އަސާންޖް، އެމްބަސީ ބޭނުންކުރީ ޖާސޫސުކުރަން: އިކުއެޑޯ

ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް -- ފޮޓޯ: ރޮއިޓާސް

ލަންޑަން (އޭޕްރިލް 15): ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް، އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީ ބޭނުންކުރީ ޖާސޫސުކުރަން ކަމަށް އިކުއެޑޯގެ ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް ލެނިން މޮރީނޯ ވިދާޅުވި ގޮތުގައި އިކުއެޑޯއިން އަސާންޖަށް ދިން ސިޔާސީ ހިމާޔަތް އަނބުރާ ގެންދިޔައީ އޭނާ ގަވާއިދުތަކާ ހިލާފުވަމުން ދިއުމުގެ ސަބަބުންނެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އަސާންޖަށް ދީފައިވާ ހިމާޔަތް މޮރީނޯ އަނބުރާ ގެންދެވީ އޭނާގެ އާއިލާއާ ގުޅުންހުރި ލިޔެކިޔުންތަކާއި ފޮޓޯތަކެއް ލީކުކުރި ވެބްސައިޓަކާ ވިކިލީކްސްއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވުމުންނެވެ.

އެ ވެބްސައިޓުގައިވާ ގޮތުން މޮރީނޯގެ އާއިލާގެ މެމްބަރަކު ވަނީ ދެ އޮފްޝޯ ކުންފުނި ހަދާފައެވެ. އޭގެ ސަބަބުން މޮރީނޯގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތައް ފެންމަތިވެފައެވެ.

ނަމަވެސް ގާޑިއަންއަށް ދެއްވި އިންޓަވިއުއެއްގައި މޮރީނޯ ވިދާޅުވި ގޮތުގައި އަސާންޖް ވަނީ އެހެން ގައުމުތަކުގެ ދާހިލީ ކަންތައްތަކަށް ނުފޫޒު ފޯރުވަން އިކުއެޑޯގެ އެމްބަސީ ބޭނުންކޮށްފައެވެ. އަދި އޭނާއަށް ދީފައިވާ ހިމާޔަތް އަނބުރާ ގެންދިޔައީ އެއީ ބަލައިގަނެވޭނެ ކަމަކަށް ނުވާތީއެވެ.

"އަޅުގަނޑުމެންގެ އެމްބަސީއަކީ ޖާސޫސުކުރަން ބޭނުންކުރާ މަރުކަޒަކަށް ހަދަން ފުރުސަތެއް ނުދެވޭނެ. އެއީ ހިމާޔަތްދިނުމުގެ ޝަރުތުތަކާ ހިލާފުވާ ކަމެއް. އަޅުގަނޑުމެން [ހިމާޔަތް އަތުލަން] ނިންމީ ސަބަބަކާ ނުލައެއް ނޫން. އެކަން ކުރީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް،" މޮރީނޯ ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިކުއެޑޯއިން އަސާންޖްގެ ހިމާޔަތް އަނބުރާ ގެންދިއުމާއެކު އިނގިރޭސި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

މީގެ ހަތް އަހަރު ކުރިން އަސާންޖް އިކުއެޑޯގެ އެމްބަސީގައި ދިރިއުޅެން ފެށީ ސްވިޑެންއިން އޭނާގެ މައްޗަށް ރޭޕްއާއި ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތު ކުރުމުންނެވެ. އެ މައްސަލައާ ގުޅިގެން އިނގިރޭސިވިލާތުން އަސާންޖް ޑިސެމްބަރު 2010 ގައި ހައްޔަރުކުރިއެވެ. އަދި އޭގެ 10 ދުވަސް ފަހުން އޭނާ ކަފާލާތުގެ ދަށުން ދޫކުރުމުން، އަސާންޖް އިކުއެޑޯއިން ހިމާޔަތް ހޯދީއެވެ. ސުވިޑެންއިން ވަނީ އެ މައްސަލައިގެ ތަހުގީގު އަނެއްކާވެސް ފެށުމާ ބެހޭ ގޮތުން ވިސްނަމުންދާ ކަމަށް ބުނެފައެވެ.

އަދި އެމެރިކާއިން ވަނީ އެގައުމުގެ ކުރީގެ އިންޓެލިޖެންސް އެނެލިސްޓު، ޗެލްސީ މޭނިންއާ ގުޅިގެން އަސާންޖް ޕެންޓަގަންގެ ކޮމްޕިއުޓަރެއް ހެކްކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށްފައެވެ. އެމެރިކާއިން ވަނީ އަސާންޖް އެގައުމާ ހަވާލު ކުރުމަށް އެދިފައެވެ.

comment ކޮމެންޓް