އޭނާ ޝާދު ގެއަށް ގެންނާނީ އަސުރަށް ފަހުއެވެ. ޝާހީން އޭނާދެކެ ހިންހަމަ ނުޖެހުނަސް އެ ދަރިފުޅާ މެދު އަޅާލާތީ ދާރިޔާ ހިންހަމަޖެހެއެވެ. އޭނާ ވަރިކުރި ފަހުން އަދި ޝާހީން ވެސް މީހަކާ ނީނދެއެވެ. އޭނާގެ ހުރިހާ ވަގުތެއް ޝާދުއަށް ހުސްކުރެވިފައިވާ ފަދައިން ޝާހީންގެ ހުރިހާ ވަގުތެއްވެސް ވަނީ ޝާދުއަށްޓަކާ ޤުރުބާން ކުރެވިފައިފަދައެވެ.

ކާރަށް އެރި ޝާހީން ޝާދުއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އިތުރަށް އެއްވެސް ވާހަކައެއް ދެއްކުމުގެ ކުރިން އޭނާ އެކުވެރިއެއްގެ ނަންބަރަށް ގުލާލިއެވެ.

"އޭތް. ދާއިން ނެރިއްޖެ. އިޒިއަން ވެސް ނެރުނީތަ؟" އެކުވެރި ފުލުސް މީހާއަށް ގުޅާލުމުން އެކޮޅުން ދިން ޖަވާބުން އޭނާގެ ދެބުމަ އަނެއްކާވެސް ގާތް ކުރެވިއްޖެއެވެ. ބާރަށް އެއްޗެކޭ ބުނަން އަނގަހުޅުވާލި ނަމަވެސް ޝާދު އިންކަން ހަނދާންވެފައި އޭނާ ހަމަހިމޭންވީ ދަރިފުޅުގެ ކުރިމަތީގައި ބާރަށް އެއްޗެއް ބުނަން ބޭނުންނުވާތީއެވެ. އެންމެ އަމަލަކުން ވެސް ދަރިފުޅަށް ނޭދެވޭ އަސަރު ކޮށްފާނެއެވެ. އެހެންވާކަށް އޭނާ ނޭދެއެވެ.

ދާރިޔާ ބަނޑުބޮޑުކަން އެނގުނީ މަސްލަހަތު ގޯސްވެ ހޫނުވެފައިވި ދަނޑިވަޅެއްގައި ނަމަވެސް އެކަން އެނގުނިއްސުރެ އޭނާގެ ހިތުގައި ވެސް އެ ދަރިފުޅަށްޓަކާ އިންތިހާ ލޯބި އުފެދުނެވެ. ދަރިފުޅު ސިއްހަތު ސަލާމަތުން ހެދި ބޮޑުވުމަށްޓަކާ ބޭނުންވާ އެއްޗެހި ދާރިޔާއަށް ލިބޭނެކަން އެނގޭއިރުވެސް މޭވާއާއި ތަރުކާރީ އެއްޗެހިވެސް އޭނާ ފޮނުވިއެވެ.

މެންދުރުގެ ކެއުމުގެ ވަގުތުގައި ޝާހީން އިނީ އެހެންޏާ އިންނަވަރަށް ވުރެ މަޑުންނެވެ. ޝާދު އާއި ޖިދާގެ ދަރިފުޅާއި ދެކުދިން ކުޅެން އުޅުނުތަން ބަލަން އިނދެފައި ޝާހީން ވާހަކަ ދައްކަން ފެށީ ކައި ނިމެން އުޅެނިކޮށެވެ.

"ދާއިން ދޫކޮށްލައިފި" ޝާހީން ބުނެލި ވާހަކައިން އަނާލްގެ އަތުގައި އޮތް އޫ ޓައިލްސްތަކުމަތީގައި ވެއްޓި ޖެހުނު އަޑު ގުގުމާލިއެވެ. ކައިކައި އިން އެތިކޮޅު ކަރުތެރޭގައި ތާށިވެއްޖެއެވެ. ތުރުތުރު އަޅަމުން ދިޔައަތުން ފެންތަށިނަގާ ބޯ ލެވުނުއިރު އެތިކޮޅެއް ގަޔަށް ވެސް ވެރިއްޖެއެވެ. އަނާލް ހަމަޖެހެން މަސައްކަތް ކުރިއެވެ.

އިޒިއަން އެހެންވިއްޏާ ކޮބާހެއްޔެވެ؟ ދާއިންއާ އެކު އިޒިއަން ވެސް ދޫކޮށްލާނެނޫންހެއްޔެވެ؟ އެހެންވެއްޖެނަމަ ދެން ވާނީ ކިހިނަކުން ހެއްޔެވެ؟ އެންމެ ފަހުން އޭނާ އާއި އިޒިއަން އާއި ކުރިމަތިލާން ޖެހޭ ވަގުތު ކުޑަތަންވަނީހެއްޔެވެ؟ ހަތް އަހަރުވީއެވެ. އަނާލްގެ ނޭވާ އަވަސްވެއްޖެއެވެ. މޫނުމަތި ހުދުވެގެން ދިޔައެވެ. ހިތުގެ ތެޅުން ބާރުވެ ހަށިގަނޑުގައި ނޭނގޭ ފިނިކަމެއް ދައުރުކޮށްލާ ލޭ ދައުރުވުން އަވަސްވެގެން ދިޔަފަދައެވެ.

"އޭނަ އެކަނިތަ ދޫކޮށްލީ؟" ވިސްނަން އިނދެފައި ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން އަނާލް ސުވާލުކޮށްލިއެވެ. އެންމެންގެ މޫނުމަތިންވެސް މިހާރު ފެންނަމުން ދިޔައީ ބުނެދޭން ނޭނގޭފަދަ އަސަރެކެވެ. ތަނަށް ވެރިވެފައި ވަނީ މަރުފަދަ ހަމަހިމޭން ކަމެކެވެ.

"އޭނަ އެކަންޏެއް ނޫން ނާލް، އިޒިއަން ވެސް ދޫކޮށްލައިފި. އަހަރެން މިއަދު އޮޅުން ފިލުވައިފިން" ޝާހީން އަނާލްއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. ޝާހީންގެ ވާހަކަ އަޑުއިވުނު އަނާލްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އިޒިއަން ދޫކޮށްލި ހަބަރު ލިބުމާއެކު އޭނާޣެ ހިތުގެ ތެޅުން އަވަސްވެގެން ހިނގައްޖެއެވެ. އިޒިއަން މިހާރު ހުންނާނީ ކިހިނެތް ހެއްޔެވެ؟ އެންމެފަހުން އޭނާއަށް އިޒިއަން ފެނުނު އިރުވެސް ފެނުނީ ވަރަށް ނިކަމެތިކޮށެވެ. ހަމަ އެކަނި ދުނިޔޭގައި ހުރިކަމެވެ. އެއްވެސް ކަހަލަ ދިރުމެއް އެ މޫނުމައްޗަކުން ނުފެނުނެވެ. އަނާލް ފެނުމުން އިޒިއަން ހިނިތުންވާން މަސައްކަތްކުރި މަންޒަރު އޭނާގެ ކުރިމަތިން ސިފަވާ ކަހަލައެވެ. ނަފްރަތު ކުރަން ބޭނުންވިޔަސް އެ ހިތުގައި އަދިވެސް އިޒިއަންއަށްޓަކާ ލޯބިއެބަވެއެވެ. އިޒިއަން ދެކޭ ހިތުން ބޭޤަރާރުވިއެވެ. ލޮލުގެ ތެރެއަށް ޖަމާވަމުންދިޔަ ކަރުނަތައް ދިރުވަން ކުރަމުންދިޔަ މަސައްކަތް ނާކާމިޔާބުވެ ކަރުނަ ފައިބައިގެން ހިނގައްޖެއެވެ.

އަނާލް އިޒިއަން އާއި އެންމެފަހުން ބައްދަލުކުރި ދުވަހުވެސް ކަރުނައިގެ ސާލެއް އެ ކޯތާފަތުން ތިރިއަށް ރޮނގު ދެމިގެންދިޔަ މަންޒަރު ސިފަވާ ކޮންމެފަހަރަކު ގޮތްނޭނގޭ އަސަރުތަކެއް އަނާލްގެ ހިތަށް ވެސް ކުރުވައެވެ. ކިތަންމެ ވަރަކަށް އެ އިޙްސާސްތަކުގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ކުރިނަމަވެސް އޭނާއަށް އެކަން ކާމިޔާބު ނުކުރެވެނީ އަދިވެސް އިޒިއަންއާ ދޭތެރޭ އޭނާއަށް ވިސްނޭތީކަން އަނާލް ޤަބޫލް ކުރެއެވެ. ކޮންމެ ގޮތެއްވިޔަސް އިޒިއަންއަކީ އަދިވެސް އޭނާގެ ފިރިމީހާއެވެ. އެހެންނަމަވެސް މިހާރު ވަރިވާ ދުވަސް އައިސް ޖެހެނީއެވެ. އިޒިއަން ޖަލުން ނުކުތުމާއެކު ވަރިއަށް އެދެން އޭނާ ހުރީ ނިންމައިގެންނެވެ.

އިޒިއަންއަށް ދެރައެއް ދެވެން އޮތިއްޔާ ދެވޭނެ ކޮންމެ ގޮތަކަށް އަނާލް ކަންތައް ކުރާނެއެވެ. އޭނާގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލި މީހުންގެ ތެރޭގައި ހިމެނުމުން އިޒިއަންއަށް އޭނާ މަޢާފެއް ނުދޭނެއެވެ. އޭނާ އުފުލި ތަކުލީފުތަކާ ވޭން އިޒިއަންއަކަށް ނޭނގޭނެއެވެ. އެއްވެސް މީހަކަށް ވިޔަސް މެއެވެ. އަނާލް އެހެން އިންއިރު ތުއްތު ތުއްތު ޝާދުއަށް ވެސް ނަޒަރެއް ދިނެވެ. އެއާއެކު ޝާދުއާއެކު ކުޅެން އުޅުނު ދޮންބެ ރަކީންގެ ދަރިފުޅު ރަނާއަށް ވެސް ނަޒަރެއްދިނެވެ. ޝާދުއަށް ބަލާލެވުމާއެކު ކުށްވެރި އިޙްސާސްއެއް ކުރެވުނީ ޝާހީން އާއި ދާރިޔާ ދުރުވީ އޭނާގެ ސަބަބުންނޭ ހިތަށް އެރުމުންނެވެ. އަނެއްކޮޅުން ދީމްއަށް ބަލާލި އަނާލްއަށް ދީމްގެ މޫނުމަތިން ވެސް މާޔޫސްކަމުގެ ކުލަވަރު ނޫން އެއްޗެއް ނުފެނުނެވެ.

*****

ހުކުރުން ފައިބައިގެން އިޒިއަން އައިސް ގެއަށް ވަދެ ސޯފާގައި ޖައްސާލިއެވެ. މިއަދު ހުކުރު ނަމާދުން މިސްކިތުން ފެނުމުން ވެސް ބައްޕަ ފަހީމް އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންނަމަވެސް ދެފަހަރަކު އިޒިއަން ޤުރުއާން ކިޔަވަން އިންދާ ބަލަހައްޓައިގެން ހުއްޓާ ފެނުނެވެ. އެއިން ކޮންމެ ފަހަރަކު އިޒިއަން ހިނިތުންވެލިއެވެ. އެހެންނަމަވެސް ފަހީމް އަނެއްކޮޅު ބަލާލަނީއެވެ. އެކަމުން އިޒިއަންގެ ހިތަށް ތަދުވިނަމަވެސް އޭނާ އެކަން ހިންދާލީއެވެ. ކޮންމެއަކަސް ހަޤީގަތާ ކުރިމަތި ލުމަށް އަދިވެސް ވަގުތު ބޭނުންވާނޭ އޭނާއަށް ހީވަނީއެވެ. ބައްޕައާއި މަންމަގެ ނުރުހުމާ ކުރިމަތިލެވޭނީ ކިހާ ދުވަހަކުކަމެއް އިޒިއަން އަކަށް ނޭނގެއެވެ. މަންމަގެ މަޢާފު އޭނާއަށް ވަރަށް މުހިންމެވެ. ބައްޕަގެ ރުހުން އޭނާއަށް މުހިންމެވެ. މުޅި އާއިލާގެ ލޯބި ލިބުމަށް އަބަދާ އަބަދު އިޒިއަންއަށް އެދެވެއެވެ. އެހެންނަމަވެސް މިއީ ހާލަތު ނިޔާ ކުރި ގޮތެވެ. މިއީ ދުނިޔޭގައި އޭނާއަށް ކުރިމަތި ކުރައްވާ ވަރުގަދަ އިމްތިހާނެކެވެ. ކެތްތެރިވާން ޖެހޭނެއެވެ. ފަހަރުގައި ކެތްތެރިކަމުގެ މޭވާ ފޮނިވެސް ވެދާނެއެވެ.

އިރުކޮޅެއްނުވެ ބެލް އަޅާލި އަޑު އިވުނެވެ. ކަންނެތް ކަމާއެކު އޮވެފައި ވެސް އިޒިއަން ގޮސް ދޮރު ހުޅުވާލިއެވެ. ކިނާން ފެނިގެން އޭނާ ދޮރުމަތިން ދުރަށް ޖެހިލިއެވެ. އެއާއެކު ކިނާން އިޒިއަންއަށް ބަލާލަމުން ގޮސް ސޯފާގައި އޮށޯވެ ހަށިގަނޑު ދަމާލިއެވެ. ރޭ ހަތަރު ދަމު ނުނިދާ ހުރުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ވަނީ ކަންނެތް ކަމާއި ލޮޑުކަން ވެރިވެފައެވެ. އިޒިއަން އައިސް ސޯފާގައި އިށީނދެ ކިނާންއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

"އަނެއްކާ މާ ބޮޑު ކަމެއް ދިމާވީތަ ނާނު؟"

"އުހުނ... ކުޑަކޮށް ބޮލުގަ ރިއްސާތީ، މަންމަ ގުޅީމަ އެކުވެރިއަކާ އެކު އޭ މިއުޅެނީ ކިޔާފަ މިއައީ، " ކިނާން އޭނާ ހެދި ދޮގުގެ ވާހަކަ ހިއްސާ ކޮށްލިއެވެ.

"ނާނު މާގިނައިން ދޮގު ހަދަންޏާ މަންމަމެންނަށް އެނގިދާނެ، އަނެއްކާ ނާނު ދެކެ ރުޅި އައިސްދާނެ، އެހެންނޫނަސް މަންމަމެންގެ ކަންތައްތައް ބަލަންހުރި ހަމައެކަނި މީހަކީ ތީ ނާނު، އެ ފުރުސަތު އަހަރެންނަކަށް ނެތް، އެހެންވީމަ ނާނު އެ ފުރުސަތު ގެއްލުވާނުލާ، އަހަރެންނަށް އެންމެ ރަނގަޅު އަހަރެން ގާތަށް ނާނު ނަޔަސް، މަންމަމެންގެ ހިތާމަތައް ލުއިކޮށްލަދޭން ކިނާން ހުރުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް، ހަމަގައިމުވެސް ކިނާން ހުރީތީ މިހާރުވެސް މަންމަމެންގެ ހިތާމަތައް ލުއިވާނެކަން އަހަރެންނަށް ޔަޤީން" އިޒިއަންގެ އަޑުގައިވި ރިހުން ކިނާން ދެނެގަތެވެ.

"ދޮންބެ ބަލައްޗޭ! މަންމައަކަށް ދެން ނުހުރެވޭނެ އެހާ ގިނަ ދުވަހު ދޮންބެ ދެކެ ރުޅިއައިސް ގެނެއް، ކެތްތެރިވޭ، އަދި އިންޝާ ﷲ ހުރިހާ އެންމެންގެ މަޢާފު ވެސް ދޮންބެއަށް ލިބޭނެ" ކިނާން ބުނެލީ ޔަޤީންކަމާއެކުގައެވެ.

"އެންމެންގެ މާފު ލިބުނަސް ނާލްގެ މައާފެއް ނުލިބޭނެ. އެހެންނޫނަސް މަންމަމެން ވެސް އަހަރެންނަށް މާފު ކުރާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ. ހަތް އަހަރުވީއިރު އެންމެ ފަހަރަކު އަހަރެންގެ މޫނު ބަލަން މަންމައެއް ނުދޭ. އެކަކުވެސް އަހަރެންގެ މަތިން ހަނދާން ނެތީ ނާނު. ނާނު އާއި ނާލް... "އިޒިއަން ބުނެފައި ހުއްޓާލިއެވެ.

"އަހަރެންނާ ނާލް؟ ކީއްވެ ހުއްޓާލީ" ކިނާން ފަރުވާތެރިކަމާއެކު އިޒިއަންގެ މޫނަށް ބަލާލިއެވެ.

"ނާނު، ނާނު އެކަންޏޭ އަހަރެންގެ ހާލު ބަލަން ދިޔައީ" އިޒިއަން އަޅައަޅައިގަންނަމުން ބުނެލިއެވެ. އެހެންނަމަވެސް ކިނާންއަށް އިޒިއަންގެ މޫނުމަތިން އެ ހަދަނީ ދޮގުކަން ފަޅާ އަރައިފިއެވެ. އަނާލް އިޒިއަންއާ ބައްދަލުކުރަން ދިޔަކަން ޔަޤީންވެއްޖެއެވެ. އެހެންނަމަވެސް އޭނާ އެކަމާ ގުޅޭގޮތުން އިތުރު ސުވާލެއްނުކުރެއެވެ.

"ކައިފިންތަ ދޮންބެ؟" އިޒިއަން ގާތު ކިނާން އަހާލިއެވެ.

"ނޫން. ނާނު، ދޮންބެއަށް ކަމެއް ކޮށްދީފާނަންތަ؟" ކިނާން ކުރި ސުވާލަށް މާބޮޑު ޖަވާބެއް ނުދީ އިޒިއަން ޖެހިލުންވުމަކާ އެކު އަހާލިއެވެ.

(ނުނިމޭ...)

https://sun.mv/118038

comment ކޮމެންޓް