ހއ. ދިއްދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ބައުންޑްރީ ވަކިކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށާއި އަދި އަންނަ އަހަރުގެ މެދުތެރޭގައި އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށި 2028ގެ މެދުތެރެއަށް އެއާޕޯޓުގެ ޚިދުމަތް ލިބެން ފެށުމަކީ އުންމީދެއް ކަމަށް ދިއްދޫ ކައުންސިލުގެ ރައީސް އުސްމާން ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ދިއްދޫގެ އިތުރުން މުޅި އެ ސަރަހައްދަށް ވެސް ނުހަނު މުހިންމު މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރަނީ ޑޮމެސްޓިކް އެއާޕޯޓެކެވެ. މި އެއާޕޯޓު ތަރައްގީކުރުމަށްޓަކައި މި އަހަރުގެ ކުރީކޮޅު ވަނީ 50 ދުވަހުގެ ތެރޭގައި 112 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ.
ދިއްދޫ އެއާޕޯޓަކީ މި ރިޔާސީ ދައުރުގެ ތެރޭގައި ރާއްޖޭގައި 15 އެއާޕޯޓެއް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހިމެނޭ މަޝްރޫއެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ ރަށު އެއާޕޯޓުގެ މަސައްކަތައް ހިއްކި ބިން، މަސައްކަތް ނުފެށިގެން އުޅެނިކޮށް ގިރަމުންދާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް މި ވާހަކަތައް ދޮގުކުރައްވަމުން ކައުންސިލްގެ ރައީސް އުސްމާން ރަޝީދު "ސަން" އަށް ވިދާޅުވީ، ހިއްކި ބިން ގިރަމުންދާ ކަމަށް ދެކެވެނީ ގޮދު ވާހަތަކެއް ކަމަށެވެ. އަދި އެ ސަރަހައްދުން އެއްވެސް ތަނެއް ގިރަމުން ނުދާކަމަށް ވިދާޅުވިއެވެ.
ހއ. ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކާފައި.. ފޮޓޯ/ ޕީއެސްއެމްއެހެން ނަމަވެސް، މި ދޭތެރެއިން މޫސުން ގޯސްވެ ވައިގަދަވި ދުވަސްވަރު އެ ސަރަހައްދުން ބައެއް ފަސްކޮޅު ކަހައިގެން ގޮސް އެހެން ސަރަހައްދުތަކަށް ޖަމާވެފައިވާ ކަމަށާއި އެއީ ބިން ގިރުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިއްދޫ އެއާޕޯޓަށް ހިއްކާފައި އޮތް ބިން އެއްވެސް ވަރަކަށް ނުގިރާ، އެހެން ނަމަވެސް މި ދޭތެރެއަކުން ކުރި ވިއްސާރައިގައި ޖެހުނު ބާރު ވައިގައި އެ ބިމުން ކޮންމެވެސް ވަރަކަށް ފަސްކޮޅެއް ކަހާލާފައި ހުރި، ނަމަވެސް އެއީ ގިރުމެއް ނޫން،" ކައުންސިލް ރައީސް އުސްމާން ރަޝީދު ވިދާޅުވިއެވެ.
އެއާޕޯޓުގެ ތަފްސީލުތައް ހިއްސާކުރައްވަމުން އުސްމާން ވިދާޅުވީ މި އެއާޕޯޓުގައި މަދުވެގެން 1،500 މީޓަރުގެ ރަންވޭއަކާއި ޓާމިނަލެއްގެ އިތުރުން އެހެނިހެން ޒަމާނީ ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށެވެ. އަދި އެ ރަށުން ބޮޑު ބިމެއް ހިއްކާފައި އޮތުމުން އެއާޕޯޓަށް ބޭނުންކުރާ ބައި ފިޔަވައި ބާކީވާ ބިން ރަށުގެ އެހެން ބޭނުންތަކަށް ބޭނުންކުރެވޭނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ހާމަކުރައްވާ ގޮތުގައި މި އެއާޕޯޓާއެކު ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަވެ، މުޅި ސަރަހައްދުގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ޚާއްސަކޮށް އެ ބިތުގައި ހިމެނޭ ވަށަފަރު، ފިއްލަދޫ، ކެލާ، މުރައިދޫ، ބާރަށް އަދި އުތީމަށް މި މަޝްރޫއުގެ ސީދާ މަންފާ ކުރާނެކަމަށް ސަރުކާރުން ބުނެއެވެ.
މީހުން ދިރިއުޅޭ 14 ރަށާއެކު 16،000 އެއްހާ މީހުންގެ އާބާދީއެއް އޮތް ހއ. އަތޮޅުގައި މިހާރު ޚިދުމަތް ދެމުން އަންނަނީ ހޯރަފުށީ އެއާޕޯޓުން އެކަންޏެވެ. އަދި އެ އަތޮޅުގެ ބައެއް ރަށްތަކާ އެންމެ ގާތުގައި ދެން އޮތް އެއާޕޯޓަކީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ.
ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު ހިމެނޭހެން އިންޓަގްރޭޓެޑް ތަރައްގީގެ ޒޯނެއް ގާއިމުކުރުމަށް ސަރުކާރުން ރާވާފައިވާއިރު، ދިއްދޫ އެއާޕޯޓަކީ އެ ތަސައްވުރުގެ މުހިންމު ބައެކެވެ.