ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްއާ ޖުމްހޫރީ ޕާޓީ އެކުގައި ނުކުތް ނަމަވެސް ގިނަ ގޮނޑިތަކެއް ގެއްލުނީ އެއް ދާއިރާއަކަށް ގިނަ ކެންޑިޑޭޓުން ކުރިމަތިލުމުން ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ ޕީޕީއެމްއަށް ގިނަ ގޮނޑިތައް ގެއްލުނީ ކީއްވެގެންކަން މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ސާފުވެގެންދާ ކަމަށެވެ.
"ލިބިފައި ހުރި ނަތީޖާތަކަށް ބަލާއިރު ގިނަ ގޮނޑިތައް އަޅުގަނޑުމެނަށް ގެއްލިފައިހުރީ ޕީޕީއެމްއާ ޖޭޕީއާ ކޯލިޝަން ވެސް ނުސީދާ ގޮތެއްގައި ހެދި އަދި އެތަނަށް ލައިގެން ފަހުން ޕީޕީއެމް އެތެރެއިން އެހެން މީހަކަށް ވެސް ތާއިދު ކުރި އަދި އެކޮޅުން ވެސް މިކޮޅަށް ތާއިދު ކުރަނީ. ދެކޮޅަށް ވެސް ތާއިދު ކުރަނީ. ބޮޑު މާސިންގާ ސަކަރާތް ގަނޑެއް އަޅުގަނޑުމެން ޖެހިއިރުގައި އެމްޑީޕީ މެންބަރަށް ފަސޭހަ ކަމާއެކު ގޮނޑި ލިބުނީ،" ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ވޯޓުތައް ބައިބައިވެގެން ދުވަހަކު ސިޔާސީ ގޮތުން އަނގައިން ބުނަން ނޭނގޭ އެމްޑީޕީގެ ކެންޑިޑޭޓުން ފަސޭހަ ކަމާ އެކު ގޮނޑި ކާމިޔާބު ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
އެޖެންޑާ19 އަކީ ކޯއްޗެއް ކަން ގިނަ މީހުންނަށް ނޭނގޭ ކަމަށް ނިހާން ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީން ކުރި އެ ކެމްޕެއިން ކާމިޔާބުވީ ބައެއްގެ ބޮލުގައި ވައްކަމާއި ކޮރަޕްޝަންގެ އިލްޒާމް އަޅުވައި ދައުލަތުން ލޫޓުވާލާފައިވާ ފައިސާ ހޯދައި ދެވޭނީ އެޖެންޑާ19 ކާމިޔާބު ވެގެން ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ނަމަވެސް އެޖެންޑާ19 އަކީ 2019 ވަނަ އަހަރު ތޯ. 19 ވަނަ މަޖިލިސް ތޯ ނުވަތަ ގާނޫނު އަސާސީގެ 19 ވަނަ މާއްދާ ތޯ. މީގެން އެއްވެސް އެއްޗެއް އޮޅުންފިލުވި ބަޔަކު ނޫޅޭ ޖުމްލަ ގޮތެއްގައި،" ނިހާން ވިދާޅުވިއެވެ.
"އަދި އަޅުގަނޑިމެނަސް އަމަލު ކުރެވުނު ގޮތުގެ ސަބަބުން އެއް ކެންޑިޑޭޓަކަށް ވުރެން ގިނަ ކެންޑިޑޭޓުން އެއްތާކަށް ސިޓް ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ފަސޭހަ ކަމާއެކު މަޖިލީހުގެ ތެރެއަށް ވަންނަން އަޅުގަނޑުމެން އަމިއްލައަށް ތަބަކަށްލާފައި އެމީހުނަށް ދިން ފުރުސަތެއް،" ތިނަދޫ ދެކުނު ދާއިރާއަށް ވާދަކޮށް ނާކާމިޔާބުވެ ވަޑައިގަތް ނިހާން ވިދާޅުވި އެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފައެވެ. ޕީޕީއެމްއާ ޕީއެންސީއަށް، އަށް ގޮނޑި ލިބުނުއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ. ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެން ވާދަކުރި ޖޭޕީއަށް ފަސް ގޮނޑި ލިބުނުއިރު އެމްޑީއޭއަށް ލިބުނީ ދެ ގޮނޑި އެވެ.