ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބުކުރި ހަތް މެންބަރުންގެ ތެރެއިން މެންބަރަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފިއެވެ.
ރައީސް ސޯލިހު މިއަދު ބައްދަލު ކުރެއްވީ ވިލިމާލޭ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަހުމަދު އުޝާމް އާއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ފޮޓޯތައް ފޭސްބުކްގައި އާންމު ކުރައްވާ އުޝާމް ވިދާޅުވީ ވިލިމާލޭގެ ތަރައްގީ އަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ސޯލިހާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައްޔިތުންގެ ލާބައަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި އިރު ވިލިމާލެގެ ގޮނޑިއަކީ ރާއްޖޭގެ ތިން ސިޓީގެ ގޮނޑިތަކުގެ ތެރެއިން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އަށް ގެއްލުނު ހަމައެކަނި ގޮނޑިއެވެ.
އުޝާމް މީގެ ކުރިން ވިދާޅުވީ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިންމަވާލައްވާނީ މިނިވަންް މެންބަރެއްގެ ގޮތުގައި ހުރެ ކަމަށެވެ.