އިތުރު ކޮމެޓީތަކާއެކު މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަމަށް އަސްލަމް ވިދާޅުވެއްޖެ

މެމްބަރު މުހައްމަދު އަސްލަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އިތުރު ކޮމެޓީތަކާއެކު މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގަނައުމުގެ ޝައުގުވެރިކަން އެބަހުރިކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ހުރިތޯ ސުވާލުކުރުމުން އަސްލަމް ވިދާޅުވީ އެކަން ނިންމާނީ ޕާޓީން ކަމަށެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުރެއްޖެ ނަމަ ފެންނާނީ ކޮންކަހަލަ ތަފާތުތަކެއް ތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ މުޅި މަޖިލިސް ވަރަށް ބޮޑުތަނުން ރަނގަޅުވާން ބޭނުންވާކަމަށާއި އަދި އަދި އެކަމަށް ޝައުގުވެރިކަން ހުރީ އެކަން ކުރެވިދާނެކަމަށް ގަބޫލުކުރެވޭތީ ކަަމަށެވެެ.

މަޖިލިސް މިހާރު ހިނގަމުންދާ ގޮތަށް އަލިއަޅުވާލައްވައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގައި މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭ ކަމަށާއި ނަމަވެސް އެ މަސައްކަތް ހަރުދަނާވާން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮމެޓީތަކަށް ލިބޭ ފަންނީ އެހީ ވަރުގަދަވާން ޖެހޭ ކަމަށެވެ.

"މިހާރުވެސް ވަރަށް ގިނަ ރަނގަޅު މަަސައްކަތްތައް އެބޭފުޅުން ކުރައްވާ. ކޮމެޓީތަކަށް މިހާރަށްވުރެ ދާއިމީ މުވައްޒިފުން ތިބުމާއި ތަޖުރިބާކާރު އެކްސްޕާޓުން އެ ކޮމެޓީތަކާ ގުޅޭ ދާއިރާތަކުން ތިއްބަވަން ޖެހޭ. އިގްތިސާދީ ކޮމެޓީގައި އިގްތިސާދީ މާހިރުން އަޅުގަނޑުމެން މަދުވެގެން އެކްސްޕާޓެއް މަދުވެގެގެން ހަމަ ލޯޔަރަކާއި އެކީ ކޮންމެ ކޮމެޓީއެއްގައި އެކަމަށް އެބަ ޖެހޭ ބާރުއަޅަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގައި ކުރިއަށްވުރެ ކޮމެޓީތައް އިތުރުކުރަން ޖެހޭ ކަމަށާއި އެގޮތުން ހިއުމަން ރައިޓްސްއަށް ވަކި ކޮމެޓީއެއް ގާއިމްކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކްލައިމެޓް ޗޭންޖް އެންޑް އެޑަޕްޓޭޝަންގެ ކޮމެޓީއެއްވެސް ރާއްޖެއަށް ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ތިމާވެށީގެ އެކި މައްސަލަތައް އެ ކޮމެޓީގައި އެޑްރެސް ކުރެވި އަދި އެކަމާ ގުޅޭ ބިލްތައްވެސް އެ ކޮމެޓީގައި ދިރާސާކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް އޮންނަހެން އަންހެނުންނާ ފިރިހެނުންގެ ހަމަހަކަމަށް މަޖިލީހުގައި ކޮމެޓީއެއް އޮންނަ ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ވެސް އެފަދަ ކޮމެޓީއެއް އޮންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިހާރުވެސް ހިނގަމުންދާ މާލިއްޔަތު ކޮމެޓީއާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ "މެންޑޭޓް" މިހާރަށް ވުރެ ސާފުވާންޖެހޭ ކަމަށެވެ.

comment ކޮމެންޓް