ތަރުހީބު ނުލިބުމުގެ ސަބަބުން 'އެންމެ އަލިގަދަ ތަރި' ގުރުއާން މުބާރާތް ފަސްކޮށްފި

މިދިޔަ އަހަރުގެ އެންމެ އަލިގަދަ ތަރީގެ މަގާމު ހޯދުމަށް ގަދަ ތިނެއްގައި ވާދަ ކުރި ތިން ބައިވެރިން: މި އަހަރުގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމް ވަނީ ފަސްކޮށްފައި -- ފައިލް ފޮޓޯ/ ޕީއެސްއެމް

ޕީއެސްއެމްގެ ޓީވީ މޯލްޑިވްސް އިން ކޮންމެ އަހަރެއްގެ ރޯދަ މަހު ގެނެސްދޭ 'އެންމެ އަލިގަދަ ތަރި' ގުރުއާން މުބާރާތަށް މިއަހަރު އެކަށީގެންވާ ތަރުހީބު ނުލިބުމުގެ ސަބަބުން އެ މުބާރާތް ބޭއްވުން ފަސްކޮށްފި އެވެ.

ޕީއެސްއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެންމެ އަލިގަދަ ތަރި ގުރުއާން މުބާރާތް މިއަހަރުގެ ރޯދަ މަހު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވެސް ވަމުން އަންނަ ކަމަށާއި އަދި އެއްވަނަ އަށް އަންނަ ފަރާތަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

"އެހެން ނަމަވެސް އެހެން އަހަރުތަކާއި ހިލާފަށް ބައިވެރިންގެ ފަރާތުން މި މުބާރާތަށް މިއަހަރު ލިބުނު ތަރުހީބު ކުޑަކަން ފާހަގަކޮށްލަން ޖެހެއެވެ،" ޕީއެސްއެމްގެ ބަޔާނުގައި ވެއެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުމުން ނަން ހުށަހަޅާފައިވަނީ އެންމެ 24 ބައިވެރިން ކަމަށް ޕީއެސްއެމުން ބުންޏެވެ. އޭގެ ތެރެއިން 15 ފަރާތަކުން ވީޑިއޯ ހުށަހަޅާފައިވާއިރު ބައިވެރިވުމުގެ ފެންވަރު ހުރީ އެންމެ ހަތަރު ބައިވެރިންގެ ކަމަށް، މިދިޔަ އަހަރުގެ އެންމެ އަލިގަދަ ތަރި މުބާރާތުގެ އިސްފަނޑިޔާރު އަލްގާރީ އިބްރާހިމް ޝިފާއުއާ ހަވާލާދީ ޕީއެސްއެމްގެ ބަޔާނުގައި ވެއެވެ.

އެންމެ އަލިގަދަ ތަރި މުބާރާތް ބޭއްވުމަށް ބޭނުންވާ ވަރަށް ކުދިން ނުލިބުމުގެ ސަބަބުން ކުރިއަށް އޮތް ރޯދަ މަހު އެ މުބާރާތް ނުބޭއްވި ނަމަވެސް މިއަހަރުގެ ތެރޭގައި އެ މުބާރާތް ބޭއްވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ޕީއެސްއެމްގެ ޑިރެކްޓަރު އިސްލާމިކް ޕްރޮޑަކްޝަން އިބްރާހިމް އިގްބާލް ވިދާޅުވި އެވެ.

comment ކޮމެންޓް