ފަޅުރަށްތަކާ އެކު މާލީ މިނިވަންކަން ކައުންސިލްތަކަށް ދޭން ގާނޫނަށް އިސްލާހު ހުށަހަޅައިފި

އދ އަރިޔަދޫ ---

އެ އަތޮޅެއްގެ ފަޅު ރަށްތައް އަތޮޅު ކައުންސިލަށް ނުވަތަ ރަށު ކައުންސިލްތަކަށް ދިނުމާ އެކު ކައުންސިލްތަކަށް ބޮޑެތި މާލީ މިނިވަންކަން ދިނުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. އެ ގާނޫނަށް ގިނަ އިސްލާހުތަކެއް ރޮޒައިނާ ވަނީ ހުށަހަޅުއްވާފަ އެވެ. އެގޮތުން ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދިނުމަށް ގިނަ މާއްދާތަކެއް ގާނޫނަށް އިތުރުކުރުމަށްވެސް ވަނީ ހުށަހަޅާފަ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

އިދާރީ ދާއިރާތައް ލާމުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ އަށްވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށް ހުށަހެޅި އެ ބިލްގައި ވަނީ، އިދާރީ ދާއިރާތަކުގައި ހިމެނޭ ފަޅުރަށްތައް އެ ދާއިރާގެ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލާ ހަވާލު ކުރަން ޖެހޭނެ ކަމަށެވެ.

  • ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން އިދާރީ ދާއިރާގައި ހިމެނޭ ފަޅު ރަށްރަށް ބެލެހެއްޓުމަށާއި އިގްތިސާދީ ބޭނުންތަކަށް ބޭނުން ކުރުމަށްޓަކައި އެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކާއި ހަވާލު ކުރުން

ކޮންމެ އަތޮޅެއްގައި ހިމެނޭ ފަޅު ރަށްރަށުގެ ފައިދާ ރަށު ކައުންސިލަށް ނުވަތަ އަތޮޅު ކައުންސިލަށް ލިބޭގޮތަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް --- ފޮޓޯ/ މަޖިލިސް

ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދޭން ގާނޫނަށް އިސްލާހުތަކެއް

ކައުންސިލުތަކަށް ވިޔަފާރި ކުރެވޭ ގޮތަށް ވެސް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ. އެގޮތުން ކައުންސިލުތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުން ފުއްދުމަށްޓަކައި ކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތް ހިންގުމުގެ އިހްތިޔާރު ކައުންސިލުތަކަށް ލިބޭގޮތަށް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ.

ކައުންސިލުތަކަށް "ލޯކަލް އޮތޯރިޓީ ކުންފުނި" ނަމުގައި ކުންފުނި އުފައްދައި ހިންގޭނެ ގޮތަށްވެސް ގާނޫނަށް ވަނީ އިސްލާޙު ހުށަހަޅާފަ އެވެ. އެ ކުންފުނީގެ ހަމައެކަނި ހިއްސާދާރަކަށް ވަނީ އެ ކައުންސިލެއް ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން ކައުންސިލުން ދޭ ބައެއް ހިދުމަތްތަކަށް ކުލި ނުވަތަ ފީ ނަގައިގެން ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތްތަކެއްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ބާޔާންކޮށްފަ އެވެ. އެގޮތުން ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ކައުންސިލުތަކުން ދިނުމާއި އޭގެ ފީ ކައުންސިލަށް ނެގުން ހިމެނެ އެވެ.

ފީ ނެގޭނެ ހިދުމަތްތަށް

  • ކަރަންޓު ހިދުމަތަކީ ކައުންސިލުން ދޭ ހިދުމަތެއް ނަމަ ނަގަންޖެހޭ މަހުފީ
  • ފެނާއި ނަރުދަމާއަކީ ކައުންސިލުންދޭ ހިދުމަތެއް ނަމަ ނަގަން ޖެހޭ މަހުފީ
  • މުވާސަލާތީ ހިދުމަތަކީ ކައުންސިލުން ދޭ ހިދުމަތެއް ނަމަ ނަގަން ޖެހޭ މަހުފީ
  • ކުނި ޖަމާކޮށް ރައްކާތެރިގޮތުގައި ކުނި ނައްތާލުމަކީ ކައުންސިލުން ދޭ ހިދުމަތެއް ނަމަ ނަގަން ޖެހޭ މަހުފީ
  • ރަށުގައި ރެޖިސްޓްރީކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ އަހަރީ ފީ
  • އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ފީ

އޭގެ އިތުރުން ކަނޑަށް ޖައްސާ ބޯޓު ފަހަރަށް ކަނޑައެޅިފައިވާ ޕްލެޓްފޯމަށާއި ސަރަހައްދަށް ކުލި ނެގުމާއި ބަނދަރުން އޮޑި އެޅުމާއި މުދާ އަރުވާ ބޭލުމަށް ފީ ނެގޭނެ ގޮތްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.

https://sun.mv/118094

މީގެކުރިން ރަށުގައި ދުއްވާ އެއްގަމު އުޅަނދު ފަހަރުގެ އަހަރީ ފީ ދައްކަން ޖެހެނީ މީރާ އަށެވެ. ނަމަވެސް ކައުންސިލްތަކަށް އެ ފީ ލިބޭގޮތް ހެދުމުން ކައުންސިލުތަކަށް އާމްދަނީ ލިބުން އިތުރުވެގެންދާނެ އެވެ. ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދިނުމަކީވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

އޭގެ އިތުރުންވެސް ގިނަ އިސްލާހުތަކެއް ލާމަރުކަޒީ ގާނޫނަށް ވަނީ ހުށަހަޅާފަ އެވެ. އޭގެތެރޭގައި ކައުންސިލަށް އިންތިހާބުކުރެވޭ މެމްބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ދިނުމަށްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.

comment ކޮމެންޓް