އަށް ބުރިއަށް ނަގާފައިވާ އެޕާރޓްމެންޓްގެ ތިރީގައި ހަދާފައިވާ ޕާރކިން އޭރިއާގެ ތެރެއަށް ހުއްޓާލި ކާރުން ފޭބި ޒުވާނާ ދުވެލާފައި ގޮސް ލިފްޓްއަށް އަރާ ފަސްވަނަ ފަންގިފިލާއަށް ދިޔުމަށް ފިތާލިއެވެ. ލިފްޓް ހުއްޓުމާއެކު އޭނާ ގޮސް ގޭގެ ބެލް ޖަހާލިއެވެ. އެއާއެކު އިރުކޮޅެއްނުވެ އެތެރެއިން މީހަކު ދޮރު ހުޅުވާލައިފިއެވެ. ފެނުނު މީހެއްގެ ސަބަބުން އެ ޒުވާނާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ.

ދެއަތް މައްޗަށް ނަގާ މޯޅިއަކަށް ދެމިލުމުން ދެންމެ ނިދާ ހޭލިކަން އެނގެއެވެ. ހުސްގަޔާ ހަމައެކަނި ސޯޓެއްގައި ހުރި އިރު މޫނުމަތިންވެސް ނިދީގެ އަސަރު ފެނެއެވެ. ކިނާން އެ ޒުވާނާގެ ކޮނޑުގައި ޖަހާލިއެވެ. އަދި ގޮސް ސޯފާމައްޗަށް ވެއްޓިގަތެވެ. އޭނާ ލައިގެން ހުރި ގަމީހުގެ ގެ ކަރާދިމާލުން ދެ ގޮށް ނައްޓާލަމުން ވަށައިގެން އެ މާހައުލަށް ބަލާލިއެވެ. ތަނަވަސްބޮޑު އެޕާރޓްމެންޓެކެވެ. ސިޓިންރޫމްގެ މެދުގައި ސޯފާސެޓެއް ބެހެއްޓިފައިވާއިރު އެފާރޓްމެންޓުގައި ޖުމްލަ ހުރީ ދެ ކޮޓަރިއެވެ. ސޯފާތަކުގެ ފަހަތުގައި ކައްކާ ބަޔާއި ކާކޮޓަރި އިންއިރު އެތަނުގައިވެސް ހުރީ ބަދިގޭ ޒަމާނީ ކަބަޑް ތަކާއެއްޗެހި ބެހެއްޓިފައެވެ. ސޯފާތަކުގެ ކުރިމައްޗަށްވާ ގޮތަށް ބަހައްޓާފައި ހުރި ޓީވީ ރެކް މަތީގައި ފަތި ފުޅާ ޓީވީއެއް ބެހެއްޓިފައިވެއެވެ. ކަޅުކުލައިގެ ސޯފާތަކުގެ ކުރިމަތީގައި ބިއްލޫރި ވަށް މޭޒެއް ބެހެއްޓިފައި ހުރިއިރު މޭޒުގެ މެދުގައި ހުރި ޗޮކްލެޓް ކުލައިގެ ވާޒްގައި ޕްލާސްޓިކް މާކޯނިތަކެއް ޖަހާލާފައިވުމުން ހިތްގައިމެވެ.

"އިއްޔެއްސުރެ ނިދިގަނޑެއް އަލާލަނީ ދޯ؟" ކިނާން ސުވާލުކޮށްލިއެވެ. ކިނާން ވާހަކަ ދެއްކިއިރު އަޑު ވީހާވެސް އާދައިގެ ގޮތަކަށް ބަހައްޓަން އޭނާ މަސައްކަތް ކުރިކަން އެނގެއެވެ.

އާނ! ދެން އިތުރުކަމެއް ވެސް ނެތް ކުރާކަށް... އެކަމަކު ކިނާން މިކަން ކުރާކަން އެނގިއްޖެއްޔާ މަންމަމެން އެހާ ހިންހަމައެއްނުޖެހޭނެ ކަންނޭގެ ދޯ؟ ކިނާންއަށް ބަލާލަމުން އިޒިއަން ސުވާލުކޮށްލިއެވެ. ވަރުބަލިކަމާއި މާޔޫސްކަމާއި އެއްވަރަކަށް ނިދީގެ އަސަރުވެސް ކޮންމެވެސް ވަރަކަށް އެ އަޑުން އިޙްސާސްކުރެވެއެވެ.

"ދޮންބޭ!" ކިނާން އިޒިއަންއަށް ގޮވާލިއެވެ. އިޒިއަން އާއެކޭ ބުނަމުން ގޮސް ދިގަށް ހުރި ސޯފާ މައްޗަށް ވެއްޓިގަތެވެ. އުއްޑުން އޮށޯވެ ހަމަޖެހިލާ އޭނާ ނިތުގައި ކަނާއަތުން ހިފައްޓާލީ އުނދަގޫވެގެން އުޅޭ ފަދައަކުންނެވެ. ކިނާން އިނީ އިޒިއަންގެ އަމަލުތަކައް ބަލަހައްޓައިގެންނެވެ. މަންމަމެންނަށް ނޭނގި އިޒިއަންއަށްޓަކައި މިވަރު ބޮޑުތަނެއް ހިފާފައި ހުރިކަން އެނގިއްޖެއްޔާ ރުޅި އަންނާނެއެވެ. އެހެންނަމަވެސް އޭނާ ކުރާނީ ކީއްހެއްޔެވެ؟ އިޒިއަންއަށް އަޅާލާނޭ އިތުރު މީހަކު ނެތެވެ. އިޒިއަން އަކީ މިއަދު އެކަނިވެރިއެކެވެ. ނިކަމެއްޗެކެވެ.

"ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ މިއުޅެނީ، އެހެންވެ ނިދަނީ... ދެންމެތަ ޑިއުޓީ ނިމުނީ؟" އިޒިއަން އެ އޮތް ގޮތަށް އޮވެ ސުވާލުކޮށްލިއެވެ. އެ އަޑުގައި ވަނީ މާޔޫސްކަމެވެ. އިޒިއަންގެ އަޑުން ކިނާންއަށް އިޙްސާސްވި ހިތްދަތިކަމާއި ގުޅުވައިގެން ހިތްވަރުގެ ބަހެއް ބުނަން ބޭނުންވިޔަސް އޭނާގެ ދުލު ކުރިއަށް އެންމެ ބަހެއްވެސް ނަޔެވެ.

"އާނ. ދެންމެ ނިމުނީ. ދޮންބެ މިއަދު އެއްޗެއް ކައިފިންތަ؟" ކިނާން އިޒިއަންއާ ސުވާލުކޮށްލިއެވެ. ކާބަޔާ ދިމާލަށް ނަޒަރު ހުއްޓާލިއިރު ރޭގައި އޭނަ ގެނައި ކޮތަޅުވެސް ހުރި ގޮތަށް ހުރީއެވެ.

"ނޫން... ކިނާން! އަހަރެންނަށް މިހުރިހާ ކަމެއް ކޮށްދޭކަން އެނގޭނަމަ މަންމަމެން ހާދަ ރުޅިއަންނާނޭ. މަންމަ ބޭނުމެއްނުވޭ އަހަރެންގެ މޫނު ދެކޭކަށް ވެސް" ދެވަނަ ފަހަރަށް އިޒިއަން އެ ވާހަކަ ފެށުމުން ކިނާން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދިވެސް އިޒިއަން އެ ވިސްނަނީ އެކަމާ ތާއެވެ. އޭނާ އިޒިއަންއަށް ހިތްވަރުދޭނީ ކީކޭ ކިޔާފައި ހެއްޔެވެ؟

އިޒިއަން ދެންވެސް އެ ވާހަކަ ތަކުރާރު ކޮށްލީ ކިނާން އެއްވެސް ޖަވާބެއް ނުދިނުމުންނެވެ. އެ ސިކުނޑީގައި ހިނގަމުންދިޔަ ހައިޖާނުގަނޑު ކިތަންމެ ވަރުގަދަޔަސް އެއްވެސް ކަމެއް އެކަކާވެސް ހިއްސާކުރެވޭކަށް ނެތެވެ. ހިއްސާކުރެވެންހުރީ ވެސް ހަމައެކަނި ކިނާންއެވެ. އެހެންނަމަވެސް އެ ހުރިހާ ވާހަކައެއް ކިނާންއަށް ކިޔައިދީގެން ކިނާންގެ ސިކުނޑި ހާސްކުރުވާކަށް އިޒިއަން ބޭނުމެއްނުވިއެވެ.

"ކޮންމެވެސް އެއްޗެއް ގެންނަން ވީނު ކާން... ހަނދާން ނެތިގެން ދޮންބެއަށް ލާރިއެއް ނުދީ ދެވުނީ ރޭގަ... އެހެންވެ މިއައީ ވެސް އެވަރަކުން، މިއަދު ޑިއުޓީ ގަވެސް ބުރަ ދުވަހެއް" ކިނާން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގަޑި ބަލާލިއެވެ. ގަޑިން ފަހެއްޖަހާ ބޮޑުވަނީއެވެ. އިޒިއަން އައި ފަހުން އޭނާއަށް އަދި ރަނގަޅަކަށް އިޒިއަންއަކާވެސް ވާހަކައެއް ދައްކާނުލެވެއެވެ. މި ދިޔަ ހަތް އަހަރުގެ ވާހަކަތައް ހިއްސާކުރަން ބޭނުންވިއެވެ. ހަތް އަހަރަކީ ކުރު މުއްދަތެއްނޫނެވެ. އެންމެންގެ ދިރިއުޅުން ވެސް ވަނީ ހާދަ ބޮޑަކަށް ބަދަލުވެފައެވެ. މަޝްވަރާ ކުރަން ޖެހޭ ކަންތައްތަކާ ހަމައަކަށް އަޅުވަން ޖެހޭ ކަންތައްތައްވެސް ބައިވަރެވެ.

އެކަމަކު ވާހަކަ ދައްކާލެވޭނީ ހަމަޖެހިގެންތާއެވެ. ދޮންބެވެސް ވެސް އަދި އެއުޅެނީ ހަމައަކަށް ނޭޅިއެވެ. އަނެއްކޮޅުން އިއްޔެވީ ކަމަކުން ދޮންބެވެސް ހުންނާނީ ބޯ ގޮވާފައެވެ. ކިނާންވިސްނާލިއެވެ. އިޒިއަން ހިތްވަރު ކުރަމުން ދިޔަވަރާއި ކެތްތެރިވާން ކުރަމުންދިޔަ މަސައްކަތް ފެނި ކިނާންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ކިތަންމެ ހިތްދަތިކަމެއް ދިމާވިޔަސް އިޒިއަން ގޯސްމަގަކުން ނުދާނެކަމުގެ ޔަޤީންކަން ކިނާންއަށް އޮތެވެ.

"އޯކޭ ކޮންމެ އެއްޗެއްވެސް" އިޒިއަން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ބުނެލިއެވެ. ކިނާން ބުނީ އޭނާ އެއްޗަކަށް އޯޑަރު ކޮށްފާނޭ ކަމުގައެވެ. އިޒިއަން ގާތު އެހުމުން ވެސް ވަކި އެއްޗެއް ގެންނާކަށް ނުބުންޏެވެ. އޭނާ ބުނީ ކޮންމެ އެއްޗެއް ވެސް އޯކޭ ކަމުގައެވެ. އެހެންކަމުން އޯޑަރު ދިނީ ކިނާން ބޭނުން އެއްޗަކަށެވެ. ޕިއްޒާއާއި ކޯކު ގެނެސްގެން ދެމީހުން ކެއެވެ. ކިނާން އިޒިއަން އަތަށް ލާރިދެމުން އޭނާ މާދަމާ އަންނާނަމޭ ބުނެލިއެވެ. ނުހަނު ބުރަދުވަހަކަށް ވުމާއެކު އޭނާ ވެސް ހުރީ ނިދާލަން ބޭނުންވެފައެވެ.

"މާ ގިނަ ގިނައިން އަންނަން ނުހަދައްޗޭ ނާނު. މަންމަމެންނަށް އެނގިއްޖެއްޔާ ހިންހަމައެއް ނުޖެހޭނެ، މިރޭ ގޮސް އަހަރެން ގާތަށް އައި ވާހަކަ ނުބުނާތި. އޭރުން ކަމަކު ނުދާނެ" އިޒިއަން ކިނާން ނުކުތުމުން ދޮރު ތަޅުލުމުގެ ކުރިން ބުނެލިއެވެ.

"އަދި ހަނދާން ނެތުނީ ދޮންބޭ. މިއޮތީ ސިމް ކޮޅު. ފޯނަށް ލައްވާލައިގެން އުޅެއްޗޭ. އޭރުން ގުޅޭނީ" ކިނާން އޭނާގެ ޖީބުން ނަގާ އިޒިއަންއާ ސިމް ހަވާލުކޮށްލިއެވެ. ރޭ ކިނާން އިޒިއަންއަށް ފޯނެއް ގަނެގެން ގެނެސްދިނެވެ. ހަނދާންނެތިގެން ސިމް އެއް ނުގެނެސްދެވޭތީ އޭނާ އެއައީ ސިމްއެއްވެސް ނަގައިގެންނެވެ.

ކިނާން ހަމައެކަނި ބޯ ޖަހާލީއެވެ. އިތުރު އެއްޗެއް އޭނާ ނުބުންޏެވެ.

ކިނާން ދިޔުމާއެކު އިޒިއަން އެނބުރި އައިސް ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި ސޯފާއަށް ވެއްޓިގަތެވެ. ހިޔާލުގެ ލޯގަނޑަށް ސިފަވީ އޭނާ ޖަލުގައި ހުރިއިރު ބައްދަލުކުރަން ދިޔަ ދުވަހެއްގެ މަތިންނެވެ.

"ކަލެއަށް އަހަރެން ނަފްރަތު ކުރަން" އެ ދުވަހު އަނާލް އޭނާއަށް ބަލާލަމުން ބުނެލި ޖުމްލަ އަދިވެސް ކަންފަތުގައި ގުގުމަމުން ދިޔައެވެ.

އިޒިއަން ޖަލުގައި ހުރިއިރު އަނާލް އޭނާ އާއި ބައްދަލުކުރީ ޖުމްލަ ފަސްފަހަރެއްގެ މަތިންނެވެ. އެވެސް އެ އާއިލާ މީހުންނަށް ސިއްރުންނެވެ. އެއްވެސް މީހަކު އިޒިއަންއާ ބައްދަލު ކުރަން އަޔަސް އެ ވާހަކަ ނުބުނަން އޭރުވެސް އަނާލް ބުންޏެވެ. އެހެންކަމުން އިޒިއަން ވެސް އެވާހަކަ އަދި އަދަން ދާންދެން ކިނާން ގާތުވެސް ނުބުނެއެވެ.

އެއިން ކޮންމެ ފަހަރަކުވެސް އަނާލް ދަނީ އިޒިއަންގެ ހިތުގައި އެތަކެއް ޒަޚަމެއްލައްވާފައެވެ. ހަތް އަހަރުގެ ތެރޭގައި އެތަކެއް ފަހަރަކު އެ ހިތް އަނާލް ކުދި ކުދި ކޮށްލައިފިއެވެ. އެތަކެއް ފަހަރު އޭނާގެ ޒަޚަމްތަކުގައި ވަކި އަޅައިފިއެވެ. ލޭ އޮހޮރުވާލައިފިއެވެ. އެހެނެއްކަމަކު އަދިވެސް އޭނާއަށް ވިސްނެނީ އަނާލްއާ މެދުގައެވެ. ދޫކޮށްލިހާ އަވަހަށް އިޒިއަން ގާތުން ވަރިވާން އަނާލް އޮތީ ބުނެފައެވެ. އެދުވަސް އައިސް ޖެހުނީއޭ ހިތަށް އެރުމާއެކު ވަގުތު ހުއްޓޭނެނަމައޭ ހިތަށް އެރިއެވެ. އެހެންނަމަވެ ވަގުތަކީ އެއްވެސް މީހަކަށް ހުއްޓުވޭނޭ އެއްޗެއް ނޫނެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެވެ.

އަނެއްކޮޅުން އިއްޔެ އޭނާ ގެއަށް ދިޔުމުން ވެސް މަންމަމެން އޭނާ ގެއަށް ވައްދާކަށް އެއްބަހެއްނުވިއެވެ. އިޒިއަންގެއަށް ވަނުމަށް ހުއްދަ ނުދިނީ ވަންނާނޭ އިތުރު ތަނެއް ނެތްކަން އެނގިހުރެއެވެ. އަމިއްލަ އާއިލާވެސް ގެއްލުނީއެވެ. އަނާލް ވެސް ގެއްލެނީއެވެ. ހެޔޮވާނީ ކިހިނެތް ހެއްޔެވެ؟ އޭނާއަށް މި ލިބެނީ ހައްގު ސަޒާ ހެއްޔެވެ؟ ކުރެވުނު ކުށެއްގެ ސަބަބުން މުޅި އުމުރު އޭނާއަށް އެކަމުގެ ސަޒާ ދިނުމަކީ އިންސާފެއް ހެއްޔެވެ؟ ވިސްނި ވަރަކަށް ބޮލުގެ ރިހުން ގަދަވެގެން ދިޔައެވެ. އެންމެ ފަހުން ބޮލަށް ބަރުވެ މޫނުމައްޗަށް އަނދިރިވާހެން ހީވުމުން އޭނާ ގޮސް ފެންވަރާ ހަދާލިއެވެ. ހަށިގަނޑަށް ވެރިވެފައި ހުރި ލޮޑުކަން ފިލާ މީހާގެ ނަފްސަށް ހިސާބެއްގެ ތާޒާކަމެއް ވެރިވިއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި ބަދަލުވެފައިވާ އަމިއްލަ މީހާގެ ސިފައަށް ބަލާލިއެވެ. މީހާގެ ހަށިގަނޑު ވަނީ ހިކިއަނަރޫފަވެފައެވެ. ލޯކައިރި ކަޅުވެފައިވުމުން މޫނުމަތިންވެސް އެއްވެސް ކަހަލަ އުޖާލާކަމެއް ނުފެނެއެވެ. ފެންނަނީ މާޔޫސްކަމެވެ. އެއާއެކު އެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެހެނަސް އެއީ މަލާމާތުގެ ހިނިތުންވުމެކެވެ. އަމިއްލަ ނަފްސުދެކެ ނަފްރަތުވެފައިވާ ހިނިތުންވުމެއްފަދައެވެ.

އިޝާ ނަމާދަށް ގޮވުމުގެ ކުރިން މަޢްރިބް ނަމާދު ކުރެވޭހާ ވަގުތުއޮއްވާ އިޒިއަން މިސްކިތަށް ދާން ބޭނުންވިއެވެ. އެހެންކަމުން ގަޑިބަލާލުމަށްފަހު އަލަމާރި ހުޅުވާލާ އޭނާ އަލަމާރީގައި ހުރި ދެތިން ގަމީހުގެ ތެރެއިން ގަމީހަކާ ޖީންސް އެއްނެގިއެވެ. އެއަށްފަހު ސިޓިން ރޫމަށް ނުކުމެ އިސްތިރިކުރާ މޭޒު ހުޅުވާލިއެވެ. ކަރަންޓް ބޯޑަށް އިސްތިރި ޖަހާފައި ކުޑައިރުކޮޅަކު އޭނާ ބެހެއްޓިއެވެ. އެއަށްފަހު ގަމީން ބާއްވާ އިސްތިރިކުރަން ފެށިއެވެ. މާ އަވަސް ނޫނަސް އިޒިއަން ފަރިތައެވެ. އެއްޗެހި އިސްތިރި ކޮއްހަދައިގެން ކޮޓަރިއަށް ވަދެ އެ އެއްޗެހި ލާ އިޒިއަން ތައްޔާރުވިއެވެ. ބޮލުގައި ފުނާ އަޅާލާ ޖެލް ހާކާލުމުން ފިރިހެންވަންތަކަން އިތުރު ކޮށްދިނެވެ. ޑްރެސިންޓޭބަލް މަތީގައި އޮތް އަތުކުރީ ގަޑި އަޅާލަމުން އޭނާ ފަހު ފަހަރަށް ލޯ ގަނޑުން މޫނު ބަލާލިއެވެ. އެއަށްފަހު ކޮޓަރިން ނުކުމެ ދޮރު ލައްޕާ ތަޅުލިއެވެ. ސިޓިން ރޫމްގައި ބަހައްޓާފައި ހުރި ފައިވާނަށް އަރަމުން އިޒިއަން ނުކުމެ ބޭރު ދޮރުވެސް ތަޅުލިއެވެ. ކިތަންމެ ވަރުބަލިވިޔަސް އިޒިއަން ނަމާދަށް މިސްކިތަށް ދާން ބޭނުމެވެ. މިސްކިތް ވެސް ގެއާ ކައިރީގައި ހުރުމުން މާ ދުރަށް ހިނގާކަށްވެސް ނުޖެހޭނެއެވެ. މިސްކިތަށްގޮސް މަޢްރިބް ނަމާދުކޮށްލެވުނީ ކިރިއާއެވެ. އިޝާ ނަމާދަށް ގޮވައިފިއެވެ.

ނަމާދުކޮށްނިމިގެން ގެއަށް ދިޔަ މަގުމަތީގައި ބޭސް ފިހާރެއަކަށް ވަދެ ދެ ގުޅަ ޕެނެޑޯލް ގަތެވެ. ގެއަށް ވަދެ ފުރަތަމަވެސް އިޒިއަން ބޭސް ކެއެވެ.

އިޒިއަން ގޮސް އެނދުމައްޗަށް ވެއްޓި ކިނާން އޭނާއަށް ދިން ފޯނު ނަގާ ސިމް ލައްވާލިއެވެ. ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު އޭނާ ފޯނުން ކޮންމެވެސް ނަންބަރަކަށް ޑައިލް ކޮށްލިއެވެ. ތުންފަތުގައި ދަތް އަޅާލުމާއެކު އިންތިޒާރު ކުރެވުނީ އެކޮޅުން ފޯނު ނަގާނެ އިރަކަށެވެ. މާގިނަ އިރެއްނުވެ ފޯން ނަގާ އެކޮޅުން ހަލޯ އޭބުނެލި އަޑު އިވުނެވެ.

"ހަލޯ އަނާލް... އަނާލްތަ؟" އިޒިއަން ތުރު ތުރު އަޅަމުންދިޔަ އަޑަކުން ސުވާލުކޮށްލިއެވެ. އެއާއެކު އެކޮޅުން ވާހަކަ ދެއްކި މީހާ ބުނީ އޭނާ އަކީ އަނާލް ނޫން ކަމުގައެވެ. އަޑުން ހީވަނީ ތަންކޮޅެއް މުސްކުޅިވަރެއްގެ ދައްތަ އެއް ހެންނެވެ. މާޔޫސްވެ ހުރެ އިޒިއަން ފޯން ކަންފަތާ ދުރުކޮށްލަމުން ފޯން ކަނޑާލިއެވެ. މާޔޫސްކަން އޭނާ ވަށައިލި ފަދަ އިޙްސާސް އެއްކުރެވިގެން ދިޔައެވެ. އަމިއްލަ ހިތަށް ވިސްނައިދިނީ އަދި މާޔޫސް ނުވުމަށެވެ. އުންމީދު ގެއްލުވާ ނުލުމަށެވެ. އަނާލްގެ ނަންބަރު ހޯދޭނެ ގޮތްތައް މަދެއް ނުވާނެއެވެ. ބޮލުގައި އޭރުވެސް ރިއްސަމުން ދިޔައީތީ އިޒިއަން އެނދުގައި އޮށޯވެ ދެލޯ މަރާލީ ނިދާލުމަށެވެ.

*****

ހޫނު ގަދަދުވަހަކެވެ. ބްރޭކް ގަޑީގައި ސައިބޮއިގެން އައިސް ކިނާން އޭނާގެ ކެބިންއަށް ވަދެ ގޮނޑީގައި ހަމަޖެހިލިއެވެ. އަދިވެސް ބަލަން ޖެހޭ އިތުރު ފަސް ޕޭޝަންޓަކު އެބަތިއްބެވެ. އެންމެ ފަހަށް އިން މީހާ ނޫން އެހެން ހުރިހާ އެންމެންނަކީވެސް މީގެ ކުރިން އޭނާގެ ފަރާތުން ފަރުވާ ހޯދާފައިވާ މީހުންނެވެ. ފަހަރަކު މީހަކު ބަލަމުން ގޮސް އެންމެ ފަހުން އެންމެ ފަހު މީހާ އާ ޖެހިއްޖެއެވެ. އެތެރެއަށް ވަނީ އުމުރުން ސާޅީސް އަހަރުގެ ފިރިހެން މީހެކެވެ. ފިރިހެން މީހާގެ ހިނގުމުގައި ކޮންމެވެސް ވަރެއްގެ އުނދަގޫ ކަމެއްހުއްޓެވެ. ވާތް ފަރާތު އަތް ވެސް އޮތީ ގަޔާ ކައިރިކޮށްލެވިފައެވެ. އެ ފަރާތުގައި އެއްވެސް ކަހަލަ ހަރަކާތެއް ނެތްކަން ކިނާންއަށް ދެނެގަނެވުނެވެ. ތުންފަތް ވެސް އިނީ އެއްފަރާތުން އަރިއަކަށް ޖެހިފައެވެ.

"އިށީނދެލައްވާ" ކިނާން އެ ފިރިހެން މީހާގެ ގާތުގައި ހުރި ޒުވާން ފިރިހެން ކުއްޖާއަށް ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ. އެއާއެކު އޭނާގެ ގާތުގައި ހުރި ފިރިހެން ކުއްޖާގެ އެހީގައި އޭނާ އިށީނެވެ. އަދި ކިނާން އަތަށް އެ ފިރިހެން މީހާގެ ފައިލްތައް ދިއްކޮއްލިއެވެ. އިތުރަށް ކިނާން އެ ފައިލްތައް ބެލުމުން އެނގުނު ގޮތުގައި އެ ފިރިހެން މީހާ އަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ސްޓްރޯކެއް ޖެހި ހިނގުމާއި ވާހަކަ ދެއްކުމަށް ދަތިތަކެއް ކުރިމަތިވި ފަރާތެއް ކަމެވެ. އޭނާ ފަރުވާތެރިކަމާއެކު އެ ހުރިހާ ލިޔެކިޔުމެއް ކިޔެވެ. ނަމަކީ ބަސީމްއެވެ. ބަސީމް އާއި ބެހޭ ހުރިހާ މައުލޫމާތެއް ސާފުކުރުމަށްފަހު ކިނާން އޭނާގެ ފަރުވާއާ ބެހޭ ގޮތުން އޭނާގެ ގާތުގައި ހުރި ފިރިހެން ކުއްޖާއާ ވެސް ވާހަކަ ދެއްކިއެވެ. އެ ފިރިހެން ކުއްޖާއަށް ކިޔަނީ ހާމިޒްއެވެ. ހާމިޒްއަކީ ބަސީމްގެ ދަރިއެއްކަން އެނގުމުން ކިނާންވެސް ހިންހަމަޖެހުނެވެ.

*****

ދީމް ހޮސްޕިޓަލް ކުރިމައްޗަށް ހުއްޓި އެ ހޮސްޕިޓަލަށް ބަލާލިއެވެ. އެތައް އަހަރެއް ފަހުން ފުރަތަމަ ފަހަރަށް އޭނާ އެ ހޮސްޕިޓަލަށް ބަލާލިއިރު އެމޫނުމަތިން ފެންނަމުން ދިޔައީ ބަޔާން ކުރަންދަތި އަސަރުތަކެކެވެ. އެއަށްފަހު އޭނާ އަނެއްފަރާތަށް މޫނު އަނބުރާލީ އެމް. އެޗް. ޑީ. ސީ ގެ އިމާރާތަށް ބަލާލުމުގެ ބޭނުމުގައެވެ. އެމް.އެޗް.ޑީ.ސީގެ އިމާރާތް ވެސް މިހާރު ވަނީ ބޮޑުކުރެވިފައެވެ. އޭރުވެސް އެ އިމާރާތަށް ވަންނަން ދާ މީހުންނާ ނުކުމެ އުޅޭ މީހުން ފުދޭވަރަކަށް ގިނަކަން ދީމްއަށް ފާހަގަ ކުރެވުނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިގެން ހުރެ ހޮސްޕިޓަލާ ދިމާލަށް ހިނގައިގަންނަމުން އޭނާ ފޯނުން ނަންބަރަކަށް ގުޅާލިއެވެ. އެކޮޅުން ދިން ޖަވާބު އިވި އޭނާ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން ފިޔަވަޅުތައް ބާރުކޮށްލިއެވެ. ދީމް ލާފައި ހުރީ ހުދުކުލައިގެ ގަމީސް މަތިކޮޅެކެވެ. ކަޅު ކުލައިގެ ލެގިންސް އެއްގައި ހުރިއިރު އަރާފައިވަނީ އުސްފައިވާނަކަށެވެ. އޭނާގެ ރާޅުބާނީ އިސްތަށިގަނޑުގެ ވަކި ހިސާބަކުން އޮތީ މެރޫން ފާޑެއްގެ ކުލައަކުން ކުލަ ކޮށްލާފައެވެ. މޫނުމަތިން ކޮންމެވެސް ވަރަކަށް މޭކަޕްގެ އަސަރުފެނެއެވެ.

ފަހަރަކަށް ވުރެ ފަހަރެއް ދީމް ހޮސްޕިޓަލުގެ އެތެރެއަށް ފިޔަވަޅުތައް އަޅަމުން ދިޔައިރު އޭނާގެ ހިތުގެ ތެޅުން ވެސް ދިޔައީ ބާރުވަމުންނެވެ. އެތައް އަހަރަކަށް ފަހު ކިނާންގެ ކުރިމައްޗަށް އަރާއިރު ކިނާން ހުންނާނީ ކިހިނެއްހެއްޔެވެ؟. ކިނާންގެ ނަން އެކަނި ހިތަށް އެރުމުންވެސް އޭނާގެ ހިތުގެ ތެޅުން ބާރުވެއްޖެއެވެ. ކިނާން ފެނުމުން އަދި އޭނާއަށް ވާނެ ގޮތެއް ނޭނގެއެވެ.

ހިޔާލުތަކުގައި ހުރެ ދީމް ގޮސް ކިނާން އިން ރޫމް ހޯދިއެވެ. އަދި އެ ދޮރު ކުރިމަތީ ހުރެ ފުން ނޭވާއެއްލީ ނަފްސު ހަމައަކަށް އަޅުވާލުމަށެވެ. އެތައް ދުވަހަކަށްފަހު ކިނާން ފެންނަން އުޅުމުން އެ ހިތަށް ލިބިފައިވި ހިންހަމަޖެހުމަށްވުރެ ލިބިފައިވާ ނުތަނަވަސްކަން ބޮޑެވެ. އާދޭހެވެ. އެތެރޭން އޭނާއަށް ކުރިމަތި ލާން ޖެހޭނީ ކޮންކޮން ކަންތައް ތަކަކާ ކަމެއް ނޭނގެއެވެ. ކިނާންގެ އަމަލުތައް ހުންނާނީ ކިހިނެތްކަމެއް އޭނާއަށް ލަފާކޮށްލާކަށް ނޭނގެއެވެ.

ދީމް ފިޔަވަޅެއް ކުރިއަށް އަޅާލާ ދޮރު ހުޅުވާލުމަށް ކަނާއަތް ދިއްކޮށްލިއެވެ. އެހެންނަމަވެސް އެ އަތް ދަމައިގަނެވުނީ އެތެރެއިން ދޮރު ހުޅުވާލުމުންނެވެ. ދީމް ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. ރޫމް ތެރެއިން ނުކުތީ ދެ ފިރިހެނުންނެވެ. އޭނާ އެ ދެމީހުންނަށް ބަލަން ހުރެފައި ދޮރުގައި ޓަކި ޖަހާލިއެވެ. އަދި އެތެރެއަށް ވަނެވެ.

ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން ކިނާން ދޮރު ހުޅުވާލުމާއެކު ކުރިމައްޗަށް ބަލާލިއެވެ. ލިބުނު ސިހުމާއެކު ދެވަނަ ސިކުންތުގައި އޭނާ ހުރީ ކޮޅަށެވެ.

"ދީމް" ދެ ތުންފަތް ފޫ އަޅުވާލާފައި ކިނާންގެ ދުލުން އެ ބަސްތައް ނުކުތީ ކިތަންމެ މަޑުން ނަމަވެސް ދީމްއަށް އެ އަޑު ސާފުކޮށް އިވުނެވެ. އޭނާގެ ހިތުގައި ވި ނުތަނަވަސްކަން ދުރުކުރަން މަސައްކަތް ކުރަމުން ހިނިތުންވާން ދީމް މަސައްކަތް ކުރިއެވެ.

"ނާނު" ދީމް ކުރިއަށް ތެދިން ފިޔަވަޅު އަޅާލަމުން ކިނާންއަށް ގޮވާލިއެވެ.

ދީމް ގޮވާލުމާއެކު އެ އަޑުގައިވި އަސަރު ކިނާންއަށް ކުރުވައިފިއެވެ. އަމިއްލަ ހިތުގެ ހާލު ދީމްގެ ކުރިމަތީގައި ބޭޒާރުވެދާނެތީ ކިނާން އަނެއްފަރާތަށް އެނބުރުނީ އޭނާގެ މޭގައި އަތް އަޅާފައެވެ. އެތައް ދުވަހަކަށްފަހު ދީމް ފެނުމުން އޭނާގެ ހިތްވެސް ޖަޒުބާތުގެ އޮއިވަރުގައި ބެހިގެން ހިނގައްޖެއެވެ. އެ ހިތުގައި ރައްކާކޮށްފައިވާ އިޙްސާސްތައް ހޭލައިގަންނަން ނެގީ މަދު ސިކުންތުކޮޅެކެވެ. އެ ހިނދު ދުވެފައި ގޮސް ދީމް އެ އަތުގެ ތެރެއަށް ލާން ހިތް އެދުނު ނަމަވެސް އެކަން އެގޮތަށް ކުރަން އޭނާގެ ޞަމީރު ދެކޮޅު ހެދިއެވެ. އަމިއްލަ އިޙްސާސްތަކުގެ މައްޗަށް ބާރުފޯރުވަން ކިނާން މަސައްކަތް ކުރިއެވެ.

ހަތް އަހަރުވަންދެން ދީމްގެ މެސެޖް ތަކަށް ފިލައިގެން އުޅެވިއްޖެއެވެ. ހަތް އަހަރުވަންދެން ދީމްގެ ފޯން ކޯލުތަކަށް ޖަވާބު ނުދީ އުޅެވިއްޖެއެވެ. ކޮންމެ ފަހަރަކު ދީމްގެ ފޯން ކަނޑާލަނީ ހިތުގައި އަތް އަޅައިގެން ހުރެއެވެ. މެސެޖަށް ބަލަން ނުނިދިފަ އޮންނަނީ އެ ހިތަށް އަނިޔާ ދިނުމަށެވެ. ދީމްގެ ހިތުގައި ޖެއްސޭތީ އަމިއްލަ ނަފްސު ކުށްވެރިކުރާ ހާލުގައެވެ. އެހެންނަމަވެސް ދެން ދީމްއަށް ފިލާނީ ކިހިނެތްހެއްޔެވެ؟ ދީމް އެހުރީ އެންމެ ފަހުން އޭނާގެ ކުރިމައްޗަށް އައިހެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރާ ޔަގީންކަން ދީމްގެ މޫނުމަތިން ފެނުނު ހިތްދަތިކަމުން ނެތިކޮށްލައިފިއެވެ. އެއީ އަދިވެސް އޭނާ ލޯބިވި ދީމްއެވެ. ސިފައަށް ކިތަންމެ ބަދަލެއް އައިސް ހުއްޓަސް އަދިވެސް ކިނާން ދެކެ ދީމް ވާ ލޯބި އެއްވެސް ހުރަހެއްނެތި އޭނާއަށް ފެންނަމުން ދިޔައެވެ. ބަދަލުވީ ހަމައެކަނި ސިފައެވެ. އެހެންނަމަވެސް ދީމްގެ ހިތް އޮތީ ހަމަ ކުރީގައި އޮތްގޮތަށް ސާފުކޮށްކަން ކިނާންއަށް ޔަޤީނެވެ. އެ ހިތުގެ ވެރިއަކީ އަދިވެސް އޭނާކަން ކިނާންއަށް އެނގެއެވެ.

ކިނާން ދީމްއަށް ފުރަގަސް ދިނުމުން ދީމްގެ ހިތުގައި ރިއްސާލިއެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އަޅާލާ ގޮސް ފަހަތުން ކިނާންގެ އެއް އަތުގައި ހިފައްޓާލިއެވެ. އެތަށް ދުވަހެއް ފަހުން ފެނުމުން ވެސް ކިނާން އެގޮތަށް ކަންތައް ކުރުމުން ދީމްގެ ހިތުގައި ޖެހިފައި ވިއެވެ. އަދިވެސް އޭނާގެ ހިތުގައި ލޯބި އޮތީ ހަމައެކަނި ކިނާންއަށް ޓަކާ ރައްކާކުރެވިފައެވެ. އެހިތުގެ މިލްކު ވެރިއަކީ ކިނާންއެވެ.

"ނާނު ކީއްވެތަ ތިހެން ކަންތައް ކުރަނީ، އޭރުވެސް އަހަރެން ބުނީމެއްނު ނާނު އާ އެކީ"

"ދީމް، ކިހިނެތްތަ ތިއުޅެނީ؟ ގައިގަ އަތް ނުލާވެސް ވާހަކަ ދެއްކިދާނެއެއްނު!" ދެލޯ މަރާލުމާއެކު ކިނާންގެ ބަސްތަކުގައިވި ތޫނު ކަށިތައް އަމާޒުވީ ދީމްގެ ހިތަކަށެވެ. އޭނާގެ އެ ޖުމްލައިން ދީމްގެ ހިތް ޒަޚަމް ވާނެކަން އެނގިހުރެ އެހެންކަންތައް ކުރިއިރު ހިތާ ހިތުން އޭނާއަށް އެ ނޫން ގޮތެއް ނެތޭ ބުނެވުނެވެ. އެތައް ފަހަރަކު ދީމްގެ ފަރާތުން މާފަށް އެދެވުނެވެ.

"އަހަރެން ކިތަންމެ ދުރުކުރިޔަސް ތި ހިތުގައި އަހަރެންނާ މެދު ވީ އިޙްސާސް ތަކަށް އެއްވެސް ބަދަލެއް ނާންނާނެ! އަހަރެންނަށް ޔަޤީން. ކިނާން ކިތަންމެ ވަރަކަށް އަހަރެން ދެރަ ކުރިޔަސް ތި ހިތުގައިވެސް ވޭން އަޅާނެ، އަހަރެން ކިނާން އާ މި ބައްދަލު ކުރީ ހަތް އަހަރު ފަހުން، ކިނާން! ކީއްވެތަ އަހަރެންނާ ދިމާލަށް އެއްފަހަރު ވެސް ބަލާ ނުލަނީ. އަހަރެން ވެސް ދެރަވެޔޭ. އޭރު އަހަރެން ބުނި ގޮތަށް ކަންތައް ކުރިނަމަ އަހަރެމެން ދެމީހުން މި ހިތާމަ ކުރާކަށް ނުޖެހުނީހެއްނު؟" ދީމް ކިނާންގެ އެއްއަތުގައި އަނެއްކާވެސް ހިފާލިއެވެ.

"ދީމް އަހަރެން ބުނީމެއްނު އޭރުވެސް ދީމް ގާތު އެއީ ވާނެ ކަމެއް ނޫނޭ، ދީމް އެހެންމީހަކާ އެކު ދިރިއުޅުމެއް ފަށާށޭ! އަހަރެން މަތިން ހަނދާން ނައްތާލެވޭނީ އޭރުންނޭ" ކިނާންއަށް ބުނެވުނެވެ. އޭނާ ހުރީ އޭރުވެސް ހުރި ގޮތަކަށެވެ. ދީމްއަށް ފުރަގަސް ދީގެންނެވެ.

"އަހަރެން ގާތު ތިހާ ފަސޭހައިން އެހެން ދިރިއުޅުމެއް ފަށާށޭ ބުނާއިރު ކިނާން އެހެން ދިރިއުޅުމެއް ފަށައިފިންތަ؟ ކިނާންގެ ހިތުގައި އަހަރެންނާ މެދު އިޙްސާސް އެއް ނުވާނަމަ ކިނާން އެއް ނުހުންނާނެ ތިހެނެއް، ބުނެބަލަ! ޖަވާބު ދީބަލަ! އަހަރެންގެ ދެލޮލަށް ބަލާފަ ކިނާންއަށް ޖަވާބުދޭން ކެރޭނެތަ؟" ލޮލުން ކަރުނަ ފައިބާ ހާލު ދީމް ގޮސް ކިނާންގެ ކުރިމައްޗަށް އަރާ ސުވާލުކޮށްލިއެވެ.

"އަހަރެން ދީމް ގާތު އެހެން ބުނި އެހެން ސަބަބެއްވެސް އޮވެދާނެއެއްނު، ދީމްއަށް ކިހިނެތް އެނގެނީ އެހެން އަންހެން ކުއްޖަކު އަހަރެންގެ ހަޔާތަށް ނާންނަކަމެއް، ފަހަރުގައި އަހަރެން މީ މިހާރު މީހެއްގެ ފިރިއަކަށް ވެސް ވެދާނެއެއްނު" ކިނާންގެ އަޑުގައިވި ސީރިއަސްކަމުން ދީމްއަށް ކިނާންގެ އަތުން ދޫކޮށްލާ ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

(ނުނިމޭ...)

https://sun.mv/117873

comment ކޮމެންޓް