ފުޅީގައި ބަންދުކުރި ފެނަށް އޮންނަ ޑިމާންޑު ބޮޑުވެ ފިހާރަތަކުން ފެން ވިއްކާ މިންވަރު ލިމިޓްކޮށްފި އެވެ.
ބައެއް ފިހާރަތަކުން ބުނީ ފެން ވިއްކުން ލިމިޓްކުރީ ޑިމާންޑަށް ވުރެ ފެނުގެ ސަޕްލައި ދަށް ވުމުން ކަމަށެވެ. ކަސްޓަމަރުންނަށް ކޭޓާކޮށްދެވޭ ވަރަށް ފެން އުފައްދާ ކުންފުނިން ފެން ސަޕްލައި ނުކުރާ ކަމަށް ފިހާރަތަކުން ބުނެ އެވެ.
އެގޮތުން ފަސް ލީޓަރުގެ ފެނާއި 1.5 ލީޓަރުގެ ފެން ވެސް ލިބުން ދަތިވެފައިވާ ކަމަށާޢި ފެން އުފައްދާ ކުންފުނިތަކުން ފިހާރަތަކަށް ފެން ދޫކުރަނީ ވެސް ލިމިޓްކޮށްގެން ކަމަށް ވިޔަފާރި ކުރާ ފަރާތްތަކުން ބުނެ އެވެ.
ފެނަށް އޮތް ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭ ކަމަށް ފިހާރަތަކުގެ ސޭޓުން ބުނާ ވާހަކައާ މެދު ފެން އުފައްދާ ކުންފުނިތަކުގެ ބަހެއް ނުލިބުނެވެ.
ކަސްޓަމަރުން ބޭނުންވާ ވަރަށް ފެން ނުލިބޭތީ ފެން ބޭނުންވާ ހުރިހާ މީހުންނަށް ލިބޭނެހެން ލިމިޓްކޮށްގެން ފެން ވިއްކާ ކަމަށް ފިހާރަތަކުން ބުނި އިރު މީގެ ކުރިން ވެސް މާލޭގެ ފިހާރަތަކަށް ފެން ލިބުން ދަތިވުމުގެ ސަބަބުން ކޭސް ކޭހުން ފެން ވިއްކުން ފިހާރަތަކުން ވަނީ ހުއްޓާލާފައިވެ އެވެ.