މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު، އަންހެން ކުދިންނާއި އަންހެނުންގެ ޖަމްއިއްޔާ އެވެ. ޕްރީސްކޫލް އުމުރުފުރާއިން ފެށިގެން ސްކޫލް ނިމި މުޖްތަމައުގެ އެކި ފަންތިތަކުގައި ތިބޭ ހުރިހާ އަންހެނުންނަށް ވެސް މި ހަރަކާތުގައި ބައިވެރިވެވޭ އިރު، ދަރުމަވެރިކަމުގައި މިއީ ނަމޫނާ ޖަމިއްޔާއެކެވެ.
ގާލް ގައިޑްސްގެ ގޮފިތަކުގެ ތެރެއިން އުމުރުން 16 އާއި 25 ދެމެދުގެ ޒުވާނުންނަށް ހާޢްސަ ގޮތްޕަކީ ޔަންގް ލީޑަރުންނެވެ. މި ގޮފިން ހިންގަމުން އަންނަ ތަފާތު ޕްރޮޖެކްޓްތަކުގެ ތެރެއިން މިހާތަނަށް މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހަށް ކާމިޔާބުކަމާ އެކު ހިންގަމުން އަންނަ އެއް ހަރަކާތަކީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަޅުއީދު ދުވަހު އީދު ހަދިޔާ ހިފައިގެން ދިޔުމުގެ ޙާއްސަ ހަރަކާތެކެވެ. އީދު ޕްރޮޖެކްޓްގެ ނަމުގައި 2000 ވަނަ އަހަރު ފެށި މި ޕްރޮޖެކްޓް މިހާރު މިވަނީ މުޅީން އެހެން ހަރުފަތަކަށް މިސްރާބު ޖަހައިފަ އެވެ. މިޕްރޮޖެކްޓްގެ ފެންވަރު ރަނގަޅުވެ ޑޮނޭޝަންތައް ހަދިޔާކުރާ ކުންފުނިތަކާއި އަދި އާންމުންގެ ތަރުހީބު ވެސް އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުން ދިޔުމަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ.
ގުރައިދޫ ހާޢްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ޢީދުހަދިޔާ ދިނުމާއި އެމީހުންނާއެކީ ޢީދުގެ އުފާ ޙިއްސާކުރުމަށް ޓަކައި ތަފާތު ހަރަކާތްތަކެއް ކޮންމެ އަހަރެއްގެ ވެސް ވަޅުއީދު ދުވަހު ހިންގަމުން އަންނަ އިރު، މި ހަރަކާތުގެ ސަބަބުން ވަރަށް ބަދަހި ގުޅުމެއް އެ މަރުކަޒާއި އަދި އެ މަރުކަޒުގެ މީހުންނާއި އޮންނަ ކަމަށް ގައިޑް އެސޯސިއޭޝަނުން ބުނެ އެވެ.
"މިހަރަކާތުގެ ސަބަބުން މަރުކަޒުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ލިބޭ، އަދި ދަތުރުގައި ބައިވެރިވާ ޔަންގްލީޑަރުންގެ ހިތްތަކުގައި އުމުރުން ދުވަސްވީ މީހުންނަށާއި ބަލި މީހުންނަށް އޯގާތެރިވާން ދަސްވެ އެކަމުގެ މުހިއްމުކަން އިޙްސާސްކުރެވޭ،" ގާލް ގައިޑް އެސޯސިއޭޝަނުގެ ފަރާތުން މައުލޫމާތު ދިނެވެ.
ހަމައެހެންމެ، މިޕްރޮޖެކްޓްގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސަނީ ޔަންގްލީޑަރުން ކަމަށްވާ އިރު އަމިއްލައަށް އިސްނަގައިގެން ކަންކަން އިންތިޒާމްކުރަން ދަސްވެގެންދެ އެވެ. ޑޮނޭޝަން ހޯދުމަށް ސިޓީ ފޮނުވުމުން ފެށިގެން، ފޮލޯއަޕް ކުރުން އަދި ޑޮނޭޝަންތައް ކަލެކްޓްކޮށް، މިފަދަ ހުރިހާކަމެއްގެ މުގުލުގައި ތިބެނީ ޔަންގްލީޑަރުން ކަމުން ޒުވާން އަންހެންކުދިންތަކަކަށް އެމީހުންގެ އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްވެ އިސްނަގައިގެން ކުރިޔަށް ދިޔުމަށް ފަހިވެގެން ގޮސްފައިވާކަން އެ އެސޯސިއޭޝަންއިން ފާހަގަކުރެ އެވެ.
ކާމިޔާބު 19 އަހަރުގެ ދަތުރަކަށް ފަހު މިއަހަރު އެ އެސޯސިއޭޝަނުންވަނީ މިއިވެންޓް ބާއްވައްމުންދާތާ 20 އަހަރުފުރުން ފާހަގަކުރުމަށް ގުރައިދޫ ޕްލަސްގެ ނަމުގައި ޚާއްސަ ހަރަކާތްތަކެއް މި މަހުގެ 13 ވަނަ ދުވަހު އެމަރުކަޒުގައި ހިންގާފައިވެ އެވެ. ލޯތްބާއި އޯގާތެރިކަމުން ފުރިގެންވީ މިހަރަކާތަކީ ޔަންގްލީޑަރުންގެ 'ޢީދު ޕްރޮޖެކްޓް'ގެ ކާމިޔާބީގެ ބޮޅުފައްޗަށް އިތުރުވި ރަންބޮޅެކެވެ.
މިގޮތުން ގުރައިދޫ ޕްލަސްގެ ނަމުގައި އޭޖްޑް ކެއާ މޯލްޑިވްސް އާއި ގުޅިގެން އެތަނުގައި ބަލިމީހުންގެ އެހީތެރިންނަށް 'ސެލްފް ކެއަރ' އަދި ބަލިމީހުންނަށް 'ކެއަރ' ކުރާނެގޮތުގެ އެއްދުވަހުގެ ޓްރެއިނިންގް ސެޝަނެއް ވަނީ ހިންގައިފަ އެވެ. އަދި ހަމުގެ ބަލިތައް އަދި އެތެރެހަށީގެ ބަލިތަކާ ބެހޭ ޑޮކްޓަރެއް މަރުކަޒުގެ ބަލިމީހުން ބެލުމުގެ އިތުރަށް މި ހަރަކާތުގެ ބައެއްގެ ގޮތުން އެތަނުގެ ބަލިމީހުންނަށް ކުޅިވަރުގެ ހަރަކާތްތަކަކާއި ޔޯގާގެ ހަރަކާތްތަކެއް ވަނީ ހިންގައިފަ އެވެ. ހަމައެހެންމެ، މީޓް ޕްލަސްގެ ހެޔޮއެދުންތަކާ އެކު ބަލިމީހުން އަދި އެހީތެރިންނަށް މޭވާ ޕެކްސްތަކެއް ވެސް ވަނީ ހަދިޔާ ކޮށްފަ އެވެ.
ގާލް ގައިޑް އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި މިއީ ގުރައިދޫ ޕްރޮޖެކްޓް އިތުރަށް ފުޅާކޮށް އެ މަރުކަޒަށް ވީހާ ވެސް ބޮޑަށް ބޭނުންވެފައިވާ ކަންކަން ފާހަގަކޮށް އެހީވެދިނުމުގެ ގޮތުން ކުރިއަށް ގެންދާ އިތުރު ހަރަކާތެކެވެ. އަދި ހަތަރު މަހުން އެއް މަހު 'ގުރައިދޫ ޕްލަސް' ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.