އެޑިޔުކޭޝަން މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީއަކު ހޯދަނީ

އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޕީއެސް މުހައްމަދު ސައީދު ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޝިހާމްއާއެކު--- ސަން ފައިލް ފޮޓޯ

އެޑިއުކޭޝަން މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީއަކު ހޯދަން އިއުލާންކޮށްފިއެވެ.

ސަރުކާރުގެ އިދާރާތަކަށް ޕާމަނަންޓް ސެކްރެޓަރީން އައްޔަނުކުރަނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. އެ ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާންއެއްގައި ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހެ ދެވަނަ ދުވަހު 14:00 ކުރިން ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޕާމަނަންޓް ސެކްރެޓަރީގެ މުސާރައާއި އެލަވަންސްގެ ގޮތުގައި 35،500 ރުފިޔާ ލިބެއެވެ. އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ މިނިސްޓްރީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ.

އޭގެ އިތުރުން ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެޑިއުކޭޝަންގެ ޕީއެސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ސައީދު މަގާމުން ދުރުކުރީ އޭނާ މަގާމުން ވަގުތީގޮތުން ސަސްޕެންޑް ކޮށްފައި ހުންނަތާ ތިން މަސްވާން ކައިރިވެފައިވަނިކޮށެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ އޭނާ އެ މަގާމުން ވަކި ކުރީ ސައީދުގެ މައްސަލަ ބެލި ކޮމިޝަނުން ވަޒީފާއިން ވަކިކުރާ ވަރަކަށް ހެކި ލިބިގެންކަމަށެވެ. ސައީދު މަގާމުން ވަކިކޮށްފައިވަނީ އިއްޔެއެވެ.

ސައީދު ސަސްޕެންޑް ކުރީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ، ސައީދާ ދެކޮޅަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް ސައީދާ ދެކޮޅަށް މިނިސްޓަރު ހުށަހެޅުއްވި މައްސަލައަކީ ކޮބާކަމެއް ސިވިލް ސާވިސް ކޮމިޝަނުން ނުބުނެއެވެ.

comment ކޮމެންޓް