ޕެރިހުގެ 856 އަހަރުވީ ފައްޅީގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ނޯޓްރަ ޑާމް ކެތީޑްރަލްގައި ރޯވެ އަނދަނީ -- ފޮޓޯ: ރޮއިޓާސް

ޕެރިސް (އޭޕްރިލް 16): ފްރާންސުގެ ޕެރިހުގައި ހުންނަ 856 އަހަރުވީ ނޯޓްރަ ޑާމް ފައްޅީގައި އިއްޔެ ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އިއްޔެ 18:30 އެހާކަންހާއިރު ރޯވި އެއަލިފާންގަނޑުގެ ސަބަބުން ފައްޅީގެ ފުރާޅު އެއްކޮށް ހަލާކުވެ، އިމާރާތުގެ އެތެރެއަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. އެއަލިފާންގަނޑު ނިއްވާލުމުގައި 400 އަށް ވުރެ ގިނަ ފަޔާފައިޓަރުން ބައިވެރިވި އެވެ. އަދި އެމަސައްކަތް ކުރާތާ ހަތަރު ގަޑި އިރު ފަހުން ޕެރިސްގެ ފަޔާ ޗީފް ޖީން ކްލޯޑް ގެލޭ ވަނީ އިމާރާތުގެ ބޮޑުބަޔެއް އަލިފާންގަނޑުން ރައްކާތެރިކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ފްރާންސުގެ މީޑިއާތަކުން ބުނާ ގޮތުގައި އަލިފާން ރޯވާން މެދުވެރިވީ ފައްޅި އާރާސްތު ކުރުމުގެ މަސައްކަތުގެ ތެރޭގަ އެވެ. އަދި ޕެރިސް ޕްރޮސެކިއުޓަރުން ވަނީ އެހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ނޯޓްރަ ޑާމްގައި ރޯވުމުން އެސަރަހައްދަށް އެތައް ހާސް މީހުން އެއްވެ ހިތާމަ ފާޅު ކުރި -- ފޮޓޯ: އޭޕީ

ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮން ވަނީ ފައްޅިއަށް ޒިޔާރަތް ކުރައްވައި، ނޯޓްރަ ޑާމް އަލުން އާރާސްތު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ އެއްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނޯޓްރަ ޑާމްގައި ރޯވުމުގެ ސަބަބުން އެސަރަހައްދަށް އެތައް ހާސް މީހުން ވަނީ އެއްވެ، ހިތާމަ ފާޅުކޮށްފަ އެވެ. ބާރަވަނަ ގަރުނުގައި އިމާރާތް ކުރި އެފައްޅިއަށް ކޮންމެ އަހަރަކު 13 މިލިއަން މީހުން ޒިޔާރަތް ކުރެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް