އެމްޑީޕީއަށް މަޖިލީސް އިންތިހާބުގައި ލިބުނު ކާމިޔާބީގައި އަދާލަތުގެ ހިއްސާ އޮންނާނެ: ޝިދާތާ

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށް ލިބުނު ކާމިޔާބީގައި އަދާލަތު ޕާޓީގެ ހިއްސާ އޮންނާނެ ކަމަށް އަދާލަތު ޕާޓީ ތަމްސީލްް ކުރައްވާ ޖެންޑާ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިންގެ 50 މިނެޓުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ އެމްޑީޕީ އަށް ގޮނޑިކާމިޔާބު ކޮށްދިނުމަށް ޕާޓީގެ ލިޑާޝިޕުން މަސައްކަތް ކުރި ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ އިންތިހާބުގައި އަދާލަތަށް ލިބުނު ގޮނޑި ވެސް މިފަހަރުގެ އިންތިހާބުގައި ގެއްލުމަކީ މައްސަލައެއް ކަމަށާއި ނަމަވެސް އެ ގޮނޑި ވެސް ދިފާއު ނުކުރެވުމަކީ ސިޔާސީ ގޮތުން ކުރި ނުލިބުމެއް ނޫން ކަމަށް ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ފާހަގަ ކުރެއްވި ގޮތުގައި އިންތިހާބުތަކުގައި ވާދަކޮށް އިންތިހާބުތައް ކާމިޔާބު ކުރުމަކީ ސިޔާސީ ގޮތުން ބާރުވެރިވުމަށް މުހިއްމު ކަމެކެވެ. ކުރިއަށް ހުރި އިންތިހާބުތަކުގައި ވާދަކޮށް ޕާޓީ ވަރުގަދަ ކުރުމަކީ އަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބުގައި ކޯލިޝަން ތެރެއިން ޕާޓި އަށް ރަނގަޅު މަސައްކަތްތަކެއް ވަނީ ކުރެވިފައި. ޕާޓީ މިއަދު އޮތް ހިސާބުގައި އޮތީ މުހިއްމު ރަނގަޅު މަސައްކަތްތަކެއް ކުރެވުނީމާ،"

ޕާޓީ ތެރޭގައި ހުރި ރަނގަޅު ކުރަން ޖެހޭ ކަންތައް ދިރާސާކޮށް އެކަން ހައްލު ކުރާނެ ކަމަށް ޝިދާތާ ވަނީ ވިދާޅުވެފަ އެވެ.

"ލިޑާޝިޕްގެ ތެރޭގައި ހުރި ކަންތައް ރަނގަޅުކޮށްގެން ވެސް ޕާޓީ ހަރުދަނާ ކުރާނަން،"

މިނިސްޓަރު ވިދާޅުވީ އަދާލަތު ޕާޓީގެ އެތެރޭގައި ހުރި ރަނގަޅު ކުރަންޖެހޭނެ ކަންތައް ރަނގަޅުކޮށް ސިޔާސީ ގޮތުން ބާރުގަދަ ޕާޓީއެއްގެ ގޮތުގައި ތެދުވަން ޖެހޭ ކަމަށެވެ.

"މިދިޔަ ދުވަސްތަކުގެ ތެރޭގައި އަދާލަތު ޕާޓީ ކަޑައްތުކުރީ ތަފާތު މަރުހަލާތަކެއް. ޕާޓީ ވުޖޫދުގައި އޮތީ ފިކުރާއި މަސައްކަތް އިންތިހާއަށް ވަރުގަދަ ވީމާ. އެހެން ނޫން ނަމަ ވުޖޫދުގައި ވެސް ނޯންނާނެ. ޕާޓީ އޮތީ އެންމެ އެކަށީގެންވާ ހާލަތަކު ވެސް ނޫން." ޝިދާތާ ވިދާޅުވި އެވެ.

comment ކޮމެންޓް