މަހާޖައްރާފުން ހޯރަފުށީ އެއާޕޯޓް އެޅުމަށް ބިން ހިއްކަން ފަށައިފި

ހޯރަފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ---

އެމްޓީސީސީގެ ކޮންނަ ބޯޓު، 'މަހާޖައްރާފު' ބޭނުންކޮށްގެން ހއ. ހޯރަފުށީގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓްގެ ބިން ހިއްކަން ފަށައިފި އެވެ.

ހޯރަފުށީ އެއާޕޯޓް އެޅުމަށް ބިން ހިއްކަން ފަށާފައިވަނީ މިއަދު މެންދުރު އެވެ.

ހޯރަފުށީ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ޝާކިރު "ސަން" އަށް ވިދާޅުވީ، އެއަޕޯޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ހުޅަނގު ދެކުނު ފަރާތުން ބިން ހިއްކަން މިހާރު ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ދެ މަސް ތެރޭގައި ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު އެއްކޮށް ހިއްކާ ނިންމާލެވޭނެ ކަމަށެވެ.

ހޯރަފުށީ އެއާޕޯޓްގެ އަމަލީ މަސައްކަތް މިދިޔަ މަހުގެ 31 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފައްޓަވައިދެއްވާފަ އެވެ.

ހޯރަފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ---

އެ ޕޮރޮޖެކްޓް އެމްޓީސީސީއާ ހަވާލުކުރީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މިއީ 16 މަސް ދުވަހުން ނިންމުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވިއެވެ.

ހޯރަފުށީގައި އެއާޕޯޓް އަޅަން ނިންމި ނަމަވެސް ކުރިން ހަމަ ޖައްސައިފައި އޮތީ އެ އަތޮޅު މާފިނޮޅުގައި އެއާޕޯޓް އެޅުމަަށެވެ.

ނަމަވެސް އާ ސަރުކާރު އައުމަށްފަހު ވަނީ އެ އެއާޕޯޓް އެޅުން ހޯރަފުއްޓަށް ބަދަލުކޮށްފައެވެ. ސަރުކާރުން ބުނީ އެއާޕޯޓް ހެދުން ހޯރަފުއްޓަށް ބަދަލުކުރީ ރީތިކޮށް އޮންނަ ފަޅު ރަށްރަށުގައި އެއާޕޯޓު އެޅުން ފަދަ މަޝްރޫއުތައް މި ސަރުކާރުން ނުހިންގުމަށް ނިންމާފައިވާތީ ކަމަށެވެ.

މާފިނޮޅު އެއާޕޯޓުގެ މަޝްރޫއު ހިންގަން އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް 2018 ޖުލައި ގައި ފެށި ނަމަވެސް، އެމްޓީސީސީގެ ހެޑް އޮފް ޕްރޮޖެކްޓްސް އަހްމަދު ލަތީފް ވިދާޅުވީ އެ ރަށުގައި އެއްވެސް ވަރަކަށް ބިން ހިއްކާފައިނުވާ ކަމަށެވެ.

comment ކޮމެންޓް