އެޑިއުކޭޝަންގެ ޕީއެސް ސައީދު މަގާމުން ވަކިކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް މުހައްމަދު ސައީދު ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޝިހާމްއާއެކު--- ސަން ފައިލް ފޮޓޯ

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ސައީދު މަގާމުން ވަކިކޮށްފިއެވެ.

ސައީދު މަގާމުން ދުރުކުރީ އޭނާ މަގާމުން ވަގުތީގޮތުން ސަސްޕެންޑް ކޮށްފައި ހުންނަތާ ތިން މަސްވާން ކައިރިވެފައިވަނިކޮށެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ އޭނާ އެ މަގާމުން ވަކި ކުރީ ސައީދުގެ މައްސަލަ ބެލި ކޮމިޝަނުން ވަޒީފާއިން ވަކިކުރާ ވަރަކަށް ހެކި ލިބިގެންކަމަށެވެ. ސައީދު މަގާމުން ވަކިކޮށްފައިވަނީ އިއްޔެއެވެ.

ސައީދު އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ މިދިޔަ ޖެނުއަރީ މަހު އެއް މަހުގެ މުއްދަތަކަށެވެ. ނަމަަވެސް އެ މުއްދަތު ހަމަވުން ފެބްރުއަރީ މަހުވެސް އަނެއްކާ ވަނީ ސަސްޕެންޝަންގެ މުއްދަތު އެއް މަހަށް އިތުރުކޮށްފައެވެ. އެ މުއްދަތު ހަމަވެ އަނެއްކާވެސް މާޗް މަހު އެއް މަސްދުވަހަށް ސަސްޕެންޝަން އިތުރުކުރިއެވެ.

ސައީދު ސަސްޕެންޑް ކުރީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ، ސައީދާ ދެކޮޅަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް ސައީދާ ދެކޮޅަށް މިނިސްޓަރު ހުށަހެޅުއްވި މައްސަލައަކީ ކޮބާކަމެއް ސިވިލް ސާވިސް ކޮމިޝަނުން ނުބުނެއެވެ.

ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލަކަށް ހުންނެވި ސައީދު، އެ މިނިސްޓްރީގެ ޕީއެސް އަކަށް އައްޔަންކުރެއްވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

comment ކޮމެންޓް