އިރުކޮޅެއްގެ ހަމަހިމޭންކަން ވެރިވެގެންދިޔަ އެ މާހައުލުން އިވެނީ ދެމީހުންގެ ނޭވާގެ އަޑު އެކަންޏެވެ. އަނާލް އިޒިއަންއަށް ބަލާލީ އިރުކޮޅަކު އިސް ޖަހައިގެން އިނދެފައެވެ.

"އަހަރެން އިޒިއަން ގާތުން ވަރިއެއް ނުވާނަން" އަނާލް ސީދާ އިޒިއަންގެ ލޮލަށް ބަލަން އިނދެ ބުނެލިއެވެ. އަނާލްގެ އެ ޖުމްލައިން އިޒިއަންއަށް ވެސް ދެލޯ ބޮޑުކޮށްލާ އަނާލްއަށް ބަލާލެވުނެވެ. އަނާލްގެ އެ ބަސްތަކުން ހިނދުކޮޅަކަށް އިޒިއަންއަށް އުންމީދެއް ލިބިގެން ދިޔައެވެ. އެހެންނަމަވެސް މަޑު މަޑުން މޫނުމަތިން އެ ކުލަވަރުތައް ފިލާ އަނެއްކާވެސް ހިތާމައިގެ ކުލަވަރުތައް ވެރިވެގެން ހިނގައްޖެއެވެ.

"ސަމާސާ ނުކުރޭ ނާލް" އިޒިއަން އިސްޖަހާލަމުން އެހެން ބުނެލިއިރު އޭނާގެ އަޑު ނުހަނު މަޑެވެ. އަނާލް އޭނާއާއި ސަމާސާ ކުރަނީހެއްޔެވެ؟ އެހެންވެއްޖެކަމުގައި ވާނަމަ އަނާލް އެ ކުރަނީ ވިހަގަދަ ސަމާސާއެކެވެ. އެ ވިހައިގެ ސަބަބުން އޭނާ މަރުވެސް ވެދާނެއެވެ.

'އަހަރެން ސަމާސާއެއް ނުކުރަމޭ! އިޒް! އަހަރެން ހަމަ ހަޤީގަތުގައި ވެސް އިޒް ގާތުން ވަރިއެއް ނުވާނަން" އަނާލް ބޯ ޖަހާލަމުން ބުނެލިއެވެ. އޭނާގެ އެ ބަލާލަމުން އޭނާއަށް އިތުބާރު ކުރާށޭ ބުނަމުން ދިޔައެވެ.

އަނާލް އިޒިއަންއަށް ފުން ނަޒަރެއްދިނެވެ. އިޒިއަންގެ މޫނުމަތިން އޭނާއަށް ފެނުނު މާޔުސްކަމުގެ ސަބަބުން އެހިތުގައި ވެސް ރިއްސާލިއެވެ. އެހެންނަމަވެސް އެ އިޙްސާސްތަކުގެ މައްޗަށް އޭނާ ރުޅިވެރިކަން އިސްކުރަން އެބަޖެހެއެވެ. އިޒިއަން އަކީ މާފު ހައްގުވާވަރުގެ މީހެއް ނޫނެވެ. އެހެންކަމުން އިޒިއަންގެ ކުރިމަތީގައި އޭނާގެ ހިތް ހަރު ހިލައަށް ހަދަން އެބަޖެހެއެވެ. އިޒިއަންގެ ހިތަށް އަނިޔާ ދޭން އޭނާ ވަނީ ނުހަނު ބޭނުންވެފައެވެ.

އަނާލް އިޒިއަންއާ ބައްދަލުކުރަން ދިޔައީ ދީމްގެ އެހިތެރިކަމާއެކު އެއްވެސް މީހަކަށް ނޭނގިއެވެ. އަދި އެކަމުގެ ފަހަތުގައި ވަރަށް ބޮޑު މަޤްސަދެއްވެސް އެބައޮތެވެ. އިޒިއަންއަށް ހިތްދަތިކަން ދެވެން އޮތް ހުރިހާ ގޮތަކަށް އޭނާ ހުރީ ހިތްދަތިކަން ދޭން ބޭނުންވެފައެވެ. ބަދަލު ހިފަން ބޭނުންވެފައެވެ. "ރިވެންޖް" އަކީ މިހާރު އަބަދާ އަބަދު އޭނާގެ ސިކުނޑީގައި ކޮއްޓާ ބަހަކަށް ވެއްޖެއެވެ. އެހެންނަމަވެސް އޭނާ އިޒިއަންގެ ކިބައިން ބަދަލު ހިފާނީ އިޒިއަންގެ ހިތަށް އަނިޔާ ދީގެންނެވެ. އޭނާ އިޒިއަންގެ ކިބައިން ނަގާނީ ސްވީޓް ރިވެންޖެކެވެ.

އަނާލް އިޒިއަންގެ ކޯތާފަތުގައި އޭނާގެ ވައަތް ތިލަ ޖައްސާލިއެވެ. އިޒިއަންއަށް އިސްއުފުލާލެވުނުއިރު އޭނާގެ ހިތުގައި އުންމީދެއް އާވިއެވެ. އަނާލްގެ އަތްތިލަ ބީހިލުމާއެކު އޭނާގެ ހިތުގައި ގަނޑުފެން އަޅާލަދިންހެން ހީވިއެވެ. ހިތުގެ ޒަޚަމްތަކުގައި މަލަން އަޅާލަދިންފަދައެވެ. އެހެންނަމަވެސް އެއީ ކުޑަހިނދުކޮޅެއްގެ ކަމެއްކަން އިޒިއަން އަކަށް ރޭކާނުލިއެވެ. އިރުކޮޅަކުން އެހިތަށް ލޮޅުމެއް އަރާނެކަން ވެސް އޭނާ އަކަށް ނޭނގެއެވެ. އަނާލްގެ އަތުގެ ހޫނު ހަމަލާއެއް އިޒިއަންގެ ކޯތާފަތަށް އަރައިގެން ދިޔުމާއެކު އިޒިއަންގެ ހުރިހާ އުންމީދެއް ފުނޑުފުނޑުވިއެވެ. އިޒިއަން ސިހިފައި އަނާލްގެ މޫނަށްބަލާލުމާއެކު އަނާލް އިޒިއަން އާ ދުރަށް ޖެހިލާ ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން ވަރިއެއް ނުވާނަން... އަހަރެންގެ އެދުމަކީ އިޒިއަން ވެސް އަހަރެން ވަރި ނުކުރުން...." އަނާލްގެ ވާހަކަ ބައްޓަން ކުރަމުން ގެންދިޔަ ގޮތުން އެކަމުގެ އަޑީގައިވަނީ ކޮން ސަބަބެއްކަން އިޒިއަންއަކަށް ނޭނގުނެވެ. އަނާލް އެ އައީ އޭނާ އެތަނުން ނެރޭކަށް ނޫންހެއްޔެވެ؟ އަނާލްގެ މަޤްސަދަކީ ކޮބައިހެއްޔެވެ؟ އިތުރަށް އޭނާ ރޮއްވުންހެއްޔެވެ؟ ނޫނީ އެ ހިތަށް ތަދުކުރުން ހެއްޔެވެ؟

އިޒިއަން ގާތުން އަހަރެން ވަރިވާނީ އިޒިއަން ޖަލުން މިނިވަންވި ދުވަހަކުން، އެދުވަހާ ޖެހެން ދެން އަހަރެން ހުންނާނަން އިޒިއަންގެ އަންބެއްގެ މަގާމުގަ، އަހަރެންނަށް ދެން އިޒިއަން ފެންނާނީ ކޯޓުގަ، އޭގެ ފަހުން އަހަރެން އިޒިއަން އާ ބައްދަލެއްނުކުރާނަން، އަހަރެންގެ ފިރިމީހާގެ މަގާމުގައި ހުރެ އިޒިއަން އަހަރެންނާ ދުރުގަ ދުވަސްތައް ހޭދަކުރޭ. ޖަލު ހުކުމް ނިމެންދެން، އެތައް އަހަރެއް ވަންދެން. މިއީ އިޒިއަންއަށް އަހަރެންދޭ ކުޑަ ކުޑަ އަދަބެއް ކަމަށް ހީކޮށްލާ" އަނާލްގެ ވާހަކަތަކުން އިޒިއަންއަށް އަނާލްގެ މަޤްސަދު ރަނގަޅަށް އޮޅުން ފިލައިފިއެވެ. ޖަލުގައި އެކަނި ކުޑަ ގޮޅިއެއްގައި އޮންނަން ވިޔަސް އޭނާގެ އަންބަކު ދުނިޔޭގައި އިންކަން އަބަދުވެސް އޭނާއަށް ހަނދާންވާނެއެވެ. އަނާލްގެ މަތިން ހަނދާން ވާނެއެވެ. އެހެންކަމަށް ވާނަމަ އޭނާގެ ހިތަށް ލިބޭ އަނިޔާ ވެސް ބޮޑުވާނެއެވެ. އަނާލް އޭނާގެ ފަރާތުން އެ ހިފާ ބަދަލަކީ ކިހާ ވެންދެނެވި ގޮތަކަށް ހިފާ ބަދަލެއް ހެއްޔެވެ؟ ކުރެވުނު ކުށުގެ ސަޒާ މިގޮތަށް އިންސާނަކަށް ދިނުން ހެޔޮވާނެހެއްޔެވެ؟ ވީ ދެރައާއެކު ކަރުނަ އޮހޮރުނީ އަނާލްގެ ކުރިމަތީގައެވެ. އެހެންނަމަވެސް މިއަދު އޭނާގެ އެކަރުނަ ތަކަކުން އަނާލްއަކަށް އަސަރެއްނުކުރިއެވެ. އަނާލްގެ ހިތަކީ ހަރު ހިލަގަނޑެއް ފަދަ އެއްޗެކެވެ. ކަރުނަތައް ފޮހެލި އިޒިއަން އިސްޖަހާލިއެވެ.

"އިޒިއަން" އޭނާގެ ކަންފަތުގައި އަނާލްގެ އަޑު ޖެހުމާއެކު ވެސް އިޒިއަން އިސްއުފުލާލާ ބަލައެއް ނުލިއެވެ. އެހެންނަމަވެސް ދެވަނަ ފަހަރު އަނާލް ތަންކޮޅެއް ބާރަށް ބުނެލުމާއެކު އިޒިއަން ބަލާލިއެވެ. އިޒިއަން ހަމަ ބަލާލުމާއެކު އަނާލް އޭނާގެ ނަޒަރު އިޒިއަން އާ ދުރުކޮށްލިއެވެ. ހީވަނީ އިޒިއަންގެ އެ ނަޒަރުން އަނާލްއަށް އުނދަގޫވަމުންދިޔަ ހެންނެވެ.

މޭޒުގެ އަނެއްފަރާތުގައި ބައިންދާފައި އިން ފައިލް ގެނެސް އިޒިއަންއަށްއާ ވީ ފަރާތުގައި ބާއްވާލިއެވެ. އަނާލް އެދުނީ އޭގައި ސޮއި ކުރުމަށެވެ. އިޒިއަން ބަލާލީ އޭނާގެ އަތަށެވެ. އަތުގައި ބިޑިއަޅުވާފައި ވުމުން އޭގައި ސޮއިކުރަން ޖެހޭތީ އަނާލް ގޮސް ފުލުސް މީހަކު ގެނައެވެ.

"އެކަމަކު މީ ކޯންޗެއް ނާލް! ކޮން ސޮޔެއް ކުރުވަނީ؟" އިޒިއަން އަހާލީ ހާސްކަމާއެކުގައެވެ. އޭރު ފުލުސް މީހާ ބިޑި ނައްޓާލަދެނީއެވެ.

"އަޅާނުލާ، މާ ބޮޑު ކަމެއް ނޫން. ހަމައެކަނި މި ޑޮކިއުމެންޓް ތަކުގަ ސޮއިކޮށްލަންވީ... އަހަރެންނާ އިޒިއަންއާ ދެމީހުންގެ ޕްރޮޖެކްޓްގެ ނަން އަހަރެންގެ ނަމަށް ބަދަލު ކޮށްދޭންވީ. ހުރިހާ ކަމެއް....." އަނާލްއަށް ބަލާލި އިޒިއަން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަނާލްއަށް އެއައި ބަދަލުން އޭނާއަށް ކަންކުރާނީ ކިހިނެތްކަމެއް ނޭނގެއެވެ. އެހެންނަމަވެސް އެއީ ވެސް އޭނާއަށް ހައްޤު ސަޒާއެއްކަމަށް ވާނަމަ އޭނާ އަނާލްގެ އެދުމަށް އެކަން ވެސް ކުރާނެއެވެ. އިޒިއަންގެ އިނގިލީގެ ނިޝާން ހުރިހާ ގަނޑެއްގައި ޖެހުމާއެކު އިޒިއަންއަށް އިތުރަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އަނާލް އެތަނުން ނުކުންނަން އޭނާގެ ގޮނޑި ދުއްވާލިއެވެ. ލިބުނު ޝޮކުގައި އިޒިއަންއަށް ހަރަކާތެއް ގެންނާކަށް ނޭނގުނެވެ. މުޅި ދުނިޔެ އޭނާއަށް ކެހިދިން ފަދަ އިޙްސާސްއެއް ކުރެވިގެން ދިޔައެވެ. މުޅިހަށިގަނޑުގައި ނޭނގޭ ރިހުމެއް އުފެދިއްޖެއެވެ. މޭގައި އަތް އަޅާލެވުނެވެ. ދެލޯ މަރާލެވުނެވެ. އަނާލް އަށް ގޮވާލި ކަމުގައި ވިނަމަވެސް އަނާލް އޭނާގެ އަޑެއް ނޭހިއެވެ. ގޮވަ ގޮވާ ހުއްޓާ ނުކުމެގެން ދިޔައީއެވެ.

ފުލުސް އޮފީހުން ބޭރަށް ނުކުތް އަނާލް އަތުގައި އޮތް ފައިލަށް ބަލާލިއެވެ. އޭނާއަށް މިކުރެވުނީ ރަނގަޅު ކަމެއް ހެއްޔެވެ؟ އިޒިއަންއަށް މި ދެވެނީ އޭނާގެ އަމިއްލަ ބޮޑާ ކަމާއި ކިބުރުވެރިކަމުން ދެވޭ އަނިޔާއެއް ހެއްޔެވެ؟ އަދިވެސް އިޒިއަންގެ އެ ދެލޯ އޭނާއަށް އުނދަގޫ ކުރަނީއެވެ. ހީވަނީ އެ ކަރުނަތައް ލޯ ކުރިމަތިން ފެންނަހެންނެވެ. ވޭނީ އާދޭސް ތަކެކެވެ. އިޒިއަން ގޮވާލި ހިތްދަތިގޮތެވެ. އެއްވެސް ޝަކުވާއެއް ނެތި އޭނާ އެދެމުން ދިޔަ ހުރިހާ ކަމަކަށް އިޒިއަން އާބަސް ބުނަމުން ދިޔަގޮތެވެ. އާއިލާގެ އެއްވެސް މީހަކާ ވާހަކަ ދެއްކުމެއް ނެތި އޭނާ މި ނަގަނީ އަނެއްކާ މި ވަގުތާ ހާލަތަށް ބަލާ ނަގަން އެންމެ އެކަށޭނެ ފިޔަވަޅު ހެއްޔެވެ؟

ދީމްގެ އެހީގައި ގޮސް ކާރަށް އަރާ ދުއްވާލެވުނުއިރުވެސް އަނާލްގެ ހިތުގައި އެތަކެއް ސުވާލެއް އުފެދިފައިވެއެވެ. ހިތުގައި ޝައްކާ ވަހުމް ފިޔަވާ އެހެން އެއްޗެއް ނުވެއެވެ.

ތިން ދުވަސް ފަހުން އިޒިއަންގެ އަޑުއެހުން ކްރިމިނަލް ކޯޓްގައި ތާވަލް ކުރެވިގެން ދިޔުމާއެކު އިޒިއަން އާ ބައްދަލުކުރަން ދިޔަ ހަމައެކަނި މީހަކީ ކިނާންއެވެ. އިޒިއަން ބުނީ އޭނާ ކުށަށް އިއުތިރާފް ވާނެކަމުގައެވެ. އާއިލާގެ އެއްވެސް މީހަކު އޭނާ ދެކެންވެސް ނާންނާތީ އެކަމާދެރަވެގެން އިޒިއަން ޝަކުވާ ކުރިއެވެ. އެހެންނަމަވެސް ކިނާން އެއަށް ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ އިޒިއަންގެ އެއްވެސް ސުވާލެއްގެ ޖަވާބެއް ކިނާން އަތަކު ނެތެވެ.

"ނާނު. ދީމް! ދީމްގެ ގުޅުމަށް އެމީހުން އެއްބަސް ނުވޭތަ؟"އިޒިއަން ސުވާލުކޮށްލިއެވެ.

ކިނާން ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އިޒިއަންއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ކިނާންގެ ދިރިއުޅުން ހަލާކު ވި ސަބަބަކީވެސް އޭނާއެވެ. އިތުރަށް އިޒިއަން ކަންތައް އޮޅުން ފިލުވަން ބޭނުންވިޔަސް ކިނާން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ. ކިނާން ދިޔައީ އަދިވެސް އެއްފަހަރު އިޒިއަން ގާތު ހިތްވަރު ކުރުމަށް ބުނެ ނަސޭހަތް ތެރިވުމަށް ފަހުއެވެ.

ދީމް ކިނާންއަށް ގުޅަން މަސައްކަތް ކުރިއެވެ. ކޮޓަރިއަށް ވަދެ ހުރެ ކެތްތެރިކަން ކުޑަވެފައިވާ ފަދައަކުން އޭނާ ދެފަރާތަށް ހިނގަމުން ދިޔައެވެ. ކިނާންއަށް ގުޅާ ގުޅާ ދީމް ވަރުބަލިވެއްޖެއެވެ. އެހެންނަމަވެސް ކިނާންއެއް ފޯނެއް ނުނަގައެވެ. ދީމްގެ ދެލޮލަށް ބަލާލި ކަމުގައިވިނަމަވެސް އެ ހުރީ ވަރަށް ރޮއިފައިކަން ދެނެގަންނާކަށް އުނދަގުލެއްނުވާނެއެވެ.

އިޒިއަން އާ ބައްދަލު ކޮށްލާފައި ކިނާން ނުކުމެފައި ފޯނަށް ބަލާލިއިރު ދީމްގެ ދިހަ ވަރަކަށް މިސްކޯލް އިނެވެ. ދީމް އެވަރަށް ގުޅާތީ ފޯން ނުނަގާ ހުރުމަކީ ހައްލެއް ނޫންކަން އެނގޭތީ ކިނާން ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. ފުރަތަމަވެސް ކަންފަތުގައި ޖެހުނީ ދީމްގެ ގިސްލުމުގެ އަޑެވެ. ރޮއި ރޮއިފައި ދީމް ވާހަކަ ދައްކަން ފެށުމުން ކިނާންގެ އަނގަ ވެސް ބަންދުވިއެވެ.

"އެންމެނަށް މުހިންމު ވަނީ އަނާލް. އަނާލްއަށް ދެރަކަމެއް ދިމާވެއްޖެއްޔާ ހުރިހާ އެންމެންވެސް އެކަމުގައި ބައިވެރިވާނެ. އަހަރެންގެ މައިންބަފައިންވެސް. އަނާލްއަށް ހުރިހާ އެންމެންގެ ލޯބިވެސް ލިބޭ. އަހަރެންނަށް އަމިއްލަ މަންމަގެ ލޯބިވެސް ނުލިބޭ. އަނާލް ބޭނުންވާނަމަ އަނާލް އެކަނި އެންމެނާ ގުޅުން ކަނޑާލީމަ ވީނު. އަހަރެންނަށް ވެސް ކިނާންއާ ގުޅެވެން ނެތީ އަނާލްގެ ސަބަބުން. ޝީ އިޒް ސޯ ސެލްފިޝް. އެހެންމީހުންގެ ދިރިއުޅުމަށް ވާނެ ގޮތެއް ވާން ދޫކޮށްލާފަ އަމިއްލަ އުފަލަށް މަސައްކަތް ކުރަނީ. ކުޑަބެގެ ދިރިއުޅުންވެސް ގެއްލުނީ. އައްމާރު އަންކަލް ބުނާ ގޮތަކަށް އަހަރެންގެ މައްމައާއި ބައްޕަ ހުންނާނީ ރުހި ގަބޫލުވެގެން. އަނާލް އެއީ ހަމައެކަނި ހުރި މީހަކީ. އެހެންމީހުންގެ އުފާތައް ގުރުބާން ކުރަންވީ އަނާލްއަށްޓަކާ. ޝީޒް ސޯ ސެލްފިޝް. " ދީމް ރޮމުން ވާހަކަ ދެއްކިއެވެ. ދީމްއަށް ނޭނގުނު ކަމަކީ އޭނާ ދެއްކި ވާހަކަތައް އަޑު އަހަން ދޮރުގެ އެއްފަރާތުގައި މަޑުކޮށްލައިގެން އަނާލް އިން ކަމެވެ. އޭރު އަނާލްއަށް ވެސް ރޮވެމުން ދިޔައެވެ.

"އަހަރެންނަށް އުފަލެއް ލިބުނު ހަމައެކަނި ގޮތްވެސް އަނާލް ފޭރިގަތްފި" ކަންތައް ވެފައި އޮތް ގޮތުން ވިސްނާނުލާ ދީމްއަށް އަނާލް އާ ދިމާލަށް އެއްޗެހި ކިޔެން ފެށުނެވެ.

ކިނާން މަޑުމަޑުން ވާހަކަ ފެށީ ދީމް ހަމައަކަށް އެޅުވުމަށެވެ. ދީމް އެގޮތަށް ރޯ އަޑު އަހާކަށް ކިނާން އަކަށް ފަސޭހައެއް ނޫނެވެ.

"ހުއްޓާލާފަ އެހަށް ހަމަޖެހިގެން ވާހަކަ ދައްކާ ދީމް. އަޑު އަހާބަލަ. ކަންތައްތައް ވަރަށް ގޯސް ކޮށް ގޮސް މިއޮތީ. އެހެންވީމަ ވެދާނެ އަދި މީ ތިހުރިހާ އެއްޗެއް ކިޔަން އެންމެ އެކަށީގެންވާ މާހައުލެއް ނޫންކަމަށް. އިހަށް ދެ އާއިލާއަށް ވެސް ހަމަޖެހެން ކުޑަ ވަގުތު ކޮޅެއް ދޭންވީ. އަދި ކަންތައްތައް ނިންމާ ޖަޖް ކުރަން މާ އަވަސް. " ކިނާން ދީމްއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކިނާން އެ ގޮތަށް ވާހަކަ ދައްކަން ފެށުމުން ދީމް ގާތަށް އައީ ރުޅިއެވެ. ކިނާންވެސް އެހެން އެންމެންނެކޭ އެއްގޮތަށް އޭނާއާމެދު ނުވިސްނާ ކަމެއް ބުނެ ދީމް ފޯން ކަނޑާލީއެވެ. އެއަށްފަހު އެނދުމައްޗަށް އުންޑުން އޮށޯވެ މޫނުގައި ބާލީސް އަޅައިގެން އޮވެ ދީމް ހިތްފުރެންދެން ރުޔެވެ.

މަންމަގެ އުނގުގައި ބޯ އަޅައިގެން އޮވެ ދާރިޔާ ރޮމުން ދިޔައެވެ. ޝަކުވާ ކުރަމުން ދިޔައެވެ. އޭނާގެ ކުށަކީ ކޮބައިތޯ އެހިއެވެ. އެ ސުވާލުތަކަށް ދޭނެ ޖަވާބެއް އާމިރާއަކަށް ނޭނގުނެވެ. އޭނާ ދާރިޔާގެ ބޮލުގައި ފިރުމާލަ ފިރުމާލާ އިނީއެވެ. ދާރިޔާއަށް ކެތްތެރިވުމަށް ނަސޭހަތްތެރިވިއެވެ.

"އިންޝާ ﷲ. އަދި ޝާހީންއަށް ދަރިފުޅާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އެނގި ދަރިފުޅު ގާތަށް އަންނާނެ. އެ ދުވަހަކަށް މަންމަ ވެސް އިންތިޒާރުކުރާނަން" އާމިރާ ބުނެލިއެވެ. ދާރިޔާގެ އެ ހާލުގެ ޒިންމާ ނަގަން ޖެހޭނީ ޝާހީންއެވެ. ހެނދުނުއްސުރެ އަދި މިއަދު އެއްވެސް އެއްޗެއް ދާރިޔާ ނުވެސް ކައެވެ. ގައިގައި ވަރެއްނެތެވެ.

ދާރިޔާ އޯކާދެމިގަންނަމުން އާމިރާގެ އުނގުން ތެދުވެ ފާހާނާ އާއި ދިމާލަށް ދުއްވައިގަތެވެ. އެއާއެކު އާމިރާވެސް ދާރިޔާ ފަހަތުން ބާރު ބާރަށް ދިޔައެވެ. ހޮޑުލާނިމިގެން ހިތްދެމިލިތަނާ ދާރިޔާގެ މޫނުމައްޗަށް އަނދިރިވިއެވެ. އާމިރާގެ އެހީގައި އޭނަ އައިސް އެނދުމަތީގައި އިށީނެވެ. އޭރުވެސް ހުރީ ބޮލަށް ބަރުވެ އެނބުރުން އަރާ ގޮތެއްވެފައެވެ. ސައިޑްކަބަޑް މަތީ ހުރި ފެންޖަގުން ފެން އަޅާ ދާރިޔާއަށް ކުޑަ ފެންފޮދެއް އާމިރާ ދިނެވެ. އެއްޗެއް ކާ ވާހަކަ ބުނުމުން ދާރިޔާ ބުނީ އޭނާ އަށް ނޫޑުލްސް ސޫޕެއް ތައްޔާރު ކޮށްލަދިނުމަށެވެ.

އާމިރާ ދިޔުމުން ދާރިޔާ އެނދުގައި އަނެއްކާވެސް ޖައްސާލިއެވެ. އެއަށްފަހު ތެދުވެ ކައްކާބަޔަށް ގޮސް ވަނީ ބަނޑުހައިވެގެން އަނެއްކާވެސް ހޮޑުލަވާހެން ހީވާތީ އާފަލެއް ކަހަލަ އެއްޗެއް ނަމަވެސް ކާލަން ވެގެންނެވެ. އޭރު އާމިރާ ހުރީ ނޫޑްލްސް ސޫޕް ހަދަން ފިޔާގަނޑު ރަތްކުރާށެވެ. ސޫޕް ހަދާ ނިމިގެން ތައްޓަކަށް އަޅައިގެން ގެންގޮސް ދާރިޔާގެ ގާތުގައި ބަހައްޓާފައި ސަމުސަލެއް ވެސް އާމިރާ ގެނެސް ދިނެވެ. އެއަށްފަހު ގަރުދިޔަކޮޅު ހޫނުކުރަން ވެގެން އޭނާ އުނދުން ޖައްސާލިއެވެ. އެއާއެކު ގަރުދިޔައިގެ ވަސް އައިސް ދާރިޔާގެ ނޭފަތުގައި ޖެހުނެވެ. ދާރިޔާއަށް ނޭފަތުގައި އަތް އަޅާލެވުނީ އެހެންޏާ ދުވާ ވަހަށްވުރެ ނުބައިވަހެއް ގަރުދިޔަ ހޫނުކުރަން ފެށުމުން ދުވަން ފެށީތީއެވެ. އަނެއްކާވެސް ހޮޑު ލަވައިގަތީއެވެ. ޒިންކާ ހިސާބަށް ދެވުނީ ކިރިޔާއެވެ. ހޮޑުލެވިއްޖެއެވެ. ދާރިޔާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފެނިލިއެވެ. ކާހިތް ކެނޑުނެވެ. އާމިރާ ޑޮކްޓަރަށް ދައްކަން ދާ ވާހަކަ ބުނުމުން އެކަމާއި ދެކޮޅު ހަދާފައި ދާރިޔާ ދިޔައީ އަމިއްލަ ކޮޓަރިއަށެވެ.

*****

ކޯޓް ދޮށަށް އިޒިއަންގެ އާއިލާގެ އެންމެން ޖަމާވެ ތިއްބާ އަނާލްގެ އާއިލާގެ ހުރިހާ އެންމެންވެސް އަތުވެއްޖެއެވެ. މާގިނަ އިރެއްނުވެ ދާރިޔާގެ އާއިލާގެ މީހުންވެސް އަތުވެއްޖެއެވެ. އަޑު އެހުމުގެ ވަގުތު ގާތްވެއްޖެއެވެ. އެންމެންގެ ނަޒަރު ދެން ހުއްޓުނީ އެތަނަށް އައިސް މަޑުކޮށްލި ފުލުހުންގެ ޖިޕަށެވެ. ދެ ފުލުސް މީހެއްގެ އެހީގައި އިޒިއަން ފޭބިއެވެ. އޭނާ އެއްވެސް މީހެއްގެ މޫނަކަށް ބަލައެއް ނުލިއެވެ. އިސްޖަހާލައިގެން ހުރެ ގޮސް އެތެރެއަށް ވަނެވެ.

އެންމެންގެ މޫނުމަތިން ވެސް ފެންނަނީ މާޔޫސްކަމެވެ. ދާރިޔާގެ މޫނުގެ ކުލަ ވަނީ އޮއްސިފައެވެ. ފަހީމްގެ މޫނުމަތިވެސް ވަނީ އެކީ މިލާފައެވެ. އަކްނިޒާގާތު ކިނާން ހުއްޓެވެ.

ނަސީމް ކިތަންމެ ދާއިން ސަލާމަތް ކުރަން ބޭނުންވިނަމަވެސް އެކަން އެގޮތަށް ނުކުރެވޭނޭކަން އެނގުމާއެކު އޭނާގެ ހިތަށް ވެސް މާޔޫސްކަމެއް ވެރިވެފައި ވެއެވެ. ފުރަތަމަ އޮތީ އިޒިއަންގެ އަޑު އެހުމެވެ. އެއަށްފަހު ދާއިންގެއެވެ. އިޒިއަންގެ ފަރާތުން ގާނޫނީ ވަކީލަކު ހަމަ ނުޖެއްސިނަމަވެސް ނަސީމްގެ އާއިލާއިން ވަނީ ދާއިންއަށް ގާނޫނީ ވަކީލަކު ހަމަޖައްސާފައެވެ.

އަޑުއެހުން ފޭށުމާއެކު އިޒިއަންގެ ހިތުގެ ހިނގުން ބާރުވިއެވެ. ދެންވާނީ ކިހިނެތްކަން ނޭނގޭ ހާލު އޭނާއަށް އިސްއުފުލާލާ ބަލާލަން ވެސް ނުކެރުނެވެ. އެ ދުވަހު އަޑުއެހުން ނިންމާލެވުނީ އޭގެ ހަފްތާއެއްފަހަށް އަނެއް އަޑުއެހުން ތާވަލް ކޮށްފައެވެ. ދެވަނަ އަޑު އެހުމުގައި އިޒިއަންގެ މައްޗަށް ހަތް އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ. ދާއިންއަށް ވެސް އެއަދަބުން ސަލާމަތް ވެގޭ ގޮތެއް ނުވިއެވެ. ހަތްއަހަރަކީ ކުރު މުއްދަތެއް ނޫނެވެ. ހަތް އަހަރު އެ ކަހަލަ ކުޑަ ގޮޅިއެއްގައި ހޭދަ ކުރާނީ ކިހިނެތްކަން އިޒިއަން އަކަށް ނޭނގެއެވެ. ދެލޯ މަރާލެވުނީ އެންމެފަހު ފަހަރަށް އާއިލާގެ ހުރިހާ އެންމެނަށް ބަލާލުމަށް ފަހުއެވެ.

އޭނާ ގެންދަން ވެގެން ޕޮލިހުން އައިސް ހިފެއްޓުމާއެކު އެއްވެސް ގަދަހެދުމެއްނެތި އޭނާ ހިނގައިގަތެވެ. ހުއްޓެން މަޖުބޫރުވީ އަކްނިޒާ އޭނާގެ ކުރިމައްޗަށް އެރުމުންނެވެ.

"މަންމާ" އިޒިއަންއަށް ގޮވާލެވުނެވެ.

"އަހަރެންނާ އޮތް ގުޅުން މިހާ ހިސާބުން ނިމުނީކަމަށް ހީކޮށްލާ... އަހަރެންގެ ގެއަކުން، އަހަރެންގެ ހަޔާތަކުން އިޒިއަން ކިޔާ ދަރިއަކަށް އެއްވެސް ޖާގައެއް ނެތް!" އަކްނިޒާގެ ވާހަކައިން އިޒިއަންއަށް ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ. އަކްނިޒާ އިޒިއަންއާ ދުރަށް ހިނގައި ގަތީ އޭނާއަށް ރޮވެންފެށުމުންނެވެ. ރުޅިއައިސްގެން އަދި ގުޅުން ކަނޑާލިކަމުގައި ވިނަމަވެސް ރަހިމުގެ ގުޅުމަކީ ބުނެލާ ބަހަކުން ކެނޑޭ ގުޅުމެއް ނޫނެވެ. އެއީ އެއަށްވުރެ މާތް ގުޅުމެކެވެ. އިޒިއަން އެހެން ހުއްޓާ ކިނާން އައިސް ގާތަށް ހުއްޓި އިޒިއަންގެ ކޮނޑުގައި ޖަހާލިއެވެ. ހިތްވަރު ކުރުމަށް ނަސޭހަތް ތެރިވިއެވެ. ކޮންމެކަމެއް ވެސް ވާނީ ރަނގަޅަށްކަން ހަނދާން ކޮށްލަދިނެވެ. ފަހަރުގައި މި ފުރުސަތަކީ އިޒިއަންއަށް ނަފްސު އިތުރަށް އިސްލާހު ކުރުމަށް ލިބިގެންދާ ފުރުސަތަކަށް ވެދާނެޔޭ ބުނެ ހިތްވަރު ދިނެވެ. މީ ދުނިޔޭގެ އާދަކަމާއި އިމްތިހާންތަކަށް ކެތްކުރުމަކީ މާތް ސިފައެއްކަން ހަނދާން ކޮށްލަދިނެވެ. ކެތް ތެރިކަމުގެ މޭވާ ފަހުން ފޮނިވާނެކަމަށް ބުންޏެވެ. ޖަލުގެ ގޮޅިއަކީ މާޔޫސްކަމާއި ހިތްދަތިކަމާއި ވޭނުގައި ތިމާގެ ނަފްސު އޮޔާގޮސް ނުބައިކަންތައްތައް ކުރުމަށް ހިތްވަރު ލިބޭފަދަ ތަނަކަށް ނުހެދުމަށް ބުންޏެވެ. އެހެންނަމަވެސް ގިނަގިނައިން މާތް ﷲ ހަނދުމަކޮށް ކެތްތެރިކަމާއެކު އެކަލާނގެ ހަޟްރަތުގައި ސާބިތުކަން ދެއްވުން އެދި ދުޢާ ދަންނަވާ އިތުރަށް އިސްލާހުވެ ކުރިއަށް ދިޔުމަށް ހިތްވަރު ލިބޭ ފަދަ ތަނަކަށް ހެދުމަށް ބުންޏެވެ. އިޒިއަންއަށް ކިނާންގެ އެ ބަސްތަކުން ހިތްވަރެއް ލިބިގެން ދިޔައެވެ. އޭނާ ބޯ ޖަހާލިއެވެ. ފަހު ފަހަރަށް ދުރު ދުރުން އޭނާ އަނާލްއަށް ބަލާލިއެވެ. އޭރު އަނާލް ވެސް އިނީ އޭނާއަށް ބަލަހައްޓައިގެންނެވެ. އެހެންނަމަވެސް ހަމަ އިޒިއަން ބަލާލިކަން އެނގުނުހާ އަވަހަށް އޭނާ އިޒިއަންއާ ނަޒަރު ވަކިކޮށްލާ އެތަނުން އޭނާއަށް ސަލާމަތް އަތް ދިއްކޮށްލި މީހަކާ ސަލާމް ކޮށްލައިފިއެވެ.

ތަދުވަނީ ހަމައެކަނި އިޒިއަންގެ ހިތަކަށް ނޫނެވެ. އޭނާ ގެ ހިތަށްވެސް ތަދުވަމުން ދިޔައެވެ. ހިން ދިރުވާލެވުނީ ކެނޑި ނޭޅި އިޒިއަން އޭނާ އަށް ބަލަމުން ދިޔައީތީއެވެ. ކޮންމެ ގޮތެއް ވިޔަސް އަދިވެސް އެއީ އޭނާގެ ފިރިމީހާއެވެ. ހަމަ ހަޤީގަތުގައިވެސް އިޒިއަން އޭނާދެކެ ލޯބިވެއެވެ. އިޒިއަންގެ ހިތަށް އަނިޔާ ދިނުމަށް އެހާ ފަސޭހައީ އެހެންވެކަން އަނާލްއަށް އެނގެއެވެ. އަދި އިޒިއަން އާމެދު ގޯސްކޮން ކަންތައް ކުރަން އޭނާއަށް އެހާ އުނދަގޫވާއެއް ސަބަބަކީވެސް އެއެވެ. އޭނާ އިސްޖަހާލީ އިޒިއަންގެ އެ އެ ނަޒަރުން އުނދަގޫވީތީއެވެ. އެ ދެލޮލުން އޭނާއަށް ފެނުނު ރިހުމަކީ މީގެކުރިން އިޒިއަންގެ ފަރާތުން ފެނުނު ރިހުމެއް ނޫނެވެ. އަނާލްއަށް ބަލަން ހުރެފައި އިޒިއަން ލޯ މަރާލާ އަނެއްފަރާތަށް އެނބުރި ފުލުހުންނާއެކު ފުލުސް ޖިޕާ ދިމާލަށް ހިނގައިގަތެވެ.

އަބަދަށްޓަކާ ވަކިވާކަށެއް ބޭނުންނުވޭ މަގެ ލޯބިވާ

ހަމަގައިމުވެސް މިހިތުގަވަނީ ކޮށްދީމަޢާފް އާދޭސްކުރަން

ހަތް އަހަރު ފަސް

***************

އަށް ބުރިއަށް ނަގާފައިވާ އެޕާރޓްމެންޓްގެ ތިރީގައި ހަދާފައިވާ ޕާރކިން އޭރިއާގެ ތެރެއަށް ހުއްޓާލި ކާރުން ފޭބި ޒުވާނާ ދުވެލާފައި ގޮސް ލިފްޓްއަށް އަރާ ފަސްވަނަ ފަންގިފިލާއަށް ދިޔުމަށް ފިތާލިއެވެ. ލިފްޓް ހުއްޓުމާއެކު އޭނާ ގޮސް ގޭގެ ބެލް ޖަހާލިއެވެ. އެއާއެކު އިރުކޮޅެއްނުވެ އެތެރެއިން މީހަކު ދޮރު ހުޅުވާލައިފިއެވެ. ފެނުނު މީހެއްގެ ސަބަބުން އެ ޒުވާނާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ.

(ނުނިމޭ...)

https://sun.mv/117726

comment ކޮމެންޓް