ކަރަންޓާއި ފެނާއި ނަރުދަމާ ކައުންސިލްތަކުން ދޭން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ފެނަކަ ކޯޕަރޭޝަނުން ހިންގާ ކުޅުދުއްފުށީ އިންޖީނުގެ: ފެނާއި ކަރަންޓް އަދި ނަރުދަމާ ކައުންސިލްތަކުން ފޯރުކޮށްދޭން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ވަނީ ހުށަހަޅާފައި -- ފައިލް ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

ކޮންމެ ރަށެއް އަދި ސިޓީއެއްގައި ވެސް ކަރަންޓްގެ ހިދުމަތާއި ފެނާއި ނަރުދަމާ ކައުންސިލްތަކުން ރައްޔިތުންނަށް ދޭން ޖެހޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އެ އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރު ރޮޒައިނާ އާދަމް އެވެ.

އެ ހިދުމަތްތައް ކައުންސިލްތަކުން ފޯރުކޮށްދިން ނަމަވެސް، ހިދުމަތްތައް ފޯރުކޮށްދޭން ވާނީ ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކުން އެކުލަވާލާފައިވާ ސިޔާސަތުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ އިސްލާހުގައިވެ އެވެ.

ކަރަންޓާއި ފެނާއި ނަރުދަމާ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ގޮތަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން، އެއިން ހިދުމަތެއް ތިން ވަނަ ފަރާތަކުން ދިން ނަމަވެސް ކައުންސިލާ ދެމެދު ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ލިޔުމުން އެއްބަސް ވުމެއް އޮންނަން ޖެހެ އެވެ.

ތިން ވަނަ ފަރާތަކުން ފެނާއި ކަރަންޓް އަދި ނަރުދަމާގެ ހިދުމަތް ދެމުންދާ ނަމަ، ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހު ފާސްވެ އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނާއި އެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްބާރުލުން ދޭނެ ގޮތްތައް ބަޔާން އެއްބަސްވުމަށް އަންނަން ޖެހެ އެވެ.

"ތިން ވަނަ ފަރާތެއް މެދުވެރިކޮށް އާންމު ހިދުމަތެއް ފޯރުކޮށްދޭ ހާލަތުގައި ވެސް އެ ހިދުމަތް ފޯރުކޮށްދިނުމުގައި އާންމުންނަށް ދިމާވާ އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން ޖަވާބުދާރީވުމުގައި އެ ތިން ވަނަ ފަރާތުން ކައުންސިލަށް އެއްބާރުލުން ދޭންވާނެ،" އެ ބިލްގައި ބުނެފައިވެ އެވެ.

ތިން ވަނަ ފަރާތަކުން އާންމު ހިދުމަތެއް ދިނުމަށް ޓަކައި ކައުންސިލަކުން ހުއްދަދީގެން ހަދަން ފަށާ ތަންތަން ނުވަތަ ހަދައި ނިމިފައިވާ ތަންތަން އަނބުރާ ކައުންސިލަށް ނެގޭނީ، އާންމުވެގެންވާ މަންފާއަކަށް ޓަކައި އެތަނަކަށް އެކަށީގެންވާ ބަދަލެއް ދިނުމަށްފަހުގައި ކަމަށް އެ ބިލްގައި ވަނީ ހިމަނައިފަ އެވެ.

ކައުންސިލްތަކުން ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ޓަކައި ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބޭ ގޮތަށް އެ ގާނުނުގައި ބުނެ އެވެ.

comment ކޮމެންޓް